ނ.މަގޫދޫ އަށް ވެވަޑައިގެން ހުރިހާ ވަޢުދެއް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ދެއްވައިފިއެވެ.

ރައީސް މިޔަގީންކަން ދެއްވީ ނ.އަތޮޅަށް ކުރަށްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި އިއްޔެ މަގޫދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ސަރުކާރުން އެކިކަހަލަ މަސައްކަތްތައް ކުރެއްވީ، ރަށްރަށުގައި މަޝްރޫޢުތައް ހިންގޭނެ ގޮތަށް ކަންކަން ތަރުތީބުކުރުމަށްޓަކައި ކަމަށެވެ. އަދި، ވަރަށް ގިނަ މަޝްރޫޢުތައް ރަށްރަށުގައި ފެށިފައިވާ ކަމަށާއި، ހުއްޓިފައި ހުރި އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯއްދަވައި، އަލުން އެކިއެކި ކުންފުނިތަކާ ހަވާލުކުރައްވާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދެން އަލަށް ފަށަންހުރި މަސައްކަތްތައް ކުރެވޭނެ މަގު އަޅުގަނޑުމެން މި ކޮށީ. މިހާރު މި ފެށެނީ، އަދި ފެށިގެން މިދަނީ، ޢަމަލީގޮތުން މި ކުރެވުނު ހުރިހާ މަސައްކަތެއްގެ ނަތީޖާ ފެނިގެންދިޔުމުގެ މަރުޙަލާ. ކުރިން މިދިޔައީ ފަރުދާގެ ފުރަގަހުގައި ކުރެވުނު މަސައްކަތް. ބިހައިންޑް ދަ ސީން. ދެން އިރާދަކުރެއްވިއްޔާ، ޢަމަލީ މައިދާނުގެ މަސައްކަތް މިހާރު ދެން ފެނިގެން މިދަނީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި މަހަށްވުރެ ދެންއޮތް މަހު، އަދި ދެން އަންނަ މަހަށްވުރެ ސެޕްޓެންބަރު މަހު، މިހެންގޮސް އިރާދަކުރެއްވިއްޔާ ރަށްރަށުގައި މަސައްކަތްތައް ފެންނަލެއް ގިނަވާނެ ކަމަށެވެ.

ރައީސް މަގޫދޫއަށް ދެއްވި ހާއްސަ މަޝްރޫޢުތަކުގެ ތަފްސީލު:

ފެނާއި ނަރުދަމާގެ ނިޒާމު:

އެ ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް، މިހާރު އެމް.ޑަބްލިޔޫ.އެސް.ސީ.އާ ދެ މަޝްރޫޢުވެސް ހަވާލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އެއް ކުންފުނި އަނެއް ކުންފުންޏަށް އެހީތެރިކަންދޭ މަރުޙަލާއެއްގެ ގޮތުގައި މިކަން ރާވައިގެން، އެމް.ޑަބްލިޔޫ.އެސް.ސީ.އިން ތަކެތި ހޯދައިގެން، ފެނަކައިގެ މުވައްޒަފުންގެ އެހީގައި މި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ޞިއްޙީ ދާއިރާ:

ޞިއްޙީ ދާއިރާއިން ވެވަޑައިގެންނެވި ވަޢުދުތަކަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ، ހެލްތް ސެންޓަރުގެ ޢިމާރާތެއް އެޅުން ނޫނީ އެކްސްޓެންޝަން ޢިމާރާތެއްގެ މަސައްކަތް ކުރާނެ ކަމަށް ވަޢުދުވެފައިވާ ކަމަށެވެ. މިހާރު އެކަމަށް ޓެންޑަރ ކުރެވި ބިޑުތައް ބަލައިގަނެފައިވާ ކަމަށާއި، މިހާރު ހިނގަނީ އިވެލުއޭޝަން ސްޓޭޖް ކަމަށް ވިދާޅުވިއެވެ. މިކަން ވަރަށް އަވަހަށް ނިމި، ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަޔަކާ ކޮންޓްރެކްޓް ހަދާނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މިހާރު ޚިދުމަތްދޭ މަރުކަޒުގައި ހުރި މުވައްޒަފުންގެ ދަތިކަން ޙައްލުކުރުމަށް، ދެ މުވައްޒަފުން (ނަރުހަކާއި މަސައްކަތު މީހަކު) ހޯދުމުގެ މަސައްކަތް ހެލްތް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ޔަޤީންކަން ދެއްވީ، މި ރަށުގެ ޞިއްޙީ ޚިދުމަތްތައް (ލެބޯރެޓަރީ ޚިދުމަތްތައް ހިމެނޭ ގޮތަށް) ވަޢުދުވީ ގޮތަށް ފުއްދުމުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

