ހއ. ދިއްދޫގައި ކުނީގެ ހިދުމަތް ދިނުމަށް ވެމްކޯގެ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އަދި ޕިކަޕު އިއްޔެ އެރަށަށް ގެންގޮސްފިއެވެ.
ދިއްދޫގައި ވެމްކޯ މެދުވެެރިކޮށް ކުނީގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ވެފައިވާ ވަޢުދެކެވެ.
މަޖިލީހުގެ އިންތިޚާބުގެ ވަޢުދާއި އެއްގޮތަށް 22 ފެބްރުއަރީ 2025 ގައި އެރަށުގައި ވަނީ ވެމްކޯގެ ޚިދުމަތް ފަށާފައެވެ. މި މަސައްކަތާއެކު އެރަށުގައި ހުރި ކުނި ފުނިވެސް މިހާރު ދަނީ ނަގަމުންނެވެ. މިކަމަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމާއި ހިތްހަމަޖެހުން ލިބިދެވޭނެ ކަމެވެ.
އެ ޚިދުމަތަށް ބޭނުންވާ މުވައްޒަފުން ވެސް ނަގައި ކައުންސިލާއިއެކު އެ މަސައްކަތް ކުރަމުން އަންނައިރު ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެފައި ވަނީ ކުނީގެ ހިދުމަތަކީ ދިއްދޫ ކައުންސިލުން ދެމުން އަންނަ އަސާސީ ހިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތް ރަނގަޅު ފެންވަރަކަށް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ކައުންސިލުން ވެމްކޯއާއެކު އެކި ފަހަރުމަތިން ބައްދަލުކުރެވި މަޝްވަރާކުރެވާ ކަމަށެވެ.
ދިއްދޫގައި ކުނީގެ ހިދުމަތް ދިނުމަށް ވެމްކޯގެ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އަދި ޕިކަޕު
އެގޮތުން މި ހިދުމަތް ފެށުމަށް ގިނަ އަދަދެއްގެ މުއައްޒަފުން ނެގިގެން ދިއުމަކީ ކައުންސިލަށާއި ރައްޔިތުންނަށް ލިބިގެންދާނެ އުފަލެއްކަމަށް ރައީސް ފާހަގަ ކުރައްވާފައިވެއެވެ.
މީގެ އިތުރުން، ކުނީގެ ހިދުމަތް ފެށުމަށްޓަކައި ވެމްކޯ އޮފީހުގެ ބޭނުމަށް ކައުންސިލުގެ އިމާރާތެއް އެފަރާތައް ހިލޭ ދެވިފައިވާކަމަށާއި، ދެފަރާތުން އެއްބަސްވެވިފައިވާ ގޮތަށް ކައުންސިލުން ދައްކަންޖެހޭ ފައިސާ ކޮންމެ މަހަކުވެސް އެފަރާތައް ދައްކަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!