ކޮންމެ ޤައުމަކަށް ވެސް އެ ޤައުމަކަށް ޚާއްޞަ ޤައުމިއްޔަތެއް އޮވެއެވެ. ދިވެހީންނަކީ އެވޭލާ ޤައުމަކަށްވާތީ ދިވެހީންގެ ވަރަށް ފުން ޤައުމިއްޔަތެއް އޮވެއެވެ. އެހެން ހުރިހާ ދާއިރާތަކެކޭ އެއްގޮތަށް ދިވެހި ޤައުމިއްޔަތަކީ ވެސް މަފުހޫމެއްގެ މައްޗަށް ޢިލްމީ މާނަތަކެއް ހިމެނޭ ގޮތަށް ތަރުތީބު ވެފައިވާ ފުން ދާއިރާއެކެވެ.

މިއީ މި ދެންނެވި ޢިލްމީ ފުން މާނަތަކުގެ މައްޗަށް ބަލާލެވިފައިވާ މަސައްކަތެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާއިން ދިވެހި ޤައުމިއްޔަތުގެ އިސްވަރުން 30 ނޮވެންބަރު 2024 ގައި ބޭއްވި "ކަޅުއޮށްފުންމި، ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" ގައި ހުށަހެޅި ކަރުދާސްތަކާއި ދިން މަޢުލޫމާތުތަކެވެ.

Ad
rt

ޤައުމާއި ރާއްޖެއާއި ދައުލަތް

ދިވެހި ޤައުމިއްޔަތުގެ ވާހަކަ ފަށާއިރު ސާފުވާން ޖެހޭ އެންމެ މުހިންމު ކަމަކީ ޤައުމާއި ރާއްޖެއާއި ދައުލަތަކީ ކޮބައިކަމާއި އޭގެ މަފުހޫމަކީ ކޮބައިކަމެވެ. ޤައުމަކީ މީހުންނެވެ. ދިވެހި ބަހަށް މި ލަފުޒު ލޯނުލަފުޒެއްގެ ގޮތުގައި ގެނެވިފައިވާ ޢަރަބި ބަހުގައި ވެސް ޤައުމު ނިސްބަތް ކުރެވެނީ މީހުންނަށެވެ. ޤައުމަކީ އިނގިރޭސި ބަހުގައި "Nation" އެވެ. އެއީ އެބަހުގައި ވެސް އިންސާނީ ޖަމާޢަތަކަށް ނިސްބަތްކުރެވޭ ލަފުޒެކެވެ. ދިވެހިބަހުގައި ވެސް "ޤައުމު" މީހުންނަށް ނިސްބަތް ކުރެވެއެވެ.

ރާއްޖެއަކީ އެ ޤައުމެއް އޮންނަ ތަނަށް ބޭނުންކުރާ ލަފުޒެކެވެ. އެއީ އިނގިރޭސި ބަހުންނަމަ "Country" އެވެ.
ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ކީރިތި ރަސޫލާގެ ސިޔަރަތު ފައްޓަވަމުން "ޤައުމު ކިތަންމެ މަދަސް، ރާއްޖެ ކިތަންމެ ކުޑަޔަސް" މިގޮތަށް ލިޔުއްވާފައި އޮންނަނީ ދިވެހީންގެ ބައިމަދުކަމާއި ދިވެހިރާއްޖޭގެ ސަރަހައްދުގެ ކުޑަކަން ވަކިން ބަޔާންކޮށްދެއްވުމަށެވެ. ދައުލަތް ނުވަތަ "Nation-State" އަކީ ޤައުމެއް އޮވެފައި، އެ ޤައުމަކަށް ސަރަހައްދެއް ލިބިފައި އަދި އެ މީހުންނާއި ސަރަހައްދު (ޤައުމާއި ރާއްޖެ) ބަލަހައްޓާ ނިޒާމެވެ.

