" ދަރިފުޅު މާ އަވަހަށް އުއްމީދު ކަނޑާލަނީ. ބައްޕަ ބުނާ ގޮތެއް ހަދާ. ތި ރުޅިގަނޑު މައިތިރިކޮށްފައި ނަދީމްއާ ވާހަކަ ދައްކަބަލަ. ދެ އަނތްބަށް އިނދެގެން ވެސް އެކުގައި އުޅެން ބޭނުމޭ ބުނޭ. ނަދީމްގެ ބޮލަށް އެރިގެން މިކޮޅަށް އޭނަ ގެނެވޭތޯ ބަލާ! އޭރުން އޭނަ އަނބުރާ ރާއްޖެއެއް ނުފޮނުވާނަން.! އަވަހަށް މި ބުނި ގޮތަށް ކަންތައް ކުރޭ." މަހުދީ ހިޔާލު ދިނެވެ.
ލޮލުން ކަރުނަ ފުހެލަމުން ޒައިނާ ފޯނު ބޭއްވީ ބައްޕަ ދިން ހިޔާލަށް ރުހިގެންނެވެ. ނަމަވެސް އޭރުވެސް ޒައިނާގެ އެތެރެހަށި ހީވަނީ ފިހި، މާލަމުން ދާ ހެންނެވެ. އަރޫޝާދެކެ ނަދީމް ލޯބިވާކަން އެނގުމުން އިތުރަށް އޭނާއަށް އަރޫޝާދެކެ ފޫހިވެވުނެވެ. ހަސަދަވެރި ވެވުނެވެ. އިންތިހާއަށް ނަދީމްދެކެ ވެސް ރުޅި އާދެވުނެވެ.
" އަހަރެން ބޭނުންވަނީ ނަދީމްގެ ހިތުގެ އެއްފަޅި އެއް ނޫން. ނަދީމްގެ މުޅި ހިތް ފަތަހަ ކުރަން އަހަރެން ބޭނުން. ނަދީމްގެ ފަރާތުން ޒައްރެއްގެ މިންވަރަށް ވެސް އަރޫޝާއަށް ލޯބި ލިބޭކަށް އަހަރެން ފަހަރެއްގައިވެސް ބޭނުމެއް ނޫން. އެހެން ވިޔަކަ ނުވެސް ދޭނަން." ޒައިނާއަށް ބުނެވުނެވެ.
އޭނާ ހުރީ ކޮޓަރީގެ ދެކޮޅަށް ހިނގާލަހިނގާލައެވެ. ރުޅި ގަދަވާ ވަރުން، ހަމައަކަށް އެޅެން ވަގުތު ކޮޅެއް އޭނާ ބޭނުންވިއެވެ.
ނަދީމް އިނީ ރިޒާ އޮތް އެނދުގެ މަގަތުގައި އިށީނދެލައިގެންނެވެ. ނިތްކުރިމަތީގައި އަތް ބާއްވާލައިގެން ރިޒާ އޮތީ ނަދީމް ދައްކަން އުޅޭ ވާހަކައެއްގެ އިންތިޒާރުގައެވެ.
" ޒައިނާގެ މަންމަމެން އަހަންނަށް އަބަދުވެސް ވަރަށް ރަނގަޅުވާނެ. ދެންމެ ޒައިނާގެ ބައްޕަ ގުޅާފަ ބުނި ޒައިނާއާއެކު ކުޑަ ދުވަސްކޮޅަކު އެމެރިކާގައި މަޑުކޮށްލަންވާނެޔޭ. " ނަދީމް ބުންޏެވެ.
ނަދީމްގެ ވާހަކަ އަޑު އެހުމަށްފަހު ރިޒާ ތެދުވެލިއެވެ. އަދި ހެޑްބޯޑުގައި ލެނގިލަމުން ނަދީމްގެ މޫނަށް ބަލައިލިއެވެ.
" ބައްޕަ ދަރިފުޅު ކައިރީ އަހާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އުއްމީދު ކުރަނީ ތެދުތެދަށް ޖަވާބު ދޭނެކަމަށް." ރިޒާ އެހެން ބުނުމާއެކު ނަދީމް ޖެހިލުންވިއެވެ. އަރޫޝާއާ ބެހޭގޮތުން ބައްޕަ ވާހަކަ ދައްކަފާނެތީ އޭނާ އިނީ ނުހަނު ހާސްވެފައެވެ.
" އަރޫޝާއާ ދެ ކުދިންގެ ގުޅުން ރަނގަޅުތަ؟" ރިޒާ އެހިއެވެ. އެއާއެކު ނަދީމްއަށް ބޭއިހްތިޔާރުގައި އިސްޖަހާލެވުނެވެ.
