ކުރީގެ އަދަދާއި ގުޅޭ:

" ޔޫ ބުނީމެއްނު ޒިޔާދުގެ ބޮސްއެކޭ ކިޔައިގެން. އަޔާ ބުނީ އެކަމަކު ބޮސްއަކީ ޒިޔާދޯ. ޒިޔާދޯ ހުރިހާ ކަމެއްގެ އަޑީގައި ހުންނަނީ. " ނޫރާ އެހެން ބުނުމުން އަަންނަށް ކޮޅަށް ތެދުވެވުނެވެ. ގަބޫލުކުރަން ދަތިވީ ވަރުން އިތުރަށް ކުރާނެ ސުވާލެއް ވެސް ނޭނގުނެވެ.

Ad
rt

" ޔޫއަށް އެނގޭތަ؟ ޒިޔާދުގެ އޮފީހުގައި ބިންގަރާހެއް ހުރޭ. އެތާ އެ މީހުން ޖަގަހަ ހަދައިގެން އެ ވިޔަފާރި ކުރަނީ. އެ ތަނުގައި އެ އަންހެން ގުރޫޕާއެކު ބަރަހަނާކޮށް ތިއްބައޭ ހައްޔަރު ކުރީ ވެސް. " ނޫރާ ބުންޏެވެ.

" ނޯ! ނޫން! ޒިޔާދު އެހާ ނުބައެއް ނުވާނެ." އަހަންނަށް ގަބޫލު ކުރަން ދަތިވިއެވެ.

" ހަމަ ތެދެއް މި ބުނީ. މިރޭގެ ވަގުތެއްގައި ޕްރެސް ވެސް އޮންނާނެ. ޔޫ ބަލައްޗޭ ޕްރެސް ކޮންފަރެންސް. މި ހުރިހާ ވާހަކައެއް ފުލުހުން ހާމަ ކުރާނެޔޭ. ރާއްޖޭގައި މިހާ ތަނަށް އެންމެ ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާ މީހުން ރެޑްހޭންޑްކޮށް އެ ހިފީ. " ނޫރާ ބުންޏެވެ.

" ޒިޔާދު ޑްރަގް ބޭނުން ވެސް ކުރޭތަ؟" ގަބޫލު ނުކުރެވިގެން އަހަރެން ސުވާލު ކުރީމެވެ.

" އާނއެކޭ. މަސްތުގެ ހާލުގައި ތިއްބައޭ ހައްޔަރުކުރީ ވެސް. އޭނަ އޮފީސް ކަމަކު ގޮސްގެން އުޅުނު ރަށުން ވެސް ހަމަ ރޭގަ ބަޔަކު އަތުލައިގެންފި. އެ ރަށުގައި ވެސް އެ އަވައިގައި ނުޖައްސާ ޅަ ދަރިޔަކު ވެސް ނެތޯ." ނޫރާ ބުންޏެވެ.

އަހަރެންގެ މުޅި ހަށިގަނޑު ހުއްޓުނު ކަހަލައެވެ. ޒިޔާދަކީ އެހާ ވިޔާނުދާ މީހެއްކަމަކަށް އަދިވެސް އަހަރެންގެ ހިތް ގަބޫލެއް ނުކުރެއެވެ.

" ކޮން އިރަކަށް ޕްރެސް އޮތީ؟" މަޑުމަޑުން އަހަރެން ސުވާލު ކުރީމެވެ.

" ނޭނގެ ގަޑިއެއް. މިރޭ އޮންނާނެޔޯ. އަހަންނަށް އެނގުނީމަ ތައިބާއަށް އަންގާލާނަން. ޔޫ ހަމަޖެހިގެން ހުންނައްޗޭ. " ނޫރާ ބުންޏެވެ.

" އަހަރެން ދެން ކީކޭ ބުނާނީ؟ އޭނަ ކުރި ކުށުގެ އަދަބު އޭނައަށް ލިބޭނެއެއްނު. " އަހަރެން އަނެއްކާ ވެސް ޖޯލީގައި އިށީނީމެވެ.

" ޔޫގެ ހުސެން ދެން ސަލާމަތްވާނެއެއްނު. އެ މައްސަލަ ހިނގާލެއް ލަސްކަމުން އަހަރެން ވެސް ހަމަ ހައިރާންވޭ. " ނޫރާ ބުންޏެވެ.