ޔުނެސްކޯގައި 7000 ބަސް ދަފުތަރު ކުރެވިފައިވެއެވެ. މިއިން ކޮންމެ ބަހެއް ނިސްބަތްވަނީ ވަކި ޤައުމަކަށެވެ. އެހެން ނަމަވެސް މީގެ ތެރެއިން އަމިއްލަ ސަރަހައްދެއް ލިބިގެން، އެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ހުރެގެން ދައުލަތަކާ ހަމައަށް ވާސިލުވެވިފައިއޮތީ 193 ދައުލަތަށެވެ. މިކަމުން އެނގެނީ ދައުލަތެއް ހާސިލުކުރުމަކީ ނުވަތަ ދައުލަތަކާ ހަމައަށް ވާސިލުވުމަކީ ފަސޭހަކަމެއް ނޫންކަމެވެ. އެކަމަކު ދިވެހި ކާބަފައިން މި ވަނީ މީގެ 4000 އަހަރުކުރިން ދައުލަތެއް އުފައްދައި އަދި އެ ދައުލަތް ހިމާޔަތްކޮށް ދިފާޢުކޮށް ދަމަހައްޓާފައެވެ. މިއީ ކާބަފައިން ލެއާއި ފުރާނައިން ޤުރުބާންވެގެން މި ހިސާބަށް ފޯރުކޮށްދީފައިވާ ދައުލަތެކެވެ.

ޤައުމިއްޔަތާއި ނެޝަނަލިޒަމް

ޤައުމިއްޔަތު މި ކިޔަނީ ބަޔަކު ތަނެއްގައި ތިބެގެން ކުރާ ޖަމާއީ ތަޖުރިބާއަކަށެވެ. އާންމު ވިސްނުމުގައި ޤައުމިއްޔަތަކީ ނެޝަނަލިޒަމްކަމުގައި އަދި ވަޠަނިއްޔަތަކީ ޕެޓްރޮއިޓްޒަމްކަމުގައި ހީކުރެވުނަސް ޢިލްމީ ނަޒަރަކުން ބަލާއިރު މިއީ މުޅިން ތަފާތު ބިންގާތަކެއްގެ މައްޗަށް ބިނާވެފައިވާ ތަފާތު މަފުހޫމުތަކެކެވެ. ނެޝަނަލިޒަމާއި ޕެޓްރޮއިޓްޒަމާ މި ދެ މަފުހޫމަކީ ހުނޅަގުގެ ޤައުމުތަކުން ކޮށްފައިވާ ދެ ތަޖުރިބާއެވެ. ނެޝަނަލިޒަމަކީ ހުޅަނގުގެ ބާރުތަކުން އެހެން ޤައުމުތަކުގެ ވަސީލަތްތަކަށް އަރައިގަތުމުގެ ތެރޭގައި ހިންގި ހަމަނުޖެހުންތަކާއި ކޯޅުންތަކުގެ ތަޖުރިބާއިން އުފަންކުރި މުފުހޫމެކެވެ.

ނެޝަނަލިޒަމުގެ ނަޒަރިއްޔާތަކީ ކްރިސްޓިއަން ދީން ރޫޅެން ފެށުމުން ދީނާއި ދައުލަތް ވަކިކޮށް ދީނަށްވުރެ ޤައުމު މަތިވެރިކޮށް އުފެއްދި ޒަމާނީ ފިކުރެކެވެ. މިއާ ޚިލާފަށް ޢަރަބިންގެ ތަޖުރިބާގެ މައްޗަށް އުފަންވި އަލްޤައުމިއްޔަތަކީ ޢަރަބީންގެ ވަންހަތަކުގެ މެދުގައި ކުރެވުނު ކައިވެނިތަކަކުން ފުޅާވެ ބޮޑުވެ ފެތުރިގެންދިޔަ އާބާދީގެ ގުޅުންތައް ދެމެހެއްޓުމުގެ ފިކުރެކެވެ. އެހެންކަމުން ޢިލްމީގޮތުން ބަލާއިރު ޤައުމިއްޔަތަކީ ނޭޝަނަލިޒަމެއް ނޫނެވެ.

