ކުރީގެ އަދަދާއި ގުޅޭ:

" ވައިފް އެ ގުޅަނީ." އޭނާ ބުންޏެވެ.

Ad
rt

އެ ވަގުތު އަހަންނަށް ދެ ފަރާތަށް ބޯ ހޫރާލެވުނީ ނުދާށޭ ބުނާ ކަހަލަ ގޮތަކަށެވެ. ފޯނު ޖީބަށް ލަމުން ހުސެން އަހަންނަށް ބަލައިލިއެވެ. އޭރު ވެސް އާދޭހުގެ ނަޒަރަކުން އަހަންނަށް ހުރެވުނީ ހުސެންއަށް ބަލަހައްޓައިގެންނެވެ.

" ދަނީ އިނގޭ." ހުސެން އެހެން ބުނުމާއެކު އަހަރެން އޭނާގެ ގައިގައި ހިފެހެއްޓީމެވެ.

" އަދިވެސް އެބަ ގުޅާ." ހުސެން ބުންޏެވެ.

އަހަރެންގެ އަތް އޭނާގެ ގައިން ނައްޓުވާލަމުން ހުސެން އަހަންނަށް ބަލައިލިއެވެ. އޭނާއާ ހަތަރުކަޅި ހަމަވި ވަގުތު އަހަރެންގެ އިހްސާސްތައް ކޮންޓްރޯލުން ނެއްޓި ކަހަލައެވެ. ނަމަވެސް ކެތްތެރިކަމާއެކު އަހަރެން ހިމޭންވީމެވެ.

" ޔޫ ގެއަށް ދިޔަޔަސް އަޅާނުލާއިރު، ކީއްކުރަން އެ ގުޅަނީ؟" ބޭއިހްތިޔާރުގައި އަހަންނަށް ބުނެވުނެވެ.

އަހަރެންގެ ޖުމްލަ އިވިފައި ހުސެން ދެ ވަނަ ފަހަރަށް އަހަންނަށް ބަލައިލިއެވެ.

" ގެއްލިދާނެތީ އޭނަ ވެސް ބިރުގަންނާނެ އެއްނު. ފިރިމީހާ ވީމަ." ހުސެން އެހެން ބުނުމަށްފަހު ތަޅުގައި ހިފިއެވެ.

" ގެއްލިދާނެތީ ބިރު ހީވަންޏާ، ގޭތެރެއިން ފިރިމީހާއަށް ލޯތްބާއި އަޅާލުން ދޭށޭ ބުނެބަ." އަހަރެން ހިންދިރުވާލީމެވެ.

އޭރު ހުސެން ހުރީ ހިނިއައިސް އަހަންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. ހުސެން ނިކުތުމާއެކު އަހަރެން ގޮސް ކޮޓަރިއަށް ވަދެ، އަވަސް އަވަހަށް ލިލީ ކައިރީ އޮށޯތީމެވެ. އޭރު އަހަރެންގެ ދެ ލޮލުގައި ހިފަހައްޓާފައި ހުރި ކަރުނަތައް ފައިބަން ފަށައިފިއެވެ. ބާލީހުގައި މޫނު ޖައްސައިގެން އޮވެ އަހަރެން ހިތްހަމަ ޖެހެންދެން ރުއީމެވެ. ކަރުނަޔާއެކު ހިތުގައި ފުނިޖެހެމުންދިޔަ ޝަކުވާތައް ވެސް ބަންޑުންވަމުން ދެއެވެ. ހުސެންދެކެ މިހާ ވަރަށް ލޯބިވެވުނުކަން ހުދު އަހަންނަކަށް ވެސް ނޭނގެއެވެ.

