" ލޯތްބެއް ނުލިބިގެން....؟ އަރޫޝާ އަހަރެންދެކެ ލޯބިވަނީތަ؟ އަހަންނާހެދި... ހިތާމަކުރަންތަ؟" ނަދީމް އެހިއެވެ. އޭރު ނަދީމްގެ ދެ ލޮލުން ކަރުނަ ވިދާތަން އަރޫޝާއަށް ރަނގަޅަށް ފެނެއެވެ.
ނަދީމްއަށް ކުރެވުނު ކުށްހީ އޮޅުން ފިލުވައިދޭނެ ގޮތެއް އޭނާއަކަށް ނުވެސް ވިސްނުނެވެ.
" ކޮންމެ މީހެއްގެ ވެސް މާޒީއެއް އޮންނާނެ. އަހަރެން މި ބުނީ އަހަރެންގެ މާޒީގެ ވާހަކަ. " އަރޫޝާ ބުނެލިއެވެ.
އެއާއެކު ނަދީމްއަށް ދުރަށް ބަލައިލެވުނެވެ.
" ކައިވެނި ކުރުމުގެ ކުރިން، އެހެން ކުއްޖަކުދެކެ ލޯބިވާ ވާހަކަ ނަދީމް އަހަރެންގާތު ބުނީމެއްނު. އެހެންވީމަ... އަހަންނަށް ކިހިނެއް ކެރޭނީ ނަދީމްގެ ލޯބި ހޯދަން މަސައްކަތް ކުރަން؟ " އަރޫޝާ ބުންޏެވެ.
ނަދީމް އެއްޗެއް ނުބުނުމުން އަރޫޝާ ދެ އަތް އުރާލުމަށްފަހު ހިނިތުންވެލިއެވެ.
" ނަދީމް. ދެ އަނތްބަށް އިންނާކަށް ޒައިނާއަކަށް ނުޖެހޭނެ. ނަދީމްއަށް އަހަރެން ވަރި ކުރެވިދާނެ. ތިއީ މާ ކުރީގެ ދެ ލޯބިވެރިން. ތަގުދީރުން ތި ދެ މީހުން އެއްތަން ކުރުވީމަ އެކަމުގެ ހުރަހަކަށް އަހަރެން ވާކަށް ނެތިން." އަރޫޝާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ.
" ތިއީ ވެސް ހަމަ އަހަރެންގެ ތަގްރީދް. ޒައިނާ އައި އިރު އަރޫޝާ އަހަރެންގެ އަނތްބެއްގެ ގޮތުގައި އިނުމަކީ ވެސް ހަމަ ތަގްދީރު." ނަދީމް ބުންޏެވެ.
ނަދީމް ވާހަކަ ދައްކަން ފެށުމާއެކު އަރޫޝާ ހީލިއެވެ. އަދި މަޑުމަޑުން ބޯ ޖަހާލަމުން އޭނާ ވާހަކަ ފެށިއެވެ.
" މިކަން ނިންމާލެވޭނީ ނަދީމްއަށް. އަހަންނާމެދު ހަމްދަރުދީ ވެގެން ނަދީމްގެ ދިރިއުޅުން ހަލާކުކޮށް ނުލައްޗޭ! އަހަރެން ހަމަ އޯކޭ. އަހަރެންދެކެ ނަދީމް ލޯބި ނުވާއިރު ކިހިނެއް އަހަންނާއެކު ދިރިއުޅުން ބަރުދާސްތު ކުރާނީ؟ ނަދީމް އިންތިހާއަށް ލޯބިވާ ޒައިނާ ނަދީމްގެ ހަޔާތަށް އައުމުން ނަދީމްއަށް އުފާވެރި ދިރިއުޅުމެއް ލިބޭނެ. " ހެވިފައި ހުރެ އަރޫޝާ ނަދީމްގެ އަތުގައި އަތް ޖައްސާލިއެވެ. އެއާއެކު މާނަ ފުން ބެލުމަކުން ނަދީމްއަށް އަރޫޝާގެ މޫނަށް ބަލައިލެވުނެވެ.
