ކުރީގެ އަދަދާއި ގުޅޭ:

"ޒިޔާދު ބޭނުން ދަރަޖައަކަށް އަަހަރެންދެކެ ރުޅި އާދެވިދާނެ. އެކަމަކު ހުސެންގެ ބޮލުގައި އެކަން އަޅުވާފައި އޭނަ ތި ފުލުހުންނާ ހަވާލު ކުރީ ކީއްވެ؟ އަހަރެންގެ އަތުން މަސްތުވާތަކެތި ގެނެސް މި ގެއަށް ވެއްދޭ އިރު އަހަންނަށް އެއީ ކޮންއެއްޗެއްކަން ވެސް ނޭނގެ. އެއީތަ ޒިޔާދު ތި ކުރާ މަސައްކަތަކީ؟ އެއީތަ ޒިޔާދުގެ ބޮސް ހަވާލުކުރާ ކަންތައްތައް؟" އަހަރެން ކިޔާލީ ބާރަށެވެ.

Ad
rt

ޒިޔާދު ހުސެންއަށް އެހެން ހެދުމުން ހުސެން އަހަރެންދެކެ އިންތިހާއަށް ރުޅި އައިކަން އަހަންނަށް އެނގެއެވެ. އަހަރެން ދެރަވީ ހުސެންއަށް އެވަރުގެ ބޮޑު ގެއްލުމެއް ލިބުނީތީއެވެ. އަހަރެންގެ ސަބަބުން ހުސެންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހޭނެތީއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ހުސެންއާމެދު ކަންތައްވާނީ ކިހިނެއްކަން ނޭނގޭތީއެވެ.

" ތި ދައްކަނީ މުޅިން ބޭކާރު ވާހަކަ. ރަނެއް ކަހަލަ ގަނޑުވަރެއް ގަނެދީފައި މި ތަނަށް ވެއްދީމަ، މި ގެއަށް އަހަރެން ވަނުމުގެ ކުރިން ތި ވެއްދީ ހިލޭފިރިހެނަކު. އަހަރެންގެ ތަންމަތީގައި ތި ނިންދެވީ ހިލޭ މީހެއް. ތިއީ ހާދަ ގޮތެއްފޮތެއް ނެތް އަންހެނެކޭ." ޒިޔާދު ބުނީ ބާރަށެވެ.

" ޒިޔާދު ތި ހީކުރާ ކަހަލަ ގުޅުމެއް ނޯންނާނެ. " އަހަރެން ބުނީމެވެ.

އެ ވަގުތު ނުވެސް ވިސްނާ ހުއްޓާ، ޒިޔާދު އަހަރެންގެ ކޯތާފަތްމަތީ ވިހެލިއެވެ. ވީ ތަދުން އަހަންނަށް ތިރި ވެވުނީ މޫނުގައި އަތް އަޅައިގެން ހުރެއެވެ.

" ގުޅުމެއް ނޯންނާނެޔޭ! ތައިބާ ހީކުރީ ތި ދައްކާ ވާހަކަ އަހަރެން ގަބޫލު ކުރާނެ ކަމަށްތަ؟ ދުވަހަކުވެސް އަހަރެން ކަލެޔާ މެދު މި ކަހަލަ އުއްމީދެއް ނުކުރަން." ޒިޔާދު އެހެން ބުނީ މުށިތައްމަތީ އިށީންނަމުންނެވެ.

ނުރުހުންވެ އިނދެ އަހަރެން އޭނާއަށް ބަލައިލި އިރު ވެސް މޫނުމަތިން ދިލަ ނުފިލައެވެ.

" ކީއްވެ އުއްމީދު ނުކުރަންވީ؟ ޒިޔާދު އަހަންނާމެދު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، ޒިޔާދު ހީކުރީ އަހަރެންގެ ހިތް ހަމަ އޭގެ މަގާމުގައި އޮންނާނެ ކަމަށްތަ؟ ޒިޔާދު ތިހެން ވިސްނައިގެން ވެސް ނުވާނެއެއްނު. " އަހަރެން ވެސް މި ފަހަރު ވާހަކަ ދެއްކީ ބާރަށެވެ.

" އަހަރެން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، ކަލެއަކަށް ނުޖެހޭނެ މީހަކާ ހިތާ ވާކަށް." ޒިޔާދު ބުންޏެވެ.

" އަދިވެސް އެއްޗެއް ވިސްނޭކަށް ނޫޅޭތަ؟ " އަހަރެން އެހެން ބުނުމާއެކު ޒިޔާދު އިތުރަށް ރުޅި ގަދަވެގެން ދިޔައެވެ.

