ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ހަނދާނީ ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި މި ހަރަކާތުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

ކޮލަމްބޯގެ ވިހާރަ މަހާ ދޭވީ ޕާކްގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ.

މި ރަސްމިއްޔާތުގައި ދެ ޤައުމުގެ އިސްވެރިން އިންދަވާފައިވަނީ "ހޯސްފީލްޑިއާ އިރީއޫގެޑީ" ނަމަކަށް ކިޔާ ގަހެކެވެ. މިއީ ސްރީލަންކާއަށް ޚާއްޞަ، އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ ނާދިރު ބާވަތެއްގެ ގަހެކެވެ.

މި ހަނދާނީ ގަސް އިންދުމުގެ ހަރަކާތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އެކުވެރިކަމާއި، ސިޔާސީ ގުޅުމާއި ޒަމާންވީ ގާތްކަން ރަމްޒުކޮށްދޭ ކަމެކެވެ. މީގެ އިތުރުން، މިއީ ތިމާވެށީގެ ދެމެހެއްޓެނިވިކަމަށާއި އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ހާމަކޮށްދޭ ރަމްޒެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ކުރައްވާ މަތީ ފަންތީގެ ދަތުރުފުޅެކެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ފުރަތަމަ ގާއިމުކުރެވުނީ 26 ޖުލައި 1965 ގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ދެ ޤައުމުގެ ދެމެދުގައި އޮންނަނީ އެކަކު އަނެކަކަށް ކުރާ އިހްތިރާމާއި، ރައްޔިތުންގެ މެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ބިނާވެފައިވާ ނަމޫނާ އެކުވެރިކަމެކެވެ.