" ހުސެން ސަލާމަތްވާން ޖެހޭނެ. އަހަރެން ދިން ބަޔާނުގައި އެ ރޭ ކަންތައް ހިނގާދިޔަ ގޮތް އޮންނާނެ. " އަހަރެން ބުނީމެވެ.

" އަހަރެން އަދި ވާހަކައެއް ބުނަން ބޭނުން. އެކަމަކު ހިތަށް އަަރަނީ އަދި އެ ވާހަކަ ބުނަން އަވަހޭ." ނޫރާ ބުންޏެވެ.

ނޫރާ އެހެން ބުންޏަސް އަހަރެން ހުރީ ނޫރާ ބުނަން އުޅޭ އެއްޗެއް އަޑު އަހާ ހިތުން ކެތްމަދުވެފައެވެ.

" ދެން ބުނެބަލަ! " އަހަރެން އެދުނީމެވެ.

" ޔޫ ދެން ހަމަ ތިހެން ހުންނާނީތަ؟ ޒިޔާދު ތީނަ ވަަރިކުރާނެތަ؟ އޭނައަށް އަންނާނެކަމަށް ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމެއް." ނޫރާ ބުންޏެވެ.

" ތިކަމާ ވިސްނާނަން ފަހުން. ފަހަރެއްގައި މިހެން ހަމަ ހުންނަން ވެސް ޖެހިދާނެ. އަދި ނެތް އެއްވެސް ހިޔާލެއް ތި ކަމަކަށް." އަހަރެން ބުނީމެވެ.

ނޫރާ ފޯނު ބޭއްވުމާއެކު އަވަސް އަވަހަށް އައިސް ކޮޓަރިއަށް ވަނީމެވެ. އަދި ނިދާފައި އޮތް އަހަރެންގެ ލޯބި ދަރިފުޅަށް ބަލައިލީމެވެ. އެ މައުސޫމް މޫނު ފެނުމާއެކު އަހަންނަށް ރޮވުނީ ބޭއިހްތިޔާރުގައެވެ. ލިލީ ބޮޑުވަމުން އަންނައިރު ބައްޕަ ކޮބައިތޯ އަހަރެންގާތު ސުވާލު ކުރާނެކަން އަހަންނަށް އެނގެއެވެ. ލިލީގެ ބައްޕަ ހުރީ ޖަލުގައޭ ބުނާނެ ހިތްވަރު އަހަރެންގެ ކިބައިގައި ނުހުންނާނެކަން ވެސް އަހަންނަށް އެނގެއެވެ.

މަންމައާއި ބައްޕަގެލޯބި ލިިބިގެން، އެހެން ކުދިން ބޮޑުވާތަން ފެންނަން ފެށުމުން އަހަރެން ވެސް ދެރަވާނެއެވެ.ލިލީގެ ޝަކުވާތައް އަޑު އިވުމުން އަހަރެން ހިތުގައި ވެސް ޖެހޭނެއެވެ. އެކަމަކު ވެސް އެ ހުރިހާ އުފާތަކެއްގެ ހުޅުކޮޅު އެ ނިއްވާލީ ހުދު ޒިޔާދުކަން އަހަރެން ދަންނަމެވެ. އަހަރެމެންނަށް ވުރެ އޭނާއަށް މުހިއްމުވީ ނުބައި އެކުވެރިންނާއެކު ނުބައި މަގުން ދިޔުމެވެ. އެއީ އޭނާ އިހްތިޔާރު ކުރި ގޮތެވެ. ޔަގީނެވެ. ޒިޔާދުގެ އެ ކުށުގެ ސަބަބުން އަހަރެންގެ ދަރިފުޅު ނިކަމެތިވިޔަކަ ނުދޭނަމެވެ. އަހަރެންގެ އެ ހިތްވަރު އެބަހުއްޓެވެ. އަހަރެންގެ ދަރިފުޅު މާޔޫސްވިޔަކަ ނުދޭނަމެވެ. އަހަރެންގެ އެ އުއްމީދު އެބައޮތެވެ. އަހަރެންގެ ދަރިފުޅު ބައްޕައަކަށްޓަކައި ފެންބޮވައިގަތަކަ ނުދޭނަމެވެ. އަހަރެންގެ ދުޢާ މާ ވަރުގަދަވާނެއެވެ.