ތަޢުލީމީ ދާއިރާ:ރަށުގެ ސްކޫލްގައި ޖާގަ ދަތިކަން ހުރުމުން، އެކަމަށް ޙައްލެއް ގެންނާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ވަޢުދުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދެ މަހެއްހާ ދުވަހުގެ ތެރޭގައި، ސެޕްޓެންބަރު މަހު ހިސާބުގައި ސޮއިކުރުމަށް ތައްޔާރުކުރާ މަޝްރޫޢުތަކުގެ ލިސްޓުގައި މި ރަށުގެ ސްކޫލް ޕްރޮޖެކްޓް ހިމެނޭނެ ކަމަށެވެ. މީގެ ތެރޭގައި އިތުރު ކްލާސްރޫމްތަކާއި، ސްޓާފުންގެ އެކި ކަންކަމަށް ބޭނުންވާ ޖާގައާއި، ލައިބްރަރީއާއި، ހޯލް ހިމެނޭގޮތަށް ހުރިހާ ވަސީލަތްތަކަށް އެކަށޭނަ އިމާރާތެއް އެޅުން ހިމެނޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސެޕްޓެންބަރު މަހު ގިނަ ރަށްރަށުގައި ގިނަ މަޝްރޫޢުތަކާއެކު މި ސްކޫލް މަޝްރޫޢުވެސް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގިރާ ސަރަޙައްދު ޙިމާޔަތްކުރުން: ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގައި މި އަންނަ މަހުގެ ތެރޭގައި ސޮއިކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުގައި މޫދަށްއެރޭ ސަރަޙައްދެއް ޑިޒައިންކުރެވިގެން، ދެ ކަންތައް ހިމެނޭ ކޮންސެޕްޓެއްގައި މަސައްކަތް ހަވާލުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާ: ސެޕްޓެންބަރު މަހު ސޮއިކުރެވޭ ބެޗުގައި ކުޅިވަރުގެ ދާއިރާގެ މަޝްރޫޢެއްވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ރިޔާސީ އިންތިޚާބުގައި ވެފައި އޮތް ވަޢުދެއް ކަމަށްވާ ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތެވެ. ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުމްލަކޮށް އެ ރަށަށް ތިން ބޮޑު މަޝްރޫޢެއް ސެޕްޓެންބަރު މަހު ސޮއިކުރެވޭ ބެޗުގައި ހިމެނޭނެ ކަމަށާއި، އެއީ ފުޓްބޯޅަ ދަނޑު، ސްކޫލްގެ އެކްސްޓެންޝަން އިމާރާތް، އަދި ހެލްތް އެކްސްޓެންޝަން އިމާރާތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އަދި އަންނަ މަހުގެ ތެރޭގައި ޝޯރ ޕްރޮޓެކްޝަން މަސައްކަތް މޫދަށްއެރޭ ސަރަޙައްދާ އެކީގައި ފެށޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ހުރިހާ ކަންތައްތަކުން ރިޔާސީ ވަޢުދުތަކުގެ ޢަމަލީ މަސައްކަތް ފެށުނީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ އެ ރަށުގެ ކަންތައްތައް މި ގޮތަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.