" ހޫމް... ދެން ދަރިފުޅު މަންމަ މި ކިޔައިދިން ގޮތަށް ކަންތައް ކުރޭ. އޭރުން މަޑުމަޑުން ހަސަން ވެސް ދަރިފުޅުދެކެ ލޯބި ވެދާނެ. " ޒުހޭރާ ބުންޏެވެ. ޝަބްނަމް ބޯ ޖަހާލީ، އޭނާއަށް ހަސަންގެ ލޯބި ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮވެގެންނެވެ.
ޝަބްނަމްގެ ކޮޓަރި ތެރެއިން ނިކުމެވުމާއެކު ޒުހޭރާގެ މޫޑު ބަދަލު ވެއްޖެއެވެ. ހާސްވެ މީހާ މާޔޫސް ވެއްޖެއެވެ. ޝަބްނަމްް އަނދިރީގެ ތެރޭގައި ބަހައްޓަން ޖެހޭތީ އޭނާގެ ހިތަށް އުނދަގޫވަނީއެވެ. ހަސަންއަކީ މީހެއްގެ ފިރިއެކޭ ބުނާނެ ހިތްވަރެއް މިރޭ ވެސް ޒުހޭރާއަކަށް ނުލިބުނެވެ. ޝަބްނަމް ދެރަވާނެ ވަރު އިހްސާސް ކުރެވޭތީ އެކަމަށް އޭނާ ފަސްޖެހެވޭނީއެވެ.
ޝަބްނަމް އިނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ފަަރީހާގެ އިންތިޒާރުގައެވެ. އެނދުމަތީގައި ދެ ފައި ވަށްކޮއްލައިގެން އޭނާ އިނީ އުފަލުން ފޮޅިފައެވެ. ހަސަންއާމެދު ކުރަމުން އަންނަ އުއްމީދުތައް ދުވަހެއް ދުވަހަކަށް އިތުރު ވެގެން ދެއެވެ.
" އާޗާ. ހާދަ ހެވިލާފަ." އެތެރެއަށް ވަތް ގޮތަށް ފަރީހާ ބުންޏެވެ.
ފަރީހާ އައިސް އެނދުގައި އިށީނުމާއެކު ޝަބްނަމް އަވަސް އަރުވާލައިފައި ވާހަކަ ދައްކަން ފެށިއެވެ.
" އަހަންނަށް އަހަރެންގެ ހިތުގެ ވެރިޔާ ދިމާވެއްޖެ." ޝަބްނަމް ބުންޏެވެ.
އެއާއެކު ފަރީހާގެ ދެ ލޯ ދިޔައީ ބޮޑު ވެގެންނެވެ.
" އޭ. މަ އަހަން ވެސް އުޅެފީމޭ. ދެންމެ މި ގެއިން ނިކުމެގެން އެ ދިޔައީ ކާކުތަ؟ ހާދަ ރީތި މީހެކޭ." ފަރީހާ ބުންޏެވެ.
" އޭ ހަބަރުދާރު. އެއީ މަގޭ ހަސަން. ހަސަނަށް ކަޅި ނާޅައްޗޭ. " ޝަބްނަމް ބުންޏެވެ.
އެ ވަގުތު ފަރީހާއަށް ދެ ބުމަ އުފުލައިލެވުނެވެ.
" އޯހް. މިއީ ދޯ މި ވާ ގޮތަކީ. " ފަރީހާ ހަމަޖެހިލަމުން ބުންޏެވެ.
" އެ ވާހަކަ ދައްކަން ވެގެންނޭ އަހަރެން އަންނާށޭ ބުނީ. އަދި އަސްލު އަހަންނަށް އޭނަ މިލްކެއް ނުވެ. އަހަރެން އޭނައާ އަޅައިގަނެގެން އުޅޭކަން އޭނައަކަށް ނުވެސް އެނގޭނެ. އަހަރެން މި އިންނަނީ ތާއަބަދު ހިޔާލީފޮލާ ކައްކަން." މާޔޫސްވެފައި ޝަބްނަމް ބުންޏެވެ.
އެއާއެކު ފަރީހާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
" ދެން ލޯބިވާ ވާހަކަ ބުނަން ވީއެއްނު." ފަރީހާ ބުންޏެވެ.
