ޝެޑިއުލް ކުރެވިފައިވާ ގޮތަށް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ބޭނުންވާ ތެލާއި ގޭހުގެ ޝިޕްމަންޓްތައް ލިބެމުންދާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްނުވާތީ އެކަމުގެ ކަންބޮޑުވުން އެބައޮތް ނަމަވެސް، ރާއްޖެއަށް ތެޔޮ ގެނައުމުގެ ކަންކަން ވަރަށް ބަރާބަރަށް ކުރިއަށްދާ ކަމަށެވެ. އަދި ހަނގުރާމައިގެ ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއަށް އާންމުކޮށް ގެންނަ މިންވަރަށް ވުރެ އިތުރަށް މިހާރު ތެޔޮ ގެނެސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ތެޔޮ އެތެރެކުރުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސިންގަޕޫރުން ތެޔޮ ގެނެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވީ ނަމަވެސް، މިހާރުވެސް ތެޔޮ ގެންނަމުންދަނީ ކުރިންވެސް އޮތް އުސޫލުގެ މަތިން އޮމާން މެދުވެރިކޮށް ކަމަށެވެ. އަދި ތެލުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުންމީދުގައި ތިއްބެވިކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

"މަޝްވަރާތައް ދިމާވީ ހަފުތާ ބަންދާ. ކްރޫޑް އޮއިލްގެ އަގަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައި ނަމަވެސް، ސާފުކުރި ތެލުގެ އަގަށް އަދި އެއްވެސް ބަދަލެއް އައިސްފައެއް ނުވޭ. އުންމީދު ކުރަނީ އަންނަ ހޯމަ ދުވަހާ ހަމައަށް ދާއިރު ސާފުކުރި ތެލުގެ އަގަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ވެސް ސަރުކާރުން ހުއްޓުމެއް ނެތި ކުރިއަށް ގެންދާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.