ކުރީގެ އަދަދާއި ގުޅޭ:

" ވަރަށް އަވަހަށް އަންނައްޗޭ." ކުޑަކޮށް ކޮރެލުމަށްފަހު، ހަސަންގެ ކޮނޑުގައި ހިފަހައްޓާލަމުން މަރިޔަމް ބުންޏެވެ.

Ad
rt

އެއާއެކު ބޯ ޖަހާލަމުން ހަސަން އަނެއްކާ ވެސް ފޮށި ނެގިއެވެ. އަދި ނުތަނަވަސް ވެފައި ހުރެ އޭނާ ނިކުމެއްޖެއެވެ. އޭރު ވެސް ޝަބްނަމް ހުރީ ލޯބިވެތި ގޮތަކަށް ހެވިފައި ބަލަހައްޓައިގެންނެވެ.

ރޭގަނޑުގެ އަނދިރިކަމުގައި ކަނޑުގެ ލޮނުގަނޑު ކަފަމުން، ދޯނި ދަތުރު ކުރަމުން ދިޔައެވެ. ކަނު އަނދިރީގެ ތެރެއިން ހަމައެކަނި ފެންނަނީ މަތީގައި ވިދަވިދާ ހުރި ތަރިތަކާއި ހިމަ ރޮނގެއް ފަދަ ހަނދުފަޅިއެވެ. އެ ރިހި އަލީގެ ވިދުވަރަށް ބަލަހައްޓައިގެން ހަސަން އޮތީ ދޯނީގެ ދިރުނބާކޮޅުގައެވެ. ބޯދަށަށް އަތް ލައްވާލައިގެން އޭނާ އޮތީ ފުން ވިސްނުމެއްގައެވެ. ޖެހެމުންދާ ތެތް ވައިރޯޅިތައް އޭނާގެ ގައިގައި ބީހެމުންދާކަން ވެސް އޭނާއަށް އިހްސާސް ނުވާ ކަހަލައެވެ.

ދަތުރުމަތީގައި ވެސް ހަސަންގެ ސިކުނޑިއަށް އަރާމެއް ނުލިބުނެވެ. އޭނާގެ ޟަމީރު އޭނާއަށް މަލާމާތް ކުރާހެން ވެސް ހީވެއެވެ. ކައިވެންޏަކަށް އެއްބަސްވެވުނު ވާހަކަ މަރިޔަމް ގާތު ބުނާނެ ގޮތެއް ވެސް އޭނާއަކަށް ނޭނގެއެވެ. އޭނާ ގޮސް މަރިޔަމްއަށް ދޭން އުޅޭ ހަބަރުން މަރިޔަމްއަށް ކުރާނެ އަސަރު އޭނާގެ ހިތަށް ވަޒަން ވެސް ނުކުރެވެއެވެ.

ޝަބްނަމްގެ ހާލު މާ ތަފާތެވެ. ކައިވެނީގެ ފޮނި މީރުކަމާއި މާމުއިހަނދުގެ ދުވަސްތައް އޭނާ ދިޔައީ ހިތުގައި ކުރަހައި، ސިފަ ކުރަމުންނެވެ. މިޔަދަށުގައި އޮތް ކަންނެޔޮގައި އަތާއި ފައިން އޮޅުލަމުން ދާއިރު، އޭނާގެ ތުންފަތްމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ހަސަންއަށް ހިދުމަތްކޮށްދޭ ހިތުން އޭނާގެ ހިތް އޮތްބެއް ނޯވެއެވެ.