ހުސެން އަހަރެންގެ ކައިރީގައި ހުންނަ ކޮންމެ ހިނދަކު، އަހަރެންގެ ޖަޒްބާތުތަކުގައި އާ ކުލަތަކެއް ޖެހެއެވެ. އޭނާ އަހަރެންގެ ހިތުން ޖާގަ ހޯދީ ހާދަ އަވަހަކަށެވެ. އުފަލާއެކު ހިނިތުންވަމުން އަހަރެންގެ ހިތް އޭނާއަށް ހިބަ ކުރީ އަދި އެއަށް ވުރެން އަވަހަށެވެ. އެކަމަކު ދުވަހަކުވެސް އަހަންނަށް ހުސެން ލިބޭނެ ހެއްޔެވެ؟ މިރޭ ހުސެން ދެއްކި ވާހަކަތައް އަދިވެސް އަހަރެންގެ ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ. ދަރިންނަށްޓަކައި އޭނާ ކެތްތެރިވާ މިންވަރު އަހަންނަށް އިހްސާސް ކުރެވުނެވެ. ދުވަހަކުވެސް އަހަންނަށް އޭނާ ނުލިބޭނެކަމުގެ ސިގްނަލެއް ވެސް މިރޭ ހުސެންގެ ވާހަކަތަކުން އަހަންނަށް ލިބުނެވެ. އެކަމަކު ހުސެންދެކެ ލޯބިވެވުމާއެކު އޭނާގެ މީހަކަށް ވުމަށް އަހަރެންގެ ހިތް ބޭނުންވިއެވެ. ނަމަވެސް ހުސެންގެ ވިސްނުން އަހަންނާ މުޅިން ތަފާތެވެ.

ދެ އަތުން މޫނު ފުހެމުން ގޮސް އަހަރެން ފާހާނާއަށް ވަނީމެވެ. އޭރު މުޅި މޫނު ހުރީ ރަތްވެ، ދުޅަވެފައެވެ. މަޑުމަޑުން މޫނު ދޮވެލުމަށްފަހު އަހަންނަށް ލޯގަނޑަށް ބަލައިލެވުނެވެ. އެއާއެކު އަނެއްކާ ވެސް އަހަންނަށް ރޮވެން ފެށިއެވެ.

" ލޯބި ނުވެވުނު ނަމަ... މި ހިތާމަ ކުރާކަށް ނުޖެހުނީހެއްނު. ކުރިން އުޅުނުހެން ޒިޔާދުގެ ކަންތައްތަކަށް ރުހިގެން ހަމަ އުޅެވުނީހެއްނު." އަހަންނަށް ބުނެވުނެވެ.

ދެ ވަނަ ފަހަރަށް މޫނު ދޮވެލުމަށްފަހު އަހަރެން އަވަސް އަވަހަށް ނިކުތީމެވެ. އޭރު ވެސް ހިތުގައި އުފެދެމުންދިޔަ ރިހުމަކަށް ބަދަލެއް ނާދެއެވެ.

ކުއްލިއަކަށް އެނދުމަތީގައި އޮތް ފޯނު ދިއްލުނުތަން ފެނި ބާރުބާރަށް ގޮސް ފޯނު ނެގީމެވެ.

" މިސް ޔޫ." ހުސެންގެ މެސެޖް ކިޔާލުމާއެކު ބޭއިހްތިޔާރުގައި ހިނިތުން ވެވުނެވެ. ހިތުގެ ތަދާއި ވޭން އެއް ފަހަރުން ފިލައިގެން ދިޔަ ކަހަލައެވެ. މީގެ އިރުކޮޅެއް ކުރިން ރޯން އޮތް ހަނދާން ވެސް އަހަރެންގެ ނެތެވެ.

" އައި މިސް ޔޫ ޓޫ ޖާން." އަހަރެން އަވަސް އަވަހަށް ޓައިޕް ކުރީމެވެ.

" ސޮރީ." ހުސެން ބުންޏެވެ.

" ކީއްވެ ތިހެން ތި ބުނީ؟" އަހަރެން އެހީމެވެ.

" އެއީ... ހުރިހާ ކަމަކަށް. ތިހާ ބަސްއަހާ ކުއްޖަކު އަހަންނާހެދި ގޯސް މަގަކުން ދިޔައީމަ." ހުސެން ބުންޏެވެ.

