ހއ. އިހަވަންދޫގައި ދަނޑުވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމުގެ ޖެންޑަރ އެކްޝަން ލާރނިން ސިސްޓަމް (ގާރަލސް) ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ޖޫން މަހު 15 އިން 20 އަށް 26 ބައިވެރިންނާއެކު އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީންނާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އެގޮތުން މި ޕްރޮގްރާމުގެ ތެރޭގައި ބައިވެރިންނަށް އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކުރުމަށާއި، އާމްދަނީ ހޯދުމުގެ ގޮތުން ކަމެއް ކުރާނަމަ ނުވަތަ ކަމެއް ފަށާއިރު އެކަމަށް ބޭނުންވާ ޕްލޭން ތައްޔާރުކުރުމުގައި ވިސްނަން ޖެހޭ ކަންކަން ދެނެގަނެ އަމިއްލަ ނަފްސު ބާރުވެރިކުރުމަށް ދަސްކޮށްދެވިފައިވެއެވެ.
މީގެ އިތުރުން މިންތީގެ ހަމަހަމަކަމާއި ގުޅޭ ގޮތުން އެމީހަކަށް ލިބެންޖެހޭ ހައްޤުތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސް، މުޖުތަމަޢު ބާރުވެރިވުން ތިމާއަށް ލިބިފައިވާ ހުނަރު ބޭނުންކޮށްގެން އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލައަށް އިސްނަގައިގެން މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަމާއިމެދު މަޝްވަރާކޮށް ޕްރޮގްރާމުގެ ބައިވެރިން ހޭލުންތެރިކުރެވުނެވެ.
5 ދުވަހުގެ މުއްދަތުގެ ތެރޭގައި ބޭއްވި މި ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންނަސް ވަނީ ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާނެ ތަކެއްޗާއި މައުލޫމާތު ދިނުމަށްޓަކައި 10 ދުވަހުުގެ "ހޯމް ގާރޑެނިންގ" ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިފައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމުގެ މަޤުސަދަކީ އަމިއްލަ ނަފްސާއި މުޖުތަމަޢު ބާރުވެރިކުރުމަށާއި މި ޕްރޮގްރާމުގެ ބައިވެރިންނަށް ތަސައްވަރެއް ޤާއިމްކުރުމަށާއި، އެ ތަސައްވަރަށް ވާޞިލްވުމުގައި ހުރި ފުރުޞަތުތަކާއި ގޮންޖެހުންތައް ދެނެގަތުމަށްކަމަށެވެ.
އެ ވުޒާރާއިން ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ބާރުވެރިކުރުވައި ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށާއި ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމަށް ބާރު އެޅުއްވުމުގެ ގޮތުން މިދިޔަ ޖޫން މަހު ށ.އަތޮޅުގެ ދެ ރަށެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައެވެ. އަދި ހދ އާއި ހއ އަތޮޅުގެ ރަށްތަކުގައިވެސް މި ޕްރޮގްރާމު ބޭއްވުމަށްޓަކައި އެ ވުޒާރާއިން ދަނީ މަސައްކަތްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!