" މަންމަ ބުނީ އޭނަ ފަރާތުން އެ ފަދަ އެއްވެސް އިޝާރާތެއް ނުވަންޏާ، ހަމަ ކުއްލިއަކަށް ލޯބިވާ ވާހަކަ ބުނީމަ ކަމަކު ނުދާނެޔޭ. މަޑުމަޑުން އޭނަ ރުއްސައިގެން، އޭނަގެ ލޯބި އަހަރެން ހާސިލް ކުރާށޯ. އޭނަ ގެއަށް އަންނަ އިރަކަށް އިންތިޒާރު ކުރާށޯ. އަދިވެސް ވަރަށް ގިނަ ކަންތައްތައް މަންމަ ކިޔައިދިނޭ. " ޝަބްނަމް ބުންޏެވެ.
އޭރު ވެސް ފަރީހާ އިނީ ކަނުލާ އަޑު އަހާށެވެ.
" ތި ކަން ކާމިޔާބު ވިއްޔާ އަހަންނަށް ދޭނީ ކޯއްޗެއް؟" ފަރީހާ ބުންޏެވެ.
" ބުނި ރެސްޓޯރެންޓަކުން ކާން ދޭނަން." ޝަބްނަމް ބުންޏެވެ. އެ ވަގުތު ލިބުނު ހިތްހަމަ ޖެހުމާއެކު ފަރީހާއަށް ހެވިއްޖެއެވެ.
" މަ ބުނާނެ ވާހަކައެއް ނެތް. މާ ލަސްލަހުން ނޫޅޭތި. ތެޔޮނާށި ކާޅު ޖަހައިގަތުމުގެ ކުރިން އަވަހަށް އޭނައަށް އަންގާ. " ފަރީހާ ބުންޏެވެ.
އެއާއެކު ޝަބްނަމް ބޯ ޖަހާލިއެވެ.
" ތި ހެންނެއް ނުވާނެ. މި ޝަބްނަމްއަށް ނޫނެކޭ ބުނެފައި ދެން އޭނައަށް ވަކި މަށަށް ވުރެ ރީތި މީހަކު ނުލިބޭނެ. އަދި ތަނަވަސް މީހަކު ވެސް. މަގޭ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިޔަކީމަ. މި މުއްސަނދިކަމާއި ހުރިހާ އެއްޗެއްގެ ހައްގުވެރިޔަކީ ވެސް ހަމަ އަހަރެން. މި ހުރިހާ ކަމެއް ވެސް ހަސަންއަށް ހަމަ ރަނގަޅަށް އެނގޭނެ. އެހެންވީމަ އަހަންނަށް ވެސް ހީވަނީ އިޝާރާތް ކުރުން އަވަސް ކުރަން ވީ ހެން." ޝަބްނަމް ބުންޏެވެ.
" އާނ. ލަހެއް ފަހެއް ނެތި އަވަހިއްޔާ އަވަސް." ފަރީހާ ހެމުން ހެމުން ވާހަކަ ދެއްކިއެވެ.
" މިގުދާދު ހަދާ މީރު ހަނޑުލުގުޅަ ހުންނާނެ މިއަދު. ހިނގާބަލަ އަހަންނާއެކު ސައިބޯން. މަންމަ ވެސް ފަރީ ނާންނަ ވާހަކަ ވަރަށް ދައްކާނެ." ތެދުވަމުން ޝަބްނަމް ބުންޏެވެ. އެއާއެކު ފަރީހާ ވެސް ނުހަނު އަވަހަށް އެނދުން ފައިބައިފިއެވެ.
ރޭގަނޑުގެ ވަގުތެވެ. ފާނަކޮށީގެ މަސައްކަތް ނިންމާލުމަށްފަހު ހަސަން ގެއަށް އައީ ވަރުބަލިކަމާއެކުއެވެ. އެހާ ދުރުން ހިނގާފައި އަންނަން ޖެހުމުން އޭނާ ބޭނުންވީ ފުރަތަމަ ވެސް އަރާމު ކޮށްލާށެވެ. ގޯތި ތެރޭގައި ހުރި ޖޯލިފަތީގައި އޮށޯވެލުމަށްފަހު، ނިތްކުރިމަތީ އަތްބާއްވާލީ ހަށިގަނޑަށް އަރާމެއް ދިނުމުގެ ގަސްތުގައެވެ.
ކުއްލިއަކަށް މީހެއްގެ ހިލަމެއް ވީހެން ހީވެގެން ހަސަން އަވަސް އަވަހަށް ދެ ލޯ ހުޅުވާލިއެވެ. އެއާއެކު އޭނާ ސިހިގެން ދިޔައީ ފެން ތައްޓެއް ހިފައިގެން، އޭނާގެ ކުރިމަތީ ހުރި ޝަބްނަމް ފެނުމުންނެވެ. ހަސަންއަށް އެންމެ ފުރަތަމަ ވެސް ބަލައިލެވުނީ ގޭ މައިދޮރާ ދިމާލަށެވެ. ރޭގަނޑުގެ އަނދިރީގެ ތެރޭގައި އޭނާ ކައިރީ ޝަބްނަމް ހުރުމުން، ހިތަށް ނުތަނަވަސްކަން ވެރިވެއްޖެއެވެ.