" މިހެން މި އެހީ ޒައިނާއާ ކައިވެނި ކުރި ފަހުން ދަރިފުޅު އަރޫޝާ ކައިރިއަށް ނިދަން ދާ ހެންނެއް ހިއެއް ނުވެ. ބައްޕައަށް މި ކުރެވުނީ ކުށްހީ އެއްތަ؟" ރިޒާ ބުނެލިއެވެ.
ރިޒާގެ ވާހަކައިން ނަދީމް ލަދުގަންނަ ގޮތް ވިއެވެ. ނަމަވެސް އެއްޗެއް ނުބުނެ އިންނާކަށް ވެސް އޭނާއަކަށް ނުކެރުނެވެ. މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލަމުން ނަދީމް، ރިޒާއަށް ފުރަގަސްދިނެވެ.
" ޒައިނާ ހިތްހަމަ ނުޖެހޭތީވެ، ޒައިނާއާ ކައިވެނި ކުރިފަހުން ޒައިނާގެ ކޮޓަރީގައި މި އުޅެނީ." ނަދީމް ބުންޏެވެ.
" އަރޫޝާ ތިކަމާ ޝަކުވާއެއް ނުކުރޭތަ؟" ރިޒާގެ ސުވާލަށް ނަދީމް ބޯ ޖަހާލިއެވެ.
" އެއީ ކީއްވެ؟ ތި ދެ ކުދިންގެ ގުޅުން އަދިވެސް ރަނގަޅެއް ނުވޭތަ؟" ރިޒާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ ހީކުރީ އަރޫޝާ މިހާރު ހުންނާނީ ދާއިން މަތިން ހަނދާންނެތި، ނަދީމްއާ ގަޔާވެވިފައިކަމަށެވެ. މޫނުމަތީގައި ސުވާލުމާކުޖެހި، ހައިރާންވެފައި ރިޒާއަށް އިރުކޮޅަކު އިނދެވުނެވެ.
" އަރޫޝާ ދަރިފުޅުދެކެ ލޯތްބެއް ނުވޭތަ؟" ރިޒާއަށް އަނެއްކާ ވެސް އަހައިލެވުނީ ޔަގީން ކުރުމުގެ ގޮތުންނެވެ.
" ނޭނގެ ބައްޕާ! އެކަމަކު އަހަރެން އަރޫޝާ ދޫކޮށްލާކަށް ބޭނުމެއް ނޫން. ފަހަރެއްގައި އެމެރިކާއަށް ގޮސް ޒައިނާ، އޭނަގެ މައިންބަފައިންނާ ހަވާލު ކުރަން ވެސް އަހަރެން އެބަ ވިސްނަން. އަހަންނަކަށް އެކަހަލަ އަންހެނަކާއެކު ނޫޅެވޭނެ ބައްޕާ." ނަދީމް އެހެން ބުނެލީ އެނދުން ތެދުވަމުންނެވެ.
އެއާއެކު ނަދީމް އެއްވެސް ވަރަކަށް ޒައިނާދެކެ ލޯބި ނުވާކަން ރިޒާއަށް އެނގުނެވެ. ނަމަވެސް އެއީ ރިޒާ ބޭނުންވާ ގޮތެއް ނޫނެވެ. މިހާރު ރިޒާގެ ހިތަށް ވަރަށް ބޮޑަށް އުނދަގޫވާން ފަށައިފިއެވެ. ދާއިންގެ ހާލު ވެސް އެންމެ ގާތުން އެނގެނީ ރިޒާއަށެވެ. ދާއިންއާމެދު އޭނާ ފިކުރު ކުރާތާ ކިތަންމެ ދުވަހެކެވެ.
" ދަރިފުޅުގެ ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތެއް އެނގޭނީ ހަމަ ދަރިފުޅަށް. ބައްޕަ ނެތިން އެއްޗެއް ބުނާކަށް. " ރިޒާ ބޭނުންވީ އެ މައުޟޫއަށް ވާހަކަ ދެއްކުން ހުއްޓާލާށެވެ. ދަރިންގެ ހިތުގެ ކެކުޅުން އެނގުނު ވަރަކަށް އޭނާއަށް ވެސް ލިބެނީ ހިތްދަތިކަމެވެ. އެހެންވެ، ރިޒާ އިތުރަށް ހިޔާލު ފާޅު ކުރާކަށް ބޭނުމެއް ނުވިއެވެ.
ރިޒާގެ ކޮޓަރިން ނިކުތުމާއެކު ނަދީމްގެ ފޯން ރިންގް ވިއެވެ. ޒައިނާގެ ނަން ފެނުމާއެކު ނަދީމް ފޯނު ކަނޑާލީ، އެ ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުންނެވެ. އޭނާ ގޮސް ދޮރު ހުޅުވާލުމާއެކު ޒައިނާ ދުވެފައި އައިސް ނަދީމްގެ ގައިގައި ބައްދައިގަތެވެ.
