ކުރީގެ އަދަދާއި ގުޅޭ:

ބައެއް ފަހަރު މި ތޫފާނުގައި ގަސްތައް މުލުން ލުހި، މުޅި ތަން ހަލާކުކޮށްލައެވެ. އެއާއެކު އަހަރެން ވަރަށް ބިރުގެންފިއެވެ. އަހަރެންގެ ހިތަށް ވެސް އެހެން ވެދާނެތީއެވެ. ހިތުގެ ދުނިޔޭގައި އުފެދިގެން މި އުޅޭ ތޫފާނާއެކު ހިތް ހަލާކުވެ ރޫޅި ދާނެތިއެވެ. އެ ހަނގުރާމަ ކުރާނެ ހިތްވަރު އަހަރެންގެ ނެތި ދާނެތީއެވެ.

Ad
rt

އަހަރެންގެ ނިދި އަހަރެން ދޫކޮށް ގޮސް އުޅެނީ ކޮންތާކުބާވައޭ ހިތަށް އެރިއެވެ. ދެ ފަރާތަށް ފުރޮޅިފުރޮޅި އޮންނަތާ އެތައް އިރެއް ވެއްޖެއެވެ. ސިކުނޑިތެރޭގައި އެނބުރެމުންދަނީ ހަމަ އެއް ހިޔާލްތަކެކެވެ. އެއް މަންޒަރެކެވެ. އަދި އެއް ވާހަކައެކެވެ.

ހުސެންގެ ހަބަރެއްވޭތޯ އިރުއިރުކޮޅުން އަހަންނަށް ސްނެޕް ބަލައިލެވެއެވެ. ނަމަވެސް ހުސެންގެ ހިލަމެއް ނެތެވެ. އޭނާއަށް ނިދުނީއޭ ހިތާ އަނެއްކާ ވެސް އަހަރެން ނިދޭތޯ ބެލީމެވެ. ކުއްލިއަކަށް ފޯނު ދިއްލުމާއެކު އަހަރެން އަވަސް އަވަހަށް ފޯނަށް ބަލައިލީ އުފާވެރި ހިނިތުންވުމަކާ އެކުއެވެ. ނަމަވެސް އެ ހިނިތުންވުން އަޖައިބުވުމަކަށް ބަދަލުވާކަށް މާ ގިނަ ވަގުތުތަކެއް ނުނެގިއެވެ. އަހަންނަށް ލިބުނީ ބޭންކް މެސެޖެކެވެ. އެއީ އަހަރެންގެ އެކައުންޓަށް އެއްލައްކަ ރުފިޔާ ޖަމާވިކަމުގެ މެސެޖެވެ. ލިބުނު ހައިރާންކަމާއެކު އަހަރެން ކޮޅަށް ޖެހުނެވެ. އޭރު ގަޑިން މެންދަމު ތިނެއް ވެސް ޖަހައިފިއެވެ.

" ޒިޔާދު؟ ޒިޔާދު އަހަންނަށް މިހާ ބައިވަރު ލާރި މި ފޮނުވީ؟" އަހަންނަށް ބުނެވުނެވެ.

ހަމަ އެ ވަގުތެވެ. ޒިޔާދުގެ ކޯލް އަތުވެއްޖެއެވެ. އެންމެ ރިންގަކުން އަހަރެން އެ ކޯލަށް ޖަވާބު ދިނީމެވެ. ނަމަވެސް އަހަންނަށްވުރެ އަވަހަށް ވާހަކަ ފެށީ ޒިޔާދެވެ.

" ތައިބާ. އަހަރެން ދެންމެ މި ފޮނުވި ރުފިޔާ ތައިބާގެ ސޭވިން އެކައުންޓަށް ޖަމާކޮއްލާފަ ބަހައްޓާ އިނގޭ. އަހަރެން ބުނީމަ ފޮނުވާނީ އަހަރެން ބުނާ ވަރަކަށް." ޒިޔާދު ބުންޏެވެ.

" އެއީ ކޮންހާ ލާރިއެއް؟ މި ގަޑީގައި ނުނިދާ ކީއްކުރަނީ؟" ޒާތްޒާތުގެ ސުވާލުތަކުން އަހަރެންގެ ހިތް ފުރާލައިފިއެވެ.

" ދެން މާ ވާހަކަ ގިނަ ނުކޮށްބަލަ. އެއީ ހަމަ އަހަރެންގެ ލާރިއޭ. އަހަރެން ސޭވް ކުރި ފައިސާ." ޒިޔާދު ބުންޏެވެ.

އޭނާ އެހެން ބުނުމުން އަހަރެންގެ ހިތުގައި އަނެއްކާ ވެސް އުފެދުނީ ސުވާލުތަކެކެވެ. އެ ސުވާލުތައް ޒިޔާދާ ނުކޮށެއް ވެސް އަހަރެންގެ ހިތެއް ހަމައެއް ނުޖެހުނެވެ.

" ޒިޔާދުގެ ސޭވިން މީގެ ކުރިން ބަހައްޓަނީ ހަމަ ޒިޔާދުގެ އަތުގައެއްނު. މިހާ ބޮޑު އަދަދެއް އަހަރެންގެ އެކައުންޓުގައި ބަހައްޓަނީ ކީއްކުރަން؟" އަހަރެން އެހީމެވެ.

" ތައިބާ،ތައިބާ! ހެޔޮނުވާނެ ދެން ތި ސުވާލު ކުރުން ހުއްޓަބަލަ. އަހަރެން ނިދަން ވެއްޖެޔޭ. ދެން ބާއްވަނީ. ބުނީމަ ބުނާ ގޮތް ހަދާ." އެހެން ބުނެ ޒިޔާދު ފޯނު ކަނޑާލީ އަހަރެން އޭނާއަށް ގޮވަގޮވަ ހުއްޓައެވެ.

މެންދަމުގެ މި ވަގުތު ޒިޔާދު އަހަރެންގެ ހިތް މުޅިން ނުތަނަވަސް ކުރުވައިފިއެވެ. ޒިޔާދު ބުނި އެއްޗެއް ގަބޫލުކޮށްގެން ނޫނީ އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެކަން އަހަންނަށް އެނގެއެވެ. އެ އުނދަގުލުން ސަލާމަތްވާން ވީހާ ވެސް އަވަހަކަށް ނިދޭތޯ ބަލަން އަހަރެން ބޭނުންވިއެވެ. ބާލީސްމަތީ ބޯ ޖައްސާލި އިރު ވެސް އަހަރެންގެ ހިތް އޮތީ އުދާސްވެފައެވެ. ސުވާލުތަކުން ތަޣައްޔަރުވެފައެވެ. ނަމަވެސް އެ އުދާސްވެރިކަމުގައި އޮތުން ނޫން ގޮތެއް ވެސް އަހަންނަކަށް ނެތެވެ.

ސިހިފައި ހޭލެވުނީ ލިލީ ރޮއިގަތް އަޑަށެވެ. އެއާއެކު އަހަންނަށް ބަލައިލެވުނީ ޑްރެސިންޓޭބަލްމަތީ ހުރި ގަޑިއަށެވެ. އޭރު ގަޑިން 8:30 ވެއްޖެއެވެ. ފަތިސްނަމާދަށް ހޭ ނުލެވުމުން އަހަރެން އިންތިހާއަށް ދެރަވެސް ވިއެވެ. އޭރު ވެސް ލިލީ ހުއްޓައެއް ނުލައެވެ. އެ މަންޖެ އުރާލައިގެން އަހަރެން ސިޓިންރޫމަށް ނިކުތީމެވެ.

" ދަރިފުޅު މިހާރު ހުމެއް ނެތޭ. ރަނގަޅުވީ އެއްނު. ދެން ހުއްޓާލާ." އަހަރެން ބުނީމެވެ.

ލިލީ އަހަރެންގެ ކޮނޑުމަތީ ބޯ އަޅައިގެން އޮތީ ނިދި ނުކެނޑޭތީކަން އަހަންނަށް އެނގުނެވެ. އެހެންވެ، ލިލީ ހަމައަކަށް އެޅެންދެން އަހަރެން ސޯފާގައި އިށީނދެލީމެވެ. ކުއްލިއަކަށް ސިކުނޑިތެރެއަށް ޒިޔާދު އައި ނައި ގޮތް ނޭނގެއެވެ. ރޭގައި ހިނގާދިޔަ ކަންތައް ހަނދާން ވެއްޖެއެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ލިލީ އުރާލައިގެން ގޮސް ކޮޓަރިއަށް ވަދެ އެނދުމަތީ އޮތް ފޯނު ނެގީ ޒިޔާދަށް ގުޅަން ބޭނުން ވެގެންނެވެ. ނަމަވެސް ފޯނަށް އައިސް ހުރި ސްނެޕް ނޮޓިފިކޭޝަންތަކުން އަހަރެންގެ ހިތުގެ ވިންދު ހަމައަކަށް އެޅޭކަށް ސިކުންތެއް ވެސް ނުނެގިއެވެ.

" ނަމާދު ކުރަން ތެދުވޭ." ހުސެންގެ މެސެޖް އަހަރެން ކިޔާލީ ހިނިތުންވަމުންނެވެ.

" ހޭ ކޮބާ؟ ނުހޭލަންތަ؟" ދެ ވަނަ މެސެޖް ކިޔާފައި ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

އެއީ އަހަރެންގެ ފިރިމީހާގެ ކިބައިން އަހަރެން އެންމެ އެދޭ އެއް ކަމެވެ. އަހަރެން ދެކޭ ގޮތުގައި ދީނީ ކަންކަން ކުރުމަށް ބާރުއަޅާ، ނަސޭހަތްތެރިވެ ދިނުމަކީ ފިރިހެނެއްގެ ކިބައިގައި ހުންނަންޖެހޭ ހަގީގީ ފިރިހެންވަންތަކަމެވެ. އެއާއެކު އަހަރެންގެ މޫޑު ބަދަލުވެއްޖެއެވެ. އަހަންނަކީ ނަމާދަށް ފަރުވާތެރިވާ މީހަކަށް ވިޔަސް، ޒިޔާާދު އެންމެ ފަހަރަކު ވެސް އަހަރެން ހުރީ ނަމާދު ކޮއްގެންތޯ ބަލައެއް ނުލައެވެ. ކުޑަކުއްޖަކު ގޮވައިގެން އުޅޭއިރު އެކަމަށް އަހަރެން ފަރުވާ ބަހައްޓާތޯ ވެސް އޭނާ ބަލައެއް ނުލައެވެ. އަހަރެން އަބަދުވެސް އެކަމާ ދެރަވެއެވެ.

ނަމަވެސް މިއަދު އަހަރެން ދެރަވަނީ މުޅިން ތަފާތު ސަބަބަކައިގެންނެވެ. އަހަރެން ބޭނުންވާ ގިނަ ސިފަތަކެއްގެ ވެރިޔަކު މި ދުނިޔޭގައި ހުރިކަން އެނގުމުންނެވެ. އަހަރެން ހިތްއެދޭ، އެހެން މީހަކު މި ބިންމަތީ ހުރީތީއެވެ. ޒިޔާދަށްޓަކައި ރައްކާތެރިކޮއްފައި އޮތް ހިތެއްގައި އެހެން މީހަކަށްޓަކައި ވިންދު އުފެދުނީތީއެވެ. އިރުއަރާ އޮއްސޭ ހިނދު، އޭނާއާމެދު ތާ އަބަދު ފިކުރު ކުރެވޭތީއެވެ.

" ނުހޭލެވުނީ ލަހުން ނިދީމަ." ހުސެންއަށް އަހަރެން ޖަވާބު ދިނީމެވެ.

" ލަހުން ނިދެންޏާ ނަމާދުކޮށްގެން ނިދަން މަޑުކުރާނީއެއްނު. އެހެން ނޫނީ ފަތިސް ނަމާދު އަތެއް ނުވާނެ. " އޭނާ ބުންޏެވެ.

ނަމާދާމެދު ހުސެންގެ ހިތުގައި އޮންނަ ޝައުގެއްގެ ބޮޑުކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އާއްުމުކޮށް ވެސް އޭނާ ފަތިސްނަމާދަށް ރައްކާތެރިވާކަން އަހަންނަށް އެނގެއެވެ.

" މިސްކިތަށް ގޮސް އައިސް ވެސް އަހަރެން މެސެޖް ކޮއްލިން." ހުސެން ބުންޏެވެ.

" ޔޫ ދަނީ ފަތިހު ވެސް މިސްކިތަށް؟" އަހަރެން އެހީމެވެ.

އޭނާ ޔެސް ޖަހާލުމާއެކު އަހަންނަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ޒިޔާދު ދުވަހަކު ވެސް ފަތިސްނަމާދަށް މިސްކިތަކަށް ނުދެއެވެ. އަހަރެން ގޮވާގޮވާ ވަރުބަލިވެގެން ނޫނީ އޭނާ ނުވެސް ތެދުވާނެއެވެ. ބައެއް ފަހަރު ނަމާދު ނުކޮށް ވެސް އޮވެއެވެ.

" ހުސެން ހާދަ ރަނގަޅޭ." އަހަންނަށް ބުނެވުނެވެ.

" އެ ބުނީ ހަމަ. މިއީ އަހަރެން ރަނގަޅު ވެގެން ކުރާ ކަމެއް ނޫނޭ. މިއީ މާތްﷲ އަންގަވާފައި އޮންނަ ގޮތެއްނު." އޭނާ ބުންޏެވެ.

އެ ދުވަހު އަހަރެން އެކަމާ ވަރަށް ވިސްނީމެވެ. ހުސެންދެކެވާ ލޯބި އިތުރު ވީ ހެން ވެސް އަހަންނަށް ހީވިއެވެ. އަދި ހުސެންގެ ފަރާތުން މުޅިން ވެސް ފެންނަމުން ދަނީ އެ ލޯބި އިތުރަށް ވަރުގަދަ ވާ ކަންކަމެވެ. އަހަރެންގެ ހިތް އޭނާއަށް ލެނބޭ ފަދަ ކަންކަމެވެ. އަހަންނަށް އަހަރެންގެ ހިތް ކޮންޓްރޯލް ކުރެވިދާނެބާވައޭ ހިތަށް އެރިއެވެ. ނަމަވެސް ފާއިތުވެގެން ދާ ކޮންމެ ދުވަހަކީ އަަހަންނަށް ކުރިމަތިވާ ބޮޑު އިމްތިހާނަކަށް ވެއްޖެއެވެ. ދެކަފިވެފައި އޮތް މަގެއްގެ ކޮޅުގައި ހުރެ ދެ ފަރާތަށް ބެލުން ނޫން ކަމެއް އަހަންނަކަށް މިހާރަކު ނުކުރެވެއެވެ.

ރޭގައި ނުނިދާ މަސައްކަތުގައި އުޅުމުގެ ސަބަބުން، މިއަދު ނިދާނީ ކަމަށް ބުނެ، ޒިޔާދު ކޮއްފައި އޮތް މެސެޖެއް އަހަންނަށް ފެނުނީ ގަޑިއެއްހާ އިރު ފަހުންނެވެ. އެހެންވެ، އޭނާއަށް އުނދަގޫކުރަން ބޭނުން ނުވާތީ، ހޭލާފައި ލިލީއަށް ގުޅާށޭ ބުނެ އަހަރެން މެސެޖެއް ކުރީމެވެ.

އެ ދުވަހު އިރުއޮއްސުނު އިރު، ޒިޔާދުގެ ދުރުތާ ތިމާގެ ބަޔަކު ގެއަށް ޒިޔާރަތް ކުރިއެވެ. މުޅި ދުވަސް އަހަރެން ހޭދަކުރީ އެ މީހުންނަށް ސައި ހެދުމުގައެވެ. ގެއަށް ޒިޔާރަތް ކުރާ މެހެމާނުންނަށް ގޭގައި ތައްޔާރުކުރާ ކާއެއްޗެހިން މަރުހަބާ ކިޔުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ. މޭޒުމަތި ފަޅުފިލުވާލުމަށްފަހު އަހަރެން ހުސެންއަށް ސްނެޕް ކުރީމެވެ.

" ޔޫ ކެއްކީ؟" ހުސެން އެހިއެވެ.

" ކާހިތްވީތަ؟" އަހަރެން އެހީމެވެ.

" ހޫމް..." ހެޕީ ފޭސްއަކާއެކު ހުސެން ފޮނުވާލިއެވެ.

އޭރު ގެއަށް އައި މީހުން ކާން ފަށައިފިއެވެ. ލިލީ ވެސް އެ މީހުންނާއެކު ބައިވެރިވެއްޖެއެވެ. އެންމެންނާ ވާހަކަ ދައްކަމުން ދިޔައިރު ވެސް އަހަރެންގެ އަތުން ފޯނު ދުލެއް ނުކުރަމެވެ. ހުސެންގެ މެސެޖެއް އާދޭތޯ އަހަންނަށް އިރުއިރުކޮޅުން ބެލެއެވެ. ކުއްލިއަކަށް ފޯނު ވައިބްރޭޓްވުމާއެކު އަހަރެންގެ ނަޒަރު ހުއްޓުނީ ފޯނު ސްކްރީނަށެވެ.

" ނޫރާ؟" ފޯނު ނެގުމަށްފަހު އަހަރެން ބުނީމެވެ.

" ހޭ އަހަރެން މި އުޅެނީ އުމްރާއަށް ދާން ވެގެން. ޔޫއަށް ކާން ދޭން ބޭނުން. އާދެބަލަ." ނޫރާ ބުންޏެވެ.

ނޫރާ ދިން ހަބަރުން އަހަރެން ވަރަށް ބޮޑަށް އުފާވިއެވެ. ފުޅާ ހިނިތުންވުމެއްގައި ހުރެ ކޮޓަރިއަށް ވަނީ ސިޓިންރޫމްގައި އަޑުގަދަވުމުގެ ސަބަބުން ވާހަކަ ދައްކަން އުނދަގޫ ވެގެންނެވެ.

" މަޑުކޮއްބަލަ. ނޫރާ ނުވެސް ބުނަމެއްނު. " އަހަރެން ބުނީމެވެ.

" ޔޫ ސްނެޕް ނުކުރާތީ މަ ހަނދާން ނެތުނީ ބުނަން." ނޫރާ ބުންޏެވެ.

ތެދެކެވެ. އަހަރެން ސްނެޕް ބޭނުން ކުރަނީ ހަމައެކަނި ހުސެންއާ ވާހަކަ ދައްކާށެވެ. އެކަމާމެދު އަހަންނަށް ރަނގަޅަށް ވިސްނާލެވުނީ ވެސް ދެނެވެ.

" ތައިބާ... ދެން އާދެބަ؛ ލިލީ ގޮވައިގެން ވިޔަސް ހެވޭ." ނޫރާ ބުނެލީ އާދޭހުގެ ރާގަކަށެވެ.

" ޒިޔާދުގެ ގޭ ކަޒިންސް ގުރޫޕެއް އައިސްގެން އެބައުޅޭ. ނޭނގެ ދެވޭނެކަމެއް. ކޮންތާކަށް ދާން ވީ؟ ވަރަށް ދުރުތަ؟" އަހަރެން އެހީ އަވަސް އަވަހަށެވެ. ގެއަށް ބަޔަކު އައިސް ތިއްބާ، އެ މީހުން ދޫކޮށްލާފައި ދާކަށް އަހަންނަކަށް ނުވެސް ކެރޭނެއެވެ. ނަމަވެސް ނޫރާގެ އެދުމަށް ފުރަގަސްދިނުމަކީ ވެސް އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ.

" ބީޗް ޑައިނަމޯއަށް އާދެބަލަ.. އެތާ އޭ މި ތިބީ. ސަލާމްކޮއްލަން ވެސް ބޭނުން. ޕްލީޒް ނޫނެކޭ ނުބުނައްޗޭ." ނޫރާ ބުންޏެވެ.

ބީޗް ޑައިނަމޯއޭ ބުނުމާއެކު އަހަރެންގެ ހިތަށް ގުޑުން އެރިހެން ހީވިއެވެ. ހުސެންގެ ގެ ހުންނާނީ ވެސް އެ ހިސާބުގަނޑުގައެވެ. ކިތަންމެ ދުރަސް، އެ ތަނަށް ދާން ހިތް އެދެން ފެށިއެވެ. ހުސެން ހުރީ ގޭގައިކަން އަހަންނަށް އެނގެއެވެ. ނޫރާއަށް ވުރެ ބޮޑަށް ހުސެން ދެކިލާ ހިތްވިއެވެ. މި ދަނީއޭ ބުނެ ނޫރާގެ ފޯނު ކަނޑާލުމަށްފަހު އަހަރެން، ޑްރެސިންޓޭބަލް ކުރިމަތީ ހުއްޓުނީމެވެ. އެއާއެކު ހިނިތުންވުމުން ޖަރީވެފައިވާ އަހަރެންގެ މޫނު ފެނި ހުދު އަހަރެންގެ ވެސް ހައިރާންވިއެވެ. އެ ވަގުތާ ޖެހެންދެން ނުތަނަވަސްވެ، މިލާފައިވާ މޫނުމަތީގެ ކުލަވަރު ބަދަލުވާން ނެގީ ހަމަ އެންމެ ސިކުންތެކެވެ.

" އަދި ހުސެން ފެނުނީއެއްވެސް ނޫނެއްނު. ހާދަ ވަރަކަށް ތި ހެވެނީ؟ އަދި އޭނަ ފެނުނީމަ ތައިބާއަށް، ތައިބާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވިދާނެތަ؟" އަހަރެންގެ އަވަސް ހަރަކާތްތައް ހުއްޓުމަކަށް ގެނުވީ އަހަރެންގެ ޟަމީރެވެ.

އެ ބުނީ ތެދެކެވެ. އަހަރެން މި ދެކެނީ ކޮންހާ ހުވަފެންތަކެއް ހެއްޔެވެ؟ ސެންޓްފުޅި ނަގައި ކަރުދަށަށް ޖަހާލުމަށްފަހު އަހަރެން އަނެއްކާ ވެސް ލޯގަނޑުން ބަލައިލީމެވެ. ފަން، ދިގު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލުމަށްފަހު ލަސްލަހުން ފުނާ ހާކާލީމެވެ. އޭރު ވެސް މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ހިތުގެ އުފާވެރިކަން ބޭރުން ވެސް ފާޅުވާ ކަހަލައެވެ.

ކޮޓަރިން ނިކުތުމާއެކު ކާމޭޒު ކައިރީ ތިބި އެންމެންގެ ނަޒަރު ހުއްޓުނީ އަހަންނާ ދިމާލަށެވެ. އަހަރެން ކޮންމެވެސް ވަރަކަށް ޖެހިލުންވީ ނަމަވެސް، އެ މީހުންނާ ކުރިމަތިލީމެވެ.

" ރައްޓެއްސަކު... އުމްރާއަށް ފުރަން އުޅޭތީ އެ ގެއަށް ގޮސްލަން ވެގެން. ވަރަށް އަވަހަށް އަންނާނަން. " އަހަރެން ބުނީމެވެ.

" ލިލީ ބަހައްޓަންވީނު. މި ކުދިންނާއެކު ކުޅެން ހުންނާނެތަ؟" ދައްތަ ބުންޏެވެ.

" ލިލީ ބަހައްޓާފައޭ ދާނީ. މިހާރު އޭނަ އެބަހުރި ނިކުމެގެން. އެހެންވެ މި ދަނީ." އަހަރެން އަނެއްކާ ވެސް ބުނީމެވެ.

ނޭވާ ހިފަހައްޓާލައިގެން ހުރެ ގެއިން ނިކުމެ ސައިކަލަށް އެރި އިރު ވެސް އާދަޔާ ހިލާފް ޖަޒްބާތުތަކެއް ހިތުގައި އުތުރެމުން ދެއެވެ.

" މި ދަނީ ތި ގެއާ ދިމާލަށް. ޑައިނަމޯ ކައިރިއަށް ފްރެންޑަކާ މީޓް ކޮއްލަން." ސައިކަލްމަތީ އިނދެ އަހަރެން ހުސެންއަށް މެސެޖް ކުރީމެވެ.

" އޯހް. ދާން ވީ ދޯ." އޭނާ ބުންޏެވެ.

އެ މެސެޖް ކިޔާފައި އަހަރެންގެ ހިތުގައި ބިރުވެރިކަމެއް އުފެދިއްޖެއެވެ. ނޭވާއަށް ބަރުވެ، ހަށިގަނޑަށް ވެސް އުނދަގޫވާން ފެށިއެވެ.

" ނޯ. ނޫން ޕްލީޒް. އެ ތަނަށް ނާންނާތި." އަހަރެން ބުނީމެވެ. އެއާއެކު ހަދަން ވީ ގޮތް ހުދު އަހަންނަށް ވެސް އޮޅިއްޖެއެވެ. ހުސެންއާ ބައްދަލްވާން އަަދި އަހަރެން ރެޑީއެއް ނޫނޭ ހިތަށް އެރިއެވެ. ނަމަވެސް ހަމަލޮލުން އޭނާ ދެކިލާ ހިތުން އަހަރެން ކެތްމަދުވަނީއެވެ.

" ނޫން. މި ދަނީ އެ ދިމާލަށް. ޑައިނަމޯ ކައިރިއަށް މި ދަނީ." ހުސެންގެ މެސެޖް ކިޔާލުމާއެކު އަހަރެންގެ ދެ ލޯ ބޮޑުވިއެވެ. ތުންފަތުގައި ބާރަށް ދަތް އަޅާލެވުނީ އެ ޖުމްލައިން ވެސް އަހަރެންގެ މުޅި ހަށިގަނޑަށް ވެރިކުރުވި ފިނިކަމުން ސަލާމަތްވެވޭތޯއެވެ.

ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް އަހަރެން ސައިކަލް ސްޓާޓްކޮއްލީމެވެ. އެ ދުވަހަކީ ހަޔާތުގައި އެންމެ ބާރަށް ސައިކަލް ދުއްވި ދުވަހެވެ. އަހަރެންގެ ދެ ފަރާތުންނާ ކުރިމަތިން ދަތުރު ކުރަމުން ދިޔަ އެއްޗެހި އަހަންނަކަށް ނުފެނެއެވެ. ހުރިހާ ދިމާލަކުން ވެސް އަހަންނަށް ފެންނަނީ އަހަރެންގެ ހިޔާލީ ދުނިޔޭގެ އުފާވެރި މަންޒަރުތަކެވެ. އޮޔާ ބެހިގެންދާ ހިތުގެ ހައިޖާނުގަނޑަަކަށް ވެސް ސައިކަލްގެ ސްޕީޑް މަޑެއް ނުކުރެވުނެވެ. ދެވޭ ނުދެވޭ ތަނެއް ވެސް ނޭނގެއެވެ. އަހަންނަށް އެނގެނީ އެންމެ އެއްޗެކެވެ. އެއީ ހުސެންދެކެ ހަމަ ރަނގަޅަށް ވެސް އަހަންނަށް ލޯބި ވެވުނުކަމެވެ. އަހަރެންގެ ހިއްސުތައް ކިޔަމަން ނުވެގެން މި އުޅެނީ މިހެންވެކަން ވެސް އަހަންނަށް މިރޭ އެނގިއްޖެއެވެ.

އަހަރެން ގޮސް އެ ސަރަހައްދަށް ވަނީ ހާސް ހިތަކައިގެންނެވެ. ސައިކަލްތައް ކައިރީ ސައިކަލް މަޑުކޮއްލުމަށްފަހު އަހަރެން ނޫރާއަށް ގުޅީމެވެ. އޭރު ވެސް އެކި ދިމަދިމާލަށް އަހަންނަށް ލޯ ހިންގެއެވެ. ފަހަރެއްގައި ވެސް ހުސެން އެތާ ހުރެދާނެތީއެވެ. އަހަންނަށް ނޭނގި އޭނާ ފިލައިގެން ހިނގައިދާނެތީއެވެ. އަހަރެން ވެސް ހުރީ އޭނާ ދެކޭހިތުންނެވެ.

ދުރުން އަންނަ ނޫރާ ފެނުމުން އަހަރެން ބިރުގަތީ މޭ ތެރޭގައި ތެޅިފޮޅެމުންދާ ހިތުގެ އަޑު އޭނާއަށް އިވިދާނެތީއެވެ. އަހަރެންގެ މޫނުމަތީގެ ކުލަވަރު ފެނި، އޭނާ ސުވާލެއް ކޮއްފާނެތީއެވެ. އަދި އަހަންނަށް ކޮންޓްރޯލް ނުވެގެން އުޅޭ ޖަޒްބާތުތައް އޭނާއަށް ފާޅުވެދާނެތީއެވެ.

ނޫރާ އައިސް ހުއްޓުމާއެކު އަހަރެން އުފަލުން އޭނާއާ ސަލާމްކޮއްލީމެވެ. އޭރު ވެސް އަހަރެން އިނީ ސައިކަލްމަތީ އިށީނދެއެވެ. ތެދުވަން ވެސް އަހަރެން އިނީ ނުކެރިފައެވެ.

" ހިނގާ ކާން ." ނޫރާ ބުންޏެވެ.

" ނޫން. ލިލީ ބަހައްޓާފައި އައިސް އެހާ ގިނައިރަކު ނުހުރެވޭނެ. މަ މި އައީ ހަމަ ހިތްހެޔޮކޮއްލަން. ނޫރާ ދެކިލަން." އަހަރެން ބުނީމެވެ.

ނޫރާ ހުރީ ސީދާ އަހަރެންގެ ކުރިމަތީގައެވެ. ހަގީގަތުގައި އަހަރެން އޭނާއާ ވާހަކަ ދައްކަމުން ދިޔައިރު އަތްފައި ވެސް ދިޔައީ ފިނިވަމުންނެވެ. ކޮންމެވެސް ތާކު ހުސެން ހުރިކަމުގެ އިހްސާސް ކުރެވޭތީ އަހަރެންގެ ޖަޒްބާތުތައް ކެކެމުންދާ ކަހަލައެވެ. އޭރު ވެސް ހުއްޓާނުލާ ނޫރާ ދިޔައީ އަަންނާ ވާހަކަ ދައްކަމުންނެވެ.

އެ ވަގުތު އެއްލި ކަޅިޔަކުން އަހަންނަށް ހުސެން ފެނުނުހެން ހީވެގެން ދެ ލޯ ކުޑަކޮއްލީމެވެ. އެ ސަރަހައްދުގައި ހުރި ރެސްޓޯރެންޓްތަކުން ފުރޭނިގެން އައިސްފައި ހުރި ފަނޑު އަލިކަމުގެ ތެރެއިން އަހަންނަށް ހުސެން ފެނުނީ ހިޔަންޏެއް ފަދައިންނެވެ. ނަމަވެސް އޭނާގެ ފޮޓޯ ފެނިފައި ހުރުމުން އެއީ ހުސެންކަން އަހަންނަށް އެ ވަގުތު ޔަގީން ކުރެވުނެވެ. އަހަންނަށް ވީ ގޮތް ހުދު އަހަންނަކަށް ވެސް ނޭނގުނެވެ. ސިހުނުލެއް ބޮޑުކަމުން ނޫރާއަށް ވެސް ފާހަގަ ވާ ވަރަށް އަހަންނަށް ހިނިތުންވެވުނެވެ. ބާރަށް ތެޅިގަނެވުނެވެ. އަތުގައި އޮތް ފޯނު އަތުތެރޭގައި ފިއްތާލީ އަތް ތުރުތުރުއަޅަން ފެށުމުންނެވެ. އަހަރެންގެ ނަޒަރު ހުއްޓިފައި ހުރި ދިމާލަށް ނޫރާ ވެސް ބަލައިލިއެވެ. އެއާއެކު އަހަރެން އަވަސް އަވަހަށް ފޯނުން ގަޑި ބަލައިލީ ނޫރާއަށް ޝައްކެއް ވެދާނެތީއެވެ. ނޫރާ ދެއްކި އެއްވެސް ވާހަކައެއް އަހަންނަކަށް ނޭނގެއެވެ. އަޑެއް ވެސް ނީވެއެވެ.

އޭރު އަހަރެންގެ ހުރިހާ ހިއްސުތަކަކާއި އިހްސާސްތަކެއް ހުސެންއާ ދިމާލަށް ދަތުރު ކޮއްފިއެވެ. އެއީ އަހަންނަށް ބާރު ފޯރުވޭ ކަމެއް ނަމަ، އަހަރެންގެ ހަށިގަނޑުގެތެރޭގައި އެ ހުރިހާ އެއްޗެއް ހިފެހެއްޓީމުހެވެ. ނަމަވެސް އަހަރެންގެ ކޮންޓްރޯލްގެ ދަށުގައި ހަމަ އެކައްޗެއް ވެސް ނެތެވެ.

އެހެން އިނދެ އަހަރެން އިސްއުފުލާލިއިރު ހުސެން ސައިކަލްގައި ނައްޓާލަނީއެވެ. އެއާއެކު އަލިކަމުގެ ތެރެއިން އަހަންނަށް އޭނާގެ މޫނު ކޮންމެވެސް ވަރަކަށް ފެނުނެވެ. އޭނާ ދިޔައީ ލާނެތް ގޮތަކަށް ހެމުންނެވެ. އެކަމާ އަހަރެން އިންތިހާއަށް ލަދުގަތެވެ. ދުވަހަކު ވެސް ލަދު ނުގަންނަ ވަރަށް ލަދުގަތެވެ. އޭރު އަހަންނަށް ކުރެވެމުން ދަނީ އަހަރެންގެ ހިތުގައި ލޯތްބެއް އަލަށް އިއާދަ ވާ ފަދަ އިހްސާސެކެވެ. ހިތަށް އެރިއެވެ. ފަހަތުން ގޮސް ހުއްޓުވާފާނަމެވެ. އޭނާ ލޯމަތިން ގެއްލޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ހުސެން އަހަންނާ ވާހަކަ ދައްކާ ގޮތުން ވެސް އޭނާގެ ފިރިހެންވަންތަކަން އަހަންނަށް ވަޒަން ކުރެވުނެވެ. މިރޭ އެކަން ޔަގީން ވެސް ވެއްޖެއެވެ. އަހަރެން އެންމެ އުފާވީ ވެސް އެހެންވެއެވެ.

ހުސެން ދިޔުމާއެކު އަހަރެން އެ ތަނަށް އައި މަޤްސަދު ހާސިލް ވެއްޖެޔޭ ހިތަށް އެރިއެވެ. އެންމެ ހިނދުކޮޅަކު ވެސް ދެން މަޑު ކުރާކަށް ބޭނުމެއް ނުވިއެވެ.

" އޯކޭ ނޫރް. އަހަރެން ދަނިއްޔޭ. ވަރަށް ސަލާމް." ދެ ވަނަ ފަހަރަށް ނޫރާއާ ސަލާމްކޮއްލަމުން އަހަރެން ބުނީމެވެ.

ގެއަށް ދާން ދުއްވާލި އިރު ވެސް ހިތުގައި އުފެދިގެން އުޅޭ ތޫފާނަކަށް ބަދަލެއް ނާދެއެވެ. ނިމުމެއް ނެތެވެ. ވަކި ހިސާބަކަށް ގޮސް މަގެއްގެ އަރިމަތީ މަޑުކުރީ ދުއްވާނެ ހިތްވަރު ނެތިގެންނެވެ. ހުސެން ފެނުނު ވަގުތު އަހަންނަށް ވަދެވުނު މަސްތީ ދުނިޔެއިން އަދިވެސް ނިކުމެވުނު ހެންނެއް ހިއެއް ނުވެއެވެ. އެ މަސްތީ ޖަޒްބާތުތައް އަދިވެސް ހަށިގަނޑުގެ ނާރުތަކުގައި އުތުރެމުންދެއެވެ.

ސައިކަލްގެ ހުންގާނުގައި އުޅަނބޮށި ވިއްދައިގެން އިނދެ އަހަރެން ހުސެންއަށް މެސެޖް ކުރަން ފެށީމެވެ.

" ދެން ކީއްކުރަން އައީ؟ ކީއްވެ ހެމުން ދިޔައީ؟" ތުންދަމައިގެން އިނދެ އަހަރެން ޝަކުވާ ކުރި އިރު ހީވީ ހުސެން އަހަރެންގެ ކުރިމަތީގައި ހުރި ހެންނެވެ.

" ޔޫއަށް ވީ ގޮތުން ހެވުނީ." ހުސެން އެހެން ބުނުމުން އިތުރަށް އަހަރެން ލަދުގަތެވެ.

" ޔޫ ފެނުނީމަ ވީ ގޮތުން އަދިވެސް މި އިނީ ނުދުއްވިފަ. " އަހަރެން ބުނީމެވެ.

" ފަހަތުން ދޭތޯ ތަ ތި އިންނަނީ؟" ހުސެން ބުންޏެވެ.

އެއާއެކު ހުސެން ހާދަ ލާނެތޭ ހިތަށް އެރިއެވެ. ގަސްތުގައި އޭނާ އަހަރެން ލަދުގަންނަވަނީއެވެ.

" ނޫން. ހެޔޮ ނަޔަސް. އާދޭތޯއެއް ނޫނޭ މި އިންނަނީ. ތުރުތުރުއަޅާ ވަރުން ނުދުއްވިފަ." އަހަރެން ބުނީމެވެ.

" އެހާ ވަރުވޭތަ؟" ހުސެން ބުންޏެވެ.

" ދެން؟ ޔޫއަށް ގޮތެއް ނުވިޔަސް އައި އަށް ވީ ވާހަކަ މި ބުނީ. އޯކޭ ނައްޓާލަނީ މި." އަހަރެން ބުނީމެވެ.

އޭރު ކޮންމެވެސް ވަރަކަށް އަހަރެން މާޔޫސް ވެއްޖެއެވެ. އަހަރެން ފެނުނީމަ ހުސެން އަހަރެންދެކެ ފޫހިވީ ބާވައެވެ؟ ފަހަރެއްގައި އޭނާ ހީކުރި ގޮތާ ހިލާފަށް އަހަރެން އެހާ ރީތި ނުވީކަމަށް ވެދާނެއެވެ. ނޫނީ އޭނާ ގަޔާވާ ކަހަލަ ސިފައެއް އަހަރެންގެ ނެތީ ކަމަށް ވެސް ވެދާނެއެވެ. ފިރިހެނުންގެ ގޮތެއް ނޭނގޭނެޔޭ އަހަރެން ހިތަށް އެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ހިތް މިހާރު އޭނާއަށް ހިބަ ކުރެވިއްޖެއެވެ. ވަސްވާހުން ހިތް ނުތަނަވަސްވީ ވަރުން ސައިކަލްގެ ސްޕީޑް އަހަންނަށް މަޑުކޮއްލެވުނީ މޮޅިވެރިކަމާއެކުއެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ. (މިއީ މިދޔަ އާދީއްތަ ދުވަހުގެ ބަޔެވެ.)

(ނިމުނީ)