" މަ ނޫޅެން އެއްޗެއް ނުވިސްނިގެންނެއް. ބުނޭ! ކާކު އެއީ؟ މަ ވަރަށް ދަންނަ މީހަކާ ވައްތަރު. ކޮންމެވެސް ތާކުން އަހަރެން އަހަރެން އޭނަ ދެކޭ ހަނދާނެއް ވޭ." ހަނދާން ކުރާ ކަހަލަ ގޮތަކަށް ޒިޔާދު ބުންޏެވެ.

ޒިޔާދު އެ އުޅެނީ މަޖިލިސް ޖަލްސާތަކުން ހުސެން ފެންނަ ހަނދާންވެގެންކަން އަހަންނަށް އެނގުނެވެ. ނަމަވެސް އޭނާއަށް ހުސެންގެ އެއްވެސް މައުލޫމާތެއް ދޭކަށް އަހަރެން ބޭނުމެއް ނޫނެވެ.

" ކޮންތާކުން، ކިހިނެއް ހިތާވީ؟" ޒިޔާދު ބުނެލީ މަލާމާތުގެ ރާގަކަށެވެ.

" ޒިޔާދު ކައިރީ އެއްވެސް އެއްޗެއް ބުނުމުގެ އެއްވެސް މާނައެއް ނެތް." އަހަރެން އެހެން ބުނެ ތެދުވީމެވެ.

ނަމަވެސް ޒިޔާދު އަހަރެންގެ އަތުގައި ހިފާ، ހުއްޓުވީ އެއަށްވުރެ މާ ރުޅިގަދަވެ ހުރެއެވެ.

" ކީއްވެ ނުބުނަން ތި އުޅެނީ؟" ޒިޔާދު އެހިއެވެ.

" އެއީ އަހަރެން ދެން ޒިޔާދުއާ އެކު އުޅޭކަށް ބޭނުމެއް ނޫން. މިއޮއްހާ ދުވަހު ނޭނގުމެއްގެ ތެރޭގައި އަހަރެން ބަހައްޓައިގެން ބޮސްއާ ގުޅިގެން ތި ކުރާ ކަންތައްތައް ވަކި ރަނގަޅުތަ؟ ކުށެއް ނެތް މީހެއްގެ ބޮލުގައި އިލްޒާމެއް އަޅުވައިގެން އޭނަ ތި ބަދުނާމު ކޮއްލީ ކީއްވެ؟ " އަހަރެން ބުނީމެވެ. އެއާއެކު އަހަންނަށް ރޮވެން ފެށިއެވެ. އަހަރެން ހިތްދަތިވީ ޒިޔާދުއަށް އަހަރެންގެ ސިއްރު ފަޟީޙަތްވެގެންނެއް ނޫނެވެ. އަދިވެސް އަހަރެންގެ ހިތް ރޮމުންދަނީ ހުސެންއާމެދު ކަންތައް ވީ ގޮތުންނެވެ. ހަގީގަތަކީ ކޮބައިގެން ހުސެންއަށް ވެސް އޮޅިފައި އޮތުމުންނެވެ.

" ބޭނުމެއް ނޫނޭ އުޅޭކަށް؟" ޒިޔާދު ބުންޏެވެ.

" އާނ! ބޭނުމެއް ނޫން. އެއް ގޮތަކަށް ވެސް ބޭނުމެއް ނޫން. އަހަރެން މިހާރު ޒިޔާދުދެކެ ކުޑަކޮށް ވެސް ލޯތްބެއް ނުވެ. އަހަންނަށް މިހާރު ތިއީ ހަމައެކަނި ލިލީގެ ބައްޕަ!" އަހަރެން ބުނީމެވެ.

އެ ވަގުތު ޒިޔާދު ފުންމައިގެން ތެދުވެ އަހަރެންގެ ދެ ކޮނޑުގައި ހިފާ ދުރަށް ކޮއްޕާލިއެވެ. އޭނާގެ ރުޅިވެރި މޫނު ފެނި، އަހަރެން އިންތިހާއަށް ބިރުގަތެވެ.

