" ނޫން... އެހާ ޕިކްނިކް ދާ ހިތެއް ނުވެ." ހަސަން އިންކާރު ކުރުމާއެކު ޝަބްނަމް ތަންކޮޅެއް ބާރަށް ހީގަތެވެ.
ހަސަން އިނީ ހައިރާންވެފައި ޝަބްނަމްގެ މޫނަށް ބަލަހައްޓައިގެންނެވެ.
" އެހެންތަ؟ އެހެންވިއްޔާ މި ހުކުރުގައި ޕިކްނިކް ކެންސަލް. ހަސަން ދާހިތް ވަނީ ކޮންތާކަށް؟" ވަރަށް ގަޔާވެލާފައި ޝަބްނަމް ސުވާލު ކުރިއެވެ.
" އެއްވެސް ތަނަކަށް ދާހިތެއް ނުވެ." ކުރު ޖަވާބެއް ދިނުމަށްފަހު ހަސަން އެެހެން ދިމާލަކަށް ބަލައިލިއެވެ.
" އެހެން ކަމަކު ނުދާނެ. ކޮންމެވެސް ތަނަކަށް ދާން ވާނެ." ޝަބްނަމް ބުންޏެވެ.
ޝަބްނަމް މާ ވާހަކަ ގިނަ ވާން ފެށުމުން ކުއްލިއަކަށް ހަސަން ތެދުވެއްޖެއެވެ. އެއާއެކު މޫނު އުފުލައިލައިގެން ޝަބްނަމްއަށް އިނދެވުނީ ހަސަންއަށް ބަލާށެވެ. މިހާރު ޝަބްނަމްގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމާއި ހައިރާންކަމުގެ އަސަރުތަކެވެ.
" އަހަރެން ކުޑަކޮށް ބޮލުގަ ރިއްސާތީ މި އުޅެނީ. " އެހެން ބުނުމަށްފަހު ހަސަން އަވަސް އަވަހަށް އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އޭރު ވެސް ޝަބްނަމް އިނީ ހަސަންއަށް ބަލާށެވެ.
އެކަނިވެރިކަމުގައި މަރިޔަމް ދުވަސްތައް ކަޑައްތު ކުރަމުން ދެއެވެ. ހަސަން ނުފެނި ގިނަ ދުވަސް ވާ ވަރަކަށް އޭނާއަށް ލިބެމުންދާ ހިތްދަތިކަން ވެސް ހައްހަތާ ދަނީ އިތުރުވަމުންނެވެ. ނަމަވެސް ދަރިންގެ ކަންތައްތައް ބަރާބަރަށް ކުރަން ބޭނުން ވާތީވެ، އޭނާ ހިތްވަރުކުރެއެވެ. އެކަނިމާއެކަނި ހުރިހާ ކަމެއް ބަލަހައްޓަން ކިތަންމެ އުނދަގޫވި ނަމަވެސް އޭނާ ފަރުވާ ކުޑައެއް ނުކުރެއެވެ. ބަލިވިޔަސް، އިތުރު މީހަކު ނުހުންނާނެކަން އޭނާ ދަނެއެވެ. ނަމަވެސް ބައެއް ފަހަރު ހިތްވަރު އެލޭ ގޮތް ވެއެވެ.
" މަންމާ. ބަނޑުހައިވަނީ." ސާމިހް ބުންޏެވެ.
އޭރު މަރިޔަމް އޮތީ ސާޔާ ނިންދަވައިގެންނެވެ. ސާޔާ ވެސް ބަލިވެ އުޅޭތީ، ރޭގައި މަރިޔަމް އުޅުނީ ނުނިދައެވެ. އެހެންކަމުން އޭނާ އެ ވަގުތު އޮތީ ވަރަށް ބޮޑަށް ނިދި އައިސްފައެވެ.
" މަންމާ." އަނެއްކާ ވެސް ސާމިހް ގޮވާލިއެވެ.
އެއާއެކު މަރިޔަމް މަޑުމަޑުން ތެދުވެ އެނދުގައި އިށީނދެލިއެވެ. އަދި ދެ އަތުން މޫނު ފުހެލުމަށްފަހު އޭނާ ތެދުވެ، ދޮރާ ދިމާލަށް ހިނގައިގަތެވެ.
" ހާނިމް ކޮއްކޮއަށް ވެސް ނިދިފައި އޮތް ވަގުތު މަންމައަށް ވެސް ނިދޭނީ. ސާޔާ ވެސް ނިދާފައި އެ އޮތީ. ދަރިފުޅު އެކަނި ކާލައިގެން އައިސް ގޭގައި މަޑުކުރައްޗޭ." މަރިޔަމް ބުންޏެވެ.
ރިހާކުރާއި ބަތް މޮޑުމަށްފަހު، މަރިޔަމް ސާމިހްގެ އަތަށް ބަތްތަށި ލައިދިނެވެ.
" ފެންޑާގައި އިނދެގެން ކާލާ. މިއީ ބަދިގެއަށް ވަރަށް ހޫނު ގަޑިއެއް." މަރިޔަމް ބުންޏެވެ.
ސާމިހް އެއްވެސް ޖަވާބެއް ނުދެއެވެ. ފެންޑާގައި ހުރި ޖޯލިފަތީގައި އިށީނދެލައިގެން އޭނާ އިނީ ގެއާ ދިމާލަށް ދާ މަރިޔަމްއަށް ބަލަހައްޓައިގެންނެވެ. މަންމަދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. މަންމަ އުޅެނީ އެކަނިމާއެކަނިކަން އިހްސާސް ކުރެވުނެވެ.
އެނދުމަތީގައި އޮތް ހަސަން ސިހުނީ ކުއްލިއަކަށް ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. ބޯ ހިއްލާލައިގެން އިރުކޮޅަކު އޮވެލުމަށްފަހު ހަސަން ތެދުވީ ދެ ވަނަ ފަހަރަށް ޓަކި ޖަހާލުމުންނެވެ. ފޫހިކަމާއެކު އޭނާ ގޮސް ދޮރު ހުޅުވާލި އިރު ދޮރުމަތީ ހުރީ ޝަބްނަމްއެވެ. އަތުގައި ފެންތައްޓަކާއި ބޭސް ކާޑެއް އޮތެވެ. ލިބުނު ހައިރާންކަމާއެކު ހަސަންއަށް ބަލައިލެވުނީ ޝަބްނަމްގެ އަތުގައި ހުރި އެއްޗެއްސަށެވެ.
" ބަލިވީމަ ތިހެން އޮވެގެން ކަމަކު ނުދަނެ. ބޭސް ކައިގެން އޮތީމަ އަވަހަށް ރަނގަޅުވާނީ." ޝަބްނަމް ބުންޏެވެ.
އޭނާ ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ. އަދި އަވަސް އަވަހަށް އޭނާ ބޭސްކާޑު ހަސަންގެ އަތަށް ދިއްކޮށްލިއެވެ. ނުހިފާ ނުކެރިގެން ހަސަން އެ ބޭސްކާޑުގައި ހިފިއެވެ. އެއާއެކު ޝަބްނަމް ބޯ އަރިކޮށްލަމުން ހިނިތުންވެލިއެވެ. އޭނާ ބަލާ ގޮތުން ބައެއް ފަހަރު ހަސަންއަށް އުނދަގޫވެސް ވެއެވެ.
ފެންތަށި ބޯލުމަށްފަހު ހަސަން ޝަބްނަމްގެ އަތަށް ފެންތަށި ދިއްކޮށްލިއެވެ. އެއާއެކު ޝަބްނަމް އަނެއްކާ ވެސް ކުރިއަށް ވުރެ ބޮޑަށް ހިނިތުންވިއެވެ.
" އިރާދަކުރެއްވިއްޔާ ދެން ވަރަށް އަވަހަށް ރަނގަޅުވާނެ." ޝަބްނަމް ބުންޏެވެ.
ހަސަން ހީލީ ގަދަކަމުންނެވެ. ހަގީގަތުގައި މިހާރު އޭނާގެ ބޮލުގައި ކުރިއަށް ވުރެ ބޮޑަށް ރިއްސާހެން ވެސް ހީވިއެވެ. ތޫނު ނަޒަރަކުން ހަސަންއަށް ބަލަމުން، ޝަބްނަމް ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ.
ކުނިކަހާ ފިހިގަނޑު ހިފައިގެން ކާބައިގެ ކުޑަދޮރުން މަންޒަރު ބަލަން ހުރި މިގްދާދްގެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ. އޭނާ އަވަސް އަވަހަށް ފިހިގަނޑު ފާރުގައި ލައްކޮއްލުމަށްފަހު ސިޓިންރޫމަށް ނިކުތެވެ. އޭރު އޭނާގެ ހިތް އާދަޔާ ހިލާފަށް ތެޅެމުން ދެއެވެ. ބޭރަށް ނިކުމެ، ގޯތިތެރެއަށް ނަޒަރު ހިންގާލި އިރު ޒުހޭރާ ހުރީ ކަތުރަކުން ގަސްކޮށާށެވެ. ގަސް ހައްދާ ބެލެހެއްޓުމަކީ ޒުހޭރާ އަބަދުވެސް އެންމެ ކުރާ ހިތްވާ މަސައްކަތެވެ.
" ނުވާނެ އެހެންނެއް. ޝަބްނަމްއަކީ ނުލާހިކު ލަދުރަކި ކުއްޖެއް. " ޝަބްނަމްގެ މަންމަ ޒުހޭރާ ބުނެލީ ބާރަށެވެ.
އޭނާ އޭރު ހުރީ ފުދޭވަރަކަށް ހިތްހަމަ ނުޖެހިފައެވެ. ޒުހޭރާގެ ބާރު އަޑާއެކު މިގްދާދްއަށް ވެސް ސިހުން ލިބުނެވެ.
" ދައްތާ. ކޮއްކޮ ހަމަ ހަސަންއަށް ބޭސް ދޭން ދިޔައޭ. މިގްދާދް ދުވަހަކު ވެސް ދައްތައަށް ދޮގެއް ނަހަދަމެއްނު." މިގްދާދް ބުންޏެވެ.
އެއީ ތެދެކެވެ. ޒުހޭރާމެން މިގްދާދް ގެންގުޅޭތާ ލައްކަ ދުވަސް ވެއްޖެއެވެ. އޭނާގެ ފަރާތުން ދުވަހަކު ވެސް ކުޑަ ކުށެއް ވެސް ފެނިފައެއް ނެތެވެ. އެހެންކަމުން މިގްދާދާމެދު ޒުހޭރާއާއި ރަޝީދު އަބަދުވެސް ވަރަށް ހިތްހަމަ ޖެހެއެވެ.
" ދައްތަ ގަބޫލު ނުކުރަންޏާ މިހާރު ވެސް ހަސަން ގާތު އަހާބަލަ." މިގްދާދް ދެރަވެލާފައި ބުންޏެވެ.
" އުނހޫ. ދެން ތި ވާހަކަ ތި އޮތްވަރުން ބާއްވާ. އަހަރެން ތި ވާހަކަ ދައްކާނީ ރަޝީދުއާ. މިގްދާދް ދޭ ބަދިގެއަށް." ޒުހޭރާ ބުންޏެވެ.
މިގްދާދް ދިޔުމާއެކު ޒުހޭރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޝަބްނަމްއަކީ މީގެ ކުރިން އެއްވެސް ފިރިހެނަކާމެދު ވިސްނާފައިވާ ކުއްޖެއް ނޫންކަން އޭނާއަށް އެނގެއެވެ. ކައިވެންޏެއް ކުރުމަށް އޭނާ އަދި ނުވެސް ވިސްނައެވެ. ޒުވާން އުމުރު ގެއްލި ދާތީ، ހުދު ޒުހޭރާ ވެސް ޝަބްނަމްއާ ކައިވެނީގެ ވާހަކަ އެތައް ފަހަރަކު ދައްކައިފިއެވެ. ނަމަވެސް އޭނާގެ ހިޔާލު އަދިވެސް ވަރަށް ޅައެވެ.
ޒުހޭރާ ހުރީ ރަޝީދުގެ އިންތިޒާރުގައި ގަޑި ބަލައިލަބަލައިލައެވެ. އެންމެ ފަހުން ރަޝީދު ގެއަށް އައުން ލަސް ވެގެން އޭނާ ގޮސް އަލަމާރިން ވާހަކަ ފޮތެއް ނެގި ވަގުތަކީ ރަޝީދު އައިސް ކޮޓަރިއަށް ވަތް ވަގުތެވެ. އެ ވަގުތު ޒުހޭރާއަށް ލިބުނު ކުއްލި ސިހުމުގެ ސަބަބުން ފޮތް ވެސް އަތުން ދޫވިއެވެ.
" ސާބަހޭ ސާބަހޭ. ހާދަ ބިރަކުން ތި އުޅެނީ." ރަޝީދު ބުންޏެވެ.
އެތެރެއަށް ވަދެ، ދޮރު ލެއްޕުމަށްފަހު ރަޝީދު ހިނިގަނޑެއް ޖަހާލިއެވެ. ނަމަވެސް ޒުހޭރާގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމުގެ ސަބަބުން ރަޝީދުއަށް ވެސް ޖެހުނީ މޫޑު ބަދަލު ކުރާށެވެ.
" ކޯއްޗެއް ކައިގެން މޫނުމައްޗަށް މާ ރޫ އަރައިގެން ތި އުޅެނީ؟" ރަޝީދު ސަމާސާ ކޮއްލިއެވެ.
" ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަބަދުވެސް އަޅުގަނޑުގެ މުސްކުޅިކަން ހަނދާން ކޮށްދޭން އުޅޭނީ. ދުވަހަކުވެސް ނުބުއްވާނެ ރީއްޗެކޭ." ޒުހޭރާ ބުންޏެވެ.
" ކިހާވަރަކަށް ރީއްޗޭ ބުނިއްޔާތަ ގަބޫލު ކުރާނީ؟ " ރަޝީދު ބުންޏެވެ.
ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު އޭނާ ތުވާލި ނެގީ ވަޅު ކޮޓަރިއަށް ދާށެވެ. ނަމަވެސް ޒުހޭރާ އައިސް އޭނާ ހުއްޓުވިއެވެ.
" އަޅުގަނޑު ވާހަކައެއް ނަންގަންނަން ވެގެން.
" ޒުހޭރާ އެދުނެވެ.
" އަހަރެން ނުދުވަމޭ. ބުނެބަލަ ދެން. " ހެވިފައި ހުރެ ރަޝީދު ބުންޏެވެ.
އެ ވަގުތު ޒުހޭރާ އައިސް ރަޝީދުގެ އަތުގައި ހިފިއެވެ. އަދި ދަމާފައި ކަހަލަ ގޮތަކަށް ގެނެސް އެނދުމަތީ ބޭންދިއެވެ. އޭރު ވެސް ރަޝީދު ހުރީ ވަރަށް ބޮޑަސް ހެވިފައެވެ.
" އަނެއްކާ ކީއްކުރަން ތި އުޅެނީ؟ ހިއެއް ނުވެ ވާހަކައެއް ދައްކަން އުޅޭހެންނެއް." ރަޝީދު ބުންޏެވެ.
" މިއީ ސަމާސާ ކުރާ ވަރުގެ ވަގުތެއް ނޫނޭ." ޒުހޭރާ ވާހަކަ ފެށިއެވެ.
" މިގްދާދް ބުނި މިއަދު ޝަބްނަމް ބޭސްކާޑަކާ ފެން ތައްޓެއް ހިފައިގެން ގޮސް ހަސަނަށް ދިން ވާހަކަ. " ޒުހޭރާ ބުންޏެވެ.
އެއާއެކު ރަޝީދުއަށް ވެސް ލިބުނީ ކުއްލި ސިހުމެވެ.
" ހަމަ ތެދެއް؟" ރަޝީދު އެހިއެވެ.
" ލައްބަ! މިގްދާދްއަށް ފެނުނު ވާހަކަ ބުނީ. އަޅުގަނޑު ވެސް މި ހުންނަނީ ވަރަށް ކަންބޮޑުވެފައި. ޝަބްނަމް ދުވަހަކު ވެސް މީހަކާމެދު އެ ފަދަ ގޮތަކަށް ކަންތަކެއް ނުކުރެ. ގެއަށް އަންނަ މެހެމާނަކާ ވެސް ވާހަކަ ވެސް ނުދައްކާނެ. ކީއްވެބާ ހަސަނާމެދު އެހާ ޝައުގުވެރިމިވީ؟" ޒުހޭރާ ވާހަކަ ދެއްކިއެވެ.
އޭރު ވެސް ރަޝީދު އިނީ ފިކުރު ބޮޑުވެފައެވެ.
" ފުރަތަމަ އަހަރެން ބުނާ ގޮތެއް ޒުހޭރާ ހަދާބަލަ. ޝަބްނަމް ހަސަނާމެދު ދެކޭ ގޮތް ސާފުކުރަންވީ." ރަޝީދު ބުންޏެވެ.
އެއާއެކު ޒުހޭރާ ހިނިތުންވެލިއެވެ.
" އެކަން ސާފު ނުކުރިޔަސް އަޅުގަނޑަށް އެނގޭޔޭ ޝަބްނަމް އެހެން އެ އުޅެނީ ކީއްވެކަން. އެއީ ޝަބްނަމްގެ ހިތުގައި ކޮންމެވެސް އެއްޗެއް ހަސަނާމެދު އޮތީމަ. ކީއްވެ މަނާ ކުރަންވީ؟ ރަޝީދު ބުނުއްވި ހަސަނަކީ ވަރަށް ހީވާގި ރަނގަޅު ކުއްޖެކޭ. އަޅުގަނޑަށް ވެސް އެނގޭ ރަޝީދު، ވަރަށް އިތުބާރު ކުރައްވާ މީހަކު ނޫނީ މި ގޭގައި ބަހައްޓަން ނުގެންނަވާނެކަން." ޒުހޭރާ ބުންޏެވެ.
ޒުހޭރާގެ ވާހަކަތައް އަޑުއަހަން އިން ރަޝީދު އިނީ ނުހަނު ހައިރާންވެފައެވެ. ހުއްޓުން އަރާފައި އިނދެ އޭނާ ޒުހޭރާއަށް ބަލަމުން ދިޔައެވެ.
" ބަލަ ޒުހޭރާ ހަނދާންނުވި ދޯ ހަސަނަކީ މީހެއްގެ ފިރިއެއްކަން. އަދި އެއީ ތިން ކުދިންގެ ބަފައެކޭ." ރަޝީދުއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
މި ފަހަރު ޒުހޭރާއަށް ކުއްލި ސިހުމެއް ލިބިއްޖެއެވެ.
" ރަޝީދު ތި ވާހަކައެއް ކުރިން ނުބުނުއްވާ. " ޒުހޭރާއަށް ބުނެވުނެވެ.
" އެހެންތަ؟ ނުބުނެވޭތަ؟ ހީކޮށްގެން މި ހުރީ ބުނެވުނު ކަމަށް. ޝަބްނަމްއަކަށް އެކަމެއް ނުކުރެވޭނެ." ރަޝީދު ބުންޏެވެ.
އެ ވަގުތު ޒުހޭރާގެ މޫޑު މުޅިން ބަދަލު ވެއްޖެއެވެ.
" އަޅުގަނޑު ތިކަމާ ގުޅިގެން އެއްޗެއް ބުނާނީ ޝަބްނަމްއާ ވާހަކަ ދައްކާފައި. މާދަމާ އަޅުގަނޑު ޝަބްނަމްއާ މި ވާހަކަ ދައްކާނަން. އަދިވެސް އަޅުގަނޑު އެއްވާހަކަ ނަންގަންނަން ބޭނުން. އަޅުގަނޑަށް އެ ދަރިފުޅުގެ އުފާތައް ވަރަށް މުހިއްމު." ޒުހޭރާ ބުންޏެވެ.
އެ ވަގުތު ރަޝީދު އެނދުން ތެދުވެއްޖެއެވެ. އަދި ދެ ފަރާތަށް ބޯ ހޫރާލުމަށްފަހު، ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
ޖެހިގެން އައި ދުވަހެވެ. ބާޒާރަށް ގޮސް އޮރެންޖާއި އާފަލު ކޮތަޅެއް ގަނެގެން ހަސަން ހިނގައިގަތީ ރަށު ދޯންޏާ ދިމާލަށެވެ. އޭނާ އައި ފަހުން ރަށުން ދޯންޏެއް މާލެ އައި ހަބަރު ލިބުނީ ވެސް ހަމަ މިއަދެވެ. ޖެޓީމަތިން ހިނގާފައި ގޮސް ހަސަން ދޯންޏަށް އެރުމާއެކު އިންޖީނު ފޮށިގަނޑުމަތީ އިން އަހުމަދުބޭ ހަސަންއަށް ގޮވާލިއެވެ.
" ކޮބާ އެކޮއި ރަށަށް ދެވޭވަރު ނުވަނީތަ؟" އަހުމަދުބޭ ބުނެލިއެވެ.
އެއާއެކު ހަސަން ބޯ ކަހާލިއެވެ.
" އަދި ނޭނގެ ދެވޭނެ ދުވަހެއް ވެސް. އަހުމަދުބެ މި ކޮތަޅު މަރިޔަންއާ ހަވާލުކޮށްލަދީ. އަދި މި ފައިސާކޮޅު ވެސް ދީ." ހަސަން ބުންޏެވެ.
" ދަރިޔާ މަރިޔަނަކީ ވަރަށް ކެތްތެރި ކުއްޖެއް. ކުޑަކުޑަ ތިން ކުދިން ގޮވައިގެން ވަރަށް ހާލުގައި އުޅެނީ. ކޮންމެ ހަފުތާއަކު ވެސް ކޮންމެވެސް އެއް ދަރިޔަކު ބަލިވެގެން ބޭސް ހޯދަން އަންނަ ވާހަކަ ބޭބެގެ ދަރިފުޅު ބުނި. ކޮއްކޮ އަވަހަށް ތި ކުރާ ކަމެއް ކޮއްގެން ރަށަށް ދެވޭތޯ ބަލާ." އަހުމަދުބޭ ބުންޏެވެ.
އަހުމަދުބޭގެ ވާހަކަތަކުން ހަސަންގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. ދަރިން ބަލިވާ ވާހަކަ އާއި މަރިޔަމް ހާލުގައި އުޅޭކަން އެނގުމުން ހަސަންގެ ހިތަށް ތަދުވެއްޖެއެވެ. ވީހާ ވެސް އަވަހަކަށް ރަށަށް ދާން ވެސް އޭނާގެ ހިތް އެދުނެވެ. މަރިޔަމް މަތިން އިންތިހާއަށް ހަނދާންވުމުން ލޮލުން ކަރުނަ ވެސް ހިލިއްޖެއެވެ. ގެއާ ދިމާލަށް ނުގޮސް ހަސަން ބޭނުން ވީ އެކަނި ވެލާށެވެ. މީހުން މަދު ކޮންމެވެސް ސަރަހައްދެއް ހޯދުމަށްޓަކައި އޭނާ މިސްރާބު ޖެހީ ހިތަށް ތަސައްލީއެއް ހޯދުމަށްޓަކައެވެ.
" މަންމައަށް ތި ހީވަނީ ހަމަ ރަނގަޅަށް. ހަސަންއަށް ވުރެ ކަމުދާ އެއްވެސް މީހަކު އަޅުގަނޑަކަށް މި މާލެއަކުން ނުދެކެން. " ޝަބްނަމް ވާހަކަ ދެއްކީ ޒުހޭރާއާއެވެ.
ޝަބްނަމްގެ ވާހަކައިން ޒުހޭރާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. ހަސަންއަކީ މީހެއްގެ ފިރިއެކޭ ބުނާނެ ހިތްވަރެއް ޒުހޭރާގެ ކިބައިގައި ނެތް ކަހަލައެވެ.
" އަޅުގަނޑު ކަހަލަ ރީތި ކުއްޖަކު ހަސަންއަށް އޭނާގެ ރަށަކުން ނުފެންނާނެ. މަންމަ ބުނެބަލަ! އަހަރެންގެ ލޯބި ހަސަން ގަބޫލު ކޮށްފާނެތަ؟" ޝަބްނަމް ސުވާލު ކުރީ ޒުހޭރާގެ ގައިގައި ބައްދާލަމުންނެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!