ދެ އަތުން މޫނު ފުހެލުމަށްފަހު ގޮސް އަހަރެން ލިލީގެ ގައިގައި ބައްދާލީމެވެ. ދެން ދުވަހަކު ވެސް މި ދަރިފުޅަށް ބައްޕަގެ ގައިގައި ލޯބިން ބައްދާލާނެ ފުރުސަތެއް ނުލިބޭނެއެވެ. ބައްޕައާއެކު ކުޅެލާ، މަޖާކޮއްލާނެ ފުރުސަތެއް ނުލިބޭނެއެވެ. އަދި ބައްޕަ ދުށުމުގެ ނަސީބެއްވެސް ނުލިބޭނެއެވެ. ނަމަވެސް އެ ފަޅުކަން ލިލީގެ ހިތަށް ފޯރިޔަކަ ނުދޭނަމޭ އަހަރެންގެ ހިތަށް އެރިއެވެ. މިއަދުން ފެށިގެން ލިލީގެ ބައްޕައަކީ އަދި މަންމައަކީ ވެސް ހަމަ އަހަންނެވެ.

ހަމަ އެވަގުތެވެ. އަހަރެން ސިހުނީ ނޫރާ ގުޅަން ފެށުމުންނެވެ. އަވަސް އަވަހަށް ކޯލަށް ޖަވާބު ދިނީމެވެ. އެއާއެކު ޕްރެސް ފެށި ވާހަކަ އޭނާ ބުންޏެވެ.

ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިން އިރު ވެސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ޒިޔާދުއާއި އޭނާގެ ޓީމު ހައްޔަރު ކުރެވުނު ގޮތާއި އެ މީހުންގެ އަތުން ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތައް ވެސް ފުލުހުން ހާމަ ކުރިއެވެ. ޒިޔާދު އެންމެ ފަހުން ގަނެފައިވާ އެޕާޓްމަންޓުން ވެސް ގިނަ އަދަދެއްގެ މަސްތުވާއެއްޗެއްސާއި ވަގު ފައިސާ ހޯދާފައިވާ ވާހަކަ ވެސް ފުލުހުން ހާމަ ކުރިއެވެ. އެ ވާހަކަތަކުން އަހަރެން ހުރީ ބަސް ހުއްޓިފައެވެ. ހިތަށް އަރާ ފައިބަމުންދާ އެއްޗެހީގެ ސަބަބުން ފުލުހުން ދައްކަމުންދާ ވާހަކަ ވެސް އަހަންނަށް މިހާރު ނީވޭ ކަހަލައެވެ. އަހަންނަށް އެ ވަގުތު ލިބެމުން ދިޔައީ ބަޔާން ކުރަން ދަތި ހިތްދަތިކަމެކެވެ. ނޭނގުމެއްގެ ތެރޭގައި އޭނާ އަހަރެން ކިހާ ދުވަހެއް ވަންދެން ގެންގުޅެފި ހެއްޔެވެ؟ އަހަރެންގެ ޝަކުވާތަކާއި އަހަރެން ޖައްސާ މައްސަލަތަކުން އަދި އިތުރަށް އޭނާ އަހަރެން ދެރަކުރީ ކިހާ ވަރަކަށް ހެއްޔެވެ؟ ހިލޭ އަންހެނުންނާއެކު ނަހަމަ ގުޅުންތައް ހިންގަމުން އޭނާ ދުވާއިރު އަހަންނަށް އޭނާގެ ހަގީގަތް ރޭކާވެސް ނުލައެވެ.

" މީގެ އަހަރެއްހާ ދުވަސް ކުރިން ޒިޔާދުގެ އެޕާޓްމަންޓުން ޑްރަގާއި ވަގު ޑޮލަރާއެކު ހައްޔަރުކޮއްފައިވާ ރ.އަލިފުށީ ދާއިރާގެ މެމްބަރު އަދިވެސް ހުރީ މައްސަލަ ވަކި ގޮތަކަށް ނުނިމޭތީ މުއްދަތެއް ނެތް ގޮތަކަށް ހައްޔަރުކޮއްފައި. މިހާރު ޒިޔާދުގެ ހަގީގަތް ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރެއްވީތީ އަޅުގަނޑު ސުވާލު ކޮއްލަން ބޭނުން، މެމްބަރު ހުސެންއާ ޒިޔާދުގެ ޓީމާ އެއްވެސް ގުޅުމެއް އޮތް ކަމަށް ބެލެވޭތޯ؟" ނޫސްވެރިއެއްގެ ސުވާލު އިވި، އަހަރެންގެ ހުރިހާ ހިއްސެއް ފޯނަށް ދަމައިގަތެވެ.