" ހުންނަ ހަޔާތްކުޑަކަން. ކަލެއަށް ހާދަ ބޮޑު ބާރެކޭ ދޯ ލިބިގެން ތި އުޅެނީ؟ ހީކުރީތަ އެހާ ފަސޭހައިން މަގޭ ކައިރިން ސަލާމަތް ވެވޭނެކަމަށް. ތައިބާގެ ލޯބިވެރިޔާއަކަށް ދެން ސަލާމަތެއް ވެސް ނުވެވޭނެ. މިއަދު އޭނަ މިތާ ނެތްނަމަ ގޮޅިއަށް ދާން ޖެހޭނީ އަހަރެން ދޯ." މަލާމާތުގެ ރާގަކަށް ޒިޔާދު ބުންޏެވެ.

" އޭނަ ސަލާމަތް ކުރާނީ އަހަރެން. އަހަރެން ހެކިބަސް ދޭނަން." މަޑުމަޑުން އަހަރެން ބުނީމެވެ.

" އާޗާ! އެހެންތަ؟ ކަލޭގެ ހެކިބަސް ގަބޫލެއް ވެސް ނުކުރާނެ. އެހެން ނޫނަސް، އަހަރެން މި އުޅެނީ ބޮސްއާއެކު ރާއްޖެއިން ބޭރަށް ބަދަލުވާން ވެގެން. މަ ދާނީ ކަލެޔާ ލިލީ ވެސް ގޮވައިގެން. ޗީޓް ކުރީމަ އެކަމުގެ އަދަބަކަށް ވެސް އަހަރެން ކަލޭ ވަރިއެއް ނުކުރާނަން. ތަޅުވަން ހަމަ ގެންގުޅޭނީ. ލޯތްބެއް ވެސް ނުދޭނަން. އުފަލެއް ވެސް ނުދޭނަން. އަދި ވަރިވިޔަކަވެސް ނުދޭނަން." ޒިޔާދު އެހެން ބުނެ އެ ކޮޓަރި ތެރެއިން ނިކުމެއްޖެއެވެ.

ޒިޔާދު އެހެން ބުންޏަސް އަހަންނަށް އަދިވެސް އޭނާ ދެއްކި ވާހަކަތަކަށް ދެވުނީ ބީރު ކަންފަތެކެވެ. އަހަރެން ހުރީ އޭރު ވެސް ހުސެންއާމެދު އިންތިހާއަށް ކަންބޮޑުވެފައެވެ. ޒިޔާދު ކައިރީ ކިތަންމެ އާދޭހެއް ކުރިޔަސް އޭނާ، ހުސެންގެ ކުށެއް ނެތްކަން ސާބިތުކޮށެއް ނުދޭނެއެވެ. މަޑުމަޑުން ގޮސް އެނދުގައި އިށީނދެވުނު އިރު، އަހަރެންގެ ވިސްނުންތައް ގުޅިލާމެހުނީ ހުސެން އަހަރެންގާތު ދައްކާފައި ހުރި ވާހަކަތަކަށެވެ. އޭނާއަށް އެ ދިރިއުޅުން މުހިއްމު ވާހަކައެވެ. ދަރިންދެކެ އިންތިހާއަށް ލޯބިވާ ވާހަކައެވެ. ހުސެންއަކީ ރާއްޖޭގެ ގިނަ ބަޔަކު ދަންނަ މީހެއް ކަމުން، އޭނާގެ އަބުރާއި އިއްޒަތަށް ވެސް އޭނާ ވިސްނާކަމެވެ. ހަޑި، ގޯސް އަޑެއް އަރަން އޭނާ ދުވަހަކު ވެސް ބޭނުން ނުވާ ކަމެވެ.

ހުސެންއާ އަހަރެންގެ ލޯބީގެ ބިންގާ ފުނޑުފުނޑުވީކަން އަހަންނަށް އެނގުނެވެ. އަހަންނަށް މި ފަހި ކޮށްދެވުނީ އޭނާ އަހަންނަށް ނަފްރަތު ކުރާނެ ޖާގައެވެ.ހަގީގަތް ހުސެންއަށް އަންގައިދެވޭނެ އެއްވެސް ގޮތެއް އަހަންނަކަށް ނެތެވެ. ދެ އަތުން ބޮލުގައި ހިފަހައްޓައިގެން އިނދެ އަހަރެން ވިސްނަމުން ދިޔަ ވަރަކަށް ލޮލަށް ޖަމާވަމުން ދަނީ ކަރުނައެވެ.

" ފޮއްޓަށް އެއްޗެހި އަޅާ ތައްޔާރުވޭ ފުރަން." ޒިޔާދުގެ އަޑުން އަހަރެން ދިޔައީ ސިހިގެންނެވެ.

