ރައްޔިތުންނަށް ހިދުމަތްދިނުމުގައި މި ސަރުކާރުން ތަފާތުކުރުމެއް ނުގެންގުޅޭކަމަށާއި ސަރުކާރު ތަސައްވުރުގައި ކުލަ ޖެއްސޭނީ ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަފޫ ހާމިދު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީން ކެނދިކުޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ކޮންގްރެސް ޕާޓީން ވެރިކަމަށް އައީ ތަސައްވުރަކާ އެކުގައިކަމަށާއި، އަދި މަޖިލިސް އިންތިހާބު ކާމިޔާބުކޮށް މަޖިލީހުގެ ތަޅުމަށް ވަނީ ވެސް ތަސައްވުރަކާއެކުގައި ކަމަށެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރުމަށް ނިކުމެތިބީ ވެސް ތަސައްވުރަކާ އެކުގައި ކަމަށް ޢަފޫ ވިދާޅުވި އެވެ.

Ad
rt

ސަރުކާރު ތަސައްވުރުގައި ކުލަ ޖެއްސޭނީ ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވައިގެން ކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ އެކަން އެހެން ނުވި ނަމަ ބޮޑެތި ގޮންޖެހުންތަކާ ސަރުކާރާ ކުރިމަތިލާން ޖެހޭނެކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކޮށްގެން ނުވާނެ އަލުގަނޑުމެންގެ ހިތު ނިޔަތް ސާފުވީމަ،އަޅުގަނޑުމެން ދެކޭ ގޮތް ސާފުވީމަ ދެން ތިބޭ ބަޔަކު ކަންކުރާނީ އެގޮތައް ކަމަށް. އަޅުގަނޑުމެން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ތަފާތުކުރުމެއް ނުގެންގުޅެން. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން އެބަދޭ ސިޔާސީ ފިކުރުގެ ސަބަބުން، ސިޔާސީ ކުލައިގެ ސަބަބުން، ސިޔާސީ ވިސްނުމުގެ ސަބަބުން އަޅުގަނޑުމެންނާ މުއާމަލާތު ނުކުރާ ދަރަޖައަށް އެބަދޭ ބައެއް ކައުންސިލުތަކުން. ނުވަތަ އަޅުގަނޑުމެން ކުރިއަށްގެންދާ މަޝްރޫއުތަކަށް ހުރަސްއަޅައި ޖެއްސުންކުރޭ އެބަ ބައެއް ކައުންސިލުތަކުން". މެމްބަރު ވިދާޅުވި އެވެ.

މިކަހަލަ ހުރަސްއެޅުންތައް ކެނދިކުޅުދޫގެ ރައްޔިތުން ތަހައްމަލުކުރާތަން ދެކެން ބޭނުުންފުޅުވެވަޑައި ނުގަންނަވާކަމަށާއި ވުމާއެކު ކުރިއަށް އޮތް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޮވައިދެއްވުމަށް ޢަފޫ ވަނީ އެދިވަޑައިގެންފަ އެވެ.