ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ރަޝީދު ވަކިކުރުމުގެ މަޝްވަރާތައް ކޮމެޓީގައި ކުރިއަށް ގެންދިޔައީ މައިކު ނުޖައްސައެވެ.

Ad
rt

ރަޝީދު މަގާމުން ވަކިކުރަން އުޅޭ ސީދާ ސަބަބެއް އަދި ސާފެއްްނުވެއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގައި ބައިވެރިވެވަޑައިގަތް މެމްބަރުންކުރެ އެންމެ މެމްބަރެއްފިޔަވައި ދެން ތިއްބެވި މެމްބަރުންގެ ވޯޓުން ވަނީ އިބްރާހިމް ރަޝީދު ވަކިކުރުމުގެ މަސައްކަތް ފަށަން، ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ.

ރަޝީދު ސީއެސްސީ އަށް ޢައްޔަނުކުރަން މަޖިލީހުން ރުހުން ދިނީ 31 އޯގަސްޓް 2020 ގައެވެ.

ރަޝީދު ސީއެސްސީ އަށް ޢައްޔަނުކުރުމުގެ ކުރިން ހުންނެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަން ރިސޯސް މެނޭޖްމަންޓް ޑިވިޜަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.

ރަޝީދު ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް މަޤާމުގެ އިތުރުން އެ މިނިސްޓްރީގެ ސްޕްރިންޓެންޑެންޓްގެ މަޤާމުވެސް އަދާކުރައްވާފައެވެ. އަދި މީގެ އިތުރުން އަތޮޅުތެރޭގެ ތަފާތު ސްކޫލްތަކުގެ ޕްރިންސިޕަލްގެ މަޤާމާއި ޓީޗަރެއްގެ މަޤާމުގައިވެސް ތަޢުލީމީ ދާއިރާގައި އިބްރާހިމް ރަޝީދުވަނީ ޚިދުމަތްކުރައްވާފައެވެ. މީގެ އިތުރުން 2014 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް ހދ.އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ރަޝީދު ވަނީ ފުރުއްވާފައެވެ.