އަހަރެން ކަންބޮޑުވިއެވެ. ހުސެން، އޭނާގެ އަމިއްލަ ނަފްސު ކުއްވެރި ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަދި އެކަމާ އޭނާ ކަންބޮޑުވެ ފިކުރު ކުރާކަށް ވެސް ނޭދެމެވެ.

" އޭ! ތިހެން ނުބުނެބަ! ޔޫ ކީއްވެ ތިހެން ތި ބުނަނީ؟ އަމިއްލައަށް ކުއްވެރި ނުވެބަލަ! އައި ދުވަހަކު ވެސް ޔޫ ކުއްވެރިއެއް ނުކުރާނަން." އަހަރެން މެސެޖް ފޮނުވާލީމެވެ.

" އެކަމަކު އައިއަށް ރިގްރެޓް ކުރެވިއްޖެޔޭ. މިރޭ ގޮސް އުޅެވުނު ގޮތުން ދެރަވެއްޖެ. ވައިފް ފެނުނީމަ ވެސް ދެރަވި. " ހުސެން ބުންޏެވެ.

އަހަންނަކަށް ކޮންޓްރޯލެއް ނުކުރެވުނެވެ. ގިސްލަގިސްލާފައި ރޮވެން ފެށުނެވެ. އެނދުގެ ހެޑް ބޯޑުގައި ބޯ ޖައްސާލައިގެން އިނދެ މެސެޖް ލިޔަން ފެށީމެވެ.

" އެހެންތަ؟ ދެން؟ ދުރުވީމަ ރަނގަޅުވާނީ. " ހިތާ ދެކޮޅަށް އަހަރެން ބުނީމެވެ.

" ނޫން. އެއްކޮށް ދުރުވާކަށް ބޭނުމެއް ނޫނޭ. ފްރެންޑްސްގެ ގޮތުގައި ހަމަ ތިބޭނީ ދެ މީހުން. " ހުސެން އެހެން ބުނުމާއެކު އަހަންނަށް ދެ ބުމަ ކައިރި ކޮއްލެވުނެވެ.

ހުސެންއަށް އެހެން ބުނެލަން އެ ފަސޭހަވަނީ އޭނާ އަހަރެންދެކެ ލޯބި ނުވާތީބާވައޭ ހިތަށް އެރިއެވެ. ފްރެންޑްސް ޒޯންގައި އަހަންނަށް، ހުސެން ބެހެއްޓޭނީ ކިހިނެއް ހެއްޔެވެ؟ އެއީ މިހާރު އަހަރެންގެ ހިތުގެ ފަރުވާއެވެ. ހިތުގައި ފަރުދާކުރެވިފައިވާ ލޯތްބެވެ.އަހަރެންގެ ހިނިތުންވުމުގެ އަސްލެވެ. ވީ އިރު ހުސެންއާމެދު އެކުވެރިއެއްގެ ގޮތުގައި އަހަރެން ދެކޭނީ ކިހިނެއް ހެއްޔެވެ؟ އެ ނަޒަރުން ދެކެން ވެއްޖެނަމަ އަހަރެން މޮޔަވެދާނެއެވެ.

" އޯކޭ " ތުން ފިއްތައިގެން އިނދެ އަހަރެން ބުނީމެވެ.

" ދެން އެހާ ގިނައިން ސްނެޕް ވެސް ނުކުރާނީ. މަދުމަދުން ވާހަކަ ދައްކާލާނީ." ހުސެން އަހަންނަށް ވިސްނައިދޭން ފެށިއެވެ.

" އެކަމަކު... ވަރަށް މިސްވާނެ." އަހަރެން ބުނީމެވެ.

" ޓްރައި ޓްރައި! ޓްރައި ކުރާނީ. އޭރުން ވާނެ." ހުސެންގެ މެސެޖް ކިޔުމަށްފަހު އަހަންނަށް ފޯނު ލޮކް ކޮއްލެވުނެވެ.

