އެއީ ކޮންމެ މީހަކަށް ވީނަމަވެސް، ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގެ ބޭރުގައި ސަންގު ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މިނިސްޓްރީއެއްގައި ވިޔަސް ކުންފުންޏެއްގައި ވިޔަސް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި ކަމަށް ވިޔަސް ކޮޕަރަޕްޝަންގެ ޢަމަލެއް ހިނގާނަމަ ކަމާއިގުޅޭ އިދާރާތަކުން އެކަން ބެލުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަމަށެވެ.

Ad
rt

ރައީސް ޤަބޫލުފުޅުކުރަށްވާ ގޮތަކީވެސް އަދި ޢަމަލުކުރަށްވާ ގޮތަކީވެސް އެއީ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދެއްވާނެކަމަށާއި، އެފަދަ ޢަމަލުކުރީ ކޮންމެ މީހަކުކަމުގައި ވީނަމަވެސް އެކަން ބައްލަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

''މިނިސްޓްރީއެއްގައި ވިޔަސް ކުންފުންޏެއްގައި ވިޔަސް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި ކަމަށް ވިޔަސް އަޅުގަނޑު އެދެން އޭސީސީ އާއި ދެންހުރި ތަންތަނުން ކަމާބެހޭ ފަރާތްތަކުން އެކަންކަން ބަލަން، ބަލައި ފިޔަވަޅު އަޅަން، އެއީ ޤަބޫލުކުރާ ގޮތަކީ، އަދި އަޅުގަނޑު ޢަމަލުކުރާނެ ޤަބޫލުކުރާ ގޮތަކީވެސް، ކޮރަޕްޝަނަކަށް ނޯންނާނެ އެއްވެސް ފުރުސުތަކެއް،'' ރައީސް ވިދާޅުވިއެވެ.

''އެއީ ކޮންމެ މީހަކު ވިޔަސް ޤަވާއިދާއި ޤާނޫނާއި ޚިލާފަށް ނުފޫޒުބޭނުންކޮށްގެން އަމިއްލަ ފައިދާއަކަށް އެއްވެސް ކަމެއްކުރުމަކީ އަޅުގަނޑު ޖާގަ ދޭނެކަމެއްނޫން، އެގޮތަށް ކުރިއަށް އޮތްތާގައި ވެސް ކުރިއަށްދޭނީ'' ރައީސް އިތުރަށް ވިދާޅުވިއެވެ.

އެޗްޑީސީގައި ހުރި މައްސަލަތައް ފާހަގަކޮށް އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ފޮނުއްވި ކަމަށް ބުނާ ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ވަނީ މިއަދު ވިދާޅުވެފައެވެ.

"ސިޓީއެއް އަޅުގަނޑަށް ލިބި، އަމަލުނުކޮށް އޮތް ކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީގީ ވާހަކައެއް ނޫން، ލިބިފައެއް ނެތް ސިޓީއެއް،" ރައީސް މިއަދު ވިދާޅުވި އެވެ.