ޒަމާނީ ފަސޭހަތަކާއެކު، ސްޓެލްކޯގެ ކަރަންޓާއި ގުޅުންހުރި ހުރިހާ ހިދުމަތަކަށް އެދެވޭ ގޮތަށް ފަރުމާކޮށްފައިވާ ކަސްޓަމަރ ސަރވިސް ޕޯޓަލް 'ވަށަނި' މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ އަޒުވަރުއެވެ.
ޚިދުމަތްތައް ވަށާޖެހި، ފަސޭހަކަމާއެކު އެއްތަނަކުން ލިބެންހުންނަ މި ޕޯޓަލްގައި އީފާސް (eFaas) މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކޮށްލެވޭނެއެވެ. އަދި ޔޫ.އާރް.އޭ ގެ އިލެކްޓްރިކަލް އިންޖިނިއަރިންގ ލައިސަންސް އޮންނަ ފަރާތްތަކަށް، އެ ފަރާތެއްގެ ނަމުގައި ހުށަހެޅޭ ޚިދުމަތްތަކުގެ ފޯމުތައް ބަލައިގަނެ، އެޕްރޫވް ކުރުމުގެ ފުރުޞަތު ވެސް މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް، ޕޯޓަލް މެދުވެރިކޮށް ކަރަންޓުގެ ޚިދުމަތްތަކަށް އެދުމާއި ފައިސާ ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ކަސްޓަމަރުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މައުލޫމާތާއި، ކުރިން ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލުގެ އިތުރުން، ހިދުމަތްތަކުގެ މަރުހަލާތައް ކުރިއަށްދާގޮތުގެ އަދާހަމަ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބެމުންދާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
ވަށަނި ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އަލީ އަޒުވަރު ވިދާޅުވީ، މިއަދަކީ ކުންފުނީގެ މަސައްކަތްތަކުގެ ތެރެއިން އާންމު ރައްޔިތުންނާއި ގުޅުންހުރި ވަރަށް މުހިއްމު މަސައްކަތެއް ނިމި އިފްތިތާހު ކުރެވޭ އުފާވެރި ދުވަހެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވާ މޯލްޑިވްސް 2.0 އަދި ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމާ އެއްގޮތަށް ކުރެވުނު މުހިއްމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ވަށާ ޖެހޭ ހިދުމަތެއް. އަޅުގަނޑުމެންގެ ހިދުމަތް އޮންލައިން ކުރެވި ޕޭޕަރލެސް ސިސްޓަމަކަށް މިވެގެން މިދިޔައީ. މިއީ އަޅުގަނޑުމެން ދުވަސްތަކެއް ވަންދެން ކުރަމުން އައި އުއްމީދެއްގެ ނިމުން. އެހެން ވީމަ މިއަދަކީ ވަރަށް ފާހަގަކޮށްލެވޭ ކުންފުނީގެ ހަޔާތުގައި މުހިއްމު ދުވަހެއް ކަމަށް އަޅުގަނޑު ދެކެނީ.." އަލީ އަޒުވަރު ވިދާޅުވިއެވެ.
އަޒުވަރު އިތުރަށް ވިދާޅުވީ، މި ހިދުމަތަކީ އާންމުން ބަލައިގަންނާނެ، އަދި ކުންފުނީގެ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ލުއިފަސޭހަކަމާއެކު ލިބިގެންދާނެ ހިދުމަތެއް ކަމަށެވެ. ސްޓެލްކޯގެ ހިދުމަތްތަކަކީ 24 ގަޑި އިރު ދޭ ހިދުމަތަކަށް ވުމުން، މި ޕޯޓަލްގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ލިބި، މި އިންޑަސްޓްރީގެ އޮންލައިން ހިދުމަތްތައް އައު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!