ހއ. ދިއްދޫގައި އިއްޔެ ހުޅުވި އިސްލާމީ މަރުކަޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިއްދޫ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހަދިޔާ އަދި އިނާމުކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ.
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވިގެންދިޔުމާއި ގުޅިގެން ދިއްދޫގައި ހުންނަަވައި ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ލަތީފް ވިދާޅުވީ، ދިއްދޫ އިސްލާމީ މަރުކަޒަކީ، ދިއްދޫ އާއި މުޅި ހއ.އަތޮޅު އަދި މުޅި ޤައުމުގެ ރައްޔިތުންނަށް ވެސް ލިބިދިން ދީނީ އަދި ޢިލްމީ ކުރިއެރުމެއް ކަމަށެވެ.
އިސްލާމީ މަރުކަޒު ހުޅުވިގެން ދިޔުމަކީ ދިއްދޫގެ ރައްޔިތުން ވަރަށް ގިނަ ދުވަސް ވަންދެން ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުން ކަމަށް ވެސް ލަތީފް ވަނީ ވިދާޅުވެފައެވެ.
''ދިއްދޫ ލޮބުވެތި ރައްޔިތުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި އިންތިޒާރެއްގެ ނިމުމަކަށް މިއައީ، އަޅުގަނޑުމެން އުންމީދުކުރަން އަޅުގަނޑުމެން އުފާކުރަން މިއަދުގެ ސަރުކާރުން، ރައީސް ޑރ. މުޙަައްމަދު މުޢިއްޒުގެ ޒައާމަތުގައި ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހަދިޔާ އެންމެ ބޮޑު އިނާމު ލިބިގެންދިޔައީ މިއަދު އިސްލާމީ މަރުކަޒެއް ހުޅުވިގެން ދިޔައީމަ،'' ލަތީފް ވިދާޅުވެފަވެއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ އެދުމަކީ އެ މަރުކަޒު ވީހާވެސް އަވަހަކަށް ހުޅުވި ތަނުގެ ބޭނުން ކުރެވިގެން ދިޔުންކަމަށެވެ. އަދި މި އިސްލާމީ މަރުކަޒަކީ ހަމައެކަނި ނަމާދުކުރަން ހުރި ތަނެއްނޫން ކަމަށާއި، އެތަނަކީ ޢިލްމީ ވަރަށްގިނަކަންކަން ބޭނުންތައް ކުރެވޭނެތަނެއްކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.
ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު އިއްޔެ (28 ނޮވެމްބަރު 2025) ހުޅުވާފައިވާއިރު، އެތަން ބަލަހައްޓަން މިއަދު ވަނީ ދިއްދޫ ކައުންސިލާއި ހަވާލުކޮށްފައެވެ. އަދި އިސްލާމީ މަރުކަޒުގެ ތެރޭހުރި އިސްލާމީ ކުތުބުޚާނާއާއި، ގުރުއާނާބެހޭ މަރުކަޒުގެ ސެންޓަރު އިއްޔެ ވަނީ ހުޅުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!