" ނޫން. ސީސީޓީވީ ފުޓޭޖްތަކުންނާއި އަދި ކޮތަޅުގެ ފިންގަރޕްރިންޓުން ވެސް ހުސެންގެ މައްޗަށް ކުށް ސާބިތު ކުރެވޭކަށް ނެތް. " އެ ޖުމްލައިން އަހަންނަށް ދެ ލޯ މަރާލެވުނީ ހިތްހަމަޖެހިގެންނެވެ. ވަގުތަކީ ނޫރާ ވެސް ގުޅި ވަގުތެވެ. ނަމަވެސް ނޫރާގެ ފޯނަށް ވެސް ޖަވާބުދޭކަށް އަހަރެން އެ ވަގުތު ބޭނުމެއް ނުވިއެވެ.

އަހަރެންގެ ހިތަށް ވެރިވެފައިވާ އުނދަގޫތައް އެންމެ ސިކުންތަކުން ފިލައިގެން ގޮއްސިއެވެ. ޒިޔާދުގެ މައްޗަށް ހިތުގައި ފޫހިކަން ގަދަވެގަނެ، އަހަރެންގެ ސިކުނޑި ހަމައަކަށް އެޅުނު ކަހަލައެވެ. ހިތްހަމަޖެހުނެވެ. ހުސެންއަށް އިންސާފު ލިބޭނެކަމުގެ އުއްމީދު ލިބުމުން އުފާވިއެވެ. ހިނިތުންވުމެއްގައި ހުރެ މިރޭ އަހަންނަށް އޮށޯވެލެވޭނެއެވެ. އެތައް ރެޔަކަށްފަހު، ހަމަޖެހިގެން ނިދާލެވޭނެއެވެ. ލޯ މަރާލާއިރަށް މިރޭ ވެސް ފެންނަނީ ހަމަ އެ ސޫރައެވެ. ނަމަވެސް މިރޭ އަހަރެންގެ ލޮލަކުން ކަރުނައެއް ނައެވެ. އެއަށްވުރެ ބޮޑަށް އަހަރެން ހުރީ ހިތްހަމަޖެހިފައެވެ. އުފާ ވެފައެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ އަހަރެން ނޫރާއަށް ގުޅީމެވެ. އޭރު ވެސް އަހަރެންގެ ތުންފަތްމަތީގައި ހިނިތުންވުން ވިދަމުންދެއެވެ.

" އަޅެ އަހަރެން ބޭނުން މާލެ ދާން." އަހަންނަށް ބުނެވުނީ ޝަކުވާގެ ރާގުގައެވެ.

ނޫރާ ޖަހާލީ ލާނެތް ހިނިގަނޑެކެވެ.

" ކަލޭ ހަމަ ހުސެން ސަލާމަތްވާތީ އެ ސޮރު ހޯދަން ވެގެން އަންނަން ތި އުޅެނީ." ނޫރާ ބުންޏެވެ.

" އާނ. ދެން ކީއްކުރަންތަ މަ މިތާ އުޅެންވީ. ޒިޔާ ވެސް މިހާރު ޖަލަށް ލީމަ އަހަންނަށް ނުރައްކަލެއް ނެތެއްނު." އަހަރެން ބުނީމެވެ.

" އެކަމަކު މާލެ އަންނަންޏާ ވަރަށް ލާރި ވެސް ބޭނުންވާނެއެއްނު. މި ބުނީ ބަދަލު ވަންޏާ." ނޫރާގެ އަޑުގައި ހުރި ސީރިއަސްކަން އެނގި އަހަރެން ބާރަށް ހޭންފެށީމެވެ.

" މަ މީ މޮޔައެއްތަ؟ ލާރި ނެތިސް މާލެއަށް ހިޖުރަ ކުރާކަށް ނުވިސްނަމޭ. އަސްލު ހުސެން ސަލާމަތްވީމަ އޭނަ ހޯދަން ދާން ބޭނުން. އަހަރެންގެ އެއްވެސް އަތެއް އެކަމުގައި ނުވާ ވާހަކަ ބުނަން ބޭނުން. " އަހަރެން ބުނީމެވެ.

