ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކުގައި ބޭނުންކުރާ ބޮޑުހިލައިގެ ބަދަލުގައި، ތިމާވެށްޓާ ގުޅޭ އަދި ޚަރަދު ކުޑަ އީޖާދީ ހައްލެއް ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
މި ނިންމެވުން ނިންމަވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށައެޅުއްވި ކަރުދާހުގެ މައްޗަށް ބިނާކޮށް، ވަޒީރުންގެ މެދުގައި ކުރެއްވި މަޝްވަރާ ރިއާޔަތްކުރެއްވުމަށް ފަހުގައެވެ.
މި މަޝްވަރާތަކުގައި ބޮޑުހިލައިގެ ބަދަލުގައި ބޭނުންކުރެވިދާނެ އެހެނިހެން ވަސީލަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ނިންމެވުމުގައި ވަނީ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު ހެދުމަށް ކޮންސްޓްރަކްޝަން ޑެމޯލިޝަން ވޭސްޓް ނުވަތަ އެހެންވެސް ރާއްޖޭގެ ތިމާވެށްޓާ ގުޅޭ، ރެސިލިއެންޓް މެޓީރިއަލެއް ބޭނުންކޮށްގެން އީޖާދީ ހައްލެއް ހޯދުމަށެވެ.
މިފަދަ އީޖާދީ ހައްލެއް ހޯދުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މެދުވެރިކޮށް "ރިސަރޗް ގްރާންޓް" އެއް ފަދަ މާލީ އެހީތެރިކަމެއް ހަމަޖައްސަވައިދެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރާ ވަސީލަތްތައް އުފައްދާ ކުންފުނިތަކާ މަޝްވަރާކޮށް، މިހާރުން މިހާރަށް ބޮޑުހިލައަށް އޮތް ބަރޯސާ ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ އިރުޝާދު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!