ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޤާސިމް އިބްރާހީމަށާއި، އެ ޢިއްޒަށް ހަސަން ޞާބިރަށް އަރުވައިފިއެވެ.
މި ޢިއްޒަތް އެ ދެ ބޭފުޅުންނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ޤާސިމް އިބްރާޙީމް
ޤާސިމް އިބްރާހީމަކީ އުމުރުފުޅުން 26 އަހަރުގައި -/15,000 ރުފިޔާގެ ލޯނަކުން 1976 ވަނަ އަހަރު ވިޔަފާރީގެ ބިންގާ އެޅުއްވި، އަދި މިހާރު ރާއްޖޭގެ ރިޒޯޓް އޯނަރުންގެ ތެރެއިންވެސް ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ކާމިޔާބު ވިޔަފާރިވެރިއެކެވެ.
ޤާސިމް އިބްރާހީމަކީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ދިވެހި އެތައް ރައްޔިތުންނަކަށް ބޭސްފަރުވާ ކޮށްދެއްވުމުގައިވެސް ކުރީ ސަފުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޤާސިމް އިބްރާހީމަކީ، ދިވެހި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޤާސިމް ކޮށްދެއްވައިފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަކީވެސް ވަރަށް އަގުހުރި ޚިދުމަތްތަކެކެވެ. އަދި ތަޢުލީމީ، އިޖުތިމާއީ ދާއިރާއަށްވެސް ވަރަށް ގިނަ އަގުހުރި ޚިދުމަތްތައް ކޮށްދެއްވައިފައި ވެއެވެ.
މީގެއިތުރުން، އެ މަނިކުފާނަކީ ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ފިނޭންސް މިނިސްޓަރުކަމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމާއި، ވާރލްޑް ބޭންކާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާ ގަވަރުނަރުކަންވެސް ކުރެއްވިއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް ޤާސިމް އިބްރާހީމްގެ ދައުރު ފާހަގަކޮށްލެވެއެވެ. ޚާއްޞަކޮށް، ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް އުފެއްދެވި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރެއްވީ އެ މަނިކުފާނެވެ. ރާއްޖޭގައި މިހާރު ޢަމަލުކުރާ ޤާނޫނުއަސާސީ އެކުލަވައިލައްވައި ނިންމެވީ އެ މަނިކުފާނުގެ ރިޔާސަތުގައެވެ. އަދި 18 ވަނަ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވިއެވެ.
ޤާސިމް އިބްރާހީމަށް 2013 ވަނަ އަހަރު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ.) ލިބިވަޑައިގެންފައި ވެއެވެ.
މީގެއިތުރުން، ވިޔަފާރި، ޓޫރިޒަމް އަދި ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދުމަތްތައް ކުރުމުގެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމުތައްވެސް ލިބިވަޑައިގެންފައި ވެއެވެ.
ޙަސަން ޞާބިރު
ޙަސަން ޞާބިރަކީ ދިވެހި ޤައުމުގެ އިޤުތިޞާދީ ދާއިރާތަކުން ކަމަށްވާ ފަތުރުވެރިކަން، މަސްވެރިކަން، ދަނޑުވެރިކަން އަދި ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި ހިންގުމުގެ އިތުރުން ޚާރިޖީ ދާއިރާގައިވެސް ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އެ މަނިކުފާނު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 7 ފެބުރުވަރީ 1973 ގައެވެ.
އެމަނިކުފާނު ނޭޝަނަލް ޕްލޭނިންގ އޭޖެންސީގައި މަސައްކަތް ކުރެއްވިފަހުން، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓްގެ ތަފާތު މަގާމުތައް ފުރުއްވިއެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ދައުރުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމާއި، ޓޫރިޒަމް މިނިސްޓަރގެ މަގާމު ޙަސަން ޞާބިރު ފުރުއްވާފައިވެއެވެ.
އޭގެފަހުން އެ މަނިކުފާނުގެ ޚިދުމަތް ފެނިގެންދިޔައީ ޚާރިޖީ ދާއިރާއިންނެވެ. އޭގެތެރޭގައި އިނގިރޭސިވިލާތް، ސިންގަޕޫރު، ޔޫރަޕިއަން ޔޫނިއަން އަދި ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމުތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައިވެސް ޙަސަން ޞާބިރަކީ ޖަޕާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރެވެ. އެ މަނިކުފާނު ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!