އިތުރު ދަރަންޏަކަށް ބަރޯސާނުވެ 'ވިލުންތެރިކަން ބިނާކުރުމަށް ދަރަނިން ލުއި ލިބޭ' ނިޒާމެއް ގާއިމުކުރުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ގޮވައިލައްވައިފިއެވެ.

ނައިބު ރައީސް މިގޮތަށް ގޮވައިލެއްވީ ސްޕެއިންގެ ސެވީލްގައި ކުރިއަށްދާ ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ތަޤުރީރު ކުރައްވަމުންނެވެ.

Ad
rt

މި ކޮންފަރެންސްގައި ތަގްރީރުކުރަށްވަމުން ނައިބު ރައީސް ވަނީ ބައިނަލްއަޤުވާމީ މާލީ ނިޒާމަށް އަސާސީ އިޞްލާޙުތައް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިގޮތުން ދުނިޔޭގެ މާލީ އޮނިގަނޑު އިޞްލާޙުކުރުމަށް އެޅެންޖެހޭ މުހިންމު ތިން ފިޔަވަޅެއް ފާހަގަކުރައްވައި، ނައިބު ރައީސް ވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)، ބައިނަލްއަޤުވާމީ މާލީ މުއައްސަސާތަކުގައި ހަމަހަމައަށް ތަމްސީލުކުރުމަށް ގޮވާލައްވައިފައެވެ.

މީގެތެރޭގައި ކޯޓާތައް އަދާހަމަކުރުމާއި، ވޯޓުދިނުމުގެ ޙައްޤު އިތުރުކުރުމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުން ހިމެނެއެވެ. އަދި، ދަރަނީގެ މައްސަލަ ވިލުންތެރި ގޮތެއްގައި ޙައްލުކުރުމާއި، 'ވިލުންތެރިކަން ބިނާކުރުމަށް ދަރަނިން ލުއި ލިބޭ' ނިޒާމެއް ޤާއިމުކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.

މީގެ އިތުރުން، ދެފުށްފެންނަ މިންވަރު އިތުރުކުރުމާއި، ބައިނަލްއަޤުވާމީ އެއްބާރުލުން ބޮޑުކުރުމާއި، ސިޑްސް އަށް އިންސާފުވެރި ކްރެޑިޓް ރޭޓިންގްއެއް ޤާއިމުކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ނައިބު ރައީސް ހުސެން މުހައްމަދު ލަރީފް މިވަގުތު ހުންނެވީ އެފް.އެފް.ޑީ.4 ގައި ބައިވެރިވެވަޑައިގަތުމަށް ސްޕެއިންގެ ސެވީލްގައެވެ.