ވަޠަނިއްޔަތާއި ޕެޓްރިއޮޓިޒަމް

ޕެޓްރިއޮޓިޒަމަކީ ނެޝަނަލިޒަމެކޭ އެއްގޮތަށް ހުޅަނގުގެ ތަޖުރިބާއެކެވެ. މިއީ ހުޅަނގުގެ ޤައުމުތަކުން އެހެން މީހުންގެ ބިންތަކަށް އަރައި އެބިންތައް އިސްތިޢުމާރުކޮށް އެ ބިންތަކަކީ އެ މީހުންގެ މިލުކެއްކަމަށް ހަދައިގެން ތިބުމުގެ ރޫޙުގެ ތެރެއިން އުފެދުނު ތަޖުރިބާއެކެވެ. އެއާއި ޚިލާފަށް އަލްވަޠަނިއްޔަތަކީ ޢަރަބީން ޢަރަބީންގެ އަމިއްލަ ބިންތަކުގައި ތިބެ އެ ބިންތައް އެހެން މީހުންގެ ފަރާތުން ހިމާޔަތްކުރުމުގެ ފިކުރުން އުފަންވި ތަޖުރިބާއެކެވެ. ވުމާއެކު ޢިލްމީ ނަޒަރަކުން ބަލާއިރު ވަޠަނިއްޔަތަކީ ޕެޓްރިއޮޓިޒަމެއް ނޫނެވެ.

ދިވެހި ޤައުމިއްޔާއި ޤައުމީ ކާކުވަންތަކަން

ޤައުމިއްޔަތަކީ ވަކި ބަޔަކުކުރާ ވަކި ޖަމާއީ ތަޖުރިބާތަކެކެވެ. މި ތަޖުރިބާތަކަކީ އެއްތަނުން އަނެއްތަނަށް ގެންދެވޭނެ ތަޖުރިބާތަކެއްނޫނެވެ. ކޮންމެ ޤައުމެއްގެ ވެސް ވަކި ބަހަކާއި ވަކި ސަގާފަތަކާއި ވަކި އާދަކާދަތަކެއް ހުންނައިރު އެއް ޤައުމާއި އަނެއް ޤައުމުގެ ތަޖުރިބާތައް ތަފާތުވެއެވެ. އަދި އެކި ޤައުމުތަކުން އެކަންކަން އަގުކުރާ ގޮތްވެސް ތަފާތެވެ. ޤައުމީ މަސްލަހަތުގައި ތަރުތީބުކުރާ ދަރަޖަ ވެސް ތަފާތެވެ. ނަމަވެސް ކޮންމެ ޤައުމެއްގައި ވެސް ޤައުމިއްޔަތުގެ ބަހާތަކަކީ އެއް ނަމެއްކިޔާ ބަހާތަކެކެވެ.

ދިވެހި ޤައުމިއްޔަތު ބިނާވެފައި އޮތީ ދިވެހީންގެ ތަޖުރިބާތަކުގެ މައްޗަށެވެ. ދިވެހީންގެ ތަޖުރިބާއިން ދިވެހި ޤައުމިއްޔަތަށް ބެލީމާ ފެންނަނީ ދިވެހީންގެ ދިވެހިވަންތަކަމެވެ. އިނގިރޭސި މަފުހޫމަކަށް ބަލާނަމަ ދިވެހީންގެ ތަޖުރިބާ އެންމެ ވައްތަރުވަނީ ޤައުމީ ކާކުވަންތަކަން (National Identity) ގެ ފިކުރާއެވެ. ދިވެހީންނަކީ އެވޭލާ ޤައުމަކަށް ވާތީ އެންމެ ކުރީ ޒަމާނުއްސުރެ ދިވެހީންގެ ތަޖުރިބާ ކިޔައިދޭ ގޮތްތަކެއް ހުރެއެވެ. އެ ގޮތްތައް ބިނާވަނީ ދިވެހިވަންތަ ވިސްނުމުންނެވެ. އެހެންވީމާ ޤައުމިއްޔަތު ނުވަތަ ޤައުމީ ކާކުވަންތަކަން ކިޔަސް ކުރިއަށް ދިވެހި އިތުރުކުރަން ޖެހެއެވެ. އެހެން ނޫނީ ދިވެހީންގެ ޖަމާއީ ތަޖުރިބާ އެ ލަފުޒުތަކަކަށް ނުލިބޭނެއެވެ.

