ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ މައި ހިއްސާ ހިމެނޭ ކުންފުނިތަކުގައި ކުރި ޚިދުމަތް ވެސް ގުނަން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނިންމައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރާ އިރު، ޚިދުމަތުގެ މުއްދަތު ގުނުމުގައި މިހާތަނަށް ބަލަމުންއަންނަ ސަރުކާރުގައި ޚިދުމަތްކޮށްފައިވާ މުއްދަތުގެ އިތުރުން، ސިވިލް ސަރވިސްގައި ނުހިމެނޭ، ދައުލަތުގެ އެހެން މުއައްސަސާތަކުގައި (ސަރުކާރުގެ މައި ހިއްސާ ހިމެނޭ ކުންފުނިތައް ހިމެނޭހެން) ޚިދުމަތްކޮށްފައިވާ މުއްދަތު ވެސް ހިމެނުމަށް ވަނީ ނިންމާފައެވެ.

Ad
rt

މި ނިންމުމާއެކު، މިހާރު ވަޒީފާގައި ދެމިތިބި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން، މިފަދަ ތަޖުރިބާގެ ރެކޯޑެއް ހުރި ފަރާތްތަކުން، އެ ތަޖުރިބާގެ ލިޔުންތައް އަދާހަމަކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މިގޮތުން، ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން ތައްގަނޑު ޖެހުމަށް ފަހު، ވަޒީފާ އަދާކުރާ އިދާރާ މެދުވެރިކޮށް ސީއެސްވިއުގައިގެ "އެކްސްޕީރިއަންސް" ބަޔަށް އެ ލިޔުންތައް އަދާހަމަކުރަން ޖެހޭނެއެވެ.

ސީއެސްސީން ވަނީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުގައި ލާޒިމުކުރާ މަޢުލޫމާތުތައް ހިމެނޭހެން، ތަޖުރިބާ އަންގައިދޭ ލިޔުން ތައްޔާރުކުރެވިދާނެ ގޮތުގެ ނަމޫނާއެއް، މިއަދު އާންމުކުރި ބަޔާންގައި އެޓޭޗްކޮށްފައެވެ.

ސީއެސްސީގެ މި ނިންމުމުގެ ސަބަބުން، ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކޮށްފައިވާ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ފައިދާ ކުރާނެކަމަށް ބެލެވެއެވެ. އަދި މި ނިންމުމަކީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ދިގު މުއްދަތުގެ ޚިދުމަތަށް އިތުރު ބުރަދަނެއް ދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.