" މިރޭ ވަރަށް ލަހުން ދޯ ނިމުނީ. މި ފިނި ފެންތަށި ބޯލާ. އޭރުން ހަށިގަނޑު ތާޒާ ވެދާނެ." ތުއި ގޮތަކަށް ޝަބްނަމް ބުންޏެވެ.
އެ ފެންތަށީގައި ހިފަން ނުކެރިފައި ހަސަންއަށް އިނދެވުނީ ޝަބްނަމްއަށް ބަލާށެވެ. ސިޓިންރޫމްގައި ދިއްލާފައި ހުރި ހޮޅިބުރި އަލިން، ކޮންމެވެސް ވަރަކަށް އެ ސަރަހައްދަށް އަލިވެއެވެ. ނަމަވެސް ޝަބްނަމްގެ މޫނުމަތީގެ ޝުއޫރުތައް ދެނެގަނެވޭހާ އައްޔެއް ނޫނެވެ.
" ކިހިނެއްވީ؟ އަހަރެން ދެކެ ރުޅި އަންނަނީތަ؟" ޝަބްނަމް ބުނެލިއެވެ.
އެއާއެކު ހަސަން އެ ފެންތަށީގައި ހިފިއެވެ. އެ ވަގުތު ޝަބްނަމް އަވަސް އަވަހަށް ހަސަންއާ ޖެހިގެން ހުރި ޖޯލިފަތީގައި އިށީނދެލިއެވެ. އަނެއްކާ ވެސް ހަސަންގެ ހިތަށް ނުތަނަވަސްކަން ވެރި ވެއްޖެއެވެ. އޭރު އޭނާ ހުރީ ތެދުވެގެން ދާން ބޭނުން ވެފައެވެ.
" ރުޅި އަންނާކަށް ނުޖެހެއެއްނު." ހަސަން ދިނީ ކުރު ޖަވާބެކެވެ.
" އަސްލުވެސް ރޭގަނޑު މި ތަނަށް ހާދަ ފިނިވެޔޭ. ބޭރުތެރެ ހާދަ އަރާމޭ. ރޭގަނޑު އަހަރެން ދުވަހަކު ވެސް މިހެން ބޭރަކު ނީންނަން. އެކަމަކު މިރޭ އަހަރެންގެ ހިތަށް އާދަޔާހިލާފް ގޮތްތަކެއް އެބަ ވޭ. ގައިމު ވެސް މި ކަނު އަނދިރީގެ ބިރުވެރިކަމެއް ނޫން. " ޝަބްނަމް ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
އޭނާގެ އަޑާއި ރާގު ވެސް މިހާރު ހުރީ ތަފާތު ގޮތަކަށެވެ. އެކަން ހަސަންއަށް ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ. ނަމަވެސް ޝަބްނަމްގެ ވާހަކަތަކަށް ހަސަން އެއްވެސް ރައްދެއް ނުދެއެވެ. ބުދެއް ފަދައިން އަނގައިން ބަހެއް ބުނުމެއް ނެތި އޭނާ އިނީއެވެ.
" މިރޭ އަހަންނާއެކު ހިނގާލަން ދާން ވީނު. ގޭގައި އެކަނި އިނދެއިނދެ ވަރަށް ފޫހިވޭ." ޝަބްނަމް އެދުނެވެ.
ޝަބްނަމްގެ އެ ޖުމްލައިން ހަސަންއަށް ހަމަ ރަނގަޅަށް ވެސް ސިހުން ލިބުނެވެ. އޭނާއަށް ބޭއިހްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. އެއާއެކު މޫނު އުފުލައިލަމުން ޝަބްނަމް ވެސް ތެދުވިއެވެ.
" އަހަރެން މި ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި. އެހެންވެ މިތާ ވެސް މި އޮށޯވެލީ. މިރޭ ބޭނުންވަނީ ފެންވަރާލައިގެން ނިދާލަން." ހަސަން ބުންޏެވެ.
އަދި އަތުގައި ހުރި ތަށި ޝަބްނަމްއަށް އޭނާ ދިއްކޮށްލިއެވެ. އެ ވަގުތު ޝަބްނަމް ތަށީގައި ހިފީ ހަސަންގެ އަތާ އެކުގައެވެ. އަވަސް އަވަހަށް ހަސަން ތަށިން އަތް ދޫކޮށްލުމާއެކު ބިންމައްޗަށް ތަށި ވެއްޓިއްޖެއެވެ.