" ސޮރީ ނަދީމް. އަހަންނަށް މަޢާފްކުރޭ. ޕްލީޒް." ޒައިނާ ބުންޏެވެ.
" އަހަންނަށް އެހާ ރުޅި އާދެވުނީ ރަނގަޅަށް ވިސްނައިނުލައޭ! އަސްލު ހަމަ ނަދީމްއަށް އަރޫޝާދެކެ ލޯބި ވެވިދާނެދޯ! އެއީ ދޮށީ އަނބިމީހާ ވިއްޔަ. އަހަރެން މާ އަމިއްލަ އެދުން ބޮޑުވީ.. ޕްލީޒް ނަދީމް އަހަންނަށް މަޢާފްކުރޭ. އަހަރެން މި ހުރީ އަރޫޝާ ގާތު ވެސް މަޢާފަށް އެދެން ތައްޔާރަށް. އަހަރެން ނަދީމްދެކެ އެހާ ވެސް ލޯބިވޭ." ޒައިނާ، ވާހަކަ ދެއްކީ ނަދީމްގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެއެވެ.
ނަދީމްގެ މޫނުމަތީގައި އޭރުވެސް ހުރީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. ހަމަޖެހޭ ގޮތް ދައްކަން މަސައްކަތް ކުރި ނަމަވެސް ޒައިނާގެ ހިތް އޮތީ ގަދަ ހޫނުގައި އަނދައަނދައެވެ.
" ކީއްވެތަ އެއްޗެއް ނުބުނެ ތި ހުރީ؟ އަހަރެން މިހެން ވާހަކަ ދައްކާތީ ގަބޫލު ނުކުރެވިފައިތަ؟" ޒައިނާ އެހިއެވެ.
" އަހަރެން ދެން ކީކޭ ބުނަންވީ؟ ޒައިނާ ބުނާހާ ގޮތެއް އަހަރެން އެބަ ހަދަމެއްނު. " ޒައިނާގެ އަތުގައި ހިފައި ދުރުކޮށްލަމުން ނަދީމް ބުންޏެވެ.
" އަހަންނަށް އެނގެޔޭ ނަދީމް އަދިވެސް އެންމެ ލޯބިވަނީ އަހަރެން ދެކެކަން. ލޯބި ނުވާނަމަ އަހަންނާއެކު އެމެރިކާއަކަށް ވެސް ނުދާނެ އެއްނު." ޒައިނާ މަޑުމަޑުން އޭނާ ބޭނުންވާ މައުޟޫއާ ދިމާލަށް މިސްރާބު ޖެހިއެވެ.
" ޒައިނާގެ ބައްޕަ ގުޅި އަހަންނަށް. ކުޑަ ދުވަސްކޮޅަކު މަޑުކޮށްލަން ވާނެޔޭ ބުނީ. އަހަރެން އާނއެކޭ ބުނިން. އެކަމަކު ޒައިއަށް އެނގެއެއްނު އަހަރެން މިކޮޅުން ވަޒީފާއަކަށް ދާން އުޅޭކަން." ނަދީމް ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައިކަން އޭނާގެ ރާގުން ޒައިނާއަށް އެނގުނެވެ. އެހެންވެ، ލޯބިން ވާހަކަ ދެއްކޭތޯ ޒައިނާ އިތުރަށް މަސައްކަތް ކުރަމުން ދިޔައެވެ.
" ބައްޕަ އެހެން ބުންޏަސް ނަދީމްއަށް ފެންނަ ގޮތެއް ހެދީމަ ރަނގަޅުވާނެ. އަހަރެން ބޭނުންވަނީ ނަދީމް ހިތްހަމަޖެހިގެން ހުންނަން. އަބަދުވެސް ނަދީމް އުފަލުގައި ހުންނަން. އެމެރިކާއަށް ގޮސް މަންމަމެންނާ ބައްދަލް ވުމުގެ އިތުރުން އަހަންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ނަދީމްއާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރަން ލިބުން. އެ ތަނުގައި ދެ މީހުންނަށް ތަފާތު ކަންތައްތައް އެކްސްޕްލޯ ކުރެވޭނެ. އަހަރެމެން އަދި ހަނީމޫންއަކަށްވެސް ނުދަމެއްނު." ޒައިނާ ވާހަކަ ދައްކަމުން އައިސް ނަދީމްގެ ގައިގައި ބައްދާލިއެވެ.
