1447 ވަނަ އަހަރުގެ ހައްޖު މޫސުން ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން، މައްކާ ސަރަހައްދުގެ ޑެޕިއުޓީ އަމީރު އަދި ހައްޖާއި އުމްރާގެ ދާއިމީ ކޮމިޓީގެ ނައިބު ރައީސް ޕްރިންސް ސައުދު ބިން މިޝާލް، ހުކުރު ދުވަހު ރަސްމީކޮށް އިޢުލާން ކުރައްވައިފިއެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ޕްރިންސް ސައުދު ވިދާޅުވީ، މިއަހަރުގެ ހައްޖުގެ ކަންކަން ކާމިޔާބުކަމާއެކު ނިމިގެންދިޔައީ ސަލާމަތީ ގޮތުންނާއި، އިންތިޒާމުތަކުގެ ގޮތުން އަދި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފުރިހަމަ ނަތީޖާއެއް ހާސިލުކުރެވިގެން ކަމަށެވެ. މިއީ ހިދުމަތުގައި ނިދުމެއްނެތި، އިހުލާސްތެރިކަމާއެކު މަސައްކަތްކުރި ބައެއްގެ ބުރަ މަސައްކަތުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިއަހަރުގެ ހައްޖަކީ ވައުދުތައް ފުއްދައި، މަސައްކަތުގައި މޮޅު ނަތީޖާ ދައްކައި، އިހުލާސްތެރިކަމާއެކު ހިދުމަތްކުރާ ގައުމެއްގެ ވާހަކަ" ޕްރިންސް ސައުދު އިތުރަށް ވިދާޅުވެފަވެއެވެ. އަދި ހައްޖާޖީން އެމީހުންގެ އަޅުކަންތައް ފުރިހަމަކުރީ އަމާންކަމާއި، ސަލާމަތްތެރިކަމާއި އަދި ފަސޭހަކަމާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ކާމިޔާބީއަކީ ހައްޖާޖީންނަށް ހިދުމަތް ކުރުމަކީ ޝަރަފެއް ކަމުގައި ދެކޭ އަދި އިންސާނީ އެހީތެރިކަމަށް އިސްކަންދޭ ލީޑަޝިޕެއްގެ ސަބަބުން ލިބުނު ނަތީޖާއެއްކަން ޑެޕިއުޓީ އަމީރު ފާހަގަކުރެއްވިއެވެ. ހައްޖުގެ ހުރިހާ މަރުހަލާއެއްގައިވެސް މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބަޔާން ނިންމަވާލައްވަމުން ޕްރިންސް ސައުދު ވިދާޅުވީ، ހައްޖުގެ ކާމިޔާބީއަކީ ދަތުރުގެ ނިމުން ނޫން ކަމަށާއި، އެއީ އާ ޒިންމާއެއްގެ ފެށުން ކަމަށެވެ.
"މިއީ ކޮންމެ އަހަރަކު އާކުރެވޭ އަހުދެއް. މި ގައުމަކީ އަބަދުވެސް އަމާންކަމާއި، ދިލަތިކަމާއި، އަދި ހިދުމަތުގެ މަންޒިލެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން މިއަދު މިވަނީ އާވެފައި،" އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި 1.7 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ބޭރު ގައުމުތަކުން އައި 1,546,655 ޙައްޖުވެރިންނާއި، ސައުދީގެ އެތެރޭގެ 160,646 ޙައްޖުވެރިން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!