" އަހަންނަށް މައާފް ކުރޭ. ގަސްތަކު ނޫން ހަސަންގެ އަތުގައި އަތް ލެވުނީ." ޝަބްނަމް ބުނެލީ އަވަސް އަވަހަށެވެ.
ހަސަން އެއްވެސް އެއްޗެއް ނުބުނެ އެނބުރި ގެއާ ދިމާލަށް ހިނގައިގަތީ ނުހަނު އަވަހަށެވެ. އޭރު ވެސް ޝަބްނަމް ހުރީ ހަސަންއަށް ބަލާށެވެ. ނަފްސު ކޮންޓްރޯލް ކުރުމަށް ހުދު އޭނާ އަމިއްލަ ނަފްސަށް އޭރު ވެސް ވިސްނައިދެމުން ދިޔައެެވެ.
ކޮޓަރިއަށް ދިޔަ ގޮތަށް އޭނާ ކޮޓަރީގެ ދެ ކޮޅަށް ހިނގަން ފެށިއެވެ. އޭރު އޭނާ ދާހިއްލަން ފަށައިފިއެވެ. ފަންކާ ފަހަކަށް ލައިފައި ގޮސް އަނެއްކާ ވެސް އޭނާ ހިނގަމުން ދިޔައެވެ.
" ހަސަން ކީއްވެތަ އަހަންނާމެދު ޝައުގުވެރި ނުވަނީ؟ އެހެން މީހަކު ނަމަ، ކަނު އަނދިރީގައި އެހާ ކައިރީގައި އަހަރެން އިނީމަ ވެސް ވާހަކަ ދައްކަން މަސައްކަތް ކުރާނެ. އެކަމަކު ހަސަން؟ ހަސަން ދުވެ ފިލީ؟ އޭނަ އަހަންނާ ގަޔައެއް ނުވެ. އަހަންނަށް ހަމަ ޔަގީން." ޝަބްނަމް އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ.
" ހަޔާތުން ވެސް އަދި އަހަރެން ގަޔާވާ ކަހަލަ ފިރިހެނެއް މި ފެނުނީ. އަދި އޭނަދެކެ އިންތިހާއަށް ލޯބި ވެސް ވެވިއްޖެ. އަހަންނަކަށް މަޑެއް ނުކުރެވޭނެ. ލަހެއް ވެސް ނުކުރެވޭނެ. އޭނަ ހިތް ލަންބަން މާ ގިނަ ފިލްމުތަކެއް ނުކުޅެވޭނެ. އަހަރެން ބޭނުންވަނީ ސީދާ ޖަވާބު. " އެހެން ބުނެ ޝަބްނަމް އެނދުމަތީ އިށީނީ ދެ އަތުން ބޮލުގައި ބާރަށް ހިފަހައްޓާލިއެވެ.
" އައްސަލާމް ޢަލައިކުމް." އިވުނީ ނުދަންނަ އަޑެކެވެ.
އުނގުމަތީ ނިދިފައި އޮތް ސާޔާ އެނދުމަތީ ބޭއްވުމަށްފަހު މަރިޔަމް އަވަސް އަވަހަށް ކޮޓަރިން ނިކުތީ ދެ ވަނަ ފަހަރަށް ސަލާމް ގޮވާލި އަޑަށެވެ.
ދޮރުމަތީގައި ހުއްޓުނު އިރު ކުރިމަތީގައި ހުރީ އޭނާ މީގެ ކުރިން ދުވަހަކު ވެސް ދެކެފައި ނުވާ މީހެކެވެ. ފެންނަ ފެނުމަށް އުމުރުގެ ގޮތުން މަރިޔަމްއާ އެއްފުރައިގެ ޒުވާނެކެވެ. އަތުގައި ބޮޑު ލޮގު ފޮތެއް އޮތެވެ. އޭރު ވެސް ނުދަންނަ މީހަކަށް ބަލާ ފަދަ ގޮތަކަށް މަރިޔަމް އޭނާއަށް ބަލަމުން ދިޔައެވެ.
" އަހަންނަކީ އަތޮޅު އޮފީހުގައި މަސައްކަތް ކުރާ މީހެއް. ނަމަކީ ރިލްވާން. އަތޮޅު އޮފީހުން މި މަހު މި ރަށަށް ކާޑުގެ ބާވަތްތައް ބަހާތީވެ މި ގޭގައި މީހުން ތިބި އަދަދު ބަލަން ވެގެން މި ޒިޔާރަތް ކުރީ." ރިލްވާން ބުންޏެވެ.