އެ މައުސޫމް، ނިޔަނެތި މޫނުގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ހިތްދަތިކަން އޭނާއަށް ކޮންމެވެސް ވަރަކަށް އިހްސާސް ކުރެވުނު ކަހަލައެވެ. އެ ދެ ލޮލުގައިވާ ވަރުބަލިކަން ފެނި ނަދީމްއަށް އަސަރު ކުރިއެވެ. އަރޫޝާ ހިނިތުންވެފައި ހުރި ނަމަވެސް ހިނިތުންވާންވެސް ނަދީމްއަކަށް ނޭނގުނެވެ.
އަރޫޝާ މަޑުމަޑުން ގޮސް ކޮޓަރިއަށް ވަތް އިރު ވެސް ނަދީމް ހުރީ އެ ހުރި ތާއެވެ. ދެ އަތުން ބޮލުގައި ހިފަހައްޓާލަމުން އޭނާ ގޮސް ސޯފާގައި އީށީނީ ކަންބޮޑުވެފައި ހުރެއެވެ.
" ބައްޕާ! ނަދީމްބެ ނުނަގާ ފޯނެއް." ދާއިން ބުންޏެވެ.
" އެހެންވިއްޔާ ދަރިފުޅު އަރޫޝާއަށް ގުޅާފައި ބުނޭ ބައްޕައާ ދެ މީހުން މިރޭ ހޮސްޕިޓަލްގައި މަޑުކުރާ ވާހަކަ. ތަޅުލައިގެން ތިބޭށޭ ބުނޭ." ރިޒާ ބުންޏެވެ.
އޭރު މަދީހާއަށްވެސް އޮތީ ނިދިފައެވެ. އަރޫޝާއަށް ގުޅާށޭ ބުނި ވަގުތު ދާއިންގެ ހިތަށް ފިނިވެގެން ދިޔައެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އޭނާ އަރޫޝާއަށް ގުޅަމުން ވޯޑުން ބޭރަށް ނިކުތެވެ.
" ކޮބާ ނަދީމްބެ؟" އަރޫޝާ ފޯނު ނެގުމާއެކު ދާއިން އެހިއެވެ.
" ހޮސްޕިޓަލުން އައިސް ސޯފާގައި ޖައްސާލި ގޮތަށް ނިދިފައި އެބައޮތް. ކަމެއް ވީތަ؟ ގޮވަން ވީތަ؟" އަރޫޝާ އެހިއެވެ.
" ނޫން.ނޫން. އެއީ އަހަންނާ ބައްޕަ މިރޭ މި ކޮޅުގައި މަޑުކުރާތީވެ، ބުނެލަން ވެގެން. ދޮރު ތަޅުލައިގެން ތިބޭށޭ ބައްޕަ ބުނީ." ދާއިންއަށް ވާހަކަ ދެއްކުނީ ލަސްލަހުންނެވެ.
އޭނާ އެހެން ބުނުމާއެކު އޯކޭ އޭ ބުނެ އަރޫޝާ ފޯނު ކަނޑާލިއެވެ. އޭރު އަރޫޝާގެ ހިތަށް ވެސް އުނދަގޫ ވެއްޖެއެވެ. ފޯނުން ދާއިންގެ އަޑު ޖެހުމާއެކު ހިތް ތެޅިގަތްކަން އޭނާއަށް އެނގުނެވެ. ނަމަވެސް ހިތުގެ މައްޗަށް އޭނާއަށް ބާރު ނުފޯރުވިދާނެތީ ބިރުން، އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވީއެވެ.
މޭގައި ފޯނު ޖައްސާލައިގެން ހުއްޓުން އަރާފައި އިން އަރޫޝާ ސިހުނީ ދެ ވަނަ ފަހަރަށް ދާއިން ގުޅަން ފެށުމުންނެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު، އަނެއްކާ ވެސް ކަމަކު ބޭނުންވެދާނޭ ހިތާ އޭނާ ފޯނަށް ޖަވާބު ދިނެވެ.
" މަޑުކޮށްބަލަ އަރޫ." ދާއިން ބުނެލީ އަވަސް އަވަހަށެވެ.
އަރޫޝާ ހުރީ ދާއިން ދައްކަން އުޅޭ ވާހަކައެއް އަޑުއަހާ ހިތުންނެވެ. ނަމަވެސް އޭރު އޭނާގެ ހިތަށް ބިރުވެރިކަން ވަންނަން ފަށައިފިއެވެ. ދާއިން އަކަށް ވެސް އެއްޗެއް ނުބުނެވުނެވެ. ފަށާނީ ކީކޭ ކަމެއް ނޭނގި، އޭނާއަށް ވެސް ހުރެވުނީއެވެ.