" އަދިވެސް އަހަންނަށް މަޢާފް ނުކުރަނީތަ؟" އެހެން ހުރެ ޒައިނާ ސުވާލު ކުރިއެވެ. އެއާއެކު ނަދީމް ޒައިނާގެ ގައިގައި އަތް ޖައްސާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" އިޓްސް އޯކޭއޭ. އަބަދު ތިހެން ނުކިޔަބަލަ. " އުނދަގޫ ވެގެން ކަހަލަ ގޮތަކަށް ނަދީމް ބުންޏެވެ.
އެއާއެކު ޒައިނާ ހީލިއެވެ.
" މާދަމާ ފުރާ ބޯޓުން މާލެ ދާން ހިނގާ. އޭރުން އަވަހަށް އަހަރެމެންނަށް ބޭރަށް ގޮސް ރާއްޖެއަށް އާދެވޭނީ ވެސް. ދެން ލަސް ކުރަން ވީ ސަބަބެއް ނެތެއްނު؟" ނަދީމްއާ ދުރަށް ޖެހިލަމުން ޒައިނާ ބުންޏެވެ.
އޭރު ވެސް ނަދީމް ހުރީ ކޮންމެވެސް ހިޔާލަކަށް ގެއްލިފައިކަން ނަދީމްގެ މޫނުމަތީގެ ޝުއޫރުތަކުން ޒައިނާއަށް އެނގުނެވެ.
" ކޮންކަމަކާ ތި ވިސްނަނީ؟" ޒައިނާ އަވަސް އަވަހަށް ސުވާލު ކުރިއެވެ.
" އަހަރެން ކަމަކާ ނުވިސްނަން." ނަދީމްއަށް ވެސް ޖަވާބު ދެވުނީ ނުހަނު އަވަހަށެވެ.
" އެކަމަކު... ނަދީމްގެ ތި ހަމަހިމޭންކަމުގެ ސަބަބުން އަހަރެން ޖެހިލުންވާން ފަށައިފި. ތެދަށް ބުނެބަލަ. އަނެއްކާ އަހަންނާއެކު އެމެރިކާއަށް ދާހިތް ނުވަނީތަ؟" ޒައިނާއަށް މި ފަހަރު ވާހަކަ ދެއްކުނީ ލަސްލަހުންނެވެ. އޭރު ޝައްކާއި ވަހުމުން އޭނާގެ ހިތް ފުރެން ފަށައިފިއެވެ.
" އަހަންނާއެކު ދާން ތި އެއްބަސްވީ ހިތާ ދެކޮޅަށްތަ؟" އަނެއްކާ ވެސް ޒައިނާ ސުވާލު ކުރިއެވެ.
" ޒައި! މާ އަވަހަށޭ ގޮތް ނިންމަނީ. ޝަކުވާވެސް ތި ކުރަނީ އެއްވެސް ކަމަކާ ވިސްނާލުމެއް ނެތި. އަހަންނަކީ އެއްވެސް އިރެއްގައި ތެޅިފޮޅޭ މީހެއްތަ؟ މިއީ އަބަދުވެސް އަހަރެން ހުންނަ ގޮތެއްނު." ނަދީމް ބުނެލިއެވެ.
" ނޫން. ނަދީމްގެ މޫނުމަތިން އަހަންނަށް ފެންނަނީ މުޅިން އެހެން ވާހަކަތަކެއް. ހަމަ ތެދަށް މި ބުނަނީ. ނަދީމްގެ ނުރުހުމުގައި އަހަރެން އެމެރިކާއަކަށް ނުދާނަން. އަހަންނަކީ ނަދީމްއަށްޓަކައި މައިންބަފައިން ދޫކޮށް އައި މީހެއް. ވީއިރު މިއަދުވެސް އަހަންނަށް ނަދީމްއަށްޓަކައި އެމީހުން ދޫކޮށްލެވިދާނެ. " ނަދީމްގެ ހަމްދަރުދީ ހޯދަން ޒައިނާ މަސައްކަތް ކުރަމުން ދިޔައެވެ.
" ޒައިނާ! އަހަންނަށްޓަކައި އެއްވެސް މީހަކު ދެރަ ކުރަން ނުވިސްނައްޗޭ! އަހަރެން ބޭނުންވަނީ އަހަންނަށްޓަކައި ޒައިނާ ހަމަ އެންމެ ކަމެއް ކޮށްދިނުމަށް. " ނަދީމް މަޑުމަޑުން ބުނެލިއެވެ.
އެއާއެކު ހައިރާންވެފައި ޒައިނާ ނަދީމްއަށް ބަލަން ފެށިއެވެ.
"ދެ އަނތްބަށް މީހަކާ އިނުމަށްފަހު ދެ އަނބިން ހަމަހަމަ ކުރުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއް. ޒައިއާ މެރީ ކުރުމަށްފަހު އަހަރެން، އަރޫޝާގެ ހައްގުތައް އެއްފަރާތް ކޮށްލިން. އެކަމުގެ ސަބަބުން އަހަރެން ފާފަވެރިވާނެކަން ޒައިއަށް އެނގޭތަ؟" ނަދީމް ސުވާލު ކުރިއެވެ.