" އޭރުން؟ ހުސެން ގަބޫލު ކުރާނެތަ؟ ހުސެންގެ ވައިފްއަށް ވެސް މިހާރު ހުރިހާ އެއްޗެއް އެނގޭނެއެއްނު. އަދި ކުށް ސާބިތު ނުވިޔަސް ހުސެން ތި ގެއަށް ދިޔައީ ކީއްކުރަންތޯ ވެސް އޭނަ ވައިފް ބަލާނެ އެއްނު. " ނޫރާގެ ވާހަކަތަކުން އަހަރެން ބޮލަށް އުނދަގޫވާން ފެށިއެވެ.

" އަހަރެން ބޭނުމެއް ނޫން ތިކަމާ ވިސްނާކަށް. އަހަރެންގެ ހަމައެކަނި މަޤްޞަދަކީ ހުސެންއަށް ހުރިހާ އެއްޗެއް އޮޅުން ފިލުވައިދިނުން. މިއަދު ކަންނޭނގެ އޭނަ ޖަލުން މިނިވަން ކުރާނީ. އަޅެ ޕްލީޒް ނޫރް. އަހަންނަށް ހެލްޕެއް ދީބަ. އަހަރެން މި ހުންނަނީ ހަމަ ހުސެން ދެކިލާހިތުން ކެތްމަދުވެފައޭ." އަހަރެން ބުނީމެވެ.

" ހެލްޕް ދޭނަމޭ. މަޑުކޮއްބަަ! ޒިޔާދު ކައިރިން ވަރިވާން ހިޔާލެއް ނުކުރަންތަ؟" ނޫރާ އަނެއްކާ ވެސް އަހަރެންގެ ބޯ މައްޗަށް ބޮޑު ގަލެއް ވައްޓާލި ކަހަލައެވެ.

" ޕިސްޕިސް. މަގޭ އެހާ ހިތްހަމަޖެހިގެން ގުޅީމަ މީނަ އެކި ގޮތްގޮތުން މަގޭ ބޯ ހަލާކު ކުރަނިއްޔޭ ހަމަ. ތި ކަމަކަށް ވެސް ނުވިސްނަން. އަހަންނަށް ހެޔޮ އޭނަ ަ ވަރިކުރިޔަސް ނުކުރިޔަސް. ތިއީ އަދި މާ ފަހުގެ ކަމެއް. އިހަށް ފުރަތަމަ މަށާ ހުސެން، މީޓް ކޮއްދީބަ." އަހަރެން ބުނެލީ އާދޭހުގެ ރާގަކަށެވެ.

" މަށަށް ކޮއްދެވޭނެ ކަމަކީ ޔޫ އާ ލިލީ މާލެ ގެނެސްދިނުން. އެކަމަކު ހުސެން އުޅޭ ތަނެއް ކިހިނެއް އަހަރެން ހޯދާނީ؟ " ނޫރާ ބުންޏެވެ.

" މަށާއެކީ އޭނަ އުޅުނު ގެ ކައިިރިން މުގޯލި ކަނޑާނީ. ގައިމު ވެސް ކޮންމެވެސް އެއް ދުވަހަކުން ދިމާވާނެއެއްނު." އަހަރެން އުއްމީދާއެކު ބުނީމެވެ.

" މަގޭ ހަމަ އަޖައިބުވެއްޖެ ތައިބާގެ ތި ވިސްނުން ހުރި ގޮތުން. އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ގޮޅީގައި އިންނައިރު އެ ތަނަށް ކުލި ދައްކަނީ ކިހިނެއްތަ؟ ހިޒް ވައިފް މިހާރު އެތާނު ނޫޅޭނެ. މަށަށް ހަމަ ޔަގީން. " ނޫރާ ބުންޏެވެ.

" ދެން އެކަމަކު މުޅި މާލެ ބަލައިގެން ވެސް އަހަރެން ބޭނުމޭ ހުސެން ހޯދަން. އެހެން ނޫނީ އަހަންނަށް ހަމަޖެހުމެއް ނުލިބޭނެ." އަހަރެން އެހެން ބުނުމާއެކު ނޫރާ އަނެއްކާ ވެސް ހޭން ފެށިއެވެ.

" އޯކޭ އޯކޭ. ތައްޔާރުވޭ އަންނަން. މަ އަބަދުވެސް ތައިބާއަށް އެހީތެރިވާނަން." ނޫރާ އަހަންނަށް އުއްމީދެއް ދިނެވެ.

( ނުނިމޭ )

(ނިމުނީ)