ޓްރައި ކުރިޔަސް އަހަންނަށް އެކަން ނުވާނެކަން އެނގުނެވެ. އަހަންނަކީ ހުސެންގެ ކޮންމެ މެސެޖެއްގެ ރިޕްލައި މިނެޓެއް ނުވަނީސް ފޮނުވާ މީހެކެވެ. އަހަރެން ކުރާ ހުރިހާ ކަމެއް އޭނާއަށް ސްނެޕް ކުރަމެވެ. އަހަރެން އުޅޭ ތަންތަނާއި ކުރާ ކަންކަން އޭނާ ކައިރީ ބުނަން އަހަރެން ހިތްހަމަޖެހެއެވެ. ސަބަބަކީ ހުސެންގެ ފަރާތުން ލިބޭ ޖަވާބާއި ޒިޔާދުގެ ޖަވާބު ތަފާތުވާތީއެވެ. ހުސެންގެ ވާހަކަ ހުންނާނީ އަބަދުވެސް އަހަރެން އުފާވާ ގޮތަށެވެ. އޭނާގެ ކޮންމެ މެސެޖަކުން އަހަރެންގެ މޫނަށް ހިނިތުންވުން ގެނެސްދެއެވެ. ހުސެންއަކީ ޒިޔާދު ފަދައިން "ކުށް ހޯދައިގެން އަހަރެން ކުއްވެރިކުރާ މީހެއް ނޫނެވެ.

ޖެހިގެން އައި ދުވަހެވެ. ލިލީއަށް ކިޔަވައިދޭން އިންދާ ޒިޔާދު ގުޅައިފިއެވެ. އޭނާގެ އަޑުގައި ހުރީ އުފާވެރިކަމުގެ އަސަރުތަކެވެ.

" އަހަރެން ދާނަން ދިހަ ވަނަ ދުވަހު." ޒިޔާދު ބުންޏެވެ.

އެ ވަގުތު އަހަންނަށް ތެޅި ގަނެވުނެވެ. ދިހަ ވަނަ ދުވަހަކީ ހުސެން ޓާކީއަށް ފުރަން ހަމަޖެހިފައި އޮތް ދުވަހެވެ. ގައިން ބާރު ދޫކޮށްލަމުން މޭޒުގައި ބޯ އަޅާލީމެވެ.

" ލިލީ ކައިރީ ބުނައްޗޭ." ޒިޔާދު ބުންޏެވެ.

އަހަރެން ހޫމް އަޅުވާލީމެވެ.

" ކޮބާ އެ ކޮތަޅު ނުބަލާ ބާއްވާތި އަހަރެން ދާން ދެން." ޒިޔާދު ބުންޏެވެ.

އަހަރެން އަނެއްކާ ވެސް އާނއެކޭ ބުނީމެވެ.

" އާނ. ބޭއްވީ އިނގޭ. ވަރަށް ބިޒީ." ޒިޔާދު ފޯނު ކަނޑާލި އިރު އޭނާގެ ޖުމްލަ ރަނގަޅަށް ފުރިހަމަ ވެސް ނުކުރެވެއެވެ. ބޯ ހިއްލާލަމުން އަހަރެން ފޯނަށް ބަލައިލީމެވެ. އެއީ އެންމެ މިނެޓެއްގެ ކޯލެކެވެ. ދުރުގައި ހުރި ސޯފާއަށް ފޯނު ހޫރާލަމުން އަހަރެން ލިލީއަށް ބަލައިލީމެވެ. އޭރު ވެސް އެ މަންޖެ އިނީ ކުލަޖައްސާށެވެ.