ޒައިނާއަށް ހިންދިރުވާލެވުނެވެ. ނިތްކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު، ކަންފަތުގެ ފަހަތަށް ޖައްސާލަ
މުން އޭނާ ހިނިތުންވެލީ ގަދަކަމުންނެވެ. ނަދީމް އެހެން ބުނުމުން ޒައިނާ، ފޮރުވަން މަސައްކަތް ކުރަމުންދާ ރުޅިވެރި ޖަޒްބާތުތައް ކެކި އަރަން ފެށި ކަހަލައެވެ. ނަދީމް ބުނަން އެއުޅެނީ ކީކޭކަން ވެސް އޭނާއަށް އެނގޭ ކަހަލައެވެ.
" އަހަރެން ހީކުރީ... ނަދީމް އޭނަ ކައިރިއަށް ދާން... ބޭނުން ނުވާތީ ކަމަށް އަހަރެން ކައިރީ އަބަދު އުޅެނީ." ޒައިނާއަށް ވާހަކަ ދެއްކުނީ ނުހަނު އުނދަގުލުންނެވެ.
" އެކަމަކު... ނިކަމެތި އަންހެން ކުއްޖެއްގެ މުޅި ދިރިއުޅުން ހަލާކުކޮށްލާކަށް ނުވާނެއެއްނު." ނަދީމް ބުނެލިއެވެ.
" ނަދީމް އޭނަ ކައިރިއަށް ނުދާތީ އޭނަ ވަރިވާކަށް ބޭނުމެއް ނުވޭތަ؟ " ޒައިނާ ވާހަކަ ގެންދަން ފެށީ ދުރުދުރުންނެވެ.
ޒައިނާގެ ސުވާލުން ނަދީމްގެ ހިތަށް ހިމޭންކަން ލިބުނެވެ. ހަގީގަތުގައި އަރޫޝާއާ ވަކިވާން ބޭނުން ނުވަނީ ނަދީމްއެވެ. މިހާރު އޭނާ އިންތިހާއަށް އަރޫޝާދެކެ ލޯބިވެއެވެ.
" އޭނައަށް ދެރައެއް ނުދިނުމަށް އަހަރެންގެ މަންމަ އޮތީ އަހަންނަށް ވަޞިއްޔަތްކޮށްފައި. މަންމަ ދުނިޔޭގައި ހުރި އިރު އަހަރެން ނުކުރި ކަމެއް މަންމަ ނިޔާވީމަ ވެސް ނުކުރާނެ. އަރޫޝާ ހިއެއް ނުވެ ވަކިވާން ބޭނުންވާހެންނެއް." ނަދީމް ބުނެލިއެވެ.
އަޑުއަހަން ހުރި ޒައިނާ އަނެއްކާ ވެސް ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ.
" ދެން... އަހަންނާއެކު އެމެރިކާއަށް ގޮސް ވަރަށް އަވަހަށް އަންނާނަންތަ؟" ޒައިނާ އެހިއެވެ.
" ބޭނުންވަނީ ޒައި، މަންމަމެންނާ މީޓްކޮށްލާކަށްނު. އެހާ ގިނަ ދުވަހު ކޮންމެހެން ހުންނާނެ ކަމެއް ނެތެއްނު. އަހަންނަށް ވަޒީފާއެއް ވެސް ވަރަށް މުހިއްމޭ. އަވަހަށް ގޮސް އަވަހަށް އަންނަން އަހަރެން ބޭނުމީ." ނަދީމް ބުނެލިއެވެ.
އެއާއެކު ޒައިނާ ފުން ނޭވާއެއް ދޫކޮށްލަމުން ދެ އަތް އުރާލިއެވެ. އަދި ފުން ނަޒަރަކުން ނަދީމްއާ ދިމާލަށް ބަލަން ފެށިއެވެ.
" އެހެންވީމަ، މާދަމާ ފުރަން އުޅޭ. އަހަރެން މިހާރު ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ދާން." ޒައިނާ ބުނެވުނީ ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށެވެ.
އެއާއެކު ނަދީމްއަށް ޒައިނާގެ މޫނަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. ނަދީމްގެ މޫނުމައްޗަށް އެރި ކުލަވަރުން ޒައިނާއަށް ތެޅިގަނެވުނެވެ.
