ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، ޙަސަން ރަޝީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް ވަޒީރަކަށް ހުންނެވި ހަސަން ޑިފެންސް މިނިސްޓަރުކަމަށް ޢައްޔަނުކުރަށްވައި މަޤާމުގެ ފަތްކޮޅު އެރުވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ޙަސަން ރަޝީދަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުަޙައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.
ހަސަން ރަޝީދަކީ މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓެއްގެ މަގާމު އަދާކުރެއްވުމުގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި އެއިރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓެއްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އެއިރުގެ ހައުސިން މިނިސްޓަރަކީ މިހާރުގެ ރައީސް ޑރ. މުޢިއްޒުއެވެ.
ހަސަން ވަނީ މިހިނގާ މަޖިލީހުގެ އިންތިޚާބުގައި ވިލިފުށީ ދާއިރާގެ ޕްރައިމަރީގައި ވެސް ވާދަކުރަށްވާފައެވެ.
ޑިފެންސް މިނިސްޓަރުގެ މަގާމަށް އާ ބޭފުޅަކު މި އައްޔަންކުރެއްވީ، ސަރުކާރުގެ އިސް މަގާމުތަކަށް ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!