ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ނިންމާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ފަނޑިޔާރުކަމާ ހަވާލުނުވާން ނިންމައި، އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަށް އޭނާ މިއަދު ހުށަހަޅައިފި އެވެ

ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ޝަހީދު ވިދާޅުވީ އޭނާގެ ނަން އަނބުރާ ނަގަން ނިންމީ އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ

Ad
rt

ހައި ކޯޓަށް ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރަން ނިންމާފައިވާއިރު އެ ބޭފުޅުން ހުވާކުރަން މިރޭ ރަސްމިއްޔާތެއް ބާއްވަން އޮތީ ހަމަޖައްސައިފަ އެވެ. ނަމަވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށާއި އަދި ހައި ކޯޓު ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ޝަހީދު ވަނީ އަންގަވައިފަ އެވެ.

ޝަހީދު ނަން އަނބުރާ ނަގަން ނިންމީ އޭނާ އެ މަގާމަށް އައްޔަންކުރަން ނިންމި މައްސަލަ ބަޔަކު ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.