ހއ. ދިއްދޫގައި ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރާ ރަސްމީ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު އެ ރަށުގައި ބާއްވައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އޮނަރަބަލް އަބްދުﷲ ރާފިއު އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން، ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުލް ލަތީފު މުޙައްމަދާއި، އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީ އަދި ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ދިއްދޫގައި ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރާ ރަސްމީ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފެށުން، ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ދިއްދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމާއި، ޕިޗު ހެދުމާއި، ބައުންޑަރީ ފާރު ރޭނުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން ދަނޑުގައި ފެންސް ޖެހުމާއި، ޒަމާނީ ލައިޓިންގް ސިސްޓަމް ހަރުކުރުމުގެ އިތުރުން ރޮސްޓްރަމް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މިއީ ޖުމްލަ 28.50 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏަށް މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ.
މި ދަނޑު ތަރައްގީވެގެން ދިއުމަކީ ރަށުގެ ޒުވާނުންނަށާއި ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެކެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ސިއްޙީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބި، ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހިވެގެންދާނެ އެވެ.
ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ދިއްދޫއަކީ 4186 މީހުންގެ އާބާދީއެއް އޮންނަ، ފުޓްބޯޅައަށް ވަރަށް ބޮޑު ލޯތްބެއް އޮންނަ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!