ޤައުމީ ކާކުވަންތަކަމުގެ ފިކުރު (ނެޝަނަލް އައިޓެންޓިޓީގެ ތިންކިންގ) އިން ދިވެހި ޤައުމިއްޔަތު ކިޔައިދޭނަމަ ދިވެހި ޤައުމިއްޔަތަކީ ދިވެހީންގެ އެއްބައެއްވަންތަކަމާއި ދެމި ތިބުމުގެ ފިކުރެވެ. އެއްބައެއްވަންތަކަމާއި ދެމި ތިބުމުގެ ފިކުރަކީ ކޮންމެ ޤައުމެއްގައި ވެސް އޮންނަ ދެ ސިފައެވެ. އެހެން ނަމަވެސް އެ ބައެއްގެ ތަޖުރިބާގެ ތަފާތުކަމާއެކު އެ ޤައުމަކަށް ޚާއްޞަ ސިފަތަކެއް ހުރެއެވެ. ޤައުމީ ކާކުވަންތަކަން ކިޔައިދެނީ އެއްބައެއްވަންތަ ކުރުވާ ސިފަތަކެވެ.

ޤައުމީ ކާކުވަންތަކަން އެންމެ ބޮޑަށް ފާޅުކޮށްދެނީ އެ ބައެއްގެ އަމިއްލަ ބަހެވެ. ދިވެހީންފަދަ އެވޭލާ ޤައުމުތަކުގައި އަމިއްލަ ބަހަކީ ޤައުމީ އަދި މާދަރީ ބަސް ވެސް މެއެވެ. ދެން ދިވެހީން ވަކިކޮށް ދެނެގަނެވޭނެ އަނެއް ގޮތަކީ ދިވެހީންގެ ދީނީ އަޤީދާގެ ޞައްޙަކަމާއި ދިވެހީންގެ އަޚުލާޤިއްޔަތާއި ދިވެހީންގެ ސަގާފަތާއި އާދަކާދައިގައި ހުންނަ ތަފާތުކަމެވެ. ދިވެހީންގެ މަސައްކަތްތެރިކަމާއި ފާޑުވެރިކަމާއި ފަންނުވެރިކަމެވެ.

މިގޮތުން ދިވެހީންގެ އެއްބައެއްވަންތަ ކުރުވާ ބަހާތަކަކުން އެއްބައެއްވަންތަވާގޮތްތައް ކިޔައިދީ ދެމިތިބެން ބޭނުންވާ ވިސްނުމަށް ޤައުމީ ކާކުވަންތަކަން ނުވަތަ ނެޝަނަލް އައިޑެންޓިޓީއޭ ކިޔައެވެ. ނުވަތަ ދިވެހި ޤައުމިއްޔަތޭ ކިޔައެވެ. މި ބާވަތުގެ ޤައުމިއްޔަތުތައް އޮންނަނީ ޖަޕާނާއި ކޮރެއާ ފަދަ އެވޭލާ ޤައުމުތަކުގައެވެ.

ޤައުމިއްޔަތުގެ މާނަބަޔާން (ޑެފިނިޝަން)

ޤައުމީ ކާކުވަންތަކަމުގެ ވިސްނުމުން ދިވެހި ޤައުމިއްޔަތު ނުވަތަ ދިވެހިވަންތަކަމުގެ ކުރުމާނަބަޔާން (އެބްސްޓްރެކްޓް ޑެފިނިޝަން) އަކީ "ދިވެހި ޤައުމިއްޔަތަކީ ނުވަތަ ދިވެހިވަންތަކަމަކީ ދިވެހީންގެ ވިސްނުމުގައި އޮންނަ އެއްބައެއްވަންތަކަމާއި ދިވެހީންގެ ދެމިތިބުމުގެ ފިކުރު" އެވެ. ތަފުސީލު މާނަބަޔާން (ފަންކްޝަން ޑެފިނިޝަން) އަކީ ދިވެހީގެ ކާބަފައިކަމާއި ދިވެހީންގެ ބަހާއި ދިވެހީންގެ ދީނާއި ދިވެހީންގެ ސަގާފަތާއި ދިވެހީންގެ އާދަކާދައާއި ދިވެހިތަރިކައާއި ދިވެހި ތާރީހުން އެއްބައެއްވަންތަ ކުރުވާ ސިފަތަކެވެ. ދިވެހީންގެ އެކުވި ވިސްނުމުގައި (ކަލެކްޓިވް ތިންކިންގގައި) އޮންނަ އެއްބައެއްވަންތަކަމާއި ދިވެހީންގެ ދެމިތިބުމާއި ދިވެހީންގެ ދިވެހިރާއްޖޭގައި ދިވެހީންގެ ދެމިތިބުމުގެ ފިކުރެވެ. (ނުނިމޭ)