" ކޮން.. ކޮންތާކަށް؟ އަހަރެން ނުދާނަން." އަހަރެން ބުނީމެވެ.

އެއާއެކު ބޮޑު ފިޔަވަޅުތަކެއްގައި އައިސް ޒިޔާދު ހިފީ އަހަރެންގެ އަނގަމަތީގައެވެ. ވީ ތަދުން ހަޅޭއްލަވައި ގަތް އިރު ވެސް ޒިޔާދު އަހަރެންގެ ދެ ކޮލުން ދުލެއް ނުކުރިއެވެ.

" މަގޭ މޫނުމަތީ ވައްވަކެއް ނުޖެއްސޭނެ އިނގޭ. އަހަރެން ބުނާ ގޮތް ނަހަދަންޏާ ދެން ކުރާނީ އަނިޔާ. މަށަށް ވެސް ތިއީ އެއްވެސް މީހެއް ނޫނޭ." ޒިޔާދު ބުންޏެވެ.

އޭނާ އަހަރެންގެ އަނގަމަތިން ދޫކޮއްލުމާއެކު އަހަރެން ކޮޅަށް ތެދުވީމެވެ. އަނގައިން ބުނަން ވެސް އަހަންނަށް ހުރީ އޭރު އުނދަގޫވެފައެވެ.

" އަހަރެން މި އަންނަނީ ބޮސް ކައިރިއަށް ގޮސް. އަންނަން ވާއިރަށް ބޭނުންވާ އެއްޗެހި ފޮއްޓަށް އަޅާތި. ފަތިހު ފުރާ ފްލައިޓުން ދާން ވެގެން." ޒިޔާދު އެހެން ބުނެ، ދޮރާ ދިމާލަށް ހިނގައިގަތެވެ. އޭނާ ގެއިން ނިކުމެގެން ދިޔަކަން ޔަގީން ވުމާއެކު އަހަރެން ގޮސް ބެލްކަނިން ބޭރު ބަލައިލީމެވެ. އޭރު މީހެއްގެ ސައިކަލް ފަހަތަށް އަރައިގެން ޒިޔާދު ނައްޓާލަނީއެވެ.

އަވަސްވެފައިވާ ހިތަކައިގެން އަހަރެން ފޮށި ނަގައި އަހަންނާ ލިލީގެ ބައެއް ސާމާނު އަޅަން ފެށީމެވެ. ދެ އަތާއި ދެ ފައި ވެސް ބާރުބާރަށް ތުރުތުރުލަމުން ދެއެވެ. އަތުގައި އެއްޗެއް ހަރުލަނީއެއް ވެސް ނޫނެވެ. އޭރު އަހަރެންގެ މުޅި ހަށިގަނޑު ވެސް ބިރުން ރޫރޫ އަޅަމުން ދެއެވެ. ޒިޔާދުގެ ވަކިތަކުން މިންޖުވާން އަހަރެން ހުރީ އިންތިހާއަށް ބޭނުންވެފައެވެ. މި ކުޑަ ހިނދުކޮޅަކީ މާތްﷲ އަހަންނަށް ދެއްވި ވަރަށް ބޮޑު ފުރުޞަތެކޭ ހީވިއެވެ.

ނިދާފައި އޮއްވާ ލިލީ ނަގައި ކޮނޑުމައްޗަށް ލުމާއެކު ލިލީ ހޭލައިފިއެވެ.

" ދޫނި.. ނުރޮއްޗޭ އިނގޭ... އަވަހަށް ހިނގާ މަންމިއާ އެކު ދާން. " ލިލީގެ އަތުގައި ހިފައިގެން އަހަރެން ހިނގައިގަތީ ފޮށި ދަަމަމުންނެވެ. އޭރު ވެސް މޭގަނޑު ބާރަށް ތެޅެމުންދެއެވެ. ނޭވާލާން ވެސް އަހަންނަށް ހުރެވުނީ އުނދަގޫ ވެފައެވެ. ޒިޔާދުއަށް ނުފެނި ދެވޭނެބާވައޭ ވެސް އަހަރެންގެ ހިތަށް އެރިއެވެ.

" މަންމި ކޮންތާކަށް ދަނީ؟" ތުއްތު ދަރިފުޅު ސުވާލު ކުރުމާއެކު އަހަރެން ގަދަކަމުން ހީލީމެވެ.

އޭރު ވެސް ލިލީގެ މޫނުމަތީގައި ހުރީ ނިދީގެ އަސަރެވެ.

( ނުނިމޭ )

(ނިމުނީ)