ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުގެ މަގާމުން އެ މަގާމުގައި ހުންނެވި، ޔަޒްމީދު މުޙައްމަދު އިސްތިއުފާދެއްވައިފިއެވެ.
ޖޭއެސްސީން މިއަދު ބުނިގޮތުގައި ޔަޒްމީދު ވަނީ އެކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުންނާއި އަދި މެމްބަރުކަމުން ވެސް އިސްތިއުފާދެއްވާފައެވެ. އެ ކޮމިޝަނުން ވަނީ ޔަޒީދު އެ ކޮމިޝަަނަށް ކޮށްދެއްވި ޚިދުމަތަށް އޭނާ އަށް ޝުކުރުއަދާކޮށްފައެވެ.
ޔަޒްމީދު އެ މަގާމަށް ޢައްޔަނުކުރީ 23 ފެބްރުއަރީ 2025 ގައެވެ.
ޖޭއެސްސީ އަށް ޔަޒްމީދު ޢައްޔަނުކުރީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައެވެ.
ޔަޒްމީދުގެ ކުރިން ޖޭއެސްސީއަށް ރައީސުލްޖުމްޙޫރިއްޔާ ޢައްޔަނުކުރަށްވާ މެމްބަރެއްގެ ގޮތުގައި ހުންނެވީ، މުޙައްމަދު ސަމީރު، ރ. އިނގުރައިދޫ/ހިތްވަރު، އެވެ. ޔަޒްމީދު އެ މަގާމަށް ޢައްޔަނުކުރެއްވީ ސަމީރު އެމަގާމުން ވަކިކުރެއްވުމަށްފަހުގައެވެ.
ޔަޒްމީދުވަނީ މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވިލިނގިލީ ދާއިރާއަށް ވާދަކުރައްވާފައެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ކެންޑިޑޭޓް އާޒިމް އަބްދުލްއަޒީޒެވެ. އޭނާ ވަނީ މިހާރު ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.
ޔަޒްމީދު މީގެ ކުރިން ވަނީ ރައީސް ޔާމީންގެ ދައުރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަން ކުރަށްވާފައެވެ.
ޔަޒްމީދު އިސްތިއުފާދެއްވުމުން ޖޭއެސްސީގައި މިހާރު ތިއްބެވި މެންބަރުންނަކީ އެ ކޮމިޝަނުގެ ރައީސް ޙުސްނީ މުބާރިކާއި، ކޮމިޝަންގެ މެންބަރުކަމުގައިވާ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (ރައްޔިތުންގެ މަޖިލީހުގެ ރައީސް) ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު، ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު، ދަށު ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދު، އާންމުންގެ ފަރާތުން އިދްރީސް ފައުޒީ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖްތާޒް، ބަންޑާރަނައިބު އަހުމަދު އުޝާމް އަދި ގާނޫނީ ވަކީލުންގެ ފަރާތުން ޢަލީ ޢަބްދުއްލަޠީފެވެ.
ޖޭއެސްސީއަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ. ކޮމިޝަނުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރަމުން ގެންދަނީ ޤާނޫނުއަސާސީއާއި ޖުޑީޝަލްސަރވިސް ކޮމިޝަނުގެ ޤާނޫނާއި އަދި އެކިއެކި ޤާނޫނުތަކުން ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ޤާނޫނީ އިމުގެ ތެރެއިންނެވެ.
ޖޭއެސްސީގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި، އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި ދަޢުލަތުގެ ބަންޑާރަނައިބުގެ އިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!