" އަހަރެން އޭނާ ނިންދަވާލާނީ މި ދޮންދޮން މަޑުމަޑު އަތްތިލައިން އޭނާގެ މޭމަތީގައި ފިރުމައިދީގެން. އަދި ނިދިން ހޭލައްވާލާނީ، އަހަރެންގެ ހަށިގަނޑުގެ ހޫނުކަމުން އޭނާގެ އެ ވަރުގަދަ ހަށިގަނޑު ފިއްސާލައިގެން. އެކަމަކު... އެއީ އަނިޔާއެއް ނުވާ، އުފާވެރި ބީހިލުމަކުން. ހަސަން ގަޔާވާ ކޮންމެ ކަމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަހަރެން އަދާކޮށްދޭނަން. އޭނާގެ އަނތްބަކަށް ވާ ހިތުން އަހަރެންގެ ހިތް ތެޅިފޮޅޭވަރު ހަސަންއަށް އިހްސާސްވާނެ ނަމަ..." ޝަބްނަމް އެހެން ބުނެ، ތުންފަތުގައި ދައިގަތެވެ. އަދި ހިޔާލީފޮލާ ކައްކަމުން، ލަދުން ގޮސް ބާލީހުގެ ތެރެއަށް މޫނު ކޮއްޕާލިއެވެ.

މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ. މަރިޔަމް އިނީ ގަސްދޮށުގައި އިލޮށި މަށާށެވެ. ކައިރީގައި ހުރި ފަތްޖެހިއެނދުގެ އެއްކޮޅުގައި ކުޑަކުޑަ ސާޔާ ނިދާފައި އޮތެވެ. އަދި އަނެއްކޮޅުގައި ނިދާފައި އޮތީ ހާނިމްއެވެ. އާދައިގެ ވަރަކަށް ޖެހެމުންދާ ވައިރޯޅިތަކުން ޖަނބުރޯލުގަހުގެ ފަތްތަަަަައް ވިހުރެމުން ދެއެވެ. ކޮންމެވެސް ވަރަކަށް ފިނިވާތީ، އެ ދެ ކުދިންނަށް ވެސް އަރާމުވާނެކަން މަރިޔަމްއަށް އެނގެއެވެ. މަދިރިން އެ ކުދިން ސަލާމަތް ކުރުމަށްޓަކައި އޭނާ އިނީ މަދިރި ދުންދަނޑި ވެސް ރޯކޮށްގެންނެވެ.

ދުރުގައި ހުރި ހަސަން މަރިޔަމްއާ ދިމާލަށް ބަލަން ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. މަރިޔަމް ފެނުމާއެކު ހިތަށް އުފާވެރިކަން ލިބުނު ނަމަވެސް، ކުޑަ ދުވަސްކޮޅެއް ކުރިން އޭނާއަށް އިވުނު ވާހަކަތައް ވެސް ހިތުގައި އާ ވެއްޖެއެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަސް، އެ ފަދަ ވާހަކައެއް ފެތުރިފައި އޮތުމުން އޭނާ ހުރީ އިންތިހާއަށް ކަންބޮޑު ވެފައެވެ.

" މަރިޔަން." ހަސަން ގޮވާލިއެވެ.

އަތަށް ނެގި ފަންވަތް ވެސް ދޫކޮށްލަމުން މަރިޔަމް ސިހިފައި އިސްއުފުލައި ބަލައިލީ، އިވުނީ ހަސަންގެ އަޑުކަން ޔަގީން ކުރެވިގެންނެވެ. އޭރު ބާރުބާރަށް ހިނގާފައި ހަސަން އާދެއެވެ. މަރިޔަމް ފުންމައިގެން ތެދުވެ، ހިނިތުންވެފައި ހަސަންއަށް ބަލަން ހުއްޓެވެ.

ފޮއްޓާއި ދަބަސް ބިންމަތީގައި ބެހެއްޓުމަށްފަހު ހަސަން ގޮސް މަރިޔަމްއާ ނުހަނު ގާތުގައި ހުއްޓުނެވެ. އަދި މަރިޔަމްގެ ދެ އަތުގައި ބާރުބާރަށް ހިފާލިއެވެ. އެއާއެކު އޭނާއަށް ފެނުނީ މަރިޔަމްގެ ދެ ލޮލަށް ޖަމާވަމުންދާ ކަރުނަތަކެވެ..

ހަގީގަތުގައި ވެސް އެތައް ދުވަހަކަށް ފަހު، މަރިޔަމް ފެނުމުން ހަސަން ވެސް ހުރީ އިންތިހާއަށް އުފާވެފައެވެ. ހަސަންއަށް ބަަލަން ހުރެ، ހީލަމުން މަރިޔަމް ދެ ލޯ ފުހެލިއެވެ.