" ބުނެބަލަ! ކީއްކުރަން ތި ގުޅީ؟" އަރޫޝާއަށް ސުވާލު ކުރެވުނެވެ.
" ނޭނގެ.." ބޭއިހްތިޔާރުގައި ދާއިން އެހެން ބުނުމުން އަރޫޝާއަށް ފުންމައިގެން އެނދުން ތެދުވެވިއްޖެއެވެ. ބާރު ހިނގުމުގައި ގޮސް އޭނާ މަޑުމަޑުން ދޮރު ހުޅުވައި ސޯފާއަށް ނަޒަރު ހިންގާލިއެވެ. ނަދީމް ނިދާފައި އޮތްތަން ފެނުމުން، އަރޫޝާ ފުން ނޭވާއެއް ދޫކޮށްލީ ދޮރު ލައްޕާލަމުންނެވެ.
" މީހުންގެ އަނބިންނަށް ބޭކާރު ގޮތުގައި ގުޅަން ޖެހޭތަ؟ އެހެން ނޫނަސް އެއްވެސް ބޭނުމެއް ނެތި ދާއިން އަހަންނަށް ގުޅައިގެން ނުވާނެކަން ނޭނގެނީތަ؟" އަރޫޝާ ވާހަކަ ދެއްކީ ސިއްރުންނެވެ. ނަމަވެސް އެ އަޑުގައި ހުރި ހިތްހަމަ ނުޖެހުމުގެ އަސަރުތައް ރަނގަޅަށް ވެސް ހާމަ ވެއެވެ.
" އެނގެޔޭ ތިއީ އަހަރެންގެ ބޭބެގެ އަންހެނުންކަން. އެކަމަކު ތި ދިރިއުޅުމާމެދު އަރޫއަށް އޮތީ ކޮން އުއްމީދެއް؟ " ދާއިން ބުނެލިއެވެ.
" އެއީ ދާއިންއާ ބެހޭ ކަމެއް ނޫން.. އަހަރެންގެ ދިރިއުޅުމާމެދު ދާއިން ކީއްކުރަން ވިސްނަނީ؟ ދާއިންއަށް އަހަރެންގެ ކަންތައްތައް ކުރިންވެސް މުހިއްމެއް ނުވިއެއްނު." އަރޫޝާ ބުންޏެވެ. އޭނާ އެހެން ބުނި އިރު އެ އަޑުގައި ރިހުމެއް ހުރިކަން ދާއިންއަށް ވަރަށް ރަނގަޅަށް އިހްސާސްކުރެވުނެވެ.
" ޕްލީޒް އަރޫ. މުހިއްމު ނުވީއެއް ނޫނޭ. އަހަންނަށް ފަރުވާކުޑަ ކުރެވުނީ. ހިއެއް ނުކުރަން އަހަރެމެންނަށް މިހެން ވެދާނެ ކަމަކަށް. ހަމަ ހުވާ ނަދީމްބެ ނޫން އެހެން މީހަކާ އިންނަމަ އަހަރެން މިހާރު އެ މީހެއްގެ އަތުން އަރޫ ޖަހައިގަތީމުސް." ދާއިންއަށް ބުނެވުނީ ރުޅިވެރިކަމާއެކުއެވެ. ދާއިން އެހެން ބުނުމާއެކު ދާއިން އަރޫޝާ ދެކެ ވާ ލޯބި އަރޫޝާއަށް އިހްސާސްވީ ކަހަލައެވެ. އޭނާ އަރޫޝާ ބޭނުންވާ ވަރު ހިތަށް ވަޒަން ކުރެވުނެވެ.
" ދާއިން އަދިވެސް އަހަރެން ބޭނުންތަ؟" ހިތަށް މޮޅިވެރިކަން ވެރިވުމާއެކު އަރޫޝާއަށް އަހާލެވުނީ ބޭއިހްތިޔާރުގައެވެ. ހިތް އެދޭވަރުން އެ ސުވާލު ހިތުން ބޭރުވީއެވެ. ދުލަށް ބާރު ނުފޯރުވުނީއެވެ.
" ވަރަށް ބޮޑަށް ބޭނުން. " ދާއިން ބުންޏެވެ.
އަރޫޝާއަށް ދެ ލޯ މަރާލެވުނެވެ.
