ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ މަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަން ސްރީލަންކާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ހާމަކޮށްފިއެވެ.

ސްރީލަންކާގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަތުރުފުޅާ ގުޅިގެން، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްޢޫދު އިމާދު އާއި، ސްރީލަންކާގެ ފިޝަރީޒް، އެކުއަޓިކް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު ރާމަލިންގަމް ޗަންދުރަސޭކަރު ވަނީ ރަސްމީ ބައްދަލުވުމެއް ބާއްވަވައި، ދެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

Ad
rt

ސްރީލަންކާގެ ޕާލަމެންޓް ކޮމްޕްލެކްސްގައި ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް މަސްވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމެވެ.
މި ބައްދަލުވުމުގައި، ރާއްޖޭގެ ތާޒާ މަހުގެ ވަސީލަތްތަކާއި ސްރީލަންކާގެ ކުރިއަރާފައިވާ މަސް ދަޅުގައި ބަންދުކުރާ ސިނާޢަތް ގުޅުވާލައިގެން، އައު އުފެއްދުންތަކެއް ބާޒާރަށް ނެރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނުކަމަށް ލަންކާ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ބާޒާރަށް އަމާޒުކޮށްގެން ސްރީލަންކާގައި އުފެއްދުންތައް ތައްޔާރުކުރުމާއި، މަހުގެ ބާވަތްތަކަށް އިތުރު ފުރިހަމަކަން ގެނެސް "ވެލިއު އެޑެޑް" އުފެއްދުންތައް ތަރައްޤީކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަޝްވަރާކުރައްވާފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ, ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.