މިއަދު އަހަންނަށް ހީވަނީ ދުވަސް ވަރަށް ދިގު ވެއްޖެހެންނެވެ. ހުސެންއަށް މެސެޖެއް ކޮއްލަން އެތައް ފަހަރަކު ހިތަށް އެރިއެވެ. އެތައް ފަހަރަކު އޭނާގެ ޕްރޮފައިލް ފޮޓޯއަށް ބެލީމެވެ. ހުސެން ބުނީތީ ވެސް އަހަރެން މަސައްކަތް ކުރީ އޭނާއާ ވާހަކަ ނުދައްކާ މަޑު ކުރެވޭތޯއެވެ. ނަމަވެސް މުޅި ދުވަސް އަހަންނަށް ހީވީ، ހަށިގަނޑާއި ފުރާނަ ދެތަން ކޮއްފާނެހެންނެވެ. ކެތްކޮށްކޮށް އަހަރެން ވަރުބަލި ވެއްޖެއެވެ.

ހަވީރުވުމާއެކު ލިލީ ގޮވައިގެން އަހަރެން ދުއްވާލަން ނިކުތީ ހިތްހަމަ ޖައްސާލާށެވެ. ޕާކަށް ގޮސް ގޮނޑިއެއްގައި އަހަރެން އިށީނުމާއެކު ލިލީ ދުއްވައިގަތެވެ. އެ ވަގުތު ދަބަހުގައި އޮތް ފޯނަށް ސްނެޕެއް އައި އަޑަށް އަހަރެން އަވަސް އަވަހަށް ފޯނު ނަގައި ބަލައިލީމެވެ. ހުސެންގެ ނަން ފެނުމާއެކު ހިތް ތެޅިގަތެވެ. ޔަގީނެވެ. ހުސެން އަހަރެން މަތިން ހަނދާންވީއެވެ. ހެވިފައި އިނދެ އަހަރެން މެސެޖް ބަލައިލީމެވެ.

" ވަރަށް ރަނގަޅު. ގުޑް ޕްރޮގްރެސް. އަދި މިހާތަނަށް އެންމެ ގިނައިރު މެސެޖެއް ނުކޮށް ހުރި ދުވަސް މީ. އަދިވެސް ޓްރައި. ޓްރައި." ހުސެން ބުންޏެވެ.

ދެ ތުންފަތް ތެންމާލަމުން އަހަރެން ދަބަހަށް ފޯނު ކޮއްޕާލީމެވެ. އެއީ އަހަރެން އުއްމީދު ކުރި ކަހަލަ މެސެޖެއް ނޫނެވެ. އަހަރެން ހީކުރީ ހުސެން އަހަރެން މަތިން ހަނދާން ވެގެން އެ ވާހަކަ ބުނާނެ ކަމަށެވެ. ނަމަވެސް އަނެއްކާ ވެސް ހުސެން އެ އެދުނީ އޭނާއާ ދުރަށް ދާން މަސައްކަތް ކުރުމަށެވެ. އެއްޗެއް ނުބުނެ ނީނދެވުނެވެ. އަނެއްކާ ވެސް ފޯނު ނަގައި މެސެޖް ލިޔެލީމެވެ.

" އޯކޭ، އައިމް ޓްރައިން އޭ. ހުސެންއަށް އުނދަގުލެއް ނުކުރާނަމޭ. " އަހަރެން ބުނީމެވެ.

ހަގީގަތުގައި އަހަރެން އެހެން ބުނީ ވަރަށް ބޮޑަށް ދެރަވެގެންނެވެ. އޭނާ އަހަންނާ ދުރަށްދާން ބޭނުންވާ ވަރަކަށް އަހަރެން ބޭނުންވަނީ ހުސެންއާ ކައިރިވާށެވެ. އަހަރެންގެ ހިތް ދުވަހަކު ވެސް ހުސެންއާ ދުރުވާކަށް އެއްބަހެއް ނުވާނެއެވެ؛

" އުނދަގޫ ނުކުރާނަމޭ ނުބުނެބަ! އަހަންނަށް އުނދަގުލެއް ނުވާނެޔޭ. އޯކޭ! ކޮބާ ލިލީ؟ ތި ދެ ކުދިން އޯކޭތަ؟" ހުސެން އެހިއެވެ.