" މިބުނީ... އަހަރެން ބޭނުންވަނީ ނަދީމް ބޭނުންވާ ގޮތް ހަދައިދޭން. އަވަހަށް ގޮސް ، އަވަހަށް އަންނަން. ނަދީމް ހިތްހަމަޖެހިފައި ހުރުމަކީ އަހަންނަށް ލިބޭ އެންމެ ބޮޑު އުފާ!" ރާގު ބަދަލުކޮށްލަމުން ޒައިނާ ހީލިއެވެ.
އިޝާ ނަމާދުން ފައިބައިގެން އައިސް ރިޒާ ކާގެއަށް ވަތް އިރު ނަދީމް އިނީ ކާށެވެ. ރިޒާ ވަނުމާއެކު ނަދީމްއަށް ބަލައިލެވުނެވެ. ކާގެތޭރޭގައި އިތުރު މީހަކު ފެންނަން ނެތުމުން ރިޒާ، ނަދީމްއާ ސުވާލު ކުރިއެވެ.
" ދަރިފުޅު އެކަނިތަ؟ " ރިޒާ އެހިއެވެ.
" ޒައިނާ އެ ދިޔައީ ކައިގެން. އަހަންނަށް ނޫޑްލްސް ހަދައިދީފަ، ފެންވަރަން ވެގެން އެ ދިޔައީ." ނަދީމް ހަމަޖެހޭ ގޮތް ދެއްކިއެވެ. ނަމަވެސް އޭނާ އިނީ އޭރު ވަރަށް ބޮޑަށް އުދާސްވެ، ދެރަވެފައެވެ. މާދަމާ ފުރަންޖެހޭ ވާހަކަ ބައްޕަ ގާތު ބުނަން ނުކެރިފައެވެ.
" އެހެންތަ؟ އަރޫޝާ ބަލިކަން އެނގޭތަ؟" ރިޒާ އިށީންނަމުން އެހިއެވެ.
" ނޫން. ނުބުނެ. ކޮޓަރި ތަޅުލައިފަ ހުރީ. " ނަދީމްއަށް ލިބުނު ކުއްލި ސިހުމާއެކު އޭނާ ބުންޏެވެ.
" ބޮލުގައި ރިއްސާތީ ބޭސް ހޯދަން އައި ބައްޕަ ކައިރިއަށް. " ރިޒާ ބުންޏެވެ.
" އެހެންތަ؟ ބައްޕާ! މާދަމާ އަހަރެމެން ފުރަން ވެގެން މިއުޅެނީ. " ނަދީމް ބުންޏެވެ.
ނަދީމްގެ ވާހަކައަށް ވަކި އެއްޗެއް ނުބުނެ ރިޒާ ބޯ ޖަހާލިއެވެ. ރިޒާ އެކަމާ ރުހޭ ހެން ނަދީމްއަކަށް ހިއެއް ނުވެއެވެ. ނަމަވެސް ބައްޕައަކީ ކަންތައްތައް މަނާ ކުރާ މީހަކަށް ނުވާތީ، އެއްޗެއް ނުބުނާނެކަން ވެސް އޭނާއަށް އެނގެއެވެ.
ކައި ނިމިގެން ނަދީމް ދިޔައީ އަރޫޝާގެ ކޮޓަރިއާ ދިމާލަށެވެ. ދެ ފަހަރަކު ޓަކި ޖަހާލުމާއެކު އަރޫޝާ ދޮރު ހުޅުވާލިއެވެ. އޭނާގެ ފަން،ރީތި އިސްތަށިގަނޑު ރޫޅާލާފައި ހުރުމުން އެ ސޫރަ މިރޭ ނަދީމްއަށް ފެނުނީ ތަފާތު ސިފައަކަށެވެ. އަރޫޝާގެ މޫނުމަތީގައިވާ ވަރުބަލިކަން ނަދީމްއަށް ދެނެގަނެވުނެވެ. އެއާއެކު އެ މޫނުގައި ފިރުމާލަން ހިތް އެދެން ފެށިއެވެ.
" އަހަރެން އެތެރެއަށް ނުވައްދަން ވެގެންތަ ދޮރުމަތީ ތި ހުރީ؟" ނަދީމް ބުނެލީ ސަމާސާ ރާގަކަށެވެ.
އެއާއެކު އިސްޖަހާލަމުން އަރޫޝާ އެއްފަރާތަކަށް ޖެހިލިއެވެ.
" ބަލިވެ އުޅޭ އިރު އަހަރެން ގާތު ނުވެސް ބުނަމެއްނު. އަހަރެން ވެސް އަރޫއަށް ބޭސް ހޯދައި ދިނީމުސް. ކީއްވެތަ އަހަންނަށް ނުގުޅީ؟" ވަތް ގޮތަށް ނަދީމް ޝަކުވާ ކުރިއެވެ.
" އެއްވެސް ބޭނުމަކު އަހަރެން ނަދީމްއަކަށް ނުގުޅަމެއްނު. " އަރޫޝާ ދިނީ ކުރު ޖަވާބެކެވެ.
