އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބަޖެޓުގެ ޖުމްލައަކީ، 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ. މި ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ، މާލީ ވަޒީރު މޫސާ ޒަމީރެވެ.

Ad
rt

މި ބަޖެޓު ހުށަހެޅުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު މީސްމީޑިއާގައި ވިދާޅުވީ، މިއީ ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް ކަމަށެވެ.

''ސަރުކާރުން މިއަންނަ އަހަރަށް ލަފާކޮށް މިއަދު ހުށައެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާނުލާ 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ'' ރައީސް ވިދާޅުވެފައެވެ.

2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ބައެއް އުސްއަލިތައް

  • 2026 ވަނަ އަހަރުގެ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާ، މި ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ، (މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެއް)،
  • 2023 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވް ހުރީ 591 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށަށް ގޮސްފައި، ޔޫޒަބަލް ރިޒާވް 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށުގައި،
  • މި ހިނގާ އަހަރުގެ ފުރަތަމަ 40 ހަފުތާގައި ވިދިވިދިގެން ސާޕްލަސްގައި ސަރުކާރު ހިންގާފައިވޭ،
  • ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު އެބަހުރި،
  • ޔޫޒަބަލް ރިޒާވްގެ ގޮތުގައި 200 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް އަންދާޒާކުރެވޭ،
  • ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދަށް ގެނެވިފައިވާ ބަދަލުތަކާއި އިގުތިޞާދީ ކުރިއެރުމާއެކު 2025 ވަނަ އަހަރު ރަސްމީ ރިޒާވް 848.6 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ބެލެވޭ.
  • 2026 ވަނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭ.
  • 2026 ވަނަ އަހަރު އިގުތިޞާދީ ދުވެލި 5.3 ޕަސެންޓު ކުރިއަރާނެކަމަށް އަންދާޒާކުރެވޭ.
  • 2026 ވަނަ އަހަރާއި 2028 ވަނަ އަހަރާދެމެދު ރާއްޖޭގެ އިގުތިޞާދީ ކުރިއެރުން އެވަރެޖްކޮށް ހުންނާނެކަމަށް އަންދާޒާކުރެވެނީ 4.9 ޕަސެންޓުގައި.
  • 2026 ވަނަ އަހަރާއި މެދުރާސްތާގައި ހިނގާނެކަމަށް ބެލެވޭ ޚަރަދަށް ބިނާކޮށް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާ އެވަރެޖްކޮށް އަހަރަކު 31. ޕަސެންޓުން ކުރިއަރާނެކަމަށް އަންދާޒާކުރެވޭ،
  • 2026 ވަނަ އަހަރަކީ ނިމިދިޔަ ސަރުކާރުތަކުން އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމުލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުގެ މައްޗަށް އުފައްދާފައިވާ އަހަރު.