" ދާއިން. އަހަންނަކީ ނަދީމްގެ އަނބިމީހާކަން އަދިވެސް އެއްފަހަރު ހަނދާންކޮށްދެން. މި ދިރިއުޅުމަށް ވަންނަން ދާއިން މަސައްކަތް ނުކުރައްޗޭ. އެހާ ހުތުރުކަމެއް ނުކުރައްޗޭ! އަހަންނާ ދާއިންއަކީ އެއް އިރެއްގައި ގުޅުމެއް އޮތް ބައެއްކަން ފަހަރެއްގައިވެސް މީހަކަށް އެނގޭކަށް އަހަރެން ނޭދެން. އެއީ... އެއީ މިހާރު އޮތް ގުޅުމެއް ކަމެއް ހުދު އަހަރެން ވެސް ހަނދާން ނެތް. " އެހެން ބުނުމާއެކު އަރޫޝާއަށް ރޮވިއްޖެއެވެ. ނަމަވެސް އޭނާ ހަމަޖެހެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
" މިރޭ ދާއިން އަހަންނާ ވާހަކަ ދެއްކީތީ އެއް ވާހަކަ ބުނެލަން ބޭނުން.. ޒައިނާއާ ނަދީމްއަކީ ދެ ލޯބިވެރިން. އެ މީހުން މިހާރު ބޭނުންވަނީ ކައިވެނި ކުރަން. މިރޭ އަހަންނަށް ނަދީމް ހުރިހާ އެއްޗެއް ކިޔައިދިން. އެ ދެ މީހުން ކައިވެނިކުރަން ބޭނުން ވާ ވާހަކަ ބުނެފި. ދެ އަނތްބަށް ވެސް ޒައިނާ ހުރީ އިންނަން އޯކޭ ވެގެން." އަރޫޝާ ވާހަކަ ދެއްކީ މާޔޫސްވެ އިނދެ ވަރުބަލިކަމާއެކުއެވެ.
ދާއިން ހުރީ އަރޫޝާ ދެން ބުނާނީ ކީކޭ ކަމެއް ނޭނގޭ ހާލު ކަންބޮޑުވެފައެވެ.
" އަހަރެން އެކަމަށް އެއްބަސް ވެއްޖައިން. " އަނެއްކާ ވެސް އަރޫޝާ ބުނީ ދާއިން ބޭނުންވެގެން އުޅޭ ޖުމްލަ އެއް ނޫނެވެ. އެހެންވެ، މި ފަހަރު ދާއިންއަކަށް މަޑަކުން ނުހުރެވުނެވެ.
" ދެން؟ އެއްބަސްވީމަ.. އެ ދެ މީހުން ކައިވެނި ކުރަނީތަ؟ ދެން އަރޫ އޯ؟" ދާއިން އެހީ އަވަސް އަވަހަށެވެ.
" އަހަރެން ބުނިން ނަދީމް ބޭނުމިއްޔާ އަހަރެން ދޫކޮށްލާށޭ." އަރޫޝާ ބުނެލިއެވެ.
" ބޭނުމިއްޔާ އޭ؟ ކީއްވެ ތިހެން ތި ބުނީ؟ ނަދީމްބެ ބޭނުން ނޫނިއްޔާ އަރޫ ދޮށީ އަނބީގެ ގޮތުގައި އިންނާނީތަ؟ " ދާއިން އެހިއެވެ.
އަރޫޝާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އަނެއްކާވެސް ދާއިން ވާހަކަ ދައްކަން ފެށިއެވެ.
" ދެން ހަގީގީ ދެ ލޯބިވެރިން ދިމާވެ، ކައިވެނިކޮށް، އުފަލުގައި އުޅޭއިރު އަރޫއަށް ނަދީމްބެ ދޭނީ ކޮން އުފަލެއް؟ އޭނަ އަރޫދެކެ ލޯބި ނުވާތާ، އަރޫވެސް އޭނަ ދެކެ ލޯތްބެއް ނުވެ. ދެން ކޮބާ ހުރުމުގެ ބޭނުމަކީ؟ އަހަރެންގާތު ކީއްވެ ތި ކިޔަނީ ތި ދިރިއުޅުމަށް ނުވަންނާށޭ. ބަލަ މީހަކު ވަންނާކަށްވެސް ނުޖެހޭނެ. ނަދީމްބެ ބޭނުންވާނެޔޭ އަރޫ ދޫކޮށްލަން. އޭނަގެ ލޯބިވާ މީހާ އެ ހުރީ ލިބިފައި. ދެން؟ ޕްލީޒް އަރޫ... ތި ދިރިއުޅުމުން ދުރަށް ދޭ. އަރޫއަކަށް ހައްގެއް ނޫނޭ ތި ގޮތެއް." ދާއިން ބުންޏެވެ.
