ފްލެޓް އަޅައިދޭނެ ކަމަށްބުނެ ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ ހުރިހާ ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
މި މައްސަލައިގެ އިސްތިއުނާފް މަރުހަލާ ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއްވެސް ހައިކޯޓުން ވަނީ ނެރެފައެވެ.
ޕީޖީ އޮފީހުން ބުނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާ ސާބިތުނުވާކަމަށް 9 އެޕްރީލް 2026 ދުވަހު އެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް، 11 އެޕްރީލް 2026 ދުވަހު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ އިސްތިއުނާފު ކުރަމުން ޕީޖީ އޮފީހުން ހައިކޯޓުގައި އެދިފައިވަނީ، ކްރިމިނަލް ކޯޓުން މި މައްސަލައިގެ ހެކި ޤަރީނާ ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ. އަދި މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައިވަނީ އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައި، މި ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށްވެސް ޕީޖީ އޮފީހުން ވަނީ އެދިފައެވެ.
މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން އެދުމާ ގުޅިގެން، 13 އެޕްރީލް 2026 ދުވަހު ހައިކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރުއްވާފައެވެ.
ސީލައިފުން ގިނަ ބައެއްގެ އަތުން ފައިސާ ނެގީ ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ގްލޯބަލްއާ 2014 ވަނަ އަހަރު ހަވާލު ކުރުމުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް ފައިސާ ނެގުމަށްފަހު އެއްވެސް ފްލެޓެއް އަޅާފައެއް ނުވެ އެވެ.
އެ މައްސަލާގައި އައްމަޓީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮށް ސްރީލަންކާއިން އޭނާ ހައްޔަރު ކުރުމަށް ފަހު 2021 ވަނަ އަހަރު ރާއްޖެ ގެނެސް, ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް ދައުލަތުން އޭނާގެ މައްޗަށް ކުރި އެވެ.
އެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ އޭޕްރިލް 9 ވަނަ ދުވަހު ހުކުމް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!