" ބައްޕަގެ ދަރިންކޮޅު." ހަސަން ބުންޏެވެ.

ނިދިފައި ތިބި ދެ ކުދިންނަށް ބަލަހައްޓައިގެން އިރުކޮޅަކު ހަސަން ހުއްޓެވެ.

" ސާޔާ ހާދަ ބޮޑުވެއްޖެޔޭ. އެ މަންޖެއަށް އަހަރެން ނުވެސް އެނގޭނެ ދޯ. މިހާރު ކާން ވެސް ދެން ދޯ." ހަސަން އެހިއެވެ.

އެއާއެކު މަރިޔަމް އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ދެން ދުވަހަކު ވެސް ހަސަން އޭނާ ކައިރިން ދުރަށް ނުފޮނުވާނަމޭ ވެސް އެ ވަގުތު މަރިޔަމް ހިތަށް އެރިއެވެ.

" ފާނަ ކޮށި ގެނައީތަ މި ކޮޅަށް. ދެން މާލެ ދާކަށް ނުޖެހޭނެ ދޯ. ދެން ނުދާނަން ދޯ؟" މަރިޔަމް އެހިއެވެ.

އެ ވަގުތު އަނެއްކާ ވެސް ހަސަންގެ ސިކުނޑިއަށް ޝަބްނަމް ފާވެއްޖެއެވެ. އޭނާގެ މޫނުމަތީގައި ހުރި އުފާވެރިކަން އިސާހިތަކު ގެއްލިއްޖެއެވެ. ނުތަނަވަސްވެ، މޫޑު ހަރާބު ވެއްޖެއެވެ.

" ކިހިނެއްވީ؟ ހާދަ ހާސްވީ؟ " މަރިޔަމް އެހިއެވެ.

" ކޮންކަމަކާ އަހަރެން ހާސްވާން ވީ؟ އަހަރެން ވަރަށް އިރު ވެއްޖެ އެއްޗެއް ނުކައި ހުންނަތާ. ވަރަށް ބަނޑުހައި ވެއްޖެ. ކާ އެއްޗެއް ހުންނާނެތަ؟" ހަސަން ސުވާލު ކުރިއެވެ.

ހަސަން މައުޟޫ ބަދަލުކޮށްލީ ގަސްތުގައެވެ. އެހެން ނޫނީ މަރިޔަމްއަށް މިހާރު ލިބިފައި ހުރި އުފާވެރިކަން، ސިކުންތެއްގެ ތެރޭގައި ބަދަލުވެގެން ދާނެކަން އޭނާއަށް ހަމަ ރަނގަޅަށް އެނގެއެވެ.

" އާނ. ކައްކާފަ ހުންނާނީ. އަވަހަށް ހިނގާ މޮޑެވެސް ދީފާނަން." މަރިޔަމް ހަސަންގެ ގައިގައި އަތް ޖައްސާލަމުން ބުނެލިއެވެ. މަރިޔަމްގެ ވާހަކައިންނާއި އޭނާއަށް ލިބިފައި ހުރި އުފާވެރިކަމުގެ ސަބަބުން މަރިޔަމްއަށް އެއްވެސް ބަދަލެއް ނާންނަކަން ހަސަންއަށް އިހްސާސް ކުރެވުނެވެ. މިއަދު މަރިޔަމްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ލޮލުގައި ބަބުޅަމުން ދަނީ ވެސް ހަމަ އުފާވެރިކަމުގެ ކަރުނައެވެ. އެ ކަމުން ވެސް ރަމްޒުކޮށްދެނީ އޭނާ ހަސަންދެކެ ވާ ލޯބިކަން ހުދު ހަސަންއަށް އެނގުނެވެ.

" ބައްޕާ. މިހާރު ހަސަނަށް ރަށަށް ދެވޭނެ ދޯ. އަޅުގަނޑު ހުންނަނީ ވަރަށް ހިތް ބިރުގެންފައޭ. ހީވަނީ ހަސަން ދެން ނާންނާނެހެން." ޝަބްނަމް ބުންޏެވެ.

އެ ވަގުތު ރަޝީދު ހިނިގަނޑެއް ޖަހާލިއެވެ.