އެ ވަގުތު މަރިޔަމް އަވަސް އަވަހަށް ހިނިތުންވެލިއެވެ. އަދި އެކި ދިމަދިމާލަށް އޭނާއަށް ބަލައިލެވުނީ ސާމިހްއާއި ހާނިމް އުޅޭތޯއެވެ. އެއާއެކު އެ ދެ ކުދިން ފެންނަން ނެތުމުން އޭނާގެ ހިތަށް ކުއްލި ހާސްކަމެއް ވެރިވެއްޖެއެވެ.
" ކިހިނެއްވީ؟ " މަރިޔަމްގެ މޫނުމަތީގައިވާ ހާސްކަމުގެ އަސަރުތައް ދެނެގަނެވިގެން ރިލްވާންއަށް ބޭއިހްތިޔާރުގައި ސުވާލު ކުރެވުނެވެ.
އެއާއެކު މަރިޔަމް ބޭރަށް ނިކުމެއްޖެއެވެ. ރިލްވާނަށް އެއްވެސް ސަމާލު ކަމެއް ނުދީ އޭނާ އެކި ދިމަދިމާލަށް ބަލަމުން ދިޔައެވެ. އޭނާގެ ފަހަތުން ރިލްވާންއަށް ވެސް ހިނގައިގަނެވުނެވެ. ކުއްލިއަކަށް ސާމިހްގެ ހިނިގަނޑުގެ އަޑަށް މަރިޔަމްއަށް ބަލައިލެވުނީ ބަދިގެ ފެންޑާއާ ދިމާލަށެވެ. އޭރު ހާނިމް އުރާލައިގެން ސާމިހް ބަދިގެއިން ނިކުންނަނީއެވެ.
" ދަރިފުޅުމެން ގެއްލިގެން މަންމަ ކިރިޔާ ހިތް ނުހުއްޓުނީ؟ ކީއްވެތަ ދޮރު ލައްޕައިގެން ތި ތިބެނީ؟" މަރިޔަމް ބުންޏެވެ.
އޭނާ ގޮސް ދެ ދަރިންގެ ގައިގައި އެއްފަހަރާ ބައްދާލީ ނުހަނު ލޯބިންނެވެ. އަދި ފަހަރަކު ކުއްޖަކުގެ މޫނުގައި ވަކިވަކިން އޭނާ ބޮސް ދިނެވެ. އޭރު މަރިޔަމްއަށް ހުރެވުނީ ވެސް ރޮވިފައެވެ.
ދުރުގައި މަންޒަރު ބަލަން ހުރި ރިލްވާންއަށް މަރިޔަމްއާ މެދު އެ ވަގުތު ޝައުގުވެރި ވެވުނެވެ. ކަޅި ޖަހައިނުލާ އޭނާއަށް ހުރެވުނީ ސީދާ މަރިޔަމްއަށް ބަލާށެވެ.
ސާމިހް އަނެއްކާ ވެސް ހާނިމް އުރާލައިގެން ގެއަށް ވަންނަން ހިނގައިގަތެވެ. އެއާއެކު މަރިޔަމްގެ ނަޒަރު ހުއްޓުނީ ދުރުގައި ހުރި ރިލްވާނަށެވެ. އޭނާ އަވަސް އަވަހަށް އައިސް ރިލްވާންގެ ކުރިމަތީ ހުއްޓި، ގަދަކަމުން ހީލިއެވެ.
" މައާފް ކުރޭ. ކުދިންކޮޅު ނެތީމަ ބިރުގަތީ. އެހެންވެ... އެހެންވެ ފުރަތަމަ އެ ކުދިން ކޮބައިތޯ ބަލަން ދިޔައީ." މަރިޔަމް ވާހަކަ ދެއްކީ ލަދުން ހުރެއެވެ.
" މައިންގެ ޒިންމާއަކީ އެހެން ހުރިހާ ކަމަކަށް ވުރެ މާ ބޮޑު ކަމެއް. އެކަމަކު ބައެއް މަންމައިން ދަރިންނާމެދު ކަންތައް ކުރަނީ ހާދަ އިހާނެތިކޮށޭ. " ރިލްވާން ބުނެލީ ވަރަށް ގާތް ގޮތަކަށެވެ.
އެއާއެކު ހައިރާންވެފައި މަރިޔަމްއަށް ރިލްވާންގެ މޫނަށް ބަަލައިލެވުނެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!