ލިބުނީ ނޫރާގެ ސްނެޕެކެވެ. ބޭއިހްތިޔާރުގައި އަހަންނަށް ހިނިތުންވެވުނެވެ. އަނެއްކާ ވެސް ސޯފާގައި ޖައްސާލުމަށްފަހު ސްނެޕް ހާވާލީމެވެ. އަހަރެންގެ މާ ގިނަ ރައްޓެހިންނެއް ވެސް ނެތެވެ. އަދި ރަނގަޅަށް ސްނެޕްޗެޓް ބޭނުން ކުރާކަށް ވެސް އަހަންނަކަށް ނޭނގެއެވެ. ނުދަންނަ މީހުންގެ ފްރެންޑްރިކުއެސްޓްތައް އޮއްސަމުންދެއެވެ. ނަމަވެސް ނޭނގޭ މީހުންނާ ވާހަކަ ދެއްކުމަކީ އަހަރެންގެ އާދައެއް ނޫނެވެ. އެހެންވެ، އެކަމަކަށް އެއްވެސް ފަރުވާލެއް އަހަރެން ނުބަހައްޓަމެވެ.
ސްނެޕް ޗެޓް ހާވަނިކޮށް އޮޅިގެން އަހަންނަށް ކޮންމެވެސް މީހަކަށް ފްރެންޑް ރިކުއެސްޓް ފޮނުވިއްޖެއެވެ. އެއާއެކު ދެ ލޯ ބޮޑުވެ، އަވަސް އަވަހަށް ރިކުއެސްޓްކެންސަލް ކުރަން އުޅުނީމެވެ. ނަމަވެސް ރިކުއެސްޓް ލިބުނު މީހާ މާ ހުށިޔާރެވެ. އެންމެ ސިކުންތެއްގެ ތެރޭގައި އޭނާ އަހަރެން އެޑް ކޮށްފިއެވެ.
" ހުސެން؟ " އަހަންނަށް އެ ނަން ކިޔާލެވުނީ އޭނާގެ ސްނެޕެއް ލިބުމުންނެވެ.
އޭނާ އެހާ އަވަހަށް އަަހަންނަށް މެސެޖެއް ކުރުމުން އަހަރެންގެ ހިތް ފާޑަކަށް ނުތަނަވަސްވިއެވެ.
" ތައިބާ؟ ވަރަށް ޔުނިކް ނަމެއް." ހުސެން އަހަންނަށް ފޮނުވި މެސެޖް ކިޔާލުމަށްފަހު ބޭއިހްތިޔާރުގައި އަހަންނަށް ހިނިތުންވެލެވުނެވެ.
" ހުސެން؟ ވަރަށް ބޮޑުގުޅަ ނަމެއް." ލުއި ހިނިތުންވުމެއްގައި އިނދެ އަހަންނަށް ރިޕްލައި ކޮއްލެވުނީ ބޭއިހްތިޔާރުގައެވެ.
އެއާއެކު އޭނާ އަހަންނަށް ފޮނުވާލީ ބޮޑު ހިނިގަނޑެއްގެ ސްޓިކާއެކެވެ. ފުޅާ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކޮށްގެން އިނދެ އަހަރެން ވެސް ހަމަ އޭގެ ސްޓިކާއެއް ފޮނުވާލީމެވެ.
" ބޮޑު ގުޅަވިޔަސް، އަމިއްލަ ނަމާމެދު ރުހެން ދޯ ޖެހޭނީ؟" ހުސެންގެ މެސެޖްގައި އޮތީ އެހެންނެވެ.
ލަސްނުކޮށް އަހަރެން ވެސް ލިޔަން ފެށީމެވެ.
" ޔުނިކް ވިޔަސް އަމިއްލަ ނަމާމެދު ރުހިގެން މި ހުންނަނީ." މެސެޖް ފޮނުވާލުމަށްފަހު އަހަރެން އިނީ ހުސެންގެ ރިޕްލައި އަންނާނެ ގޮތަކަށް ބަލަބަލައެވެ.
" ވަރަށް ބަސްއަހާ ކުއްޖެއް.ދޯ؟" އޭނާ ބުންޏެވެ.
" އޯހް." އަހަރެން ބުނީމެވެ.
އެ ވަގުތު އޭނާ ފޮނުވާލީ ސްމައިލީ ފޭސްއެކެވެ.