" ހީވާ ކޮންމެ ކަމަކީ ހަގީގަތަކަށް ނުވެދާނެ. ބައްޕައަށް އިތުބާރު ކޮށްބަލަ. ހަސަން އަންނާނެ. ހަސަން ބައްޕައަކަށް ދޮގެއް ނަހަދާނެ." ރަޝީދު ޔަގީންކަމާއެކު ބުނެލިއެވެ.

" މަންމަ މި ބުނީނު ހަސަންއަށް ފިލައިގެންނެއް ނޫޅެވޭނެޔޭ." ޒުހޭރާ ބުނެލިއެވެ.

އެ ވަގުތު ޝަބްނަމްއަށް އިތުރަށް ހެވިއްޖެއެވެ.

" ދެން ހިނގާ ކާން ދާން. މިހާރު އަސުރަށް ގޮވަން ކައިރިވަނީ." ޒުހޭރާ އަނެއްކާ ވެސް ބުންޏެވެ.

" ނޫނޭ މަންމާ. ކައިވެނި ހެދުން ލާން ވާއިރަށް ފަލަވެދާނެތީ މިހާރު ކާކަށް ބޭނުމެއް ނުވޭ. އަޅުގަނޑު ބޭނުންވަނީ ވަރަށް ރީތި ވެޑިންޑްރެސްއެއް ލާން." ޝަބްނަމް އުފާވެރި ރާގެއްގައި ބުނެލިއެވެ.

ދަރިފުޅު ދެކެމުންދާ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަކީ ޒުހޭރާގެ އެންމެ ބޮޑު އުއްމީދެވެ. އެ ދަރިފުޅު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވެސް އޭނާ ކޮށްދޭން ބޭނުންވެއެވެ. އެހެންކަމުން ހަސަންގެ ފަރާތުން އެދެވޭ ޖަވާބެއް ލިބުން ވެގެން ދިޔައީ ހުދު ޒުހޭރާއަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ.

" މަންމަ ވެސް ބަނޑު ހިންދާލަންވީ ދޯ." ހެމުން ހެމުން ޒުހޭރާ ބުންޏެވެ.

އެ ވަގުތު ޝަބްނަމް ވެސް ބާރަށް ހޭންފެށިއެވެ.

ހަަސަން އިނީ އޭނާގެ ތިން ދަރިންނާއެކު ސިޓިންރޫމްގައެވެ. ގިނަ ދުވަސްތަކަކަށް ފަހު ބައްޕަ ފެނުމުން އެ ކުދިން ތިބީ އިންތިހާއަށް އުފާ ވެފައެވެ. ތުއްތު ސާޔާއަށް ވެސް ބައްޕަ އެނގޭ ކަހަލައެވެ.

" ސާޔާ ވެސް މިހާ ވަރަށް މި ހެނީ ބައްޕަ އައީމަ ތަ؟" ހަސަން ބުންޏެވެ.

ސާޔާގެ ކޮލުގައި އެތައް ފަހަރަކު އޭނާ ބޮސްދިނެވެ.

" ދެން ބައްޕަ ނުދާނަން ދޯ؟" ހާނިމް އެހިއެވެ.

ހަސަން ފެނުނީއްސުރެ މަރިޔަމްގެ ހިތުގައި ވެސް އުފެދިފައި އޮތް ސުވާލަކީ ހަމަ އެއީއެވެ. ނަމަވެސް އެ ސުވާލު ކުރާއިރަށް ހަސަންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދާތީ މިހާރު މަރިޔަމްގެ ހިތަށް އުނދަގޫވެއްޖެއެވެ.

" ބައްޕަ އަދި ދާން ޖެހޭ ކަންނޭނގެ. ޗުއްޓީއަކަށްތަ ތި އައީ؟" މަރިޔަމް އަވަސް އަވަހަށް އެހިއެވެ.

އެ ވަގުތު ހަސަން ބޯ ޖަހާލިއެވެ. މަރިޔަމްއަށް ވަގުތުން އެހެން ދިމާލަކަށް މޫނު އަނބުރައިލެވުނެވެ. އެ މަންޒަރު ފެނި ހަސަންގެ ހިތް ކުރިއަށް ވުރެ ބޮޑަށް ނުތަނަވަސް ވެއްޖެއެވެ.

