ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، މީރާގެ ކުރީގެ ވެރިޔާ ޙަސަން ޒަރީރު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޒަރީރަށް ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަސަން ޒަރީރަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.
ޒަރީރު ފިނޭންސް މިނިސްޓަރުކަމަށް ޢައްޔަނުކުރެއްވިއިރު، އޭނާ އެމަގާމަށް ޢައްޔަނުކުރެއްވުމާއި ހަމައަށް ހުންނެވީ މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ.
ޒަރީރަކީ ކޮލިފައިޑް ޗާރޓަރ އެކައުންޓެންޓެކެވެ. މީގެ އިރުތުރުން އޭނާ ވަނީ އެކައުންޓިންގް އަދި ފައިނޭންސްގެ ދާއިރާތަކުން މަތީ ތަޢްލީމު ޙާޞިލުކުރައްވާފައެވެ.
ޒަރީރު މީގެ ކުރީން ވަނީ މާލީ ވުޒާރާގެ އެކި މަޤާމުތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރަށް ޕްރައިވެޓް ކުންފުނިތަކުގައިވެސް ގިނަ އަހަރުތަކެއް ޚިދުމަތްކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!