" ދާއިން.. އަހަރެން ވަރިއަކީ އަހަންނަށް ކުރެވޭ އެއްޗެއް ނަމަތާ އަހަރެން ދާނީ.. އަހަރެން މި ހުރީ އެ ހުރިހާ ކަމެއް ނަދީމްގެ އަތްމައްޗަށް ދޫކޮށްލައިގެން. އޭނަ ބޭނުމިއްޔާ އަހަރެން ވަރިކޮށްލާނެ. ބޭނުން ނުވަންޏާ އަނތްބެއްގެ ގޮތުގައި އަހަރެން ބައިންދަންވީ." އަރޫޝާ ބުންޏެވެ.
" އަރޫއަރޫ. ތިއީ އެއްވެސް ގޮތެއް ނޫނެއްނު. އަރޫއަށް ހިތާމަތަކެއް ލިބުން ނޫން ކަމެއް ނުވާނެ. އަރޫ ބުނޭ ދެ އަނތްބަށް އިނދެގެން އޫޅޭކަށް ބޭނުމެއް ނޫނޭ. ޕްލީޒް" ދާއިން ހުރީ އަވަސް ވެފައެވެ.
" އަހަރެން ކިތައް ފަހަރު ބުނެފިން ދާއިން މިކަމާ ނުވިސްނާށޭ. ދެން ފޯން ބާއްވާ! މިހާރު ވެސް މާ ގިނަ ވާހަކަ ދެއްކިއްޖެ. މިހެން ދާއިންއާ ވާހަކަ ދައްކަން ވެއްޖެއްޔާ އަހަންނަށް އެނގޭ އަހަރެންގެ ހިތަކަށް ބާރެއް ނުފޯރުވޭނެކަން. ދާއިންގެ ކުރިމައްޗަށް އަރަން ވެސް އަހަރެން ބޭނުމެއް ނޫން. އެހެންވީމަ ދެން ވިސްނަބަލަ އަހަރެން ދާއިންއެއް ވެސް ބޭނުމެއް ނޫނޭ." ތަންކޮޅެއް ބާރަށް އަރޫޝާ ބުންޏެވެ.
އެއާއެކު އަރޫޝާއަށް އިވުނީ ދާއިންގެ ހުނުމުގެ އަޑެވެ.
" އަހަރެން އަބަދުވެސް ބުނަމެއްނު އަރޫ ވަރަށް މޮޔަ ވާނެޔޭ! އޭރާ މިހާރާ ހަމަ އެއްވެސް ތަފާތެއް ނެތް. ނަސީބެއް ކަންނޭނގެ ނަދީމްބެއަށް އަރޫދެކެ ލޯބި ނުވެވޭކަން." ދާއިން ބުންޏެވެ.
ލިބުނު ހައިރާންކަމާއެކު އަރޫޝާއަށް ހުރެވުނީ އެއްޗެއް ބުނަން ވެސް ނޭނގިފައެވެ.
" އަހަންނާ ވާހަކަ ދައްކަން ފެށިއްޔާ ހިތަށް ބާރު ނުފޯރުވި ހިތުގައި ރައްކާކޮށްފައި ހުރި އެއްޗެހިތައް ބޭރުވެ ބޭޒާރުވެ ދާނެތީ އަރޫ ބިރުގަނޭ! އަދި ހަމަ އަހަރެން ފެންނަ ހިސާބަށް އަންނަން ނުކެރެނީ އަރޫގެ މޫނުމަތީގެ ޝުއޫރުތައް ފާޅުވެ ދާނެތީ ބިރުންކަމުގައި ވާނަމަ އަރޫ އަދިވެސް އަހަރެން ބޭނުންވޭ. އަހަރެންދެކެ ލޯބިވެސް ވޭ. " ދާއިން ބުނެލީ ލަސްލަހުންނެވެ.
