ކުށްތަކުން ރައްކާތެރިކުރުމަށް ރައްޔިތުންނާ ގާތުން ބައްދަލުކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް ށ. ކޮމަންޑޫގައި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި އެޕްރީލް މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، ކުށްމަދުކުރުމަށާއި ކުށްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި، ރާއްޖޭގައި މިހާރު އެންމެ އާންމު ސްކޭމްގެ މައްސަލަތަކާއި އެފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.
ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، އެކުވެރި މާހައުލެއް ގާއިމުކުރުމުގެ ގޮތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކޮށްފައިވެއެވެ. މީގެ ބޭނުމަކީ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމެވެ.
މި ހަރަކާތުގެ ތެރެއިން ކޮމަންޑޫގައި ބަގީ ދުއްވާ ފަރާތްތަކާ ބައްދަލުކޮށް، އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުކަންދީގެން އުޅަނދު ދުއްވުމަށާއި ފަހުގެ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން ބަގީތަކުގެ ބޯޑުތައް ގަވާއިދާ އެއްގޮތަށް ބަދަލުކުރުމަށާއި، ގާނޫނާއި ގަވާއިދާ އެއްގޮތަށް ލައިސަންސް ނަގައިގެން ދުއްވުމަށާއި ރަޖިސްޓްރީކޮށްގެން އުޅަނދު ދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މީގެ އިތުރުން، ރަށުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކުށަށް މަގުފަހިވާނެފަދަ އެއްވެސް ކަމެއް ހުރިތޯ ބެލުމުގެ ގޮތުން ރަށުގެ ފަޅުގެތައް ވެސް ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިފަދަ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގެ ރައްކާތެރިކަން އިތުރުވެ، ކުށްތަކަށް އޮންނަ ފުރުސަތު ހަނިވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!