" ބައްޕަ ނެތީމަ ވަރަށް އުނދަގޫވޭ އަހަރެމެންނަށް." ސާމިހް ބުންޏެވެ. އޭރު ވެސް އޭނާ އިނީ ފޮތެއް ހިފައިގެން އެއަށް ލޯ ހިންގާށެވެ.

ސާމިހްއަކީ ބަސްމަދު ކުއްޖެކެވެ. ބުނަން ބޭނުންވާ އެއްޗެއް ފިޔަވައި އޭނާ ނުބުނާނެއެވެ. ނަމަވެސް މިއަދު ސާމިހް އެހެން ބުނުމުން ހަސަންގެ ހިތަށް މާ އަސަރުކޮއްފިއެވެ.

" ބައްޕަ އަދި އެއްކޮށް އަންނާނަމޭ. މާ ގިނަ ދުވަހެއް ދެން ނުވާނެ. ބައްޕަ މި އައީ ވެސް މި އާއިލާ މަތިން ހަނދާންވާ ވަރުން." ހަސަން ބުނެލިއެވެ. އޭރު ވެސް މަރިޔަމް އިނީ ކަޅި ޖަހައިނުލާ ހަސަންގެ މޫނަށް ބަލާށެވެ.

ބޭރު ޖޯލީގައި ހަސަން އޮތީ މަރިޔަމްގެ އިންތިޒާރުގައެވެ. ކުދިން ނިންދަވާފައި މަރިޔަމް އަންނާނެ ވަގުތަކަށް އޭނާ އޮތީ ބަލަބަލައެވެ. ޝަބްނަމްގެ ވާހަކަ މަރިޔަމް ގާތު ދައްކަން އޭނާ އިންތިހާއަށް ބޭނުންވެއެވެ. ނަމަވެސް އެ ހިތްވަރު ނެރޭނެ ގޮތެއް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ. ނިތްމަތީގައި އަތް ބާއްވާލައިގެން އޮވެ ހަސަން ފުންކޮށް ވިސްނަމުން ދިޔައެވެ.

ގެއިން ނިކުމެގެން އައިސް މަރިޔަމް ޖޯލީގައި އިށީނުމާއެކު ހަސަން ދިޔައީ ސިހިގެންނެވެ.

" ނިދިފައިތަ؟" މަރިޔަމް އަހާލިއެވެ.

" ނޫން. މާ މަޑުމަޑުން އައީމަ ނޭނގުނީ." ހަސަން ބުންޏެވެ.

" ދެން ބުނެބަލަ. އަދި ދާން ޖެހޭތަ؟" މަރިޔަމް ސުވާލުކޮށްލީ ހަސަންގެ ކޮނޑުގައި ބޯ ޖައްސާލަމުންނެވެ. އެ ވަގުތު ހަސަން، އިތުރަށް މަރިޔަމް އޭނާ ގާތް ކޮއްލިއެވެ.

" ދާ ހިތެއް ނުވެ. އެކަމަކު އަދި ދާންޖެހޭ. " ހަސަން ބުންޏެވެ.

" ދެން ނޫނެކޭ. އަހަރެން ބޭނުމެއް ނޫން ހަސަން ފޮނުވާކަށް. ހަސަން ނެތި މި ދުވަސްތައް ހޭދަ ކުރަން ޖެހުނީ ވަރަށް ދަތި އުނދަގޫކޮށް. ބަލި ވިޔަސް، ދަރިޔަކު ބަލި ވިޔަސް ކާކު ވަކި އަޅާލަން ހުރީ؟" މަރިޔަމް ބުންޏެވެ.

އޭނާ އެހެން ބުނުމާއެކު ކުއްލިއަކަށް އަނެއްކާ ވެސް ހަސަންގެ ސިކުނޑި ތޮޅިލި ކަހަލައެވެ. ހަސަން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހިތަށް ހަމަޖެހުމެއް ދެވޭތޯ ބެލިއެވެ.

" އަހަރެން މި ހުރީ ވާހަކައެއް އަހާލަން ބޭނުންވެފައޭ. " ހަސަން ބުންޏެވެ.

