ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު މުޙައްމަދު މުޖްތާޒް އައްޔަނުކުރުމަށް މަޖިލީހަށް މުޖްތާޒްގެ ނަން ފޮނުއްވައިފިއެވެ.
މުޖްތާޒް ސީއެސްސީގެ މެމްބަރުކަމަށް ޢައްޔަނުކުރެއްވީ 20 އޭޕްރިލް 2025 ގައެވެ. ސީއެސްސީގެ ނައިބު ރައީސްކަމާއި މެމްބަރެއްގެ މަގާމު ހުސްވީ، ކޮމިޝަންގެ ކުރީގެ މެންބަރު، އެއިރުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މިދިޔަ މާރިޗް މަހުގެ 11 ވަނަ ދުވަހު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
މުޖްތާޒް ސީއެސްސީގެ ނައިބަކަށް ޢައްޔަނުކުރަން ރައީސް ވަނީ މަޖިލީހަށް ސިޓީ ފުޅެއް ފޮނުއްވާފައެވެ. މި މައްސަލަ މިއަދުގެ މަޖިލީހުގެ އެޖެންޑާގައި ހިމެނިފައިވާއިރު، މި ސިޓީފުޅު މިއަދުގެ ޖަލްސާގައި މަޖިލީހަށް އިއްވުމަށްފަހު މި މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މުޖްތާޒަކީ މޯލްޑިވްސްކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
މުޖުތާޒް ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރަށްވާފައެވެ.
ސިވިލް ސަރވިސް ކޮމިޝަނަކީ 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މިހާރު އެ ކޮމިޝަނުގައި ތިއްބެވީ މުޖްތާޒްގެ އިތުރުން، ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިޙާއި، މެންބަރުންގެ ގޮތުގައި މުޙައްމަދު ފަރުޞަތު، ފާތިމަތު ޝަރީފް އަދި ފާތިމަތު ޙަބީބާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!