އަހަރަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް މީހުންނަށް ޕެންޝަން އެކައުންޓްގައި ހުރި ފައިސާ ބޭނުންކުރެވޭގޮތަށް ފާސްކޮށްފައިވާ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ މިދިޔަ މޭ މަހުގެ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

Ad
rt

މި އިޞްލާޙުގެ ދަށުން ޕެންޝަން ނިޒާމަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ޓަރމިނަލް އިލްނަސް ނުވަތަ ފަރުވާދީގެން ރަނގަޅު ނުކުރެވޭ ފަދަ ބައްޔެއް ތަހައްމަލު ކުރަމުންދާ ހާލަތްތަކުގައި، ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވޭނެ އިންތިޒާމު ހަމަޖެހުމެވެ. މީގެ އިތުރުން މިފަދަ ހާލަތްތަކުގައި ފައިސާ ދޫކުރާނެ އުސޫލުތައް ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައިވާ އިތުރު ކަންކަމަށް ބަލާއިރު، ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ކުރިޔާލައި ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެ ނުވަތަ ރަހުނެއްގެ ގޮތުގައި ބޭނުންކުރެވޭނެ ގޮތް ވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

އަސާސީ ޕެންޝަނާ ގުޅޭގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް އެހެން ގޮތްގޮތުން ލިބޭ ނަމަ، އެ މީހަކަށް އަސާސީ ޕެންޝަން ލިބިނުދެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މިއީ އަސާސީ ޕެންޝަނުގެ އުސޫލުތައް މުރާޖާކޮށް، ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގެނައި ބަދަލެކެވެ.

ޕެންޝަން އޮފީހާއި ޕެންޝަންގެ ނިޒާމު ހިންގުން އިތުރަށް ހަރުދަނާކުރުމަށް މުހިންމު އިސްލާހުތަކެއް ހިމެނޭ މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާ ގުޅިގެން މިހާރު ވަނީ މި އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާފައެވެ.