ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިއަދު ވިދާޅުވިއެވެ.
ލަތީފް މިއަދު ''ތިލަދުން'' އަށް ވިދާޅުވީ، މި މަޝްރޫޢަކީ އެ އަތޮޅުގެ ސިއްޙީ ޚިދުމަތް އައު އުސްމިންތަކަކަށް ގެންގޮސްދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ބިންގާ އެޅުނު މި އައު އިމާރާތަކީ 50 އެނދުގެ ޖާގައިގެ އިމާރާތެކެވެ. މި އިމާރާތުގެ މަސައްކަތް ނިމުމުން، ހޮސްޕިޓަލުގައި ސީޓީ ސްކޭން އަދި މެމޮގްރަފީ ހިމެނޭހެން ރޭޑިއޮލޮޖީގެ ޚިދުމަތްތައް ފެށުމަށް ބޭނުންވާ ޖާގަ އިތުރުވެގެންދާނެއެވެ. މިހާރު ކުރިއަށްދާ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާއިރު، މިއީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި އިމާރާތް ނިމޭއިރު ގިނަ ޚިދުމަތްތަކެއް އަލަށް ތަޢާރަފުވެގެންދާނެއެވެ. އޭގެ ތެރޭގައި އައިސޮލޭޝަން ފެސިލިޓީ، ރޭޑިއޮލޮޖީ ޑިޕާޓްމެންޓު، އެކްސްރޭ، ސީޓީ ސްކޭން، އެމްއާރުއައި، މެމޮގްރަފީ އަދި އަލްޓްރާ ސައުންޑު ސްކޭންގެ ޚިދުމަތް ހިމެނެއެވެ.
ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ، ފޮޓޯ: ދިއްދޫ ޕީއެންސީ
މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމުގެ ގޮތުން ވޭސްޓް މެނޭޖްމެންޓު ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީ އަދި އޮކްސިޖަން ޕްލާންޓެއްވެސް ޤާއިމްކުރެވޭނެއެވެ. މި ވަސީލަތްތަކަކީ ހޮސްޕިޓަލުގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ލިބޭނެ ބޮޑު ލުޔެކެވެ.
ލަތީފް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ބޮޑު އިސްކަމެއް ދެއްވަމުންދާއިރު، މިހާރު ޚިދުމަތް ދެމުންދާ ހޮސްޕިޓަލުގެ މަސައްކަތްތަކުގެ އިތުރުން، އައު އިމާރާތުގެ މަސައްކަތް ހުއްޓުމެއްނެތި ބާރުމިނުގައި ކުރިއަށްދާކަމީ ހއ. އަތޮޅުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ތަސައްލީއެއްކަމަށެވެ.
ހއ.އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
މި މަޝްރޫޢުގެ ކޮންޓެކްޓަރަކީ އެމްޓީސީސީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!