ޖަވާބެއް ނުދީ އަރޫޝާ ފޯނު ކަނޑާލުމަށްފަހު އެނދު ހުރަކަށް ވެއްޓިގަތެވެ. ހަގީގަތުގައިވެސް އަދިވެސް ދާއިން ފެނުމުން އޭނާއަށް އުނދަގޫ ވެއެވެ. ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ހިތުގައި ރައްކާކޮށްފައި އޮތް ލޯބި ހިތް ފަޅާ، ނިކުންނަން އުޅޭހެން ހީވެއެވެ.
" އަހަންނަށް އެކަނިމާއެކަނި މި ކަންކަމާ ކުރިމަތިލާނެ ހިތްވަރެއް ނެތް.. އަހަރެން މިހާރު ވަރުބަލި ވެއްޖެ." ބަލީހުން މޫނު ފޮރުވައިގެން އޮވެ އަރޫޝާއަށް ބުނެވުނީ ރޮމުންނެވެ.
ނަދީމްއަށް ހޭލެވުނީ ޒައިނާ ގުޅަން ފެށުމުންނެވެ. އޭރު އޭނާ އޮތީ ދާހިއްލާ ފޯވެފައެވެ. ފޯނު ނަގަމުން ފާރުގައި ހުރި ގަޑިއަށް ބަލައިލެވުނެވެ. އޭރު ހެނދުނު ހަތެއް ޖަހަނީއެވެ.
" ކައިވެނީގެ ވާހަކަ ދެއްކި ހިސާބުން މީހާ ހަބަރެއް ވެސް ނުވި." ޒައިނާ ރުންކުރު ގޮތަކަށް ބުންޏެވެ.
އާފުރެމުން ނަދީމްއަށް އަނެއްކާ ވެސް ސޯފާގައި އޮށޯވެލެވުނެވެ.
" ނިދަނީތަ އަދިވެސް؟ ކޮބާ އަރޫޝާ؟ ދެ މީހުން އެއްތާކުތަ؟" ޒައިނާ ސުވާލު ކުރީ ރުޅި އައިސް ހުރެއެވެ.
" އަހަރެން މި އޮތީ ސޯފާގައޭ! " ނިދި އަޑަކުން ނަދީމް ބުނެލިއެވެ.
" ދެން ކޮން ދުވަހަކުންތަ އަންނަނީ؟ ބުނި ދެ ދުވަސްތެރޭ މަންމަ ދޫކޮށްލާނެޔޭ. ކޮން އިރަކުން ކައިވެނީގެ ވާހަކަ އެ މީހުންގާތު ދައްކާނީ؟" ޒައިނާ އެހިއެވެ.
" ޒައި... މަންމަ އަދިވެސް ބައްޔޭ!" ނަދީމް ބުންޏެވެ.
ޒައިނާއާ ކައިވެނި ކުރަން މަންމަ ނުރުހުންވި ވާހަކަ ޒައިނާ ގާތު ބުނަން ނަދީމް ޖެހިލުންވެއެވެ. ޒައިނާ ކަންތައް ކޮށްފާނެ ގޮތެއް ނޭނގޭތީ އޭނާ ބިރުގަނެއެވެ. އެހެންވެ ނަދީމް ނިންމީ ކައިވެނީގެ ވާހަކަ މަންމަމެން ގާތު ދެއްކިކަން ސިއްރު ކުރާށެވެ.
" އަނެއްކާ ކުއްލިއަކަށް އެ ވާހަކަ ދެއްކީމަ ބަލިވެދާނެތީ އަހަރެން މި ހުރީ ބުނަން ބިރުން." ނަދީމް ބުންޏެވެ.
" އެހެންވިއްޔާ ދެން މާލޭގައި މަންމަ ހުއްޓާ ބުނަން ވީއެއްނު." ޒައިނާއަވަސް އަވަހަށް ހިޔާލު ދިނެވެ.
" އެއީ؟ " އޭނާ ބުނި އެއްޗެއް ނަދީމްއަކަށް ނުވިސްނުނެވެ.
" އޭރުން މަންމައަށް ކަމެއް ވިޔަސް ވަގުތުން ފަރުވާ ލިބޭނީ." ޒައިނާ އެހެން ބުނުމާއެކު ނަދީމްއަށް ސޯފާއިން ތެދުވެވުނެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.
" ކީކޭ ތި ބުނީ؟ " ނަދީމްއަށް ބުނެވުނެވެ.
" އަހަރެން ބުނި އެއްޗެއް ހަމަ ސާފު ނުވަނީތަ؟ މަންމަ ބަލިވެދާނެތީ ކައިވެނީގެ ވާހަކަ ބުނަން ނުކެރިގެން އުޅޭތީ އަހަރެން މި ބުނީ މާލޭގައި ހުއްޓާ ބުނާށޭ އެއްނު. އޭރުން ދޯ ބަލި ވިޔަސް އަވަހަށް ފަރުވާ ކުރެވޭނީ." ފަސޭހަކަމާއެކު ޒައިނާ ބުނެލިއެވެ.
" އަހަރެން ހިއެއް ނުކުރަން ޒައި ތިހާ ރަހުމް ކުޑަ ވެދާނެ ކަމަކަށް." ނަދީމް ބުންޏެވެ.
ޒައިނާގެ ވާހަކަ އަޑު އެހުމަށްފަހު ހިތަށް އައި ޖުމްލަ އޭނާ ދޫކޮށްލީ ގަސްތުގައެވެ. ނަމަވެސް ނަދީމް އެހެން ބުނުމުން ޒައިނާގެ ރުޅިވެރިކަން އިންތިހާއަށް މައްޗަށް ދިޔައެވެ.
" އަހަރެންތަ ރަހުމް ކުޑަވެގެން މި އުޅެނީ؟ ފުރަތަމަ ނަދީމް އަހަންނާމެދު ރަހުމު ކޮށްބަލަ! އަހަންނާމެދު ވިސްނަބަލަ.. ނަދީމްގެ މަންމަގެ ބައިވަރު މީހުން ތި އޮތީ ތިތާ! ބައްޕަޔާ، ބޮޑު ދެ ދަރިންނާ އަދި އެޑޮޕްޓް ކޮށްގެން ގެނައި އަންހެން ދަރި ވެސް ތި ތާ! އަހަރެންގެ ކާކު ހުރީ؟ ކޮންމެ ގޮތެއް ވިޔަސް އަހަރެމެން ދެ މީހުންގެ ކައިވެނީގެ ވާހަކަ މަންމަ ގާތު ދައްކަން ޖެހޭނެ ދޯ! ދެން މަންމަ ބަލި ވެދާނެ ކަމަށް ހީ ކޮށްފަ... ކީކޭ މި ބުނީ؟ ހީކޮށް! ނަދީމް ކުރަނީ ހަމަ ކުށްހީ. އެހެން ހީކޮށް އެ ވާހަކަ ނުދައްކަން އުޅޭތީ އެހެން މި ބުނީ! މިހާރު އަހަންނަށް ހީވަނީ އަހަންނާ އިންނަން ނަދީމް ވެސް ބޭނުން ނުވަނީހެން. އާނ ކިއްކުރަންތަ މާ ބަހަނާ ތަކެއް މި ދައްކަނީ." ޒައިނާ ބާރަށް ކިޔާލިއެވެ.
ޒައިނާގެ ރުޅިވެރިކަމުން ފުރިފައިވާ ބާރު އަޑުން ނަދީމް ވެސް ކޮންޓްރޯލުން ނެއްޓި ކަހަލައެވެ.
" ތިއީތަ އަހަރެންގެ ވާން އުޅޭ އަނބިމީހާގެ ފެންވަރު؟" ނަދީމްއަށް ވެސް ބުނެވުނީ ބާރަށެވެ.
ނަދީމްގެ އަޑަށް ކޮޓަރި ތެރޭގައި ހުރި އަރޫޝާ އަވަސް އަވަހަށް އައިސް ދޮރު ކައިރީ މަޑުކޮށްލިއެވެ. ނަދީމް ދައްކަމުން ދާ ވާހަކަތައް އޭނާއަށް ރީތިކޮށް އިވެއެވެ.
" ޒައި ރަށަށް ގެނައި އިރު ވެސް އަހަރެން ބުނިން ޒައި ގާތު ހުރިހާ ކަމެއް ވެސް ސިއްރުކުރާށޭ. އެކަމަކު އަހަރެން ނެތް ވަގުތު ޒައިނާ މަގޭ މަންމަ ގާތު ހުރިހާ ވާހަކައެއް ދައްކާފަ، މަގޭ އެހާ އިހްތިރާމް ކުރާ މައިންބަފައިންގެ ކުރިމަތީ މަ ބޭޒާރުކޮށްލީ. މަންމަ ބަލި ވީ ވެސް ހަމަ ޒައިނާއާ ހެދި. ޒައިނާ އެ ވާހަކަތައް ދައްކައިގެން. ޒައިނާއާ ދިމާލަށް ރުޅި އައިސް އެއްޗެއް ނުބުނަން ވެގެން އަހަރެން މި ކެތްކުރީ. އެކަމަކު މީނަ ހަމަ ހެއްދެވި ނެހެއްދެވިއަށް އެބަ ގޮވާލާ! ޒައިނާ ފްލީޒް އަހަރެންގެ ގައިގައި ނެތް ސިފައެއް ގަދަކަމުން ނެރެން ނޫޅެބަަ! އަހަރެން ރުޅި ނާރުވަބަލަ." ނަދީމް ބާރުބާރަށް ކިޔަމުން ދިޔައެވެ.
" ހާދަ ވަރަކަށް ރުޅި އައީ؟ މިހާރު އަހަންނަށް ވުރެ ބޮޑަށް އެ އަރޫޝާ ކަމުދިޔައީތާ ދޯ! " ޒައިނާ ބުންޏެވެ.
" ކީއްވެ ކަމުނުދާންވީ؟ ޒައިނާއާ އޭނަ އެތައް ހާސް ގޮތަކުން ތަފާތު. ހުރިހާ ގޮތަކުން އޭނަ މާ ރަނގަޅޭ! އަހަރެން އެއްޗެއް ބުނާއިރަށް އަހަރެންގެ ކުރިމަތީގައި ތިހެން ހެދިއެއް ނުގަނެއޭ! އޭނައާ ކައިވެނި ކޮށްގެން ކިތައް މަސް މި ވަނީ؟ އަހަރެން އޭނައާމެދު ކަންތައް ކުރާ ގޮތަށް ޒައިނާއާ މެދު މީހަކު ކަންތައް ކުރާނަމަ ޔަގީން މިހާރު އެމީހަކު މަރައިފީސް. އޭނަ އެ ހުންނަނީ ކެތްތެރިކަމާއި މަޑުމޮޅިކަމާއެކު. އަހަރެން ލޯބިވާ މީހަކު ހުންނަ ވާހަކައާ އަހަރެންގެ ފަރާތުން އެއްވެސް ލޯތްބެއް ނުލިބޭނެ ވާހަކަ ބުނީމަ ވެސް އެކަމާ ގުޅިގެން އަހަންނާ ދިމާލަށް ދުލުން ޗުއްޕު ވެސް ނުބުނެޔޭ. އަންހެނަކު ކެތްތެރިވާނީ އެވަރަކަށް. އެހެން މީހެއް ނަމަ ވަރިވެގެން ދާނެތާ ކޮން ދުވަހެއް؟" ނަދީމް ބުނެލިއެވެ.
އެއާއެކު އަރޫޝާއަށް ދޮރުފަތުގައި ލެނގިލެވުނެވެ. ނަދީމްގެ ދުލުން އެ ފަދަ ތައުރީފްގެ ބަސްތަކެއް ބުނާ އަޑު އިވިދާނެކަމަށް އޭނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ.
" އެހެންވީމަ އަހަންނަށް މިހާރު ޔަގީން ވެއްޖެ ނަދީމް އޭނަ ދެކެ ލޯބިވާކަން." މައިތިރިވެ ހުރެ ޒައިނާ އެހެން ބުނުމާއެކު ނަދީމްއަށް ހިންދިރުވާލެވުނެވެ.
" ޒައި ޕްލީޒް... އަދިވެސް ތިއީތަ ބުނަން އެނގުނު އެއްޗަކީ. ޒައި އަހަރެން ރުޅި އެރުވީ ކީއްކުރަން؟ " އާދޭހުގެ ރާގަކަށް ނަދީމް އެހިއެވެ.
" ނަސީބެއްނު ރުޅި އެރުވުނުކަން. ރުޅި އެރުވީމަ އެއްނު މި އެނގުނީ މިހާރު ނަދީމްގެ ހިތް ބަދަލުވެއްޖެކަން." މަޑުމަޑުން ބުނެލި ނަމަވެސް ޒައިނާ ހިތްހަމަ ނުޖެހިފައި ހުރިކަން ނަދީމްއަށް އެނގުނެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!