ހަސަން އެހެން ބުނި ރާގުން ވެސް މަރިޔަމްގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. މަޑުމަޑުން އޭނާ ހަސަންއާ ދުރަށް ޖެހިލުމަށްފަހު ހަސަންގެ މޫނަށް ބަލައިލީ ނުތަނަވަސްކަމާ އެކުއެވެ.

" ކޮ...ކޮން ވާހަކައެއް؟" މަރިޔަމް އެހިއެވެ.

" ފުރަން ވެގެން ދޯނި ކައިރިއަށް ދިޔަ ދުވަހު، އެ ތާ ތިބި ބަޔަކު ދެއްކި ވާހަކައެއް. ކޮންމެވެސް ފިރިހެނަކާއެކު މަރިޔަމް ބަނދަރުމަތިން ފެނުނު ވާހަކަ ދެއްކީ. އަހަރެން ގަބޫލެއް ނުކުރަން. އެކަމަކު ވެސް ރަށުތެރޭގައި އެކަހަލަ ވާހަކަ ފެތުރެންޏާ ސުވާލު ކުރަން ވާނެތާ." ހަސަން ބުންޏެވެ.

އެ ވަގުތު މަރިޔަމްއަށް އިސްޖަހައިލެވުނެވެ. އެންމެ ފަހުން ހަސަންގެ ކަންފަތަށް އެ ވާހަކަ އިވުނީތާއޭ އޭނާގެ ހިތަށް އެރިއެވެ.

" އެއީ ތެދެއް." މަރިޔަމް ބުންޏެވެ.

އެ ވަގުތު ހަސަންއަށް ތެޅިގަނެވުނެވެ. ހައިރާންވެފައި މަރިޔަމްއަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނެވެ. އޭރު މަރިޔަމް އިނީ އިސްޖަހާލައިގެންނެވެ.

" އެކަމަކު އެ ކަން ވެގެން ދިޔައީ އެ މީހުން އެ ހީކުރާ ގޮތަކަށް ނޫން. އަހަރެން ހަސަންއަށް ދުވަހަކު ވެސް ދޮގެއް ނަހަދަން. " މަރިޔަމް ބުނެލިއެވެ.

ރިލްވާންގެ ވާހަކަތައް މަރިޔަމް ކިޔައިދީ ނިމުނު އިރު އޭނާ ހުރީ ފެންކަޅިވެފައެވެ. އޭނާ ދައްކާ ކޮންމެ ވާހަކައެއް ހަސަން ގަބޫލު ކުރާނެކަމާމެދު މަރިޔަމް ޝައްކެއް ނުކުރެއެވެ. ކަންތައްވީ ވެސް އެހެންނެވެ. ހަސަން އަނެއްކާ ވެސް މަރިޔަމް ގެނެސް، އޭނާގެ ގައިގައި ޖައްސާލިއެވެ.

" އަހަރެން ނުކުރަމޭ ގަބޫލެއް. އަހަންނަށް އެނގޭ އަހަރެންގެ މަރިޔަން ދުވަހަކު ވެސް އަހަންނަށް ބޭވަފާތެރިއެއް ނުވާނެކަން. އެކަމަކު އަހަރެން މި ދެރަވަނީ އަހަރެން ނެތިސް، ފިރިހެނެއްގެ އުނދަގޫ ފޯރީމަ. އަހަރެން ނެތީމަ މުޅި ދިރިއުޅުން މަރިޔަންއަށް އުނދަގޫވެގެން ދިޔައީމަ. މިހާރު ވެސް އިހްސާސް ކުރެވިއްޖެ، އަހަންނާ ނުލާ މަރިޔަންގެ ދިރިއުޅުން އުފާވެރިއެއް ނުވާނެކަން." ހަސަން ބުންޏެވެ.

" ތެދެއް ތި ބުނީ. ހަސަންއާ ނުލައި އަހަންނަކަށް ނޫޅެވޭނެ. އަހަރެން ހަމަ މަރުވެސް ވެދާނެ." އެއާއެކު މަރިޔަމްއަށް ރޮވިއްޖެއެވެ.