" އެއީ ކީއްވެތަ؟ ފިރިއެއްގެ ގޮތުގައި އަހަރެން ގަބޫލުކޮށްބަލަ. އަހަރެން މިހާރު ޒައިނާގާތު ވެސް އަރޫދެކެ ލޯބިވާ ވާހަކަ އަދި އަރޫ ވަރި ނުކުރާނެ ވާހަކަ ބުނެފިން. ދެން އަހަންނާއެކު އުޅެން ބޭނުމިއްޔާ ޒައިނާ ވެސް ޖެހޭނީ އެކަން ގަބޫލު ކުރަން. ނޫނީ އަހަރެން އޭނަ މަންމަމެން ގާތު ބަހައްޓާފައި އަންނާނީ." ނަދީމްއަށް ވާހަކަ ދެއްކުނީ ނުހަނު އަވަހަށެވެ. ނަދީމްގެ ފަހު ޖުމްލައިން އަރޫޝާއަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ.
" އަހަރެން މިއުޅެނީ އެވާހަކަ ބުނަން ވެގެންނޭ. މާދަމާ އަހަރެން ޒައިނާއާއެކު ފުރަން. " ނަދީމް ބުންޏެވެ.
އެއާއެކު އަރޫޝާ ބޯ ޖަހާލަމުން އެނދުގައި އިށީނދެލިއެވެ.
" އެކަމަކު ވަރަށް އަވަހަށް އަހަރެން އަންނާނަމޭ... ފަހަރެއްގައި އޭރު އަހަރެން ހުރެދާނެ ހަމައެކަނި އަރޫގެ މީހެއްގެ ގޮތުގައި ވެސް. އޭރުން އަހަރެމެން ދެމީހުންނަށް ކިހާ އުފާވެރިކޮށް އުޅެވޭނެ." ނަދީމް ދެކޭ ހުވަފެންތައް އަރޫޝާއަށް ކިޔައިދިނެވެ. އެއާއެކު އަރޫޝާގެ ހިތަށް އުނދަގޫ ވެއްޖެއެވެ. ނަދީމް ކައިރިން ސަލާމަތް ވެވެން ނެތްކަން އެނގުމުން އިންތިހާއަށް ދެރަވެއްޖެއެވެ.
" އަހަރެން ވަރިކޮށްދޭށޭ ބުނިއްޔާ އެކަން ކޮށްދޭނަންތަ؟" އަރޫޝާއަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ.
އެއާއެކު ނަދީމްއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަރޫޝާ އޭނާއާ ސަމާސާ ކުރަނީއޭ ހިތާ ނަދީމް ހިނގަނޑެއް ޖަހާލަމުން އަރޫޝާއާ ދާދި ކައިރީގައި އިށީނެވެ.
" ދެން ތިހެން ނުބުނައްޗޭ. ދުވަހަކުވެސް އަހަރެން އަރޫ ވަރިއެއް ނުކުރާނަން. ދުވަހެއް ދުވަހަކަށް އަހަންނަށް އަރޫދެކެ އިތުރަށް ލޯބިވެވެނީ.." ނަދީމް ބުންޏެވެ.
އިސްޖަހާލައިގެން އިން އަރޫޝާގެ ދަތްދޮޅީގައި ހިފައި މޫނު އަނބުރާލަމުން ނަދީމް ކުރިއަށް ވުރެ ވެސް ކައިރިއަށް ޖެހިލިއެވެ.
" އަދިވެސް ވަރަށް ބޮލުގައި ރިއްސާތަ؟" ނަދީމް އަހާލީ ނުހަނު ލޯބިންނެވެ.
އަރޫޝާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. އެއާއެކު ނަދީމް އަރޫޝާގެ ދެ ކޮނޑުގައި ހިފައި އޭނާއާ ދިމާލަށް އަނބުރާލިއެވެ. އެ ވަގުތު އަރޫޝާގެ ހިތަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. މުޅި ހަށިގަނޑު ރޫރޫ އަޅަން ފެށި ކަހަލައެވެ.
" ވަރަށް ދުވަހު ކެތްކޮށްފިން. ވަރަށް ދިގު އިންތިޒާރެއް ކޮށްފިން. ވަރަށް އުއްމީދުތަކެއް ކުރިން. ވަރަށް ރީތި ހުވަފެންތަކެއް ދެކެފިން. ޕްލިޒް އަރޫ! އިންކާރު ނުކުރޭ." ނަދީމް އަރޫޝާގެ މޫނުގައި މޫނު ޖައްސާލިއެވެ.
