މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ ދިވެހިމަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުންކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "ތެޔޮ ނުލިބި މަސްދޯނިތައް ހުއްޓިއްޖެ" މި ސުރުޚީގެ ދަށުން ނޫހަކުން ފަތުރާފައިވާ ޚަބަރެއް ދޮގުކުރައްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ އެއީ ރަނގަޅު ޚަބަރެއް ނޫން ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، މަސްވެރިންނަށް އެ ބުރަ ނުޖައްސައި ސަރުކާރުން ގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މެނޭޖުކުރަމުން ކަމަށެވެ. އަދި މިކަން މަސްވެރިންވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެންވެރިކަން ރަނގަޅުވެ، މަސްވެރިކަންވެސް އަންނަނީ ރަނގަޅުވަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
"ސަރުކާރުން މިދަނީ މަސްވެރިންގެ ކަންކަން މިހާލަތުގައިވެސް ގާތުންބަލާ މަސްވެރިންނަށް އެންމެ ރަނގަޅު ގޮތްތަކަށް މަސައްކަތް ކޮށްދެމުން،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މިއީ ރަނގަޅު ޚަބަރެއްނޫން. މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ ދިވެހިމަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން. ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އެހާމައްޗަށް އަރައިގެންދިޔަނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސާ ސަރުކާރުން މިއަދާ… pic.twitter.com/LmXmUxqxEo
— Ahmed Shiyam (@Shiyamaldives) April 18, 2026
މަސްވެރި އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އިންޑަސްޓްރީގެ މަޝްވަރާއާއެކު ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަންވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާއި ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމަށް ކުރިމަތި ހުރަސްތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ އަށް އުފުލުނެވެ. ނަމަވެސް އީރާނުން އިއްޔެ ވަނީ ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލިކަން ޢިއުލާންކޮށްފައެވެ. އެއާއިއެކު ކަނޑުއޮޅި ހުޅުވާލުމާއެކު ކުވެއިތު، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާގެ ތެޔޮ އުފުލަން ފެށުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 89 ޑޮލަރަށް ވަނީ ތިރިވާން ފަށާފައެވެ. ހޯރްމުޒް އަލުން ހުޅުވާލިއިރު ވެސް ކިއުގައި 800 އަށް ވުރެ ގިނަ އުޅަނދު އޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!