ށ. ގޮއިދޫގައި 20 އެނދުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް މި އަހަރު ފައްޓަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ގޮއިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސިއްޙީ ދާއިރާއާ ގުޅިފައިވާ މި މުހިންމު މަޝްރޫޢަކީ، އެ ރަށުގެ ރައްޔިތުންނަށް ނުހަނު ބޭނުން ކަމެއްކަމަށާއި، ސިއްހީ މަރުކަޒުގެ ޖާގައާއި، ވަސީލަތްތައް އިތުރުކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަމަށެވެ.
މިގޮތުން މި މަޝްރޫޢުގެ ދަށުން، ދެބުރީގެ އިމާރާތެއްގައި 10 ވަރޑުގެ އެނދު ހިމެނޭ، ޕްރައިވެޓް ރޫމްތަކާއި، ޓްރައޭޖް، ކޮންސަލްޓޭޝަން ރޫމް ފަދަ ވަސީލަތްތައް ހިމެނޭގޮތަށް، ޖުމްލަ 20 އެނދުގެ އާ ހެލްތް ސެންޓަރުގެ އިމާރާތް އެރަށުގައި އަޅުއްވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިހާރު މި މަޝްރޫޢު ބަޔަކާ ހަވާލުކުރާ ހިސާބަށް ގޮސްފައިވާ ކަމަށާއި، މި މަސް ނިމެންވާއިރަށް ނުވަތަ އެންމެ ގިނަވިޔަސް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި މަޝްރޫޢު ހަވާލުކުރެވި، މި އަހަރު ތެރޭގައި ޢަމަލީގޮތުން މަސައްކަތް ފަށާނެ ކަމަށެވެ. އެއީ ޞިއްޙީ ދާއިރާ ކުރިއެރުވުމުގައި ހަމަ ޔަޤީނުންވެސް ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ގޮއިދޫއަކީ ދަނޑުވެރިކަމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރަމުންދާ ރަށަކަށް ވާތީ، ދަނޑުވެރިންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ކަރަންޓު ނުވަތަ އިތުރު ޔޫޓީލިޓީޒް ފޯރުކޮށްދިނުން ފަދަ ކަންކަމުގައި އެގްރިކަލްޗަރ މިނިސްޓްރީ މެދުވެރިކޮށް، ދަނޑުވެރިންނަށް ކުރިއަށްދެވޭނެ މަގުތައް ފަހިކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކަމާބެހޭ ޔޫޓިލިޓީ ކުންފުނިން ވެސް އެކަމުގައި މަސައްކަތް ކުރަމުންދާނެ ކަމަށާއި، އިތުރު ވަސީލަތްތައް ފޯރުކޮށްދިނުމުގައި ދަނޑުވެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ، ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ގޮއިދޫގައި ދިމާވާ މަދިރީގެ އުނދަގޫތަކުގެ މައްސަލަ ހައްލުކުރުމަށްވެސް ކަމާބެހޭ ވުޒާރާއިން ކުރިއަށްދާނެ ގޮތެއް ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުން ގާތަށް ވަޑައިގަންނަވަނީ، ވީ ވަޢުދުތައް ފުއްދައިދިނުމަށާއި، އިތުރަށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ރައްޔިތުން ގާތުން އޮޅުންފިލުވައި، އެކަންކަން ކޮށްދީ ނަތީޖާ ނެރެދިނުމަށް ކަމަށެވެ. މިހުރިހާ ކަންކަމެއް ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ގޮއިދޫ ރައްޔިތުންނަށް ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!