2023 އަދި 2024 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ދޭ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތު މިމަހު ބާއްވަން ނިންމައިފިއެވެ.
މި މަހުގެ 21 އަދި 22 ވާ ހޮނިހިރު އަދި އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތު އޮންނާނީ މާލޭ ސޯޝަލް ސެންޓަރުގައެވެ.
ތައުލީމާ ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި، ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މި ރަސްމިއްޔާތުގައި، ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުން ފާހަގަކޮށްލެވޭފަދަ ނަތީޖާ ހޯދާފައިވާ 1800 އަށްވުރެ ގިނަ ދަރިވަރުންނަށް އިނާމު ލިބޭނެއެވެ.
މި އިނާމަކީ ދަރިވަރުންގެ ކިޔެވުމަށް ކުރި މަސައްކަތަށް ސަރުކާރުން ދެއްވާ ވަރަށް ބޮޑު ގަދަރެއްކަށް ތައުލީމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
ދެ ދުވަހަށް ބަހާލައިގެން، ޖުމްލަ 5 ދަންފަޅިއެއްގައި ކުރިއަށްދާ މި ރަސްމިއްޔާތުގައި ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ ތެރޭގައި:
- އޯލެވެލް އަދި އޭލެވެލް އިމްތިޙާނުތަކުން ރާއްޖެއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު.
- އޭލެވެލް އިމްތިޙާނުތަކުން ރާއްޖެއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް.
- އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ނަތީޖާ ހޯދާ ދަރިވަރުންނަށް ދެވޭ "ހައި އެޗީވަރސް ސްކޮލަރޝިޕް".
މި ރަސްމިއްޔާތު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ހިތްވަރުދީ، ކުރި މަސައްކަތަށް އަގުވަޒަންކުރުން ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!