ކުއްލިއަކަށް ލިލީ ރޮއިގަތް އަޑަށް އަހަރެން ދިޔައީ ސިހިގެންނެވެ. ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެ، ލިލީ ނަގާ، ނިންދެވޭތޯ ބެލީމެވެ. ކޮނޑުމަތީ ބާއްވައިގެން ކޮޓަރީގެ ދެ ކޮޅުގައި ހިނގަމުން ދިޔައިރު ވެސް ސިކުނޑީގައި އެނބުރެމުންދަނީ ދާދި ދެންމެއަކު ހުސެންއާ ވާހަކަ ދެއްކި ވަގުތުކޮޅެވެ. ނުދަންނަ މީހަކާ ވާހަކަ ދެއްކި ފުރަތަމަ ފަހަރަށްވާތީ، ހިތަށް ކޮންމެވެސް ވަރެއްގެ އުނދަގުލެއް ވެސް ވާކަން އޭރު އަހަންނަށް އިހްސާސް ކުރެވެން ފަށައިފިއެވެ.
ލިލީ އެނދުގައި ބާއްވަމުން ޒިޔާދުއަށް އަހަރެން ބަލައިލީމެވެ. އޭނާ އޮތީ ވަރަށް ގަދައަށް ނިދާފައެވެ. އޭނާއަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު އަނެއްކާ ވެސް ސިޓިންރޫމަށް ނިކުތީމެވެ. އޭރު ވެސް ސޯފާމަތީގައި އޮތް ފޯނު އޮތީ ދިއްލިފައެވެ. ސްނެޕް ނޮޓިފިކޭޝަންތައް ފުލުފުލުން އަންނަމުން ދެއެވެ. ފޯނު ނަގައި ބަލައިލި އިރު ލިބިފައި އޮތީ ހުސެންގެ ދެ ތިން މެސެޖެވެ.
" ކޮބާ؟ ޔޫ؟ ދިޔައީތަ؟" މެސެޖް ކިޔާލީމެވެ.
އަހަރެންގެ ހިލަމެއް ނުވުމުން ވެސް އޭނާ އަހަންނަށް މެސެޖް ކުރީތާއޭ އަހަރެންގެ ހިތަށް އެރިއެވެ.
" ދަރިފުޅު ހޭލީމަ ނިންދަވާލީ." އަވަސް އަވަހަށް މެސެޖް ލިޔެލާފައި ފޮނުވާލީމެވެ.
" އޯހް. އެހެންތަ؟ މެރިޑް ދޯ" އޭނާ ސުވާލު ކުރިއެވެ.
" ޔެސް. އެންޑް ޔޫ؟" އަހަރެން އެހީމެވެ.
" މީ ވެސް. މެރިޑް. ބޯއީއެއް ހުރޭ." އޭނާ ބުންޏެވެ.
" އޯހް. އެހެންތަ؟ " އަހަންނަށް ވެސް ވީ ހަމަ އޭނާއަށް ވެސް ވީ ގޮތް ކަންނޭނގެއެވެ. ހުސެން މެރީޑް ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. ސަބަބަކީ އޭނާ އެއްވެސް ބިރެއްނެތި އަހަންނާ ވާހަކަ ދައްކަން ފެށީތީއެވެ. އެއާއެކު އަހަންނަށް ހެވިއްޖެއެވެ. އަހަންނަކީ ވެސް މީހެއްގެ އަނތްބެއްކަން އޭނާއަށް އެނގޭނީ އަހަރެން ބުނިއްޔާތާއޭ ހިތަށް އެރިއެވެ.
" ކޮންތާކު އުޅެނީ؟ މާލޭގަތަ؟" ލަސްތަކެއް ނުވެ އޭނާ އެހިއެވެ.
" ޔެސް. މާލޭގަ." އަހަރެން ޖަވާބު ދިނީމެވެ.
" ކޮންމެވެސް ދުވަހަކުން އަދި ދިމާވާނެ ކަންނޭނގެ ދޯ. އަހަރެން ވެސް ދިރިއުޅެނީ މާލޭގަ." އޭނާ ބުނެލިއެވެ.