އޭނާއަށް ނަފްސާނީ ގޮތުން ވެސް ވަރަށް އަސަރުކޮށްފައި ހުރިކަން ހަސަންއަށް އެ ވަގުތު އިހްސާސް ކުރެވުނެވެ.

" މިހާތަނަށް ވެސް އަހަރެން މި ކެތްކުރީ އަހަރެންގެ ތިން ކުދިންނަށްޓަކައި. ކިތަންމެ ދަތި އުނދަގޫ ވިޔަސް، އެ ކުދިންނަށް އެ ކަން ނުދައްކާ އަހަރެން ދިރިއުޅެމުން ދިޔައީ އެ ކުދިންގެ ބޭނުންތައް ފުއްދައިދެވޭތޯ. ސާމިހްއަކީ ބޮޑުވަމުން އަންނަ ކުއްޖަކަށް ވީމަ ސާމިހް އެހެން އެ ބުނީ ވެސް. އޭނައަށް އެނގޭނެ ދޯ އަހަރެން ތެޅޭތެޅުން. " ރޮމުންރޮމުން މަރިޔަމް ބުނެލިއެވެ.

ހަސަން މަޑުމަޑުން މަރިޔަމްގެ ގައިގައި ފިރުމަމުން ދިޔައެވެ. އޭރު ހަސަންގެ ސިކުނޑިއާއި ހިތަށް ވެސް ދިޔައީ އެހާމެ އުނދަގޫވަމުންނެވެ.

" އެކަމަކު ވެސް އަހަރެން އެ ކުދިންނަށް އެންމެ ރަނގަޅު ތަރުބިއްޔަތެއް ދެވޭތޯ ވަރަށް މަސައްކަތް ކުރަން." މަރިޔަމް އިތުރުކޮށްލިއެވެ.

" ދެން ވާހަކަ ނުދައްކާ. މާ ގިނައިން ވާހަކަ ދެއްކީމަ އިތުރަށް ދެރަވާނީ. އަހަންނަށް ނޫނީ ދެން ކާކަށް މަރިޔަމް އެނގޭނީ؟ ތިއީ އަހަރެން އެންމެ ބޭނުންވާ ކަހަލަ އަނތްބެއް. އަދި ދަރިންނަށް ވެސް ތިޔަށް ވުރެ ހެޔޮލަފާ މައެއް ނުލިބޭނެ. " ހަސަން އެހެން ބުނެ، މަރިޔަމްގެ ބޮލުގައި މޫނު ޖައްސާލިއެވެ.

" ނޫން. އެއީ އަހަރެންގެ މަގާމް. އޭނަ އަންހެނުންނަކަށް ދެން އެ މަގާމަކު ނުހުރެވޭނެ. އެއީ މަގޭ ހައްގެއް. މަގޭ ހަސަން ހުންނަން ޖެހޭނީ މަގޭ ކައިރީ. " ޝަބްނަމް ބުނެލިއެވެ.

ފާރުގައި ހަރުކޮށްފައި ހުރި ލޯގަނޑު ކުރިމަތީގައި ޝަބްނަމް ހުރީ އޭނާގެ އަމިއްލަ ސޫރައާ ވާހަކަ ދައްކާށެވެ.

" އަހަރެން ބޭނުމީ ވީހާ ވެސް އަވަހަކަށް ހަސަންގެ ރަށަށް ދާން. ހަސަން ނުފެނި އަހަންނަކަށް އެންމެ ރެޔަކު ވެސް ނުނިދޭނެ. އަހަރެން މޮޔަވެދާނެ. " ބޮލުގެ އިސްތަށިތަކުގެ ތެރެއަށް ދެ އަތް ކޮއްޕާލަމުން ޝަބްނަމް ފާރު ބުޑަށް ތިރިވިއެވެ. އަދި މަޑުމަޑުން ފާރުގައި ބޯ ޖައްސާލިއެވެ.

" އަހަރެން ދާނީ ހަސަން ބަލާ." ޝަބްނަމް އަނެއްކާ ވެސް ބުނެލިއެވެ.

ނުނިމޭ

( މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ. )

(ނިމުނީ)