ކުރީގެ އަދަދާއި ގުޅޭ:

" އާނ. މި ދަނީ މިހާރު." އެހެން ބުނެ އޭނާ ހިނގައިގަތީ މާޔާއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. މާޔާއަށް އިނދެވުނީ ކަޅި ޖަހައިނުލާ އާއިޒަށް ބަލަހައްޓައިގެންނެވެ. ހައެއްކަ ފޫޓު ދުރަށް ގޮސް، ކުއްލިއަކަށް އާއިޒް ހުއްޓި ފަހަތް ބަލައިލިއެވެ. އެއާއެކު މާޔާއަށް ވެސް ތެދުވެވުނެވެ. އެ ވަގުތު އާއިޒް އަތުން ބާއީ ކިޔާލިތަން މާޔާއަށް ފެނުނެވެ. އަވަސް އަަވަހަށް މާޔާއަށް ވެސް އަތް އުފުލައިލެވުނެވެ. ލަސްނުކޮށް އާއިޒް ދުރަށް ހިނގައިގަތުމާއެކު މާޔާއަށް ހިނިތުން ވެވުނީ ބޭއިޙްތިޔާރުގައެވެ.

Ad
rt

ހިތުގައި އުފެދެންފެށި އާ އިޙްސާސްތަކަކީ އާދަޔާ ޚިލާފް އިޙްސާސްތަކެއްކަން މާޔާއަށް ޔަޤީން ކުރެވުނެވެ. ހުރި ފިޔަވަޅުމަތީ އިރުކޮޅަކު ހުރެލުމަށްފަހު، މާޔާ މަޑުމަޑުން ގެއަށް ދާން ހިނގައިގަތެވެ. ނަމަވެސް ގެއަށް ދާހިތެއް އޭނާ ނުވިއެވެ. އެހެންކަމުން އޭނާ މިސްރާބު ޖެހީ ލީނާގެ ގެއަށް ދާށެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ލީނާގެ ގެއާ އަރާ ހަމަވުމާއެކު އޭނާގެ ކަންފަތުގައި ޖެހުނީ ލީނާގެ މަންމަ ސާދުނާގެ ހަރުއަޑެވެ.

" އެއީ އެވަރުގެ ކަމެއްތަ؟ މަގޭ ސްޓޭޖަށް އަރާ ނެށީމަ ލީނާ ކޮން ލަދެއް ގަންނަނީ؟ މަންމަ އެކަންޏެއް ނޫނޭ ނަށަނީ. ބައިވަރު މީހުން އަރާނެ." ސާދުނާ ބުންޏެވެ.

" އެކަމަކު މަންމާ! ތިހެން އުޅުނީމަ އަހަރެން ލަދުގަނެޔޭ." ލީނާގެ އަޑު މާޔާގެ ކަންފަތުގައި ޖެހުމާއެކު މާޔާއަށް ލޯ މަރާލެވުނެވެ.

ލީނާގެ އަޑުގައި ހުރި ކެކުޅުންތައް އޭނާގެ ހިތާ ހަމައަށް ފޯރި ކަހަލައެވެ. ލީނާއަށް ކޮއްފައިވާ އަސަރު ވެސް މާޔާއަށް އެނގުނެވެ.

" ކޮއްކޮ ކައިރީ ގޭގަ ހުރޭ! އަހަންނަށް ގޮތް ކިޔައި ނުދީބަލަ. މަންމައަށް ވުރެ ދަރި ބޮޑުވީމަ، ދެން ވަރަށް ހަޑި." ހަރުކަށި ގޮތަކަށް ސާދުނާ އެހެން ބުނެ ދޮރާ ދިމާލަށް ދިޔައެވެ. އޭރު ވެސް ލީނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

ބާރުބާރަށް ނިކުތް ސާދުނާއަށް މާޔާ ފެނުމާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ.

" އަނހަ! މާޔާ! ހާދަ ދުވަސް ކޮއްލާފައޭ ތި އައީ. އަވަހަށް އާދޭ އެތެރެއަށް. " މާޔާގެ އަތުގައި ހިފަމުން ސާދުނާ ބުނެލީ ނުހަނު ލޯތްބާއެކުއެވެ.

" މާޔާއަށް ކޮންމެވެސް އެއްޗެއް ކާން ދޭން ވީނު." ލީނާ ގާތު ސާދުނާ އެދުނެވެ.

ސިޓިންރޫމްގައި ހުރި ގޮނޑިއެއްގައި މާޔާ އިށީނުމާއެކު ސާދުނާ ވެސް މާޔާއާ ދާދި ގާތުގައި އިށީނެވެ. އޭރު ވެސް ފާރުގައި ބުރަކަށި ޖައްސާލައިގެން ހުރި ލީނާގެ ނަޒަރު ހުއްޓިފައި ހުރީ ސާދުނާގެ މޫނަށެވެ. މާޔާ އެ ގެއަށް އައި ވަގުތު ވެސް ލީނާއަކަށް ކަމަކު ނުދިޔައެވެ.

" ދޭބަލަ މިއަދު މަންމަ އެޅި ކޭކުން ކޭކު ފޮއްޗެއް ގެނެސްދޭން." ސާދުނާ އެދުނެވެ.

މާޔާގެ މޫނުމަތީގައި ހުރި ނުތަނަވަސްކަން ފޮރުވަން އޭނާ ނުހަނު މަސައްކަތްކުރިއެވެ. އޭރު ވެސް މާޔާއަށް ވިސްނެމުން ދިޔައީ ލީނާއާ މެދުގައެވެ.

" އެކޮއި މަންމަމެން ކޮބާ؟ ރަނގަޅުތަ؟" ސާދުނާ އެހިއެވެ.

މާޔާ މަޑުމަޑުން ބޯ ޖަހާލިއެވެ.

" ވަރަށް ދުވަސް ވެއްޖެ ތި ގެއަށް ނުދެވެނީ ވެސް. މަންމަ ގޭގައި އުޅޭނެތަ މި ގަޑީގަ؟" ސާދުނާ ސުވާލު ކުރިއެވެ.

މާޔާ އަނެއްކާ ވެސް ބޯ ޖަހާލިއެވެ. އޭރު ވެސް މާޔާ ގެ ނަޒަރު ހުއްޓިފައި ހުރީ ލީނާ ދިޔަ ދިމާލަށެވެ. އޭނާ ހުރީ ލީނާއާ ވާހަކަ ދައްކާ ހިތުން ކެތްމަދުވެފައެވެ.

" ބައްޕަ... ވެސް... ގޭގަ؟" ސާދުނާ އެހިއެވެ.

" ބައްޕަ ނޭނގެ ވީ ތަނެއް. އަހަރެން އައި އިރު ގެޔަކު ނެތް." މާޔާ ބުންޏެވެ.

" އެހެން ދޯ؟" ސާދުނާ ކުއްލިއަކަށް ތެދުވީ އަތުގައި އޮތް ފޯނަށް ބަލަމުންނެވެ. އޭރު ލީނާ ބަދިގެ ފަރާތު ދޮރުން ގެއަށް ވަންނަތަން މާޔާއަށް ފެނުނެވެ.

" އާނ. މަންމަ މި ދަނީ އިނގޭ. ދެ ކުދިން ކޭކު ކާލައިގެން ގޭގައި ތިބޭ." ސާދުނާ ބުންޏެވެ.

އެއަށްފަހު ފޯނަށް ބަލަމުން ބާރުބާރަށް އޭނާ ނިކުމެއްޖެއެވެ. އޭރު ވެސް ސާދުނާގެ ގައިން ދުވާ މީރު ވަހުން މުޅި ސިޓިންރޫމް އޮތީ އެއްވެސް ކުރުވާފައެވެ.

" ލީން؟ އޯކޭތަ؟" މާޔާ ލީނާގެ ގައިގައި އަތް ޖައްސާލަމުން ބުންޏެވެ.

" އެއްޗެހި ގޮވާ އަޑު އިވުނީ ދޯ؟ އެކަމާ ދެން މާޔާ ނުވިސްނާ. އެއީ މަންމަގެ ފާޑު. އަހަރެން ރުޅި އައީ ނަށަން ދަސްކުރަން ދާތީ." ލީނާ އިށީންނަމުން ބުންޏެވެ.

" އެހެންވެތަ އެހާ ސެންޓު ޖަހައިގެން މަންމަ އެ ދިޔައީ؟" ލީނާގެ އަތުގައި ހުރި ކޭކުތަށި ނަގަމުން މާޔާ ސުވާލު ކުރިއެވެ.

" ބޭނުމެއް ނޫން އަސްލު މަންމައޭ ކިޔައިގެން އެއްވެސް ވާހަކައެއް ދައްކާކަށް. އެކަމަކު އަހަރެންގެ ހިތުގައި ވަރަށް ބޮޑު ޝައްކެއް އުޅޭތީ ދުވަސްގަނޑެއް ވެއްޖެ އުނދަގޫ ވާތާ. ދުލުން މި ވާހަކަ ބޭރު ކުރަން ވެސް އަހަންނަށް އުނދަގޫ." ލީނާ ވާހަކަ ދެއްކީ ވަރަށް ސިއްރުންނެވެ.

" ތި ބުނީ؟ ޝައްކެކޭ؟ ނުވިސްނުނު." މާޔާ ބުންޏެވެ.

" އަހަންނަށް ހަމަ ޔަޤީން މަންމައަށް ސްޓޭޖްގަ ނަށާކަށް ނުކެރޭނެކަން. މި ފަހަރު މާލެއިން ބޯޓު އައި ފަހުން ކޮންމެ ރެޔަކު އެބަދޭ ނަށަން ވެގެންނޭ ކިޔާފަ ބޭރަށް. " ލީނާ ބުންޏެވެ.

" ދެން؟ ލީނާއަށް ޝައްކުވަނީ ކޮން ކަމަކަށް؟" މާޔާ އެހިއެވެ.

" އަހަންނަށް ހީވަނީ މަންމަ ކޮންމެވެސް މީހަކާ... ރައްޓެހިވެގެން އުޅޭހެން." ލީނާ ޖެހިލުންވެ އިނދެ ބުނެލިއެވެ.

" އޭނ؟ ނުވާނެ އެހެންނެއް. އެ އުމުރުގަ ބިޓުންނެއް ނުނަގާނެ. އެ ވާނީ މަންމަ ހަމަ ފޫހި ފިލުވާލަން ބޭރަށް ދަނީ ކަމަށް. މާ ބޮޑަށޭ ތި ވިސްނަނީ." ކޭކު ކޮޅެއް ކާލަމުން މާޔާ ބުންޏެވެ.

ނަމަވެސް މާޔާގެ ވާހަކަ ލީނާ ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ތެދެކޭ މި ބުނީ. އަހަންނަށް ފެނޭ ސިއްރުން ފޯނު ކުރާތަން ވެސް. އަހަރެން ފެންނަ އިރަށް ސިއްސައިގެން ގޮސް ފޯނު ބާއްވާނެ. " ލީނާ ބުންޏެވެ.

އޭރު މާޔާ ހުރީ ވަރަށް ބޮޑަށް ހެވިފައެވެ. އޭނާއަށް ވީ މަޖާ ކަމަކަށެވެ.

" އެކަމަކު... ތިހެން ހީ ނުކޮށްބަލަ! މަންމަމެން އުޅޭނެ ގޮތަކަށް އުޅެން ބަހައްޓާ! މާ ބޮޑަށޭ ތި ވިސްނަނީ. އަހަރެން މި އައީ އަދި ވާހަކައެއް ބުނަން ވެގެންނޭ." ލީނާގެ އަތަށް ތަށި ދިއްކޮއްލަމުން މާޔާ ބުންޏެވެ.

" އެހެންވެ އަހަރެން މި ވާހަކަ ނުބުނަން ހުރީ ވެސް. އަހަންނަށް އެނގޭ ޤަބޫލު ނުކުރާނެކަން." ލީނާ ބުންޏެވެ.

" ނޫނޭ. އަހަރެން ބޭނުން ނުވަނީ ލީނު ތި ކަމާ ވިސްނަން. މަންމަ އުޅޭނެ ގޮތަކަށް އުޅެން ބަހައްޓާ." މާޔާ އެދުނެވެ.

" ބަހައްޓާށޭ؟ މަންމައަށް މިހާރު 50 އަހަރު ވެއްޖެ. ބިޓެއް ނަގަންޏާ ދެން ނަގާނީ ކޮންމެވެސް މީހެއްގެ ފިރިއެއް. އެކަން ބަސްޓްވާ ދުވަހަކުން އަހަރެން ކިހާ ދެރަވާނެ." ލީނާ ބުންޏެވެ.

އެ ވަގުތު މާޔާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

" އާނ. ތިހެން ވެއްޖެއްޔާ ވަރަށް ގޯސްވާނެ ކަންތައް. އެކަމަކު އަހަރެން ބުނެލަން ބޭނުންވަނީ އަދި ތި ވަރަށް ވިސްނަން މާ އަވަހޭ. ހެއްކެއް ނެތި ތި ކަހަލަ ޝައްކު ނުކުރޭ. ހަމަ ލީނުއަށް އުނދަގޫވާނީ. " މާޔާ ލީނާގެ އަތުގައި ހިފާލިއެވެ.

" އަހަރެން މިރޭ އުފާވި އަދި ހައިރާންވެސް ވި މާޔާ ފެނިގެން މަންމަ އެހާ އުފާވީމަ. އަދި އެހާ އޯގާތެރިކޮށް ކަންތައް ކުރީމަ. ނުހާ އަޔަސް ހުންނާނީ މަންމަ ތުން ދަމާފަ. މަންމައަށް ކަމުދާ ރައްޓެއްސެއް ނުހުންނާނެ. އެހެންވެ އަހަރެން ކައިރިއަށް އެއްވެސް ފްރެންޑެއް ނާދެ. މާޔާއެކަނި މަންމަގެ ހިތުން ޖާގަ ތި ހޯދީ." ލީނާ ބުންޏެވެ.

އެ ވަގުތު މާޔާ އުފަލުން ހޭންފެށިއެވެ.

" އެހެންވީމަ އަހަރެން ގިނަގިނައިން މި ގެއަށް އަންނަން ވީ ދޯ." މާޔާ ބުންޏެވެ.

" އާނ. ހަމަ އަސްލުވެސް އައިސްބަ."ލީނާ ބުންޏެވެ. އޭރު ވެސް މާޔާ އިނީ ހެވިފައެވެ.

ލީނާއާ ވާހަކަ ދައްކަން އިނދެފައި މާޔާ ނިކުތީ ގެއަށް ދާށެވެ. އޭރު ގަޑިން ދިހައެއް ޖަހަން ކައިރި ވެއްޖެއެވެ. މަންމަ އޭނަ ހޯދާނެތީ މާޔާ ހުރީ ކުޑަކޮށް ކަންބޮޑުވެފައެވެ. އަވަސް ފިޔަވަޅުތަކުގައި ގޮސް ގެ ހުންނަ މަގާ ހަމައަށް ދެވުމާއެކު މާ ދުރުން އޭނާއަށް މަންމަ ފެނުނެވެ. ހަތަރު ފޫޓަށް ރާނާފައި ހުރި ވަށާފާރުގައި ލެނގިލައިގެން މަންމަ ހުރީ މަގުގެ ދެ ފަރާތް ބަލައިލަބަލައިލައެވެ. ހާސް ހިތަކައިގެން މާޔާ ކުރިއަށް ވުރެ ބާރަށް ހިނގައިގަތެވެ. އަދި މާ ދުރުން އޭނާ މަންމައާ ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން ހޯދަނީ ދޯ؟ މަންމައަށް އެނގެއެއްނު އަހަރެން ދާނީ ނުހާ ނޫނީ ލީނާ ކައިރިއަށް ކަން." މާޔާ ވާހަކަ ދެއްކީ ބާރަށެވެ.

އޭނާ އައިސް މަންމައާ އަރާ ހަމަކުރުމާއެކު މަންމަގެ މޫނުމަތީގައި ހުރި ނުތަނަވަސްކަން އޭނާއަށް ފާހަގަ ކުރެވުނެވެ.

" މާޔާ ހޯދަނީކީ ނޫން." ސުވޭދާ ބުންޏެވެ.

" ދެން ކީއްވެ މިތާ ތި ހުރީ؟ އާދޭ އެތެރެއަށް ދާން. ކޮބާ ދޮންބެއްތަ؟" މާޔާ އެހިއެވެ.

" ޢިޝާ ނަމާދަށް ދިޔަ ގޮތަށް ބައްޕަ ނައިސްގެން މި ހުރީ. ގުޅާގުޅާ ފޯނެއް ނުނަގަ. ޖެހިގެން ހުރިގޭ މޫސަބެ ބުނި ނަމާދުން ފައިބައިގެން ވަރަށް އަވަހަށް ދިޔަ ވާހަކަ. އެކަމަކު ގެއަކަށް ނާދެ އަދިވެސް. މަންމަ މި ހުންނަނީ އެކަމާ ވަރަށް ބިރުން. " ސުވޭދާ އެހެން ބުނުމާއެކު މަގު ކޮޅުން އަންނަ ރާޒީ އޭނާއަށް ފެނުނެވެ.

" އެހެރަ އަންނަނީ." ރާޒީ ފެނުމާއެކު ސުވޭދާއަށް ބުނެވުނެވެ.

" ވެދާނެ ބައްޕަ ރައްޓެއްސަކާއެކު ބަނދަރުމައްޗަށް ދިޔައީ ކަމަށް ވެސް. މަންމަ ހާދަ ހާސްވަނީ." މާޔާ ވެސް ރާޒީއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

" މާޔާ ވަދޭ ގެއަށް." ސުވޭދާ ބުނެލީ ހަރުކަށި ގޮތަކަށެވެ.

އެއްޗެއް ބުނަން ބޭނުންވި ނަމަވެސް މާޔާ މި ފަހަރު ބޭނުންވީ މަންމަގެ އެދުމުގެ މަތިން ގެއަށް ވަންނާށެވެ. އޭނާ މަޑުމަޑުން ގޯތި ތެރެއަށް ވަނެވެ. ފަހަތް ބަލަމުން ގޮސް މާޔާ ކޮޓަރިއަށް ވަނެވެ. އަދި ދޮރުފޮތިގަނޑު ކުޑަކޮށް ކަހާލުމަށްފަހު ސިއްރުން އޭނާ ބޭރު ބަލައިލިއެވެ. އެއާއެކު މާޔާއަށް ފެނުނީ އަތް އުކައުކާފައި މަންމަ، ބައްޕައާ ދިމާލަށް އެއްޗެހި ކިޔަމުން ދިޔަ މަންޒަރެވެ. ބައްޕަ ގެއަށް ވަންނަން އެނބުރުމާއެކު އަތުގެ މުލައްދަނޑީގައި މަންމަ ހިފެހެއްޓިތަން ވެސް މާޔާއަށް ފެނުނެވެ. އޭރު ވެސް ބައްޕަ ހުރީ މަގުގެ ދެ ކޮޅަށް ބަލަބަލައެވެ. މީހަކަށް އެ މަންޒަރުތައް ފެނިދާނެތީ ބައްޕަ ޖެހިލުންވަނީކަން މާޔާއަށް އެނގުނެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ. (އާދީއްތަ ދުވަހުގެ ބައި)

(ނިމުނީ)