އެ ވަގުތު އަހަރެންގެ ހިތަށް ކޮންމެވެސް ކަހަލަ އުނދަގުލެއްވީކަން އެނގުނެވެ. މި ދަންވަރު ވަގުތު ހުސްކޮށްގެން ހުސެންއާ ވާހަކަ ދައްކަން މި އިނދެވެނީ ކީއްވެކަމެއް ހުދު އަހަންނަކަށް ވެސް ނޭނގުނެވެ.
" ފެނުނީމަ އެނގޭނެތަ؟" އަހަރެން އެހީމެވެ.
" ނޭނގޭނެއެއްނު. ޔޫގެ ފޮޓޯއެއް ވެސް ނުފެނޭ. އެކަމަކު މީ ފެނުނީމަ އެނގޭނެ ތީނައަށް. ނަމާ އެއްވަރަށް މީހާ ވެސް ވަރަށް ބޮޑުގުޅަ ވާނެ." ހުސެން ބުނެލިއެވެ.
އެ ވަގުތު އަހަންނަށް ބާރަށް ހެވުނެވެ. މިހާ ބާރަށް ހެވުނު ދުވަހެއް ވެސް ހަނދާން ނެތެވެ.
" އަދި ނުދެކެން ފޮޓޯއެއް ވެސް. " އަހަރެން ބުނީމެވެ.
" މާލޭގެ ދާއިރާއެއްގެ މަޖިލިސް މެމްބަރެއް." ހުސެންގެ މެސެޖް ކިޔާފައި އަހަރެން އެކަން ގަބޫލެއް ނުކުރަމެވެ.
މަޖިލިސް މެމްބަރަކު ސްނެޕްޗެޓުން އަންހެން ކުއްޖަކާ ވާހަކަ ދައްކަފާނެ ކަމަކަށް ހުދު އަހަރެންގެ ހިތެއް ވެސް ގަބޫލެއް ނުކުރެއެވެ.
" ދޮގު ހަދަނީ ދޯ" އަހަރެން އެހީމެވެ.
" ނޫން. ދޮގެއް ނޫނޭ. މިހާރު ވެސް ގޫގުލް ކޮއްލަބަލަ." އޭނާ އެހެން ބުނުމަށްފަހު އަހަންނަށް ފޮނުވާލީ ލިންކެކެވެ. އެ ލިކްގައި ހުރީ ރައީސް އޮފީހުގައި އޭނާ ނަގާފައި ހުރި ފޮޓޯތަކެކެވެ. އަދި ޖަލްސާތަކުގެ ބައިވަރު ފޮޓޯ ވެސް ހުއްޓެވެ.
" މްމްމްމް" އަހަންނަށް ޝައުގުވެރިވެވުނެވެ.
" ދެން ޗެކް ކޮއްލަބަ އައިގެ ޕަބްލިކް ޕްރޮފައިލް. ހަމަ މި ފޮޓޯތައް ހުންނާނެ. " ކުއްލިއަކަށް އޭނާގެ ސްނެޕެއް އައުމާއެކު އަހަރެން އަވަސް އަވަހަށް ބަލައިލީމެވެ.
އޭނާ އެ ހެދީ ތެދެއްކަން އަހަންނަށް ކަށަަވަރު ކުރެވުނީ ދެނެވެ. ހިނިތުންވެފައި އިނދެ އޭނާގެ ފޮޓޯތައް ބަލަން ފެށީމެވެ. އެއީ ރީތި ޒުވާނެކެވެ. ހުދު އަހަންނަށް ވެސް އޭނާ ރީތި ވެއްޖެއެވެ. ކޮންމެވެސް ވަރަކަށް ތުނބުޅި ބަހައްޓާފައި ހުރުމުން އަހަންނަށް އޭނާ ފެނުނީ ވަރަށް ފިރިހެންވަންތަ ސިފައެއްގައެވެ. ހުސެން ހެވިފައި ހުރި ފޮޓޯތައް ފެންނައިރަށް އަހަންނަށް ވެސް ހިނިތުންވެވެއެވެ. އޭނާ ހީލާފައި ހުންނައިރު ހާދަ ލޯތްބޭ ހިތަށް އެރިއެވެ. ހަމަލޮލަށް ދެކިލާ ހިތް ވެސް ވިއެވެ.
" މްމްމް. ދެން އެނގޭނެ ކަންނޭނގެ ފެނުނީމަ." އަހަރެން ލިޔެލީމެވެ.
