ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫގެ ދަށުން ބިން ހިއްކައި ނިމިފައިވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ.

ދިއްދޫ ބިން ހިއްކާ ނިމިފައިވާކަމަށް ދައުރުވާ މީސް މީޑިއާ ޕޯސްޓަކާއި ގުޅިގެން ''ތިލަދުން'' އިން ސުވާލުކުރުމުން ލަތީފް ވިދާޅުވީ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ.

Ad
rt

''ހޮޅި ގުޅައިގެން ހިއްކަންޖެހޭ ހިއްކުން މިހާރު ނިމިއްޖެ، އެހެންވީމަ ބިންހިއްކާ ނިމިއްޖެކަމަށް ބުނެވިދާނެ، ދެން އެކުރަނީ ވެލިތައް އެއްވަރުކުރުން ކަހަލަ މަސައްކަތްތައް'' ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، ބިން ހިއްކާ ނިމުމާއެކު ރިވެޓްމެންޓް ޖެހުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ނިމި ލަސްވެގެން ހަފުތާއެއްހާ ދުވަސްތެރޭ ދިއްދޫ އަށް އެމަސައްކަތަށް ބޭނުންވާ ސާމާނު ވެސް ގެންދެވޭ ވަރުވާނެކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.

'' މި ބަލަނީ ހަމަ ދެތިން ދުވަސް ތެރޭ ވެސް ގެންދެވޭތޯ، މި ހަމަ ރައީސް މުޢިއްޒާއި ޕީއެންސީން ދިއްދޫ ރައްޔިތުން ދެކެވާލޯބީގެ އަލިގަދަ ހެކިތައް'' ލަތީފް ވިދާޅުވިއެވެ.

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން ޑްރެޖަރަކަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން ވީ އެންމެ އަވަހަށް އެހެން ޑްރެޖަރެއް ފޮނުވައި މަސައްކަތް ހުއްޓުނަނުދީ ސަރުކާރުން ކުރިއަށް ގެންގޮސްދެއްވިކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިމާއި، އެރަށުގެ ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު ފެށީ 5 ޖެނުއަރީ 2026 ގައެވެ.

މި މަޝްރޫޢުގައި އެންމެ ބޮޑުބައި ބިން ހިއްކުމަށް ބޭނުން ކުރި ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަަމަށެވެ. ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ. މިއީ، ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރުން ގެނައި 3 ވަނަ ޑްރެޖަރެވެ.

މި މަޝްރޫޢުގެ ދަށުބން 115 ހެކްޓަރ ބިން ދިއްދޫ އަށް ވަނީ އިތުރުވެފައެވެ.