ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށް ވާންވާނީ ކީރިތި ޤުރްއާނަށް އޮތް ލޯތްބާއި މަތިވެރި ޤަދަރާއި އިހްތިރާމް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މުވައްޒަފުންގެ ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޤުރްއާން މުބާރާތްތަކަކީ ހަމައެކަނި ތަޖުވީދުގެ ހަމަތަކުން ކިޔަވަން ދަސްކޮށްދޭ ކަމެއް ނޫން ކަމަށާއި، މިއީ އީމާންތެރިކަމާއި އަޚްލާޤީ ސިފަތައް ވަރުގަދަކޮށްދޭ މުހިންމު ވަސީލަތެއް ކަމަށެވެ. އަދި ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށް ވާންވާނީ ކީރިތި ޤުރްއާނަށް އޮތް ލޯތްބާއި މަތިވެރި ޤަދަރުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިފަދަ މުބާރާތްތަކުން ލިބޭ ތަޖުރިބާއަކީ ހަމައެކަނި ހުނަރު ދެއްކުމުގެ ބަދަލުގައި މުޅި އުމުރަށް ދެމިގެންދާނެ އަގުހުރި ފިލާވަޅުތަކެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެމްކޯގެ މުވައްޒަފުންގެ މެދުގައި ދީނީ ރޫޙު އާލާކުރުމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ކުރަމުންދާ މަސައްކަތްތަކަށް މެޑަމް ސާޖިދާ ވަނީ ތަޢުރީފު ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި މުބާރާތުން އެކި ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ އެވެ. އަދި މުބާރާތުގެ ހުރިހާ ބައިވެރިންނަށް ހިތްވަރު ދެއްވައި، ކުރިއަށް ދިއުމަށް އެކަމަނާ އެދިވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!