ސަރުކާރުގެ މަޝްރޫއުތަކަށް ލޯނު ދޫކުރަމުން ދަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި، ބޭންކާ ގުޅޭގޮތުން ފެތުރެމުންދާ ހަގީގަތާ ޚިލާފު ވާހަކަތަކަކީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި ފަތުރާ ވާހަކަތަކެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފިއެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު މިއަދު ވިދާޅުވީ، ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކުން ފައިނޭންސް ދޫކުރަނީ ބޭންކިންގ ގާނޫނާ ޚިލާފަށް ކަމަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، އަދި ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކައެއް ނޫން ކަމަށެވެ.

Ad
rt

ބޭންކުން ހާމަކުރި ގޮތުގައި، މިހާރުވެސް އަދި ކުރިޔަށް އޮތްތާގައި ލޯނު ދޫކުރަމުން ދާނީވެސް ދިވެހިރާއްޖޭގެ ބޭންކިންގ ގާނޫނާއި ގަވާއިދުތަކާ އަދި ބައިނަލްއަގުވާމީ މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށެވެ. މި ނިންމުންތައް ނިންމަނީ މިނިވަންކަމާއެކު ބޭންކުގެ ބޯޑުން ކަމަށް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

ބީއެމްއެލްއިން ވަނީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ހަގީގަތާ ޚިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ސިފަކޮށްފައެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.