" ރަނގަޅު. ހުސެން އެންޑް ކިޑްސް ކިހިނެއް؟" އަހަރެން އެހީމެވެ.

" ރަނގަޅު ހަމަ. " ހުސެން ބުންޏެވެ.

އިތުރު މެސެޖެއް އޭނާ ކުރާނެކަމުގެ އުއްމީދުގައި އަހަރެން ފޯނަށް ބަލަހައްޓައިގެން އިނީމެވެ. އެހެން އިންނަތާ 15 މިނިޓް ވީ އިރު ވެސް ހުސެންގެ ހަބަރެއް ނުވިއެވެ. އޭރު ވެސް ކައިރީގައި ލިލީ ދުވެލަ ދުވެލަ އުޅެއެވެ. ލިލީއަށް ސަމާލުކަން ދީގެން އަހަރެން އިން އިރު ވެސް ސިކުނޑިއާއި ހިތް އޮތީ ހުސެންއާ އެކުއެވެ.

އަހަރެން ގޮވާލުމުން ލިލީ އައިސް އަހަރެންގެ ކުރިމަތީ ހުއްޓުނެވެ. ދަބަހުން ފެންފުޅި ނަގައި ލިލީ އަތަށް ދިއްކޮއްލުމާއެކު ލިލީ އަހަރެންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިތަން އަހަންނަށް ފެނުނެވެ.

" މަންމި ބަލީތަ؟" ލިލީ ބުންޏެވެ.ލިލީގެ އަޑަށް އަހަންނަށް އެ މައުސޫމް މޫނަށް ބަލައިލެވުނެވެ. އޭރު ވެސް ލިލީ ހުރީ އިސް އުފުލައިގެން އަހަންނަށް ބަލާށެވެ.

" ނޫން. މަންމި އޯކޭ." އަހަރެން ބުނީމެވެ.

އަހަންނަށް ކިރިޔާ ވެސް ބަދަލެއް އަންނަންޏާ އެންމެ ފުރަތަމަ އެކަން ފާހަގަ ކުރާނީ ލިލީއެވެ. އަހަރެން ރަނގަޅޭ ބުންޏަސް ލިލީ އަހަންނަށް ބަލަހައްޓައިގެން ހުރީ އެކަން އޭނާ ގަބޫލު ނުކުރާ ކަހަލަ ގޮތަކަށެވެ. ލިލީގެ ގައިގައި ބައްދާލަމުން އަހަރެން ވާހަކަ ދައްކަން ފެށީމެވެ.

" ކުޑަކޮށް ބޮލަށް ތަދުވަނީ. އެކަމަކު އިރުކޮޅަކުން ރަނގަޅުވާނެ. އިންޝާﷲ." އަހަރެން ބުނީމެވެ.

އޭރު އަހަރެން ހުރީ ވަރަށް ބޮޑަށް އުދާސްވެފައެވެ. ނަމަވެސް ހިނިތުންވެލަމުން ލިލީއަށް ބަލައިލީ އެ ތުއްތު ހިތް ދެރަ ނުކުރަން ވެގެންނެވެ.

އާދައިގެ މަތިން ގޭތެރެ ސާފުކުރުމަށްޓަކައި އަހަރެން އަވަދިނެތި އުޅުނީމެވެ. ކުނި ކަހާ ފިހިގަނޑު ހިފައިގެން އަހަރެން ދެ ވަނަ ކޮޓަރިއަށް ވަތް އިރު ވެސް ޒިޔާދު ހަވާލު ކުރި ކޮތަޅު މަތިން ހަނދާން ހުއްޓެވެ. އަލަމާރިއަށް ބަލަހައްޓައިގެން ހުރި އިރު އެ ކޮތަޅު ނުކަނޑާށޭ ޒިޔާދު ބުނި އަޑު ކަންފަތުގައި ގުގުމަމުންދެއެވެ. ނަމަވެސް އޭގައި ހުރީ ކޮން އެއްޗެއްތޯ ބަލައިލާ ހިތުން އަލަމާރިއާ ދިމާލަށް އަހަރެން ހިނގައިގަތީމެވެ. އެއާއެކު އެއީ ބޮސްގެ އެއްޗެކޭ ބުނި ހަނދާން ވުމުން އަހަރެންގެ ހިޔާލު މުޅިން ބަދަލުވިއެވެ.

އެ ރޭ ވެސް އަހަންނަކަށް ހުސެންގެ އެއްވެސް ހަބަރެއް ނުވެއެވެ. އޭނާ އަހަންނަށް ދުރަށް ދާން ބޭނުންވެދާނެ ކަމަކަށް އަހަރެން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަމެވެ. އަހަރެން އިރުއިރުކޮޅުން ފޮނުވާ އެންމެ ސްނެޕެއް ވެސް އޭނާ ނުބަލައެވެ. އަހަރެން ދެރަވަނީ އެހެންވެއެވެ. ހުސެންގެ މެސެޖްތަކަށް އަހަރެން ހުރީ އާދަވެފައެވެ.

" ހައި. ކީއްކުރަނީ؟" އަމިއްލައަށް ހިތުގައި ޝަކުވާތައް ފުނިޖައްސަމުން ދަނިކޮށް ހުސެން މެސެޖް ކޮއްލިއެވެ.

އެ ވަގުތު، އަހަންނަށް ކޮޅަށް ތެދުވެވުނެވެ. މާޔޫސްކަން ފިލައި ހިނިތުންވެވުނެވެ.

" ފޫހިވެގެން އޮތީ. " އަހަރެން ބުނީމެވެ.

" އޯހް. އަހަރެން މަތިން މިސްއެއް ނުވޭތަ؟ މިހާރު ވަރަށް ރަނގަޅުކޮއްފި އިނގޭ. " ހުސެން ބުންޏެވެ.

ހުސެން އެހެން ބުނުމާއެކު އަހަރެން އިށީނީމެވެ. ހަބަރެއް ނުވެ ހުރެ، އަހަންނަށް ވާވަރު އޭނާއަށް ނޭނގިދާނެއެވެ.

" އަހަރެން ގުޅާލަންތަ؟" ހުސެންއަށް ގުޅާލަން އަހަރެން އެދުނު ފުރަތަމަ ފަހަރެވެ. އޭނާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އަހަރެން އިނީމެވެ.

" މި ނައްޓާލީ އޮފީހުން. މިރޭ ވަރަށް ބިޒީކޮށް މި އުޅެނީ. އެހެންވެ އަސްލު ހަބަރެއް ނުވެވުނީ. ގެ ކައިރިއަށް ގޮސް އެބަ ގުޅާލަން." ހުސެން ބުންޏެވެ.

އެއާއެކު އަހަރެން ހިތްހަމަޖެހުނެވެ. އޭނާ އަހަންނަށް މެސެޖް ނުކުރީ ހަނދާން ނުވާތީ ނޫންކަން އެނގުމުންނެވެ. އޮފީހުން ނިކުންނަމުން ފާރަށް އެޅިފައި ހުރި އޭނާގެ ހިޔަނީގެ ސްނެޕެއް ކޮއްލިއެވެ. އަހަރެން ހިތަށް އެރިއެވެ. ހުސެންއަކީ މިހާރު ހަމައެކަނި އަހަރެންގެ ލޯތްބެއް ނޫނެވެ. އެއީ ހުދު އަހަރެންގެ ހިޔަންޏެވެ. އަހަރެން ވާހާ ތާކު، އޭނާގެ ހިޔަނި ވެއެވެ. ހުސެން އަހަރެން ދޫކޮށް ދިޔަސް، އެ ހިޔަނި ތާ އަބަދު އަހަންނާއެކު ވާނެކަން ޔަގީނެވެ.

ވިސްނުމުގެ ތެރެއަށް ގެނބިފައި އޮއްވާ ހުސެން ގުޅައިފިއެވެ. އެންމެ ރިންގަކުން ފޯނު ނެގީމެވެ.

" މި އައީ ގެ ކައިރިއަށް. ވައިފް ކައިރި ވެސް ބުނިން އިރުކޮޅަކުން ގެއަށް އަންނާނަމޭ. ބުނެބަލަ! ކިހިނެއްވީ؟ ގުޅާލަން ބުނީ؟ " ހުސެން ސުވާލު ކުރީ މަޑުމައިތިރިކަމާއެކުއެވެ.

" ވާހަކައެއް ބުނަން ވެގެން." އަހަރެން ބުނީމެވެ.

" ކިހިނެއް ވީ އަނެއްކާ؟" ހުސެން އެހިއެވެ.

" ޒިޔާދު އެބަ އާދެ ހުސެން ޓާކީއަށް ފުރާ ދުވަހު." އަހަރެން ބުނީމެވެ.

" އޯހް. ފޯނު ޗެކް ކުރާނެތަ؟" ހުސެން އެހިއެވެ.

" ނޭނގެ. ފަހަރެއްގައި." އަހަރެން ބުނީމެވެ.

" އެހެންވީމަ ޒިޔާދު އުޅޭއިރު އައި އަށް ދެން މެސެޖް ނުކުރައްޗޭ. ރިމޫވް ކޮއްލާ." ހުސެން ބުންޏެވެ.

އަހަންނަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

" ނޫން. ނުވާނެ ތިކަމެއް." އަހަރެން ބުނީމެވެ. ބާރަށެވެ.

" ދެން؟ ޔޫ ބޭނުމީ ދެ މީހުން ވެސް ބަސްޓު ވާންތަ؟" ހުސެން އެހިއެވެ.

އެ ވަގުތު އަހަންނަށް ރޮވިއްޖެއެވެ.

" ނުހުރެވޭނެ ވާހަކަ ނުދައްކައެއް. ނޫން! ތިހެން ނުބުނޭ ހުސެން." އަހަރެން ބުނީމެވެ.

" އޭ. ރޮނީތަ؟ ދެން؟ ތިހެން ނޫޅެބަ. ހަމަޖެހިލަބަލަ!" ހުސެން ބުންޏެވެ.

" ހުސެން ހީކުރީތަ އަހަންނަށް ހުސެންއާ ވާހަކަ ނުދައްކާ، ހުސެންގެ ހަބަރެއް ނުބަލާ އުޅެވިދާނެޔޭ. އަހަރެމެންނަކީ ފްރެންޑްސްއޭ ދުލުން ބުނެވިދާނެ ޔޫއަށް ވެސް." އަހަރެން އެހީ އެއް އަތުން މޫނު ފުހެމުންނެވެ.

" އެކަމަކު ވެސް ޒިޔާދު އުޅެންޏާ އައި ބޭނުމެއް ނޫން " ހުސެން ބުންޏެވެ.

" ހުސެން.. ވާހަކައެއް ބުނަންތަ؟" އަހަރެން ބުނީމެވެ.

އެ ވަގުތު އޭނާ އާނއެކޭ ބުނެލިއެވެ.

" އަހަރެން އަސްލު ޔޫ ދެކެ ވަރަށް ލޯބިވޭ." ޖެހިލުންވެ ހުރެ ބުނީމެވެ.

އަހަރެން ހުރީ ހުސެން ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. އޭނާ ދެން ހަދާނެ ގޮތެއް ވެސް ނޭނގެއެވެ. ފަހަރެއްގައި އެއްކޮށް ވެސް އަހަރެން ދޫކޮށް ގޮސްދާނެއެވެ. ނޫނީ ހުސެންގެ ހިތުގައި އަހަންނާމެދު އޮތް އެއްޗެއް ހާމަ ކޮއްފާނެއެވެ.

( ނުނިމޭ )

(ނިމުނީ)