" ފޮޓޯތައް ބެލީމަ ލަދުގެންފި." އޭނާ ބުންޏެވެ.
އެ މެސެޖް ކިޔާފަ އަހަންނަށް ވަރަށް މަޖާވިއެވެ. ލަދުރަކި ފިރިހެނުން ވެސް އުޅޭ ހެއްޔޭ ހިތަށް އެރިއެވެ.
" ބައެއް ފޮޓޯތަކުގައި ލަދުން ހުންނަހެން ވެސް ހީވެޔޭ. އެކަމަކު ތި ކަހަލަ މަގާމެއްގައި އެހާ ލަދުން އުޅެވޭނެތަ؟" އަހަރެން ލިޔެލީމެވެ. ބޭނުންވީ އިތުރަށް އޭނާ ލަދުގަންނަވާލާށެވެ.
" ދެން ފޮޓޯތައް ނުބަލާ." އޭނާ ފޮނުވާލިއެވެ.
" ހާދަ ދޮން ސޮރެކޭ ދޯ." މެސެޖް ޓައިޕް ކުރުމަށްފަހު ވެސް އޭނާއަށް ފޮނުވާކަށް ނުކެރުނެވެ. ދެން ލިޔާނެ އެއްޗެއް ނޭނގިގެން އަހަރެން ވިސްނަން ފެށީމެވެ. ދައްކާނެ ވާހަކައެއް ނޭނގެއެވެ. ނަމަވެސް އޭނާއަށް މެސެޖްކުރަން ފެށިފަހުން ހުއްޓާލާ ހިތެއް ވެސް ނުވިއެވެ.
" މީހެއްގެ ފިރިއަކާ ދިމާލަށް ކީއްކުރަންތަ ބަލަންވީ؟ ނުބަލާނަމޭ. " އަހަރެން ފޮނުވާލީމެވެ. އަދި ހުސެންގެ ރިޕްލައިއަށް އިންތިޒާރު ކުރަން ފެށީމެވެ.
" ގުޑް. މީހެއްގެ އަނތްބަކާ ކީއްކުރަންތަ ވާހަކަ ދައްކަންވީ؟ ނުދައްކާނަމޭ. " އޭނާގެ މެސެޖްގައި އޮތީ ސީދާ އަހަރެންގެ ޖުމްލައެވެ.
ހިނިތުންވެލެވުނު ނަމަވެސް އޭނާ ވާހަކަ ނުދައްކަފާނެތީ އަހަރެންގެ ހިތަށް ކުޑަކޮށް އުނދަގޫވެއްޖެއެވެ.
" ފްރެންޑްސް ކަމަށް ހީކުރީ. " އަހަރެން، ވާހަކަ އާކޮށްލީމެވެ.
" ފްރެންޑްސް ވިއްޔާ އޯކޭ. އެކަމަކު ދެރައީ ޔޫ ފެނުނަސް ނޭނގޭނެތީވެ." އޭނާ ބުންޏެވެ.
" އައި ފެނުނަސް ނޭނގޭނެ. މާސްކް އަޅައިގެން އުޅެނީ. " އަހަރެން ބުނީމެވެ.
" އުނ؟ ތި ބުނީ މޫނުބުރުގާތަ؟" އޭނާ އެހިއެވެ.
" ނޫން. ހަމަ މާސްކް އަޅަނީ. އަބަދު ރޯގާ ޖެހޭތީވެ." އަހަރެން ބުނީމެވެ.
" އޯހް. އެކަމަކު އަދި ކޮންމެވެސް ދުވަހަކުން ފެންނާނެ ކަންނޭނގެއެއްނު.." އޭނާ ބުންޏެވެ.
އަހަންނަށް އެ ޖުމްލަ ކިޔުނު އަދަދު ނޭނގެއެވެ. މީހަކަށް އަހަރެން ހާއްސަ ވީހެން ހީވުމުން ހިތަށް އުފާވެރިކަން ލިބުނެވެ. ނަމަވެސް ހަމަ އެ ވަގުތު، އަހަރެންގެ ސިކުނޑި އެލާމް އަޅަން ފެށި ކަހަލައެވެ. އަހަންނަކީ ފިރިމީހާއަށް ވަފާތެރި އަނތްބެއްކަމާއި ގޯސް މަގަކަށް ނުގޮސް އެނބުރި ފަހަތް ބެލުމަށް އިންޒާރުދެމުން ދިޔަ ކަހަައެވެ.
ނަމަވެސް ފަހަތް ބަލައިލާ ހިތެއް ނުވިއެވެ. އަހަރެންގެ ހިތަށް ވެރިވަމުންދިޔަ އާދަޔާ ހިލާފް އަސަރުތަކުގެ ސަބަބުން ހިތް އޮޔާލާހެން ހީވިއެވެ. އެންމެ ވަގުތުކޮޅަކުން އަހަރެންގެ ހިތަށް މިހާ ވަރު ވެދާނެކަމަށް ހުދު އަހަރެންް ވެސް ހިތަކަށް ނާރައެވެ.
" ނުވެސް ނިދަންތަ؟" ހުސެންގެ މެސެޖެއް އަނެއްކާ ވެސް ލިބުނެވެ.
" ނޫން. ނިދަން މި އުޅެނީ." ހިތާ ދެކޮޅަށް އަހަރެން ބުނީމެވެ.
" އޯކޭ. ގުޑްނައިޓް." އޭނާ ފޮނުވާލީ ސްމައިލީ ފޭސްއަކާ އެކުއެވެ.
އަހަރެން ވެސް ގުޑްނައިޓް ފޮނުވީމެވެ. ނަމަވެސް ފޮނުވާ ހިތަކުން ނޫނެވެ. ހިތަށް ލިބުނު އުފާވެރިކަން ފުހެވިގެން ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ވަރުބަލިވެ، މޮޅިވެފައިވާ އަހަރެންގެ ހިތަށް ކުޑަ ނަމަވެސް އުފާވެރިކަމެއް ލިބުން ވެގެން ދިޔައީ އެކަމާމެދު ވިސްނަން މަޖުބޫރު ކުރުވި ކަމަކަށެވެ.
މެސެޖްކުރާ ފިރިހެން ރައްޓެއްސަކު ހުރުމަކީ ގޯހެއްތޯ އަހަރެން، ހިތާހިތާ ސުވާލު ކުރީމެވެ. އެއާއެކު ހުސެންއާ ދެ މީހުން ދައްކާފައި ހުރި ވާހަކަތައް ފެށިގެން ނިމެންދެން އަނެއްކާ ވެސް އަހަންނަށް ތަކުރާރުކޮށް ކިޔާލެވުނެވެ. ވަރަށް ހިތްހަމަޖެހުނެވެ. ވަރަށް އުފާވެސް ވިއެވެ. އަދި އޭރު ވެސް ހިތް އެދެމުން ދިޔައީ އަދިވެސް އިތުރަށް ވާހަކަ ދައްކާލުމަށެވެ. ނަމަވެސް އޭނާ ގުޑްނައިޓް ބުނީމަ އަލުން މެސެޖް ކުރާކަށް ވެސް ނުކެރުނެވެ. އިރުގަނޑެއް ވަންދެން މަޑުކުރުމަށްފަހު އަހަރެން ގޮސް ލިލީ ކައިރީ އޮށޯތީ އުފާވެރި ހިތަކައިގެންނެވެ.
ކުރިއަށް އޮތީ އީދު އަޟްޙާ ޢީދު ހަފްތާއަށް ވާތީ، ލިލީއަށް ވަރަށް ގިނަ އެއްޗެހި ކިޔައިދޭން އަަހަރެން ހުރީ ބޭނުންވެފައެވެ. އެކަމުގައި ޒިޔާދުގެ އެހީތެރިކަން ވެސް އަހަރެން ހުރީ އިންތިހާއަށް ބޭނުންވެފައެވެ.
" އަހަރެން މާދަމާ ފުރަންޖެހޭ. ޙައްޖުދުވަހު ވެސް އަހަރެން ނުހުންނާނެ." އޭނާ ބުނެލިއެވެ.
" ކޮންތާކަށް؟" އަހަރެން އެހީމެވެ.
އޭރު ވެސް ލިލީ ނުހޭލައެވެ. ޒިޔާދު ސައިބޮއި ނިމެން ދެން އަހަރެން އިނީ މޭޒުކައިރީގައެވެ. އެއް އަތުން ފޯނަށް ބަލަމުން އޭނާ އަހަންނާ ވާހަކަ ދައްކަމުން ދިޔައީ އެއްވެސް ޝައުގުވެރިކަމެއް ނެތިއެވެ.
" ބުނީމެއްނު ރަށް ރަށަށް ދާން ޖެހޭ ވާހަކަ. އަހަރެން ދާންޖެހެނީ އައްޑޫއަށް. ތިން ވަރަކަށް މަސް ވެދާނެ." އޭނާ ބުންޏެވެ.
އަހަރެމެންނާ އެހާ ދުރަށް ދާން ޖެހޭތީ އޭނާ ދެރަ ވެސް ނުވަނީ ހެއްޔެވެ؟ ޒިޔާދުގެ މޫނުމަތީގައި މާޔޫސްކަމެއް ނެތެވެ. ހީވަނީ ވަރަށް ދާހިތުން ހުރި ހެންނެވެ. ދިޔުމަކުން މައްސަލައެއް ނެތެވެ. ވަޒީފާގެ ގޮތުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް އަހަރެންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ޒިޔާދުއަށް ދެމެވެ. ހަގީގަތުގައި އޭގެ ބަދަލު އަހަރެން ބޭނުންވެއެވެ. ނަމަވެސް ތަފާތު ގޮތަކަށެވެ. އުފާވެރިކަމަށް އަހަރެން އަބަދުވެސް ލޯބިކުރަމެވެ. ހިތްހަމަޖެހިގެން ހުންނަން ބޭނުމެވެ. އުފާވެރި، މަޖާ މޫޑުގައި ހުންނަ ހިތްވެއެވެ. ފަހަރެއްގައިވެސް ހިތް މޮޅިކުރާކަށް ބޭނުމެއް ނޫނެވެ. އެހެންވެ، ޒިޔާދުގެ ފަރާތުން އަހަރެން ހަމައެކަނި ބޭނުންވަނީ އުފާވެރި ބަސްކޮޅެކެވެ.
ބުނެދޭށެވެ. އަހަރެމެން މަތިން ހަނދާންވާނެޔޭ ބުނެދީބަލާށެވެ. އަހަރެމެން ނެތީމަ ތި ހިތް ފަޅުވާނެވަރު ބުނެދީބަލާށެވެ. އަހަންނާ ލިލީ ނުފެނި އެންމެ ދުވަހެއް ވެސް ވޭތު ކުރަން އުނދަގޫވާނެ ވަރު އަހަންނަށް އަންގައިދީބަލާށެވެ. ދުރަށް ދާހިތެއް ނުވެޔޭ ބުނެބަލާށެވެ.
އަަހަރެންގެ ހިތް ބާރުބާރަށް ގޮވަމުން ދެއެވެ. ހިތަށް އުނދަގޫވެފައި އިންދާ ސައިބޮއި ނިންމާލުމަށްފަހު ޒިޔާދު ތެދުވެއްޖެއެވެ.
" އެއްޗެހި ރެޑީކުރައްޗޭ." ޒިޔާދު ބުންޏެވެ.
އަހަރެން ބޯ ޖަހާލީމެވެ. ސޯފާމަތީގައި އޮތް ލެޕްޓޮޕް ބޭގް ނަގައިގެން އޭނާ ނިކުމެގެން ދިޔައީ އަހަންނާ ދިމާލަށް އިތުރަށް ބަލައިވެސް ނުލައެވެ. އަހަރެން އުއްމީދުކުރާ ގޮތަކީ އެއީ އެއް ނޫނެވެ. އޮފީހަށް ދަމުން ރީިތި ހިނިތުންވުމެއް ދިނުމަކީ ގޯހެއް ހެއްޔެވެ؟ ލޯބި ބަލައިލުމެއް ރައްދު ކުރުމަކީ ކުށެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން އެވަރުކޮށްލުމުން ވެސް އަހަންނަށް ފުދޭނެއެވެ. ނަމަވެސް ގުޅުމެއް އިތުރަށް ވަރުގަދަ ކުރާނެ އެއްވެސް އުކުޅެއް ޒިޔާދަކަށް ނޭނގެއެވެ. އޭނާއަށް ނޭނގެނީކަމެއް ނޫނީ އެނގޭ ކަމަށް ނަހަދަނީ ކަމެއް ނޭނގެއެވެ. ކިޔައިދިނަސް، އަދި އަހަރެން ބޭނުންވާ ގޮތް ބުނެދިނަސް އޭނާއަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!