" އަހަންނަށް މިވާ ވަރު އެނގޭނަމަ، އަރޫ އެންމެ ދުވަހެއް ވެސް ބޭކާރެއް ނުކުރީސް. އަހަންނާ ދުރަކު ނުހުރީސް. " ނަދީމް އެހެން ބުނި އިރު އަރޫޝާ ފެންކަޅި ވާން ފަށައިފިއެވެ. އެސްފިޔަތަކުގެ ތެރެއިން ފުސްކޮށް އޭނާއަށް ފެންނަނީ ދާއިންގެ ސޫރައެވެ. އެ ލޯތްބަކަށްޓަކައި ތާ އަބަދު އޭނާ އިންތިޒާރުުކުރާ ލޯތްބެވެ. އެއާއެކު އަރޫޝާއަށް ދުރަށް ޖެހިލެވުނެވެ.
" ޕްލީޒް އަރޫ..." ނަދީމްގެ ދެ އަތުން އަރޫޝާގެ ބުރަކަށީގައި ބާރަށް ހިފަހައްޓާލިއެވެ.
ކަށި ޖަންގައްޔެއްގެ ތެރޭގައި ހައްޔަރުވެ، ދާންވީ މިސްރާބެއް ނޭނގޭ ހާލު އަރޫޝާއަށް ޖެހުނީ ނަދީމްގެ މޭމަތީ ބޯ ޖައްސާލާށެވެ.
" އިތުރަށް ޓައިމް ބޭނުމޭ ނުބުނައްޗޭ! އަހަންނަކަށް މިރޭ އަރޫއާ ދުރަކަށް ނުދެވޭނެ. އަހަންނަށްޓަކައި ހިއްސުތައް ކިޔަމަންތެރިކޮށްލަބަލަ!" އަރޫޝާގެ ކަންފަތް ދަށުގައި ނަދީމް ބުނެލީ ވައި އަޑުންނެވެ.
" ދުރަށް ދޭ ނަދީމް. އަހަރެން ނަދީމްގެ ފަރާތުން އެއްވެސް ލޯތްބެއް ބޭނުމެއް ނޫން. އަހަރެން ނަދީމްދެކެ ލޯތްބެއް ނުވެޔޭ." ތެޅި ގަންނަމުން އަރޫޝާ ބުނެލިއެވެ. ނަމަވެސް ނަދީމްގެ ވަރުގަދަ ދެއަތުން އޭނާ އަރޫޝާ ހިފަހައްޓާލިއެވެ.
" ކީކޭ؟ ލޯތްބެއް ނުވެޔޭ؟ " އަރޫޝާގެ ޖުމްލަތަކުން ނަދީމްއަށް ރުޅި އާދެވުނެވެ. ބޭއިހްތިޔާރުގައެވެ. ހިތްހަމަ ނުޖެހެވުނީ އެ ދަނޑިވަޅު، އެފަދަ އެއްޗެއް އަރޫޝާ ބުނީތީއެވެ. އެއީ ނަދީމް އުއްމީދު ކުރި ވާހަކައެއް ނޫނެވެ.
ނަދީމް ކައިރިން ސަލާމަތްވާން އަރޫޝާ މަސައްކަތް ކުރި ނަމަވެސް، އަރޫޝާއަށް ޖެހުނީ ނިކަމެތިކަމުގެ ފިޔަގަނޑު ތިރިކޮށްލާށެވެ. ނަދީމްގެ ބިޔަ ހަށިގަނޑުގެ މައްޗަކަށް އޭނާއަކަށް ގަދައެއް ނުދެއްކުނެވެ. ރުއިން ނޫން ކަމެއް ވެސް އޭނާއަކަށް ނުކުރެވުނެވެ.
" ތިއީ މަގޭ ހަލާލު އަނތްބެކޭ. މަށަށް ހައްގު ނުވާކަމެއް އޮންނާނެތަ؟ މަށަށް ނުލިބުނު އެއްޗެއް ލިބޭނެ އެހެން މީހަކު ހުރެގެން ނުވާނެ. " އަރޫޝާގެ އިސްތަށިގަނޑުގެ ދަށަށް އަތްކޮއްޕާލަމުން ނަދީމް ބުނެލިއެވެ.
" އަހަރެން މިހާ ދުވަހު ކެތްކޮށްފިން. އަރޫ ބުނިހާ ގޮތަކަށް ހެދިގެން އަހަރެން މި އުޅެނީ އަހަރެން ލޯބިވާތީ. އަރޫއަށް ވެސް ދެން އަހަރެންދެކެ ލޯބި ވެވިދާނެ." ނަދީމް ތެދުވަމުން ބުންޏެވެ.
ގައިމަތީ ބެޑްޝީޓް އަޅައިގެން އޭރު ވެސް އަރޫޝާ އޮތީ ރޮއިލަރޮއިލައެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!