ކުރީގެ އަދަދާއި ގުޅޭ:

ފަހަތުގައި ހުރި ހަސަން ފެނި، ރައުދާއަށް ފަހަތަށް ޖެހިލެވުނީ ދެ ލޯ ބޮޑުކޮށްލަމުންނެވެ. އެތެރޭގައި ނޭވާ ހިފަހައްޓާލައިގެން އޭނާއަށް ހުރެވުނީ ކިހާ އިރެއްގައި ކަމެއް ވެސް ހުދު އޭނާއަކަށް ނޭނގުނެވެ. ހަސަން ވެސް ހުރީ މާޔޫސީ ލޮލަކުން ރައުދާއަށް ބަލަހައްޓައިގެންނެވެ.

Ad
rt

" ބައްޕާ؟" ރައުދާއަށް ބުނެވުނެވެ.

އެ ވަގުތު ހަސަން ލުއި ގޮތަކަށް ހިނިތުން ވެލުމަަށްފަހު ދެ އަތް ފުރަގަހަށް ލިއެވެ. އެހެންވެ، ރައުދާ ދެއްކި ވާހަކަތައް ހަމަ ރަނގަޅަށް ވެސް ހަސަންއަށް އަޑު އިވުނުކަން ރައުދާއަށް ޔަގީން ކުރެވުނެވެ. ހުއްޓުންއަރާފައި ހުރި ރައުދާ ހުރީ ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. އިރުކޮޅަކު އެހެން ހުރެލުމަށްފަހު ހަސަން ގޮސް ކޮޓަރިއަށް ވަނީ ރައުދާއާ ދިމާލަށް ބަލައި ވެސް ނުލައެވެ.

" ޝިޓް. ޝިޓް." ރައުދާއަށް ބުނެވުނެވެ. އަދި ދެ އަތުން ބޮލުގައި ހިފަހައްޓާލުމަށްފަހު އޭނާ ސޯފާގައި އިށީނީ ގަތް ލަދުންނެވެ.

ހަވީރުގެ ވަގުތެވެ. ހަސަންއާއި މަރިޔަމްގެ އިތުރުން ސާޔާ ޑޮކްޓަރުގެ ކޮޓަރިން ނިކުތީ މާޔޫސީ މޫނަކައިގެންނެވެ. ޑޮކްޓަރުގެ ވާހަކަތައް އޭރު ވެސް އެ މީހުންގެ ކަންފަތުގައި ހަރުލައިފައި ހުރި ކަހަލައެވެ.

" ހުރިހާ ޓެސްޓްތަކެއްގެ ނަތީޖާ ވެސް އަޅުގަނޑު ބަލައިފިން. އިތުރު ވަރަށް ބޮޑު މައްސަލައެއް އެބަ އުޅޭ." ޑޮކްޓަރުގެ ޖުމްލަ ސާޔާގެ ކަންފަތުގައި ގުގުމާލިއެވެ.

" މަރިޔަމްގެ ހިތުގެ މައްސަލައެއް އެބަ ހުރި. ގަވާއިދުން މަހަކު ދެ ފަހަރު ޑޮކްޓަރަށް ދައްކާ ޗެކަޕް ހަދަން ޖެހޭނެ. ފަހަރެއްގައި އޮޕަރޭޝަންއަކަށް ވެސް ދާން ޖެހިދާނެ." އެ ވާހަކަ ހިތަށް އެރުމާއެކު ހަސަންއަށް ދެ ލޯ މަރައިލެވުނެވެ.

ގެއަށް އައި ގޮތަށް މަންމައާއި ބައްޕަ ކޮޓަރިއަށް ވެއްދުމަށްފަހު ސާޔާ ދިޔައީ ސާމިހްގެ ކޮޓަރިއަށެވެ. އޭރު ރައުދާ އޮތީ ނިދާފައެވެ. ސާމިހް އިނީ ލެޕްޓޮޕް ކައިރީގައެވެ.

" ދޮންބޭ؟" ސާޔާ ގޮވާލިއެވެ.

އެ އަޑަށް ސިހިފައި ރައުދާއަށް ބޯ ހިއްލާލެވުނެވެ.

" ސާޔާ؟ ހާދަ ހާސްވެފަ؟ ކޮބާ މަންމަމެން؟ " ސާމިހް ގޮނޑިން ތެދުވަމުން ބުނެލިއެވެ.

" މަންމަ... މަންމަ ހިތުގެ މައްސަލައެއް އުޅޭތީވެ." ސާޔާ ބުންޏެވެ.

އެއާއެކު ރައުދާ ވެސް ފުންމައިގެން ތެދުވިއެވެ.

" އާނ ދޮންބޭ. މަންމައަށް ފަރުވާ ދޭން ޖެހޭ. ވަރަށް އަވަސް އަވަހަށް." ސާޔާ ބުންޏެވެ.

އެއާއެކު ސާމިހް މަޑުކުރުމެއް ނެތި ބާރުބާރަށް އެ ކޮޓަރިން ނިކުމެއްޖެއެވެ. ފަހަތުން ސާޔާ ވެސް ދުވަމުން ކަހަލަ ގޮތަކަށް ދޮންބެގެ ފަހަތުން ދިޔައީ ނުހަނު ބާރަށެވެ.

" އޫފް. ކަންތަކާ ޖެހުނީމި. ދެން މި ގޭގައި އޮންނާނީ ޖަޒްބާތުގެ ޑްރާމާ ކަންނޭނގެ." ދެ ފަރާތަށް ބޯ ހޫރާލަމުން ރައުދާ ބުނެލިއެވެ.

" އެ ބޭބެ ގަނޑަށް ފިލައިގެން މަ މި އޮންނަނީ އަބަދު ކޮޓަރީގައި. ނަސީބެއް ކަންނޭނގެ އެ ވާހަކަ އެ މީހާ ނުދައްކާކަން." ރައުދާ އަނެއްކާ ވެސް ބުނެލިއެވެ.

ސާމިހް ދިޔަ ގޮތަށް ގޮސް ސާޔާގެ ކޮޓަރިއަށް ވަތް އިރު، ހަސަންއާއި މަރިޔަމް ތިބީ އެނދުމަތީ އިށީނދެލައިގެންނެވެ. އެ ދެ މީހުންގެ މާޔޫސީ މޫނު ފެނި ސާމިހްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ނަމަވެސް އެކަން ހާމަނުކޮށް އޭނާ ބޭނުންވީ ހިތްވަރުދޭށެވެ. އަދި އެ ދެ މީހުން އުފާވާނެ ވާހަކަތައް ދައްކާށެވެ.

ކުއްލިއަކަށް ރައުދާ ވެސް އައިސް އެ ކޮޓަރިއަށް ވަދެއްޖެއެވެ. ސާމިހް ދައްކާ ވާހަކަތައް އަޑު އަހާ ހިތުން އޭނާއަށް ނުހުރެވުނީއެވެ.

" ވަރަށް ގިނަ މީހުން އުޅޭ ތި ބަލީގައި. މާލޭގައި ހުރެގެން ފަރުވާ ކުރީމަ ރަނގަޅުވާނެ. ދުވަސްކޮޅަކުން ސާޔާ ކޮއްކޮ ވެސް ރާމިޒްއާ ކައިވެނިކޮށްގެން ދާނެ. އޭރުން މަންމައާއި ބައްޕައަށް މި ގޭގައި އުޅެވޭނެ. ރައުދާއާއި އަހަރެން މަންމަމެން ބަލާނަން." ސާމިހް ބުނެލިއެވެ.

އެއާއެކު ރައުދާގެ މޫނުމައްޗަށް ނުބައި ކުލަވަރެއް އަރައިގެން ދިޔައެވެ. ބޭއިހްތިޔާރުގައި ހަސަންއަށް ވެސް ބަލައިލެވުނީ ރައުދާގެ މޫނަށެވެ. އެ މަންޒަރު ނުދައްކަން ވެގެން ރައުދާ އިސްޖަހާލީ، ހިތްހަމަ ނުޖެހުނުލެއް ބޮޑުކަމުންނެވެ.

ޖެހިގެން އައި ދުވަހެވެ. ސާމިހް ހޭލި އިރު ރައުދާ ހުރީ ލޯގަނޑު ކުރިމަތީގައެވެ. އިންތިހާއަށް ރީތި ވެގެންނެވެ. ހައިރާންވެފައި ސާމިހް ރައުދާއަށް ބަލަމުން އައިސް އޭނާއާ ދާދި ގާތުގައި ހުއްޓުނެވެ.

" މި ގަޑީގަ؟ ކޮންތާކަށް ދާން؟" ސާމިހް އެހިއެވެ.

" އޮފީހަށް ދާން؟" ރައުދާ ބުންޏެވެ.

އެއާއެކު ސާމިހްއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ސުވާލެއް ކުރަން ވެސް ނޭނގި އޭނާއަށް ހުރެވުނީއެވެ.

" މޫނުމައްޗަށް ބިހެއް ޖަހާފައި ހުރިހެން ތި ހުރިއްޔޯ؟ އަހަރެން މި ދަނީ ސާމިހް ތި މަސައްކަތް ކުރާ އަހަރެންގެ ބައްޕަގެ އޮފީހަށް. ރޭގަ ބައްޕައާ ވާހަކަ ދައްކާފައި އަހަންނަށް ވެސް ޖޮބެއް ހަމަޖެއްސީ." ރައުދާ ބުންޏެވެ.

އެ ވަގުތު ސާމިހްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

" ރައު ޕްލީޒް. އެނގެއެއްނު އަހަރެންގެ މަންމަގެ ހާލަތު. އަހަރެން ބޭނުން އަހަރެންގެ ފަރާތުން ރައު އެ މީހުންނަށް ހިދުމަތް ކުރަން. އެ މީހުން ކައިރީ މަޑުކޮށްލަދީ. މީގެ ކުރިން ވެސް ރައު ޖޮބަކަށް ނުދަމެއްނު." ސާމިހު ވާހަކަ ދެއްކީ ގޮތް ހުސްވެފައިވާ ގޮތަކަށެވެ.

" ސާޔާ އެ ހުރީނު." މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އަނބުރާލަމުން ރައުދާ ބުންޏެވެ.

" ސާޔާ އަންނަ ހަފްތާ މެރީ ކުރެއެއްނު." އަވަސް އަވަހަށް ސާމިހް ބުންޏެވެ.

" އޯ ގޯޑް. ދެން؟ ސާޔާގެ މައްޗަށް ހައްގުވާ ކަމެއް ކީއްކުރަންތަ މަ ލައްވާ ގަދަކަމުން ކުރުވަނީ؟ ސާޔާ ކައިރި ބުނެބަލަ މަންމަ ގޮވައިގެން ދާށޭ." ރައުދާ އެހެން ބުނެ ތުންފަތުގައި ލިޕްސްޓިކް ޖައްސާލިއެވެ.

" ސާޔާގެ ފިރިމީހާއަކީ އެހާ ފޯރާ މީހެއް ނޫނޭ. އެ މީހުން ވެސް އެ އުޅެނީ ކުޑަ ތަންކޮޅެއްގައި." ސާމިހް ބުނެލިއެވެ.

" އެކަމަކު އަހަރެންގެ އުފާތައް ގުރުބާނެއް ނުކުރެވޭނެ. އަހަރެންގެ ބައްޕަ އެ ހުރީ މުސްކުޅިވެފައި. އެ ވިޔަފާރިއަކީ ހަމައެކަނި އަހަރެންގެ އެއްޗެއްކަން ސާމިހްއަށް އެނގެއެއްނު. ދެން ކޮބާ މައްސަލައަކީ؟ " ރައުދާ ބުނެލިއެވެ.

ރައުދާގެ ވާހަކަތަކުން ސާމިހް ހުރީ ހައިރާންވެފައެވެ. ނަމަވެސް އިތުރަށް ޒުވާބު ކުރަން ބޭނުން ނުވާތީ އޭނާ ވާހަކަ ދެއްކުން ހުއްޓާލީއެވެ.

ދުވަސްތަކަކަށް ފަހު ހާނިމް މާލެ އައީ އޭނާގެ މަންމަމެންނާ ބައްދަލް ކުރާށެވެ. އޭރު ހާނިމްގެ އިންތިޒާރުގައި ކެތްމަދުވެފައި މަރިޔަމްއާއި ހަސަން ތިބީ ސިޓިންރޫމްގައެވެ. ސިޓިންރޫމް ދޮރު ހުޅުވާލުމާއެކު މަރިޔަމްއަށް ކޮޅަށް ތެދުވެވުނީ ހަގު ފިރިހެން ދަރިފުޅު ދެކޭ ހިތުންނެވެ. ކޮނޑުގައި ދަބަހެއް އަޅުވައިގެން އެތެރެއަށް ވަތް ހާނިމް ފެނުމާއެކު މަރިޔަމްގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލިއްޖެއެވެ. ހަސަންއަށް ވެސް ހުރެވުނީ ހައިރާންކަމެއްގައެވެ.

ހާނިމްއާއެކު އެތެރެއަށް ވަތް ބޭރު އަންހެން ކުއްޖާ ފެނި އެ މީހުން ތިބީ އާޝޯހް ވެފައެވެ. މަންމައާއި ބައްޕަގެ ނަޒަރު އެ އަންހެން ކުއްޖާއަށް ހުއްޓިފައި ހުރުމުން ހާނިމްއަށް ވެސް އޭނާގެ ލޯބިވެރިޔާ ރައެނާއާ ދިމާލަށް ބަލައިލެވުނެވެ. އޭނާ އަވަސް އަވަހަށް ރައެނާގެ އަތުން އަތް ދޫކޮށްލުމަށްފަހު ގޮސް މަރިޔަމްގެ ދެ އަތުގައި ހިފާލިއެވެ.

" އެއީ... ކާކު؟" މަރިޔަމް އެހިއެވެ.

އެ ވަގުތު ހާނިމް ހިނިގަނޑެއް ޖަހާލިއެވެ. އޭރު ވެސް ރައެނާ ހުރީ ސޯފާ ފުރަގަހުގައި ހުއްޓި ލުއި ހިނިތުންވުމެއްގައެވެ.

" އެއީ މަގޭ ވާން އުޅޭ އަންހެނުން. ނޭޕާލް ކުއްޖެއް." ހާނިމް ބުނެލި ޖެހިލުމެއް ނެތިއެވެ. އޭނާގެ ލާނެތް ރާގުގައެވެ.

" ސުބްހާނަﷲ. ނޭޕާލޭ؟ ނުވާނެ ތިކަމެއް. މުސްލިމެއްތަ؟" މަރިޔަމް ވާހަކަ ދެއްކީ ނުހަނު މަޑުންނެވެ.

" މުސްލިމްވާނެޔޭ. ދިވެހިންނަށް ވުރެ މާ ރަނގަޅޭ ބޭރު ކުދިން. މަންމަ ކިހިނެއް މިހާރު؟ ޑޮކްޓަރަށް ދައްކަން ދޯ ބަރާބަރަށް؟" ހާނިމް އެހިއެވެ.

އެއާއެކު މަރިޔަމް ހީލަމުން ބޯ ޖަހާލިއެވެ. ހާނިމް އަނެއްކާ ވެސް މަންމަގެ ގައިގައި ކުޑަކޮށް ބައްދާލުމަށްފަހު ރައެނާއަށް ބަލައިލިއެވެ.

އެ ވަގުތު ރައެނާ އައިސް މަޑުމަޑުން މަރިޔަމްގެ ގައިގައި އަތް ޖައްސާލިއެވެ. މަރިޔަމް ގަދަކަމުން ހީލި ނަމަވެސް އޭނާގެ ހިތަށް އޭރު މަޑުމަޑު ހަމަޖެހުމެއް ލިބުނުކަން އިހްސާސް ކުރެވުނެވެ. ރައުދާ ފެނުމަށް ވުރެ ބޮޑު ހިތްހަަމަޖެހުމެއް ރައެނާ ފެނުމުން އޭނާއަށް ލިބުނުހެން ވެސް ހީވިއެވެ.

" އަނެއްކާ ބައްޕަ ވެސް ހިތްހަމަ ނުޖެހިފައިތަ؟" ހާނިމް އެހިއެވެ.

" ނޫނޭ. ދަރިފުޅު ތި ބުނީ ތެދެއް. ބޭރު މީހުން މާ ކުލުނު ހުންނާނެ ކަންނޭނގެ. ދަރިފުޅުމެންގެ ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތެއް އެނގޭނީ ހަމަ ދަރިފުޅުމެންނަށް." ހަސަން ބުންޏެވެ.

ހަސަންގެ އަޑާއި ރާގުގައި އާދަޔާ ހިލާފު އަސަރުތަކެއް ހުރިކަން މަރިޔަމްއަށް އެނގުނެވެ. އޭނާ އެހާ ސާދާކޮށް އެހެން ބުނެލީ ކީއްވެބާއޭ ވެސް މަރިޔަމް ހިތަށް އެރިއެވެ.

ސޯފާގައި އެންމެން އިށީނުމަށްފަހު، ހާނިމް މަޖާ ވާހަކަ ދައްކަން ފެށީ ރައެނާ ވެސް ބައިވެރިކޮށްގެންނެވެ. ރައެނާ އިރުއިރުކޮޅުން މަރިޔަމްގެ އަތްތިލައިގައި ހިފާލުމަށްފަހު ފިރުމާލައެވެ.

" މަންމައާއި ބައްޕަ ކައިރީ އަދި ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފައި އެބައޮތް. " ހާނިމް ބުންޏެވެ.

ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ރައެނާއަށް ބަލައިލިއެވެ. ހާނިމް ސީރިއަސްވެފައި އެހެން ބުނުމުން މަރިޔަމްއާއި ހަސަން ވެސް ތިބީ ހާނިމް ބުނަން އުޅޭ އެއްޗެއް އަޑު އަހާ ހިތުންނެވެ.

" ރައެނާއަކީ ދެ ތިން މަހަށް ރާއްޖެ އައި ކުއްޖެއް. އަހަރެމެން އުޅޭ ރިސޯޓަކީ ރައެނާ މެންގެ ރިސޯޓެއް. ރައެނާގެ ވިޔަފާރި އޮންނަނީ ނޭޕާލްގައި. އެހެންވެ އަހަރެމެން ކައިވެނިކޮށްގެން ދިރިއުޅެން ގަސްތުކުރަނީ ވެސް ނޭޕާލްގައި. އަހަރެމެން.... އަންނަ މަހު ރައެނާ ނޭޕާލްއަށް ދާން ޖެހޭ. އޭރު ކައިވެނި ކޮށްގެން ދާން ގަސްތުކުރަނީ." ހާނިމް ކިޔައިދިނެވެ.

އޭނާ ކޮންމެ ޖުމްލައެއް ދޫކޮށްލަނީ ހިނިތުންވެލަމުން ރައެނާއަށް ބަލައިލަމުންނެވެ. ނަމަވެސް އެ ވާހަކަތަކުން މަރިޔަމްގެ ހިތް ހަލާކުވެ، އޭނާ ފެންކަޅި ވެއްޖެއެވެ.

" ކިހިނެއްވީ މަންމާ؟ ގަބޫލެއް ނޫންތަ؟" ހާނިމް އެހިއެވެ.

އެއާއެކު މަރިޔަމްއަށް ބަލައިލެވުނީ ހަސަންގެ މޫނަށެވެ. ހަސަން ބޯ ޖަހާލި ގޮތުން ހީވަނީ، ހާނިމްގެ ނިންމުމަށް އޭނާ ވަރަށް ރުހޭ ހެންނެވެ.

" މަންމައާއި ބައްޕަ ބުނެގެން ދަރިފުޅު ހިތާ ދެކޮޅަށް ތި ނިންމުން ބަދަލު ކުރާނަންތަ؟" ހަސަން ސުވާލު ކުރިއެވެ.

އެއާއެކު ހާނިމްގެ މޫނުމަތި ބަނަވެގެން ދިޔަ ކަހަަލައެވެ. އޭނާ އިސްޖަހާލީ ޖަވާބު ދޭން އުނދަގޫ ވެގެންނެވެ.

" މަރިޔަން. ދަރިން ހިތުގައި ޖައްސާކަށް ނުވާނެ. މިހާ ތަނަށް ވެސް އަހަރެމެން ދިރިއުޅުނީ ދަރިންގެ ހައްގުގައި ދޯ. ދަރިން ބޮޑެތިވެ، އެ ކުދިން ދިރިއުޅުމެއް ފަށާ ހިސާބުން، އެ ކުދިން ހިތްދަތި ކުރަން ވިސްނައިގެން ވެސް ނުވާނެ. " ހަސަން ބުނެލީ މަޑުމަޑުންނެވެ.

" އަހަރެންގެ ދަރިން ދުވަހަކު ވެސް އަހަންނަކަށް ބޮޑެއް ނުވާނެ ހަސަން." މަރިޔަމްއަށް ބުނެވުނީ ތުރުތުރުއަޅާ ހާލުގައެވެ.

" މަންމަ ގަބޫލެއް ނޫންތަ؟ " އަނެއްކާ ވެސް ހާނިމް އެހިއެވެ.

އޭރު ވާނުވާ ނޭނގޭ ހާލު ރައެނާ ވެސް އިނީ ހާސްވެފައެވެ. އިރުއިރުކޮޅުން އޭނާ ހާނިމްއަށް އިޝާރާތް ކުރަމުން ދަނީ ވެގެން އުޅެނީ ކީއްކަމެއް ނޭނގިގެންނެވެ.

" ނޫން. މަންމަ ގަބޫލު. ބައްޕަ ގަބޫލިއްޔާ މަންމަ ކީއްވެ ނުގަބޫލު ވާންވީ؟ ތިއީ މަންމައާއި ބައްޕަގެ ދަރިއެއް. " މަރިޔަމް އެހެން ބުނެލީ ހާނިމްގެ މޫނުގައި އަތް ޖައްސާލަމުންނެވެ. އެއާއެކު ހާނިމްއަށް މަރިޔަމްގެ އަތަށް ބޮސްދެވުނެވެ.

ސާޔާ ގޮވައިގެން ސާމިހްއަށް ގެއަށް ވަދެވުނީ ވެސް ހަމަ އެ ވަގުތެވެ. އެއާއެކު ރައެނާ ފެނި، ސާޔާއާއި ސާމިހްއަށް ވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެހެންވެ، އެ މީހުންގެ ހިތަށް ގިނަވަމުންދާ ސުވާލުތައް ހުއްޓުމަކަށް ގެނައުމަށްޓަކައި ރައެނާއަކީ ކާކުކަން ސާމިހްއާއި ސާޔާއަށް ވެސް ހާނިމް ބުނެދީފިއެވެ.

" އަސްލުތަ؟ ވާއޯ." ސާޔާއަށް ބުނެވުނެވެ.

އުފާވީ ވަރުން އޭނާއަށް ރައެނާގެ ގައިގައި ބައްދާލެވުނެވެ.

" ކޮބާ ރައު؟ ރައު ވެސް ގެންނަން ވީ ދޯ. " ސާމިހް އެހެން ބުނެ، އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

ސާމިހްގެ ހަރަކާތްތަކަށް ސަމާލުކަން ދިނީ ހަމައެކަނި ހަސަންއެވެ. ރައުދާއާއެކު ސާމިހް ނިކުންނަން ދެން ވެސް ހަސަން ހުރީ އެ ކޮޓަރިއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ރައުދާގެ ފަރާތުން އިވުނު ހިތްދަތި ބަސްތަކުގެ ސަބަބުން ހަސަން ހުރީ އިންތިހާއަށް ދެރަވެ، މާޔޫސްވެފައެވެ. ހިތުގައި ސިއްރުކޮށްގެން ހުރެ، އޭނާ އަމިއްލައަށް އެކަމާ ފިކުރު ކުރަމުން ދިޔައެވެ.

" ހާނިމް ކޮއްކޮ ނޭޕާލްއަށް ބަދަލުވަނީއޭ." ސާމިހް ބުނެލީ އެހެންނެވެ.

ރައުދާ ގަދަކަމުން ހީލަމުން ހާނިމްއަށް ބަލައިލީ ނުތަނަވަސްކަމާއެކުއެވެ.

" ހުރިހާ ކުދިން އެއްވި ވަގުތު ބައްޕަ ބޭނުން ވާހަކައެއް ދައްކާލަން." ހަސަން ބުންޏެވެ.

ހަސަންގެ އަޑުން ރައުދާ ދިޔައީ ސިހިގެންނެވެ. އޭނާއަށް ބޭ އިހްތިޔާރުގައި ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. ރައުދާގެ ހިތުގައި ސާމިހްގެ މައިންބަފައިންނަށް އޮތް ނަފްރަތު ހަސަންއަށް މިހާރު އެނގޭކަން ރައުދާއަށް ޔަގީނެވެ. އިންތިހާއަށް ބިރުން ހުރެ އޭނާ އިސްޖަހާލީ އެތެރެއަށް ނޭވާ ހިފަހައްޓައިގެން ހުރެއެވެ.

ނުނިމޭ

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ. (ނޯޓް: މިއީ އިއްޔެ، ބުދަ ދުވަހު ގެނެސްދިނުމަށް ހަމަޖެހިފައިވާ އެޕިސޯޑެވެ.

(ނިމުނީ)