ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު އެއްވަރުވުމުގެ ސަބަބުން ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން، މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މިކަން އިޢުލާނު ކުރެއްވީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރަން ފެށުމުގެ ކުރިން، ދައުލަތުގެ މީޑިއާ މެދުވެރިކޮށް އީސީގެ ރައީސް މުޙައްމަދު ޒާހިދު ދައުލަތުގެ މީޑިއާ، ޕީއެސްއެމް ދެއްވި ޚިޠާބުގައެވެ. ޒާހިދު ފާހަގަކުރެއްވި ގޮތުގައި، މި ފަހަރުގެ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ލޯކަލް އިންތިޚާބެއްގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ރައްޔިތުން ނުކުމެ ވޯޓުލީ އިންތިޚާބެވެ.

Ad
rt

އީސީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 294,576 މީހުންގެ ތެރެއިން 215,346 މީހުން ވަނީ މި އިންތިޚާބުގައި ވޯޓުލާފައެވެ.

"2026، ހަތަރެއް އޭޕްރީލް ވީ ހޮނިހިރު ދުވަހު ބޭއްވިގެން ދިޔަ އިންތިޚާބުތަކަކީ މިނިވަންކަމާ އެކު، އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސްފައިވާ އިންތިޚާބުތަކެއް،" ޒާހިދު ވިދާޅުވިއެވެ.

އިންތިޚާބާ ގުޅޭގޮތުން ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް ޖުމްލަ 170 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އީސީން މަޢުލޫމާތުދެއެވެ. މި ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ކޮމިޝަނުން ދޭ ޖަވާބާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް، މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގެ ދާއިމީ ނަތީޖާ މިއަދު ޢިއުލާން ކުރާނެކަމަށް އީސީން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު އެއްވަރުވުމުގެ ސަބަބުން ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން، މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާކަން އީސީން މިއަދު ހާމަކުރިނަމަވެސް ވޯޓު އެއްވަރުވެގެން ދެވަނަ ބުރަށް ދާންޖެހުނު ދާއިރާތައް އީސީން އަދި އާންމެއް ނުކުރެއެވެ.