ފަތުރުވެރިކަން އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު އެ ގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތު އާއިއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް 60 އަހަރުވީ ދިގު ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ އެއްގޮތް އުސޫލުތަކާއި، ބަދަހި ތާރީޚީ ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، ދެ ގައުމުގެ ލާބައާއި މަންފާއަށްޓަކައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި ދެމިތިއްބަވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ތަރައްގީގެ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ. ޚާއްޞަކޮށް ފަތުރުވެރިކަމާއި، ވިޔަފާރި އަދި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅު ކުރިއަށްދަނީ މި މޭ މަހުގެ 3 އިން 6 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!