ސްރީލަންކާގެ އެންމެ ނުފޫޒުގަދަ އަދި އިސް ބުދު ދީނުގެ ފާދިރީއަކު، 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފިއެވެ.

މިއީ އެ ގައުމުގެ ދީނީ އިސްވެރިއަކާ ދެކޮޅަށް މިފަދަ ސީރިއަސް ތުހުމަތެއް ކުރެވި ހައްޔަރުކުރެވުނު އެންމެ މަތީ ފަންތީގެ މައްސަލައެވެ.

Ad
rt

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 71 އަހަރުގެ ޕައްލެގަމަ ހެމަރަތަނާ އެވެ. އޭނާ ހައްޔަރުކުރީ ވެރިރަށް ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް ހޮނިހިރު ދުވަހުއެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްވީ އޭނާއާ ދެކޮޅަށް ހިންގަމުންދާ ޖިނާއީ ތަހުގީގު ކުރިއަށްދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހެމަރަތަނާގެ މައްޗަށް ތުހުމަތު ކުރެވެނީ 2022 ވަނަ އަހަރު، އަނޫރާދަޕޫރާގައި ހުންނަ ބުދު ދީނުގެ ފައްޅިއެއްގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށެވެ. އޭނާއަކީ އެ ފައްޅީގެ އިސް ފާދިރީއެވެ. މި މައްސަލާގައި ކުޑަކުއްޖާގެ މަންމަވެސް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ ހައްޔަރުކުރީ ފާދިރީއަށް އެކަމުގައި އެހީތެރިވެދީ، ބައިވެރިވި ކަމުގެ ތުހުމަތުގައެވެ.

ސްރީލަންކާގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެން އަޅާނެ ފިޔަވަޅުތަކާ މެދު މެޖިސްޓްރޭޓް ދެއްވާ އިރުޝާދުގެ ދަށުން ކުރިއަށްދާނެ ކަމަށެވެ. ހެމަރަތަނާ ހައްޔަރުކުރުމަށް އަމުރު ނެރުނީ އަނޫރާދަޕޫރާގެ ޗީފް މެޖިސްޓްރޭޓެވެ. އޭނާ ހައްޔަރުކުރުން ލަސްވަމުންދާތީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ އިދާރާތަކުން ޝަކުވާ ހުށަހަޅާފައި ވަނިކޮށް، ކޯޓުން ވަނީ ލަސްނުކޮށް އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ. މީގެ ކުރިން އޭނާ ލަންކާއިން ބޭރަށް ދިއުން މަނާކޮށް ޕާސްޕޯޓްވެސް އޮތީ ހިފަހައްޓާފައެވެ.

ސްރީލަންކާގައި މީގެ ކުރިންވެސް ބުދު ދީނުގެ ފާދިރީން ކުޑަކުދިންނަށް ގޯނާކުރާ މައްސަލަތައް ފެންމަތިވެފައިވެއެވެ. ނަމަވެސް މިއީ މިހާ އިސް ފަންތީގެ ފާދިރީއަކު މިފަދަ މައްސަލައެއްގައި ހައްޔަރުކުރެވުނު ފުރަތަމަ ފަހަރެވެ.

މި ހާދިސާގެ އިތުރުން، މިދިޔަ މަހު ކޮލަމްބޯގެ ބައިނަލްއަގުވާމީ އެއާޕޯޓުން 110 ކިލޯގެ މަސްތުވާތަކެތި (ކެނަބިސް) ފެނުނު މައްސަލައެއްގައި 22 ފާދިރީއަކު ވަނީ ހައްޔަރުކޮށްފައެވެ. މިއީ އެ އެއާޕޯޓުން މިހާތަނަށް އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ރިޕޯޓްތައް ބުނެއެވެ.