ރޭގަނޑެއްގެ ހަމަހިމޭންކަމެވެ. އޮރެންޖު ކުލައިގެ އަލިން މުޅި ބަނދަރުމަތި ވަނީ ވިދާލާފައެވެ. ބައެއްމީހުންގެ ބަހުން ނަމަ "ގަޑިބުރު" ގައި އެތިބީ ހަމަ ވަރަށް މަދު ބައެކެވެ. ދެ ޒުވާނުންނާއި، ހަރުކުލައިގެ ބޮޑު މީހެކެވެ. އޭނާގެ ދިރިއުޅުމުގެ ތަޖުރިބާ ކިތަންމެހައި ވެސް ގިނައެވެ. އަޑު ގަދަ އެވެ. ބަސްވިކެއެވެ.
އާދެ! ހދ. ވައިކަރަދޫ ރޯޒް މުސްޠަފާ މޫސާ މިހާރު އެ އުކަނީ، އޭނާގެ ޙަޔާތުނާމާގެ ސަފުހާތަކެވެ. ނޫނެކެވެ. ހަމަ އެންމެ ސަފުހާއެކެވެ. އެންމެ ތަޖުރިބާއެކެވެ. އެންމެ ވާހަކައެކެވެ.
ފެށުން
ދުނިޔެ ގުނަމުން އެދަނީ 1980 ގެ އަހަރުތަކެވެ. ރަށަކީ ހދ. ވައިކަރަދުއެވެ. ރުއް ގިނަ، ބޮޑު ރަށެކެވެ. ވަށައިގެން އެ އޮތީ ދޮންވެލީގެ ހާރެކެވެ. ބިމުގެ ތަނަވަސްކަމާ ބަލާއިރު، މީސްކޮޅު މަދެވެ. ވެރިންނަށް ކިޔަމަންގަނެއެވެ. ކޮންމެ މީހަކު ވެސް އެމީހެއް އަމިއްލަ ހާލައިގެން ދިރިއުޅުން އާރާސްތު ކުރަމުންދެއެވެ. ނަފުރަތެއް ނެތެވެ. ހަމަހިމޭންކަން ކޮޅުނެތް ކޮޅަށް އޮތެވެ. މީހުން ދިރިއުޅެނީ ރަށުގެ އުތުރު ފަރާތުގައެވެ. ރަށުގެ ހުޅަނގާއި، އިރުމައްޗާއި، ދެކުނުގައި އޮތީ މާސިންގާ ވަލެވެ. ފިލައިގެން، ހިލަމެއް ނުވެ، މީހަކަށް ކިތަންމެ ދުވަހަކު ވެސް އުޅެވިދާނެ ހެން ހީވެއެވެ. އެއީ ކުށް ހީއެއް ނޫނެވެ. އެ ޙަޤީޤަތާ ކުރިމަތިލާން ނުޖެހޭނެ ހަމަ އެއްވެސް ސަބަބެއް ނެތެވެ.
ހެނދުނުގެ ރަން ދޯދިން މުޅި ރަށް ދިއްލާލައިފިއެވެ. ބަދިގެތަކުން އަރަމުންދާ ދުމާއި، ހެނދުނުގެ ނާސްތާގެ މީރު ވަސް ހުރިހާ ދިމާލަކަށް ވެސް ވަނީ ފެތުރިފައެވެ. ވަރަށް ފަތިހާ މަސްވެރިން ރަށުން ފުރައިފިއެވެ. ހަމަ އެހައިމެ ފަތިހު، މަގުތަކުގައި ކައިތައިލި އިލޮށިފަތިތަކާ އެކު އިންސާނުންގެ ފިޔަވަޅުތަކުގެ އަސަރާއި، ނިޝާންތައް އިންދިރާސްވެއްޖެއެވެ. މިހާރު މަގުތަކުގައިހުރީ ކުކުޅުހާލާއި، އެސޮރުމެންގެ ދަރީންގެ ތަރުތީބެއް ނެތް ފިޔަވަޅުތަކުގެ ނިޝާންތަކެވެ.
އެހެނަސް ރަށުގެ ދެކުނު ފަރާތު ބޮޑުމަގު ކޮޅުގައި އެހުރި ތެލީގައި ނުފިލާ އަސަރެއް އެބަހުއްޓެވެ. އިންސާނެއްގެ އަސަރެވެ. އެ ތެލީގައި ކޮންމެވެސް މީހަކު ވާބަތާއި، ގަރުދިޔަ މޮޑެގެން ކައިފިއެވެ. ބަދިގެ މަކުޑި ނެއްޓިފައި ހުރުމާއި، ބަތްތެލި ގެއްލުމާއި، ދުމަށިމަތިން ދެތިން ވަޅޯމަސްކިބަ ގެއްލުނު ވާހަކަ ރުޤިއްޔާ ތަންގަނޑު މީހުން ކައިރީވެސް ދައްކައިފިއެވެ. އެ ދެ ކަންތައްމެ ނުގުޅުވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. ނަމަވެސް އެއީ ހަމަ ދެއްކި ވާހަކައެކެވެ. ބޮޑު ކަމަކަށް ނުވެއެވެ.
މެންދުރުގެ އެންމެ ދިލަ ހޫނެވެ. ރަށުގެ އިރުމަތީ ފަރާތު ވަލުތެރެއެވެ. ފަޅުކަމާއި ހުސްކަމެވެ. ބައެއް ފަހަރު ނާމާން އިޙްސާސްއެކެވެ. އެންމެ ނޫކަށި ފުރައިގެ ދެތިން ޒުވާން އަންހެން ކުދީން އެތިބީ ދަރު ކަނޑާށެވެ. ވާދަވެރިކަން ނުހަނު ބޮޑެވެ. އެކަކަށް ވުރެ، އަނެކެއްގެ ދަރުބޮނޑި ބޮޑު ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެއްހެން ހިވާކަހަލައެވެ. ވާހަކަވެސް ހަމައެހާ ގިނައެވެ. މާލޭން ރަންކޮކާ ބޯޓު ފުރައިފި ކަމަށް ރޭޑިޔޯއިން ގޮވި ވާހަކައެވެ. ފަތިހު ކުންނާރު ހޮވަން ވަންނަން ޖެހޭ ގަސްގަސް ދަށުގެ ވާހަކައެވެ. ބޮޑު ޢީދަށް ތެލަބަޑިއާއި، ފަންކާ ރޮއްޓާއި، ކުޅިހަދިޔާ ހަދަން ތައްޔާރުވާން ޖެހޭ ވާހަކައެވެ. ނުވިތާކަށް މާވަޑިގޭ އަނީސާއާއި ކަތީބުގޭ އިދުރީހާ ވަރިވާން އުޅޭ ވާހަކަ ވެސް ދައްކައިފިއެވެ.
ކުއްލިއަކަށް ހުރިހާ ވާހަކައެއް ހުއްޓާލަން މަޖުބޫރު ވެއްޖެއެވެ. އެއްލި ކަޅިއަކުން އެތަނުން އެއް ކުއްޖަކަށް އެ ފެނުނީ މީހެކެވެ. އިންސާނެކެވެ. ހަޅޭކުގެ އަޑުން މުޅިތަން ގުގުމާލައިފިއެވެ. ކުރަން ހުރި ކަމެއް ދޫކޮށް، ހުރިހައި ކުދިން ވަލުން ނުކުންނަށް ދުއްވައިގެންފިއެވެ. ހީވަނީ ޤިޔާމަތް ލައިގަނެގެން އުޅޭ ހެންނެވެ. ހުރިހައި ކުދިންނަށް އެއީ ކާކުކަން ނޭނގުނަސް އެ މީހަކު ފެނުނު ކުއްޖާއަށް އެއީ ކާކުކަން ހަމަ ރަނގަޅަށް އެނގިއްޖެއެވެ.
ބަޑިއެއް ޖަހާލިހެން އެ ޚަބަރު ރަށުތެރެއަށް ފެތުރިއްޖެއެވެ. ސިއްރާއި ވަންހަނާކަމުގައި ވަލުތެރެއާއި ގޮނޑުދޮށުގައި އަޅަމުން ދިޔަ ފިޔަވަޅުގެ އަޑު މުޅި ރަށަށް ބޭޒާރު ވެއްޖެއެވެ. އެއްބަޔަކު އެކަން ޤަބޫލުކުރި އިރު، އަނެއް ބަޔަށް އެއީ ޤަބޫލުކުރެވޭނެ ވާހަކައަކަށް ނުވިއެވެ. ވަހުމާއި ހީއެކޭ ބުނަނީ އެވެ. ޝައްކުގެ ލޮލަކަށް ފެނުނު ޖިންނިއެކޭ ވެސް ބައެއްމީހުން ބުނެފިއެވެ. މިހާރު އެނޫން ވާހަކައެއް ރަށުތެރެއަކު ނުދެކެވެއެވެ. ހޮޅުއަށްޓާއި، ފިނިމައިޒާންތަކާއި، އެދުރުގެތަކާއި، ޖޯލިފަތިތަކުގައެވެ. އެކަމަކާ ހުރެ، ފަތިހުގެ ހާ އޭގެ ވާޖިބު އަދާކުރާއިރު، ނުނިދި އެނދުގައި ފޮރޮޅި ފޮރޮޅި ތިބި މީހުން ވެސް މަދެއް ނޫނެވެ.
ލާނެއްކަމާއި، ނުސިޔާނުކަމުގައި އަރާހުރި އުމުށޭމު (އަސްލު ނަމެއް ނޫން) ނުދަންނަ މީހަކު އަތޮޅުގައި ކީއްކުރަން، މުޅި ރާއްޖޭގައި ވެސް ނޫޅޭނެއެވެ. ދިރިއުޅެނީ ރާއްޖޭގެ އެތައް މިތަނުގައެވެ. ބައެއް ފަހަރު ހުރަގޭގެ ތޭރިތަކުގެ ބިއްދޮށުގައެވެ.ކޮންމެވެސް މޮޅޮކަމެއް ކޮއްލައި، އާރާއި ބާރު ދައްކާލައި، އެކަމަކުން މަންފާއެއް ހޯދުން ނޫން ކަމެއް އޭނާގެ ސިކުނޑިއަކު ނެތެވެ. އެހެންކަމުން އެއީ މީހުން ޖެހިލުންވާ މީހެކެވެ. ބިރުގަންނަ މީހެކެވެ.
ހދ. ނަވައިދޫން ފުރައިގެން މާލެދާ އޮޑީގައި އުމުށޭމު އެ އިނީ އޭނާގެ ޚިޔާލީ ދުނިޔޭގައެވެ. ދެން ވާންވީ ގޮތެއްގެ ފިކުރުގައެވެ. އޭނާގެ މަޤުޞަދު މިއަދު ހާސިލުކުރާނެއެވެ. މާސިންގާ ދެ ރަށް ދޭތެރެއިން އޮޑި ދަތުރުކުރަމުން ދެކުނަށް ދަނީ އެވެ. ކާށިނެރުން ވަދެގެން ފަތާފައި، ވައިކަރަދޫ ބޮޑުފާރު ކޮޅަށް އެ އަރަނީ އުމުށޭމުއެވެ. އެނާގެ އެކަހެރި ދިރިއުޅުން ފެށިއްޖެއެވެ. އޭނާގެ ފައިތިލައިގެ ދަށުގައި، އެ ވަލުތެރޭގައި ކިތަންމެ ހޯލިކޮޅެއް ބިނދިއްޖެއެވެ. އެތައް ސަތޭކަ ފިޔަވަޅެއް އަޅައިފިއެވެ. މީހަކަށް ހިލަމެއް ނުވެއެވެ. އޭނާގެ މަޤުޞަދު ދެނެވޮޑިންގެން ވާނީ ހަމައެކަނި މާތްރަސްކަލާނގެއެވެ.
އަންހެންވެރިން އެމީހުންގެ ބިރާއި ސިހުމުގެ އިޢުލާން ހިއްޕައިފިއެވެ. މިހާރު ދަރުކަނޑަން ވަލަށް ވަންނާކަށް ނުކެރެއެވެ. ދަރުގެތައް ފަޅުވަނީއެވެ. ދަރު ނެތިއްޔާ އުނދުނަށް އަލިފާންލާނެ ގޮތެއް، އެއްޗެއް ރޯފިލުވާނެ ގޮތެއް ނޯންނާނެއެވެ. ފިރިން އެ ޝަކުވާތައް އަޑުއަހަން ފަށައިފިއެވެ. ކަމުގެ ބޮޑުކަން އެމީހުންގެ ސިކުނޑިތަކަށް ވިސްނެން ފަށައިފިއެވެ. ތެދެކެވެ. ފޮރޮއްޕާކަށްނެތެވެ. އެ ކުންހީ، އެ ޝައްކު، އެ ހާސަރު، ބޮޑު ހައިޖާނަކަށް ވެއްޖެއެވެ. މިހާރު ދެމަފިރިންނަށް ހަމަޖެހިލައިގެން ނިދައިލެވޭ ކަމަކަށް ނުވެއެވެ. ރަށު އޮފީހަށް އެ މައްސަލަ ހިނގެއްޖެއެވެ.
މެންދުރު ނަމާދުން އަވަދިވެގެން، މިސްކިތުން މީހުން ފޭބިއިރު ސަންގު ފުންމާ އަޑު އިވެއެވެ. އިދުރީހާއި، ކަރީމާއި، ޝާކިރު އެދަނީ އެ ދިމާއަށެވެ. ވަޑި ހަސަންބޭ ވެސް އީޓުޖެހި ހަރުގެއާ ދިމާ ގޮނޑުދޮށުން އެއްގަމަށް އަރައިގެން މުންޑު ކޮށިކުރަމުން އެ އަންނީ އޮފީހާ ދިމާއަށެވެ. އަންހެންވެރިން ވެސް ކުރަން ހުރި މަސައްކަތަކުން އަތްދޫކޮށްލުމަށް ފަހު، ރަށު އޮފީހާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. އައިނައި ދިމާއެއް ނޭނގި މީހުންތައް ޖަމާވެއްޖެއެވެ. ތަނަކީ ވައިކަރަދޫ ރަށުއޮފީހުގެ ކުރިމަތީ ހުރި ބޮޑު ނިކަގަސް ދަށެވެ. އާރާއި ބާރު، ހިތްވަރާއި ފަންވަރު، އެންމެ ޒުވާން ޖޯޝް ހިނގަ ހިނގާ ހުރި މުސްޠަފާ މޫސާ (އަސްލު ނަން) ވެސް މިހާރު އެތާގައި އެބަހުއްޓެވެ.
ކިޔަމަންތެރި ރައްޔިތެކެވެ. އެއްވެފައިވާ މީހުންގެ ކުރިމަތީ އެ ހުރީ ބޮޑުކަތީބު ޢަލީ ޙުސައިން ( އަސްލު ނަމެއް ނޫން) އެވެ. އެންގުމެއް އަންގަނީއެވެ. ވަލަށް ދަރުކަނޑަށް ވަން ކުދިބަޔަކަށް، ވަލުތެރޭއިން މީހަކު ފެނުމާއި، ބަދިގެތަކުން ތެލިތަށި، ވަޅި ގެއްލުމާއި، އަންހެންވެރިންނަށް ދަރުކަނޑަށް ވަލަށް ވަންނަން ނުކެރުމާއި، އާންމު ދިރިއުޅުން މޮޅިވެރިކަމެއްގެ ތެރެއަށް ވެއްޓިއްޖެކަމުގެ ޝަކުވާ ލިބިފައިވާކަން އަންގައިފިއެވެ. އަދި އެ ބިރާއި ސިހުން ނައްތާލަން ރައްޔިތު އެންމެން ނުކުންނަށް ވެއްޖެކަން ވަރަށް ހަރުދަނާ ގޮތެއްގައި ކަތީބު އިޢުލާން ކޮށްފިއެވެ. މިހާރު ވަނީ އެ ބޮޑު ހަރަކާތަށް މުޅި ރަށް ތައްޔާރުވެފައެވެ.
ވެރިންނާއި ރައްޔިތު ފިރިހެނުންގެ މަޝްވަރާތަކަށް ފަހު ނިންމީ މާސިންގާ ވަލުތެރެއަށް ވަދެ އަތްފުނާއެޅުމަށް ވުރެ، ރޭގަނޑު ފާރައަށް ތިބެ، ރަށުތެރެއަށް އަރާ ވަގުތު އެ މީހަކު އަތުލައިގަތުން މާ ފަސޭހަވާނެ ކަމަށެވެ. މި ގޮތުން ބައިބައަށް މީހުންތައް ބަހާލައިފިއެވެ. ހުރިހާ ފިރިހެނުން ވެސް އެ ހަރަކާތުގައި ބައިވެރި ވެއެވެ. ގައިބާރު ގަދަ މީހުން ބައިބޮޑުން ގޮތުގައި ކަނޑައެޅިއިރު، މުސްޠަފާ ވެސް ހިމެނުނީ ބައިބޮޑެއްގެ ގޮތުގައެވެ. އަދި އުޅުމުގައި ނުސިޔާނު ގޮތެއް ހުންނަ ދަގަނޑު އަޙްމަދު (އަސްލުނަމެއް ނޫން) ވެސް ވަރަށް ހަރަކާތެރިކޮށް މި ކަމުގައި އެބައުޅެއެވެ. މިފަދަ ބޮޑު ހަރަކާތެއް ރަށުތެރޭގައި ފެށިގެން ކުރިއަށް ދާކަން ވަލުތެރޭގައި އުޅޭ އުމުށޭމު ދެނަހުރިކަމެއް ނޫންކަމެއް ވެސް ނޭނގެއެވެ. އެނގޭހައިވެސް އެއްޗަކީ މިހާރު މުޅިރަށް އެއް ކަމަކަށް ހުއްޓިއްޖެކަމެވެ.
ހަފުތާއެއް ފާއިތުވެއްޖެއެވެ. ކާމިޔާބެއް ނުލިބެއެވެ. ދެކުނު ފަރާތު ގޮނޑުދޮށުން ފެނުނު ފިޔަވަޅެއްގެ އަސަރު ފިޔަވައި، އެހެން އެއްވެސް އަސަރެއް ނުފެނެއެވެ. މިރޭ މުސްޠަފާގެ ބައި މީހުން އެތިބީ ރަށުގެ ކަނޑިންމާ ކޮޅުގައެވެ. ރޭގަނޑުގެ އަނދިރިކަން ގަދަވެ، ފިޔަވަޅު އޮބިއްޖެއެވެ. އަޑުތައް މަޑުވެއްޖެއެވެ. ކުދިކުދި ފަނިފަކުސާ އާއި، މާދުރުން ރުކަކުން ވެއްޓުނު ކާއްޓެއްގެ އަޑު ފިޔަވާ މިހާރު އެއްވެސް އަޑެއް ނީވެއެވެ. ހިމޭންކަމުގެ މައްޗަށް ހިމޭންކަމެވެ. ނަމަވެސް މާގިނަ އިރެއް ނުވިއެވެ. މާދުރު ނޫން ހިސާބެއްގައި ހުރި ރާރުކަކުން މީހެއްގެ ހިލަން ވެއްޖެއެވެ. އެންމެން ހުޝިޔާރު ވެއްޖެއެވެ. މަޑުމަޑުން ގޮސް، ތިން ހަތަރު މީހުން ރުއް ވަށާލައިފިއެވެ. ރުކުގައި ރާބޯން އެއޮތީ ދެވަނަ ދެ މީހެއް ނޫނެއެވެ. އެ މީހަކަށްޓަކައި އެތައް ބައެއްގެ ލޯތަކުން ނިދި އެއްފަރާތް ކޮށްގެން ރެއާދުވާލު ހޯދަމުންދާ އުމުށޭމެވެ.
އަނދިރިކަމުގެ ތެރެއިން ތިރިން މައްޗަށް ބަލަމުން ދިޔައިރު، މަތިން ތިރިއަށް ވެސް ބަލަމުން އެބަ ދެއެވެ. މުސްޠަފާ އަތުގައި އޮތް ބައްތިއަކުން އަލިކޮށްލައިފިއެވެ. އުމުށޭމުގެ އެއް އަތުގައި އޮތީ ރާބައްޖެވެ. އަނެއް އަތުގައި ކަތިވަޅިއެވެ. އެ ދެމެދުގައި މާބޮޑު ފަރަގެއް ނެތެވެ. މަތީގައި ވެސް އަނދަނީ އަލިފާނެއެވެ. ތިރީގައި ވެސް އަނދަނީ އަލިފާނެއެވެ. އެހެނަސް ކަތިވަޅިއެއް އަތުގައި އޮއްވާ ގަދަބާރުން ދިމާކޮށްލުމަކީ ބުއްދިވެރި ގޮތެއް ނޫންކަން މުސްޠަފާއަށް ވިސްނިއްޖެއެވެ. އެހެންކަމުން ދެފަރާތުގެ ދެމެދުގައި ވާހަކަ ދެވެން ފެށިއްޖެއެވެ.
މުސްޠަފާ ފުރަތަމަ ވެސް އެދުނީ އަތުގައި އޮތް ކަތިވަޅި ތިރިއަށް ވައްޓާލުމަށެވެ. ހިނދުކޮޅެއްގެ ވާހަކަތަކަށް ފަހު އުމުށޭމަށް ލިބުނު ޔަޤީންކަމާއި، ދެން އެހެން ގޮތެއް ނެތުމުގެ މައްޗަށް ވިސްނުމަށް ފަހު، އޭނާގެ އަތުން ކަތިވަޅި ދޫކޮށްލައިފިއެވެ. ހަރުފަތަކަށް ފަހު ހަރުފަތެއްގައި ފައި އަޅަމުން ތިރިއަށް ފައިބަންވެސް ފަށައިފިއެވެ. ރުކުގެ އެންމެ ތިރީ ހަރުފަތަށް ފައި ނޭޅެނީސް އުމުށޭމުގެ ގައިގައި ބެއްދީ މުސްޠަފާއެވެ. "މޔހކ، މަރައޭލަންވީ" ކިޔާފައި މުސްޠަފާ ހަޅޭލައިގެންފިއެވެ. ދެން ތިބި މީހުންވެސް އޭތީމީތި ކިޔައި ހަޅޭލައިގަންފިއެވެ. އެ އަޑަށް އެކި ތަންތާގައި ފާރަޔަށް ތިބި މީހުން، އެތަނަށް ޖަމާވެއްޖެއެވެ. ރުޅިއައިސް ރަތްވެފައި ތިބި ބައެއް މީހުންގެ ހަމަލާ އުމުށޭމަށް އަމާޒުވިއެވެ. ނަމަވެސް އެކަން މައިތިރިކުރަން ވެސް އެއްބަޔަކު އުޅެއެވެ.
އިންތިޒާރުގެ އިރު، އުދަރެހުން ތޮޅިލައިފިއެވެ. ރަށުތެރޭގައި އޮތީ އުމުށޭމު އަތުލައިގަން ވާހަކައާއި، ހާސްކަމާއި ބިރުން ސަލާމަތްވުމުގެ އުފާވެރި ޚަބަރުތަކެވެ. އުމުށޭމު މިހާރު އިނީ ރަށު އޮފީހުގައި ބަންދުކޮށްފައެވެ. ވަރަށް ހެނދުނާ ކަތީބު ޢަލީ ޙުސައިން ތައްޔާރުވަމުން ދަނީ އަތޮޅު އޮފީހުގެ އެންގުން ތަންފީޒު ކުރާށެވެ. ވީހާވެސް އަވަހަށް އުމުށޭމު އަތޮޅު އޮފީހަށް ހަވާލުކުރުމަށް ނޮޅިވަރަންފަރަށް ފުރުވާލުމަށެވެ. ތަޙުޤީޤެއް ނުހިންގިއެއް ކަމަކު، ބޮޑުކަތީބުގެ ހައިސިއްޔަތުން އުމުށޭމާ ކޮއްލަން ބޭނުންވާ ސުވާލެއް އޭނާގެ ހިތުގައި އެބައޮތެވެ. މިވީ ދުވަހު ފިލައިގެން އުޅުމަށާއި، ކާބޯތަކެތި ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނީ ކާކު ހެއްޔެއެވެ؟ ހިމޭންކަމުގެ ދެތިން ސިކުންތަކަށް ފަހު، އެމީހަކީ މިރަށު ބޮޑުތިލަގޭ ދަގަނޑު އަޙްމަދު ކަމުގައި އުމުށޭމު ބުނެފިއެވެ. އަނެއް ހުޅުގަނޑު ފަޅައިގެން ދިޔައީއެވެ. ހަމަ ދާދި ދެންމެއާ ހަމައަށް މިނިވަންކަމާއި، ގަދަފަދަ ކަމުގައި އުޅުނު ދަގަނޑު އަޙުމަދު ކުށްވެރިއަކަށް ވީއެވެ. ކުށެއްނެތްކަން ހާމަކުރަން ކިތަންމެ ހެއްކެއް ދެއްކިޔަސް، އޭނާގެ ލާނެއްކަމާއި، ނުސިޔާނު ދިރިއުޅުން، އެއީ ކުށްވެރިއެއްކަމަށް ކަނޑައަޅައިފިއެވެ. އަތޮޅުގެއަށް ފޮނުވަން ޖެހޭ ދެވަނަ ނަމަކަށް ދަގަނޑު އަޙްމަދުގެ ނަން ލިޔެވިއްޖެއެވެ.
ދެ ކުށްވެރިން ގޮވައިގެން ނޮޅިވަރަންފަރަށް ދިއުމުގެ ބިރުހުރި އުނދަގޫ ދަތުރުގެ ޒިންމާއާ ހަވާލުވާން ޖެހުނީ އެރަށު މުސްޠަފާ މުސާއަށެވެ. އޭނާއަކީ ޖެހިލުން ކުޑަ ބިރުކުޑަ މީހެކެވެ. ގައިބާރު ހުރި، ގަދަފަދަ މީހެކެވެ. ޖުންޖުލައިގައި ފަރުތަކަށް ބިންދަމުން ދިޔަ، ހޮޅިލީ ބޮޑެތި ރާޅުތަކުގެ ތެރޭގައި އޭނާގެ ރާސްޓަސް ދޯނީގައި ކިތަންމެ ދަތުރެއް ކޮށްފިއެވެ. މުގުރި ރާޅުގެ ފުއްޓަރު ފަރާތުން ދޯންޏެއް ކިޔަމަން ކުރަން ޖެހޭ ގޮތް އޭނާ ދަނެއެވެ. ކަނޑުގެ އެ ތަޖުރިބާ އޭނާ ބަލިކޮށް ނުލެވޭނެއެވެ. ނަމަވެސް މުސްޠަފާ މިހާރު ކުރަން އެ އުޅޭ ދަތުރު ހުރިހައި މާނައެއްގައި ވެސް ތަފާތެވެ. ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ބިރުގެ އިހުސާސް އޭނާގެ ހިތުގައި ހިނގައިގެންފިއެވެ.
ވައިކަރަދޫ އުތުރު ފަރާތު އަތިރިމަތި ވަނީ މީހުންނައިގެން ފުރިފައެވެ. ކުދިބޮޑު އެންމެންނެވެ. ފިރިހެނުންނާއި އަންނެހުންނެވެ. ބަލިހާލައިގެން ހަލައިނުލެވި ތިބި ދެ ތިން މުސްކުޅިއަކަށް ނާދެވި ތިބެދާނެއެވެ. އެ ނޫން ހުރިހާއެންމެ މިހާރު އެތިބީ ކުށްވެރިން ފުރުވާލާ މަންޒަރު ދެކިލަން އަރިތިމަތީގައެވެ. ޓޯކީގޭގެ ހިޔަލުގައި ކުދިވެރިން، އެމީހުންގެ ކުޅިވަރުގެ ދުނިޔެ ބިނާކުރަމުން، ދުވެ،ފުމެ މަޖާކުރަމުން ދެއެވެ.
މޫސުން ރީތި، ރިޔަލުގައި ދަތުރުކުރަން އެންމެ ހެޔޮވަރަށް، ފަހިކޮށް ވައިޖެހޭ ދުވަހެކެވެ. ރާސްޓަސް ދޯނި މިހާރު ރަށުގެ ނެރުން އެ ނުކުންނަނީއެވެ. މުސްޠަފާއަށް މީހުން ބެލީ ހިތްވަރާއި އުންމީދުގެ ލޮލުންނެވެ. ކުށްވެރިންނަށް ބެލީ ނަފުރަތާއި ރުޅިވެރިކަމުގެ ލޮލުންނެއެވެ. އެހެނަސް އުމުށޭމެ ދޯންޏަށް އެރި ވަގުތު "ރަށުން ދާއިރު ހަދިޔާއަކަށް ގެންދާށޭ" ކިޔައިފައި މީހަކު ދިއްކުލި ކުންނާރު ކޮތަޅު، އޭނާއަށް ވެސް ކޮންމެވެސް މީހަކު އެ ދަތި އުނދަގޫ ވަގުތު ހަމްދަރުދީގެ ލޮލަކުން ބަލައިފިކަމުގެ ހެއްކަކަށް ފުދެއެވެ.
މިހާރު އެއީ މާސިންގާ ކަނޑުގައި ދަތުރުކޮށްފައިދާ ކުޑަކުޑަ ރިޔާ ދޯންޏެކެވެ. ހުންގާނުގައި ހުރީ މުސްޠަފާއެވެ. ދެ ކުށްވެރިން ތިބީ ދޯނީގެ ދެފަރާތުގައެވެ. އެއްކޮޅުގައި އިނީ ކުށްވެރި ވެއްޖެކަމުގެ އިހުސާސް ކުރެވި އެކަމުގެ އިޢުތިރާފުގައި އިން ގަދަފަދަ "ސިންގާ" އެކެވެ. އަނެއް ކޮޅުގައި އިނީ ކުށްވެރިވިއެއް ކަމަކު އެއީ މައުސޫމު މީހެއްކަމުގެ އިހުސާސް ކުރެވެމުންދާ ހަމަ އެފަދަ "ސިންގާ" އެކެވެ. ދެ ފަރާތުގެ ދެމެދުގައި ހިނގަމުންދާ ބަހުގެ ހަމަލާތައް ހޫނުވެފައި ތޫނެވެ. ދެންމެ ދެންމެ ހިފައިގެންފާނެ ފަދަ ވަގުތުތައް ވެސް ހިނގައްޖެއެވެ. ހުންގާނުގައި ހުންނައިރު މުސްޠަފާއަށް ކުރެވެނީ ހަޔާތުގެ އެންމެ ފަހު ދަތުރުގެ އިހުސާސެވެ. ދޯނީގައި ބިތްވާ ރާޅާއި، ރިޔަލުގައި އެޅޭ ވައިގެ އަޑުން އޭނާއަށް އިވެނީ ނުރައްކަލުގެ ރަނގަބީލުގެ އަޑެވެ.
ދެ ބިރެއް ހިތުގައި ހިނގައެވެ. އެއް ބިރަކީ ދެ ކުށްވެރިން ހިފައިގަނެ، އެކެއް އަނެކަކު ކަނޑަށް އެއްލާލުމެވެ. އަނެއް ބިރަކީ އެ ދެމީހުން އެއްބައިވެ މުސްޠަފާ ކަނޑަށް އެއްލާލުމެވެ. ކޮންމެއަކަސް ޒުވާބު ހޫނުވި ފަހަރަކު ދަގަނޑު އަޙްމަދު، އުމުށޭމު އަތުގައި އޮތް ކުންނާރު ކޮތަޅު މޫދަށް އެއްލައިލައިފިއެވެ. ދެން އެހީވީ މުޅި ދޯނީގައި އަލިފާން ރޯވިހެންނެވެ. ނަމަވެސް... ދަތި އުނދަގޫ އެ ދަތުރުގެ ބިރާއި، ސިހުމާއި، ނުތަނަވަސްކަމުގެ ތެރެއިން ނެރެ، މާތްރަސްކަލާނގެ އެ ކުޑަކުޑަ ދޯނި އޭގެ މަންޒިލަށް ފޯރާނެގޮތް މިންވަރު ކުރައްވައިފިއެވެ.
އަތޮޅު އޮފީހުގައި ތަޙުޤީޤު ހިނގަނީއެވެ. ދޯނިވެސް އޮތީ ރަށަށް ފުރަން ތައްޔާރުވެފައެވެ. ރަނގަޅު ތަޙުޤީޤެއްގައި ދަގަނޑު އަޙްމަދު ސަލާމަތްވާނެ ކަމަށް، އޭނާ ބުނާތީ އަދި ނުފުރާ މަޑުކޮށްލައިގެން އޮތީއެވެ. ފުރަތަމަ ސުވާލު ކުރެވެނީ އުމުށޭމާއެވެ. އެންމެ ފަހު ސުވާލަކަށް އޭނާއަށް ކުރެވުނީ ދަނގަޑު އަޙްމަދު މިކަމުގައި ބައިވެރިވީ ކިހައި ވަރަކަށް ހެއްޔެވެ؟ އޭނާ ރަކިގޮތަކަށް ހީލުމަށް ފަހު ބުންޏެވެ. "ކަތީބު ޢަލީ ޙުސައިން އަހަރުން ވައިކަރަދޫން ބޭރުކުރީމާ.. އަހަންނަށްވެސް އެރަށުން މީހަކު ބޭރު ކުރެވޭކަން އަންގާލީއެ. އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތެ" އެވެ. ހަމަ އެންމެ ޖުމްލައަކުން އަޙްމަދު ސަލާމަތްވީއެވެ. މިހާރު އެއީ މިނިވަން އިންސާނެކެވެ. އޭނާއަށް ރަށަށް ދިއުމުގެ ހުއްދަ ލިބިއްޖެއެވެ. އުމުށޭމު މާލެ ފޮނުވަން ބަންދުކުރީއެވެ.
އޮމާން ނޫކަނޑުގައި މިހާރު އެޅެމުން އެދަނީ މުސްޠަފާ މޫސާގެ ރާސްޓަސް ދޯނި އެނބުރި ރަށަށް ކުރަމުންދާ ދަތުރުގެ މޯހިރުން އުފެދިފައިވާ އަމާންކަމުގެ ރޮނގެވެ. މުސްޠަފާ ހުންގާނުގައި އެހުރީ އޭނާގެ ބޮލުން ފަރުބަދައެއްހައި ބޮޑު ބަރެއް މާޒީގެ ތެރެއަށް ދޫކޮށްލައިގެނެވެ. ދަތުރަށް ފެށީންސުރެ، ވަދުނަނު ދޫކޮށްލައިގެން ލައްޓިއެއް ޖެހޭތޯ ދަގަނޑު އަޚްމަދު އެއިނީ، ހަނގުރާއަކުން ފަތަޙައެއް ލިބުނު މީހަކު ފަދައިނެވެ. ޤުދުރަތުގެ ރީތި ކަމުގެ ތެރެއަށް ގެއްލިފައެވެ. އަމާން ދުވެލީގައި ދޯނި ދަތުރު ކުރާނަމަ، އިރުއޮއްސުމުގެ ކުރިން ވައިކަރަދޫ ފަޅަށް ވަންނާނެއެވެ.
އަހަރުތަކެއް ފަސް
ބަދަލުވުމެއް ނެތި މާތްރަސްކަނލާގެ ހިންގަވާ ޤުދުރަތުގެ ޤާނޫނުގެ ހަމަތަކާ އެއްގޮތުގެ މަތީން، މިހާރު އެއީ ބަލިކަށިވެ، ގައިބާރު ހުސްވެފައިވާ އިންސާނެކެވެ. އުމުރުން ދުވަސްވީ އުމުށޭމު ވަރަށް ބަލިވެއްޖެއެވެ. އެ ބަލިހާލައިގެން ރަންކޮކާ ބޯޓުގައި މާލެއަށް ކުރި ދަތުރުގައި، އެ މާލޭ ފަޅުތެރޭގައި އޭނާގެ ފުރާނަ ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފިއެވެ. މިހާރު މިފަނާވަނި ދުނިޔޭގެ ފަސްގަނޑަށް އޭނާ ކަށިފުރޭނި ނިމިއްޖެއެވެ.
ނޯޓު: މިއީ މީގެ 16 އަހަރު ކުރިން ( 2009 ގައި) ކުޑަ މޫސަގެ މުސްޠަފާބޭ، އޭނާގެ އަމިއްލަ ތަޖުރިބާގައި އަޅުގަނޑަށް ކިޔައިދިން ވާހަކައެކެވެ. ވައިކަރަދޫގައި ހިނގި ހާދިސާއެކެވެ. އެ ޙަޤީޤަތުގެ މައްޗަށް ޚިޔާލީ ބައެއް އިތުރުކޮށް، ވާހަކައެއް ގޮތަށް ހުށަހެޅީއެވެ. ވާހަކާގައި (އަސްލު ނަން / އަސްލު ނަމެއް ނޫން) ޖަހާފައި އެވަނީ މައިގަނޑު ޝަޚްސިއްޔަތުތައް ފާހަގަ ކުރުމަށެވެ. ދެން އެވަނީ މުޅިން